Roadha Mihaaru

ޔޫރަޕްގެ ފައިނަލަށް ދިޔަ އިނގިރޭސި ޓީމުތައް ބަލިވެއްޖެ

ލަންޑަން (މެއި 11) - މި ސީޒަންގެ ޔޫރޮޕާ ލީގުގެ ފައިނަލަށް ދިޔަ އިންގްލެންޑްގެ މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓްނަމް ހޮޓްސްޕާގެ އިތުރުން، ކޮންފަރެންސް ލީގުގެ ފައިނަލަށް ދިޔަ ޗެލްސީ ވެސްރޭ އިނގިރޭސި ލީގުގައި ކުޅުނު މެޗުތަކުން ބަލިވެއްޖެ އެވެ.

ޔޫރަޕްގެ ފައިނަލަށް ދިޔަ އިނގިރޭސި ޓީމުތައް ބަލިވެއްޖެ

ލަންޑަން (މެއި 11) - މި ސީޒަންގެ ޔޫރޮޕާ ލީގުގެ ފައިނަލަށް ދިޔަ އިންގްލެންޑްގެ މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓްނަމް ހޮޓްސްޕާގެ އިތުރުން، ކޮންފަރެންސް ލީގުގެ ފައިނަލަށް ދިޔަ ޗެލްސީ ވެސްރޭ އިނގިރޭސި ލީގުގައި ކުޅުނު މެޗުތަކުން ބަލިވެއްޖެ އެވެ.

ޗެލްސީ ބަލިވީ ރަށުން ބޭރުގައި ނިއުކާސަލް ޔުނައިޓެޑާ ވާދަކޮށް 2-0 އިންނެވެ. ޓޮޓެންހަމް ހޮޓްސްޕާ އަމިއްލަ ދަނޑުގައި ކްރިސްޓަލް ޕެލަސް އަތުން ބަލިވި އިރު، މެންޗެސްޓާ ޔުނައިޓެޑް ބަލިވީ ވެސްޓް ހެމް ޔުނައިޓެޑް އަތުންނެވެ. ޓޮޓެންހަމާއި ޔުނައިޓެޑް ވެސް ބަލިވީ 2-0 އިންނެވެ.

ޔުނައިޓެޑް ކޮޅަށް ވެސްޓް ހޭމްގެ ލަނޑުތައް ޖެހީ ތޯމަސް ސޫޗެކާއި ޖަރޯޑް ބޯވެން އެވެ. ޓޮޓެންހަމް ބަލިކުރަން ކްރިސްޓަލް ޕެލަސްގެ ދެ ލަނޑު ވެސް ޖަހާފައި ވަނީ އެބެރޭޗީ އެޒީ އެވެ.

ޕެލަސްގެ ދެ ލަނޑު ވެސް ޖެހީ އެޒީ (10). -- ފޮޓޯ: އޭއެފްޕީ

ޕެލަސްގެ ދެ ލަނޑު ވެސް ޖެހީ އެޒީ (10). -- ފޮޓޯ: އޭއެފްޕީ

ލީގުގެ 12 ވަނައިގައި އޮތް ޕެލަސް އަށް ދެން އޮތީ އިނގިރޭސި އެފްއޭ ކަޕްގެ ފައިނަލްގައި މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅޭ މެޗެވެ.

ޗެލްސީއާ ދެކޮޅަށް މެޗުގެ ދެ ވަނަ މިނިޓުގައި ސަންޑްރޯ ޓޮނާލީ ނިއުކާސަލް އަށް ލީޑު ނަގައިދިން އިރު، މެޗުގެ އިތުރު ވަގުތުގައި ދެ ވަނަ ގޯލު ޖަހައިދިނީ ބްރޫނޯ ގިމަރޭސް އެވެ. މެޗުގެ 36 ވަނަ މިނިޓުގައި ޗެލްސީގެ ނިކޮލަސް ޖެކްސަން އަށް ވަނީ ރަތް ކާޑެއް ވެސް ދައްކައިފަ އެވެ.

މިދިޔަ ހަފްތާ ޗެލްސީ ވަނީ ޗެމްޕިއަން ލިވަޕޫލް ބަލިކޮށްފަ އެވެ. ނަމަވެސް މިރޭގެ ނަތީޖާއާ ގުޅިގެން ޗެލްސީ އަށް މިވަނީ ޗެމްޕިއަންސް ލީގުގެ ޖާގައެއް ހޯދަން ލީގުގެ ގަދަ ފަހެއް ޔަގީން ކުރަން ކުރާ މަސައްކަތް އިތުރު ކުރަން ޖެހިފަ އެވެ.

ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް، އޭނާ ވަނީ ޗެލްސީ ކޮޅަށް ލަނޑު ޖަހައިފަ. -- ފޮޓޯ: އޭއެފްޕީ

ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް، އޭނާ ވަނީ ޗެލްސީ ކޮޅަށް ލަނޑު ޖަހައިފަ. -- ފޮޓޯ: އޭއެފްޕީ

ކޮންފަރެންސް ލީގުގެ ފައިނަލުން މޮޅުވާ ޓީމަކަށް ޔޫރޮޕާ ލީގުގެ ޖާގައެއް ލިބޭނެ އެވެ. މުބާރާތުގެ ފައިނަލްގައި ޗެލްސީ ވާދަކުރާނީ ސްޕެއިންގެ ރެއާލް ބެޓިސްއާ އެވެ. މިއަހަރުގެ ޔޫރޮޕާ ލީގުގެ ފައިނަލްގައި ކުޅޭނީ މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ހޮޓްސްޕާ އެވެ.

މެންޗެސްޓާ ސިޓީ ވަނީ އިއްޔެ، ސައުތެމްޓަން އާ ވާދަކޮށް ލަނޑެއް ނުޖެހި އެއްވަރު ވެފަ އެވެ. އަދި އެސްޓަން ވިލާ ވަނީ 1-0 އިން ބޯންމަތު ބަލިކޮށްފަ އެވެ. ފޮރެސްޓް ވަނީ މިރޭ ލެސްޓަ ސިޓީއާ ވާދަކޮށް 2-2 އިން އެއްވަރުވެ، ގަދަ ފަހަކަށް އަރަން ލިބުނު ފުރުސަތު ނަގާލައިފަ އެވެ.

ލީގުގެ ތިން ވަނައިގައި އޮތީ 66 ޕޮއިންޓް ހޯދައިފައިވާ ނިއުކާސަލް ޔުނައިޓެޑެވެ. ހަތަރު ވަނައިގައި އޮތް މެންޗެސްޓާ ސިޓީ އަށް 65 ޕޮއިންޓް ލިބިފައި ވާއިރު، ފަސް ވަނައިގައި އޮތް ޗެލްސީ އާއި ހަ ވަނައިގައި އޮތް އެސްޓަން ވިލާ އަށް ވަނީ 63 ޕޮއިންޓް ލިބިފަ އެވެ. އަދި ހަތް ވަނައިގައި އޮތް ނޮޓްނަމް ފޮރެސްޓަށް ވަނީ 62 ޕޮއިންޓް ލިބިފަ އެވެ.

ވިހި ޓީމު ވާދަކުރާ އިނގިރޭސި ލީގުގައި ޓޮޓެންހަމް އޮތީ 38 ޕޮއިންޓާ އެކު 17 ވަނައިގަ އެވެ. ޔުނައިޓެޑް އޮތީ 39 ޕޮއިންޓާ އެކު 16 ވަނައިގަ އެވެ. ޔުނައިޓެޑަށް ވުރެ ކުރީގައި 40 ޕޮއިންޓާ އެކު އޮތީ ވެސްޓް ހޭމް އެވެ.