Roadha Mihaaru

ލީގުގެ މެޗުތައް ވާނުވާއަށް ދޫކޮށްލުމަށްފަހު ޔުނައިޓެޑްގެ ސަމާލުކަން ޔޫރޮޕާ ލީގަށް

ޕްރިމިއާ ލީގުގެ މެޗުތަކުން ބަލިވަމުން ދާތީ ލީގާ މެދު މިހާރު ނުވިސްނާ ކަމަށާއި ހުރިހާ ސަމާލުކަމެއް މިހާރު ހުރީ ޔޫރޮޕާ ލީގަށް ކަމަށް މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު ރުބެން އަމޯރިމް ބުނެފި އެވެ.

ލީގު ވާނުވާއަށް، ޔުނައިޓެޑްގެ ސަމާލުކަން ޔޫރޮޕާ ލީގަށް
ހުސެއިން ހަބީބް
ހުސެއިން ހަބީބް

05 މެއި 2025

ޕްރިމިއާ ލީގުގެ މެޗުތަކުން ބަލިވަމުން ދާތީ ލީގާ މެދު މިހާރު ނުވިސްނާ ކަމަށާއި ހުރިހާ ސަމާލުކަމެއް މިހާރު ހުރީ ޔޫރޮޕާ ލީގަށް ކަމަށް މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު ރުބެން އަމޯރިމް ބުނެފި އެވެ.

ލީގުގައި އިއްޔެ ބްރެންޓްފޯޑް އަތުން 4-3 އިން ޔުނައިޓެޑް ވަނީ ބަލިވެފަ އެވެ. އެއީ މިދިޔަ ނޮވެމްބަރު މަހު ޔުނައިޓެޑް ކޯޗު ކަމާ އަމޯރިމް ހަވާލުވި ފަހުން ލީގުގައި އޭނާގެ ކޯޗުކަމުގެ ދަށުން ޔުނައިޓެޑް ކުޅުނު 24 މެޗުގެ ތެރެއިން އެ ޓީމު ބަލިވި 12 ވަނަ މެޗެވެ. ލީގުގައި އޭނާ އަށް ޔުނައިޓެޑް މޮޅުކޮށް ދެވުނީ ހަ މެޗުގަ އެވެ.

ލީގު ނިމުމަކާ ހަމައަށްދާއިރު ޔުނައިޓެޑް އޮތީ 15 ވަނައިގަ އެވެ. އެ ޓީމު ރެލިގޭޓް ނުވާނެކަމުގެ ކަށަވަރުކަން މިހާރު ވަނީ ލިބިފަ އެވެ.

އަމޯރިމް ޔުނައިޓެޑްގެ ބެންޗުގައި: އޭނާގެ ހުރިހާ ސަމާލުކަމެއް ހުރީ ޔޫރޮޕާ ލީގަށް

އަމޯރިމް ޔުނައިޓެޑްގެ ބެންޗުގައި: އޭނާގެ ހުރިހާ ސަމާލުކަމެއް ހުރީ ޔޫރޮޕާ ލީގަށް

ލީގުގައި ދަށް ނަތީޖާތަކެއް ނެރުނަސް އެ ޓީމު އޮތީ ޔޫރޮޕާ ލީގުގެ ފައިނަލަށް ދެވުމާ ވަރަށް ކައިރީގަ އެވެ. ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި އެތުލެޓިކް ކްލަބް ބިލްބާއޯއާ ދެކޮޅަށް، ބިލްބާއޯގައި ކުޅުނު މެޗު 3-0 އިން ޔުނައިޓެޑުން ކާމިޔާބު ކުރި އެވެ.

ދެ ވަނަ ލެގު މެޗުގައި އަންނަ ބުރާސްފަތި ދުވަހު ރޭ މެންޗެސްޓާގައި ކުޅޭނެ އެވެ. އެ މެޗަށް ތައްޔާރުވުމުގެ ގޮތުން އަމޯރިމް ވަނީ އިއްޔެ ބްރެންޓްފޯޑްގައި ކުޅުނު މެޗަށް ޒުވާން ޓީމެއް ނެރެފަ އެވެ.

އޭނާ ނެރުނު ޓީމުގެ އުމުރުގެ ނިސްބަތަކީ 22 އަހަރެވެ. އެއީ ޕްރިމިއާ ލީގުގެ މެޗަކަށް ޔުނައިޓެޑުން މިހަތަނަށް ނެރުނު އެންމެ ޒުވާން ޓީމެވެ. އެ ނިންމުމާ ހެދި އަމޯރިމަށް ފާޑުކިޔުން އަމާޒުވި ނަމަވެސް އޭނާ ވަނީ އެކަން ދިފާއުކޮށްފަ އެވެ.

ބްރެންޓްފޯޑާއި ޔުނައިޓެޑްގެ މެޗުގެ ތެރެއިން: އެ މެޗަށް ޔުނައިޓެޑުން ނެރުނީ ޒުވާން ޓީމެއް

ބްރެންޓްފޯޑާއި ޔުނައިޓެޑްގެ މެޗުގެ ތެރެއިން: އެ މެޗަށް ޔުނައިޓެޑުން ނެރުނީ ޒުވާން ޓީމެއް

މެޗަށް ފަހު ވާހަކަ ދައްކަމުން ޕޯޗުގަލްގެ ކޯޗު ބުނީ ކްލަބެއްގެ ހައިސިއްޔަތުން ޔުނައިޓެޑްގެ ބޮލުގައި ބޮޑު ޒިންމާއެއް އެބައޮތް ކަމަށެވެ. އެއީ އެހެން މުބާރާތަކަށް ޓީމު ތައްޔާރުކުރުން ކަމަށެވެ.

"އަހަރެން އެއްވެސް ޝައްކެއް ނުކުރަން. އަހަރެމެން މިދަނީ ރަނގަޅަށް ކުޅެމުން. އެހެންވީމަ އަހަރެމެން އެބަޖެހޭ މި ހޫނު އިހުސާސް ކުރަން. މި ވަގުތު އަހަރެމެން މިދަނީ ގިނަ މެޗުތަކަކުން ބަލިވަމުން. އަހަރެމެން މި ދަނީ ޔޫރޮޕާ ލީގަށް ވާދަކުރަމުން. ބުރާސްފަތި ދުވަހު މިއޮތީ އަހަރެމެންނަށް އެންމެ މުހިންމު މެޗު،" އަމޯރިމް ބުންޏެވެ.

މެޗުން މޮޅުވެ ބްރެންޓްފޯޑް ވަނީ ޔޫރަޕް މުބާރާތުން ޖާގައެއް ހޯދުމާ ކައިރިއަށް ޖެހިލައިފަ އެވެ.