Roadha Mihaaru

ފޮޑެންގެ މަންމައަށް ފުރައްސާރަކުރުން ބަލައެއްނުގަނެވޭ: ގާޑިއޯލާ

މެންޗެސްޓާ ޔުނައިޓެޑާއި މެންޗެސްޓާ ސިޓީ ރޭ ބައްދަލުކުރި މެޗުގައި، ޔުނައިޓެޑްގެ ބައެއް ސަޕޯޓަރުން ސިޓީގެ މިޑްފީލްޑަރު ފިލް ފޮޑެންގެ މަންމަ އަށް ފުރައްސާރަ ކޮށްފި އެވެ.

"ފޮޑެންގެ މަންމައަށް ފުރައްސާރަކުރުން ބަލައެއްނުގަނެވޭ"

މެންޗެސްޓާ ޔުނައިޓެޑާއި މެންޗެސްޓާ ސިޓީ ރޭ ބައްދަލުކުރި މެޗުގައި، ޔުނައިޓެޑްގެ ބައެއް ސަޕޯޓަރުން ސިޓީގެ މިޑްފީލްޑަރު ފިލް ފޮޑެންގެ މަންމަ އަށް ފުރައްސާރަ ކޮށްފި އެވެ.

ޔުނައިޓެޑްގެ ދަނޑުގައި ލަނޑެއް ނުޖެހި އެއްވަރުވި މެންޗެސްޓާ ޑާބީގެ ފުރަތަމަ ހާފުގައި، ޔުނައިޓެޑްގެ ސަޕޯޓަރުންގެ ފަރާތުން ކުރިމަތިވި ފުރައްސާރައަކީ ޔުނައިޓެޑްގެ މައްސަލައެއް ނޫން ކަމަށާއި އެއީ އެކަން ކުރި ސަޕޯޓަރުންގެ މައްސަލަ ކަމަށް ބުނެ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ވަނީ މެޗަށް ފަހު ވާހަކަ ދައްކައިފަ އެވެ.

"އެއީ ވަރަށް ދަށު ދަރަޖައިގެ އަމަލެއް. އެއީ ޔުނައިޓެޑްގެ މައްސަލައެއް ނޫން، އެކަން ކުރި ބަޔަކު މީގައި ގޯހީ،" ގާޑިއޯލާ ބުންޏެވެ.

"ހަގީގަތުގައި އަހަރެންނަކަށް ނޭނގޭ އެމީހުންގެ ސިކުނޑީގައި ވަނީ ކޮންކަހަލަ ހިޔާލުތަކެއް ކަމެއް. ފިލް [ފޮޑެން] ގެ މަންމަ އާ ބެހުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން، އެމީހުން ލަދުގަންނަން ޖެހޭނެ."

ދެވަނަ ހާފުގައި ގާޑިއޯލާ ވަނީ ފޮޑެންގެ ބަދަލުގައި ޖެރެމީ ޑޯކޫ ކުޅެން ނެރެފަ އެވެ.

ސިޓީގެ ފޯވާޑް އާލިން ހާލަންޑް ރޭގެ މެޗުގައި ނުކުޅުނު ނަމަވެސް އެ ޓީމުގެ ކެޕްޓަން ކެވިން ޑިބްރޭނާ ވަނީ ފުލްކޮށް ކުޅެފަ އެވެ. މި މެޗަކީ މި ސީޒަނަށް ފަހު އެޓީމު ދޫކޮށްލަން ނިންމާފައިވާ ޑިބްރޭނާގެ ފަހު މެންޗެސްޓާ ޑާބީ އެވެ.

ލަނޑެއް ނުޖެހި އެއްވަރު ވުމާ އެކު ސިޓީ ވަނީ ލީގުގެ ހަތަރުވަނައަށް ޖެހިލަން ލިބުނު ފުރުސަތު ނަގާލައިފަ އެވެ.

ގާޑިއޯލާ ބުނީ، މެޗުން އެއްވަރު ވި ނަމަވެސް ހިތްހަމަ ޖެހޭ ފަދަ ކުޅުމެއް ކުޅުންތެރިންގެ ފަރާތުން ފެނުނު ކަމަށާއި، އެންމެ މުހިއްމު ކަމަކީ ކުރިއަށް ހުރި މެޗުތަކަށް ވިސްނައި، އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގުން ޖާގައެއް ހޯދުން ކަމަށެވެ.

މިއާ އެކު ސިޓީ ފަސް ވަނައިގައި އޮތީ 31 މެޗުން 52 ޕޮއިންޓް ހޯދައިގެންނެވެ. ހަތަރު ވަނައިގައި އޮތީ ރޭ ބްރެންޓްފޯޑާ ދެކޮޅަށް ލަނޑެއް ނުޖެހި އެއްވަރުވި ޗެލްސީ އެވެ. ޗެލްސީ އަށް ވަނީ 53 ޕޮއިންޓް ލިބިފަ އެވެ.

ސިޓީ އަތުން ހޯދި ޕޮއިންޓާ އެކު މެންޗެސްޓާ ޔުނައިޓެޑް ވަނީ 38 ޕޮއިންޓާ އެކު 13 ވަނައަށް ޖެހިލައިފަ އެވެ.

ރޭ ޓޮޓެންހަމް އަތުން 3-1 އިން ބަލިވެ، ސައުތެމްޓަން ވަނީ ޗެމްޕިއަންޝިޕަށް ރެލިގޭޓް ވެފަ އެވެ. ޓޮޓެންހަމް އޮތީ 37 ޕޮއިންޓާ އެކު ޔުނައިޓެޑްގެ ފަހަތުގައި، ލީގުގެ 14 ވަނައިގަ އެވެ. ފުލުގައި އޮތް ސައުތެމްޓަނަށް ލިބިފައި ވަނީ 10 ޕޮއިންޓެވެ.