Roadha Mihaaru
ސްނައިޕަރު ފޮޑެން، ޔުނައިޓެޑް ބިމާހަމަކޮށްލައިފި

އިނގިރޭސި ސްނައިޕަރު ފޮޑެން، ޔުނައިޓެޑް ބިމާހަމަކޮށްލައިފި

04 މާޗް 2024

މެންޗެސްޓާ (މާޗް 4) - ބޮޑެތި މެޗުތަކުގައި ތަފާތު ދައްކާ، ފިލް ފޮޑެންގެ ގޯލްތަކުން، މެންޗެސްޓާ ސިޓީން، ވާދަވެރި މެންޗެސްޓާ ޔުނައިޓެޑް ބިމާ ހަމަކޮށްލައިފި އެވެ.

މެންޗެސްޓާ (މާޗް 4) - ބޮޑެތި މެޗުތަކުގައި ތަފާތު ދައްކާ، ފިލް ފޮޑެންގެ ގޯލްތަކުން، މެންޗެސްޓާ ސިޓީން، ވާދަވެރި މެންޗެސްޓާ ޔުނައިޓެޑް ބިމާ ހަމަކޮށްލައިފި އެވެ.

ސިޓީގެ އެންމެ މުހިންމު ކުޅުންތެރިޔަކީ އާލިން ހާލަންޑަށް ވާނެ އެވެ. ދެން އެއަށް ފަހު ރޮޑްރީ ހެނާންޑޭޒާއި ކެވިން ޑި ބްރޮއިނާގެ ނަން އެ ލިސްޓްގައި ހިމެނޭނެ އެވެ. އެކަމަކު ބޮޑެތި ޓީމުތައް ބިމާހަމަ ކުރުމުގައި، އިނގިރޭސި ސްނައިޕަރު ފިލޕް ވޯލްޓާ ފޮޑެން ވަރެއް ނެތެވެ. ސިޓީގެ އަމިއްލަ އެކަޑަމީގެ އުފެއްދުމެކެވެ.

ސިޓީގެ ޑިފެންޑަރު ކައިލް ވޯކާ ސިފަ ކުރާ ގޮތުގައި ފޮޑެން އަކީ ސިޓީގެ ސްނައިޕަރވެ.

"އަހަރެމެން އޭނާއަށް ކިޔަނީ ސްނައިޕަރު! ކަނާތު ފައިން އޭނާ ނަގާއިރު ވެސް އެނގޭނެ ކޮލިޓީ ހުރި މިންވަރު، ހަމަޖެހިލައިގެން އެ ފުރުސަތުގެ ބޭނުން ކުރަން އޭނާ ހުންނާނީ. އޭނާ ޖެހި ދެ ލަނޑު ވެސް ވަރަށް މޮޅު،" މެޗަށް ފަހު ވޯކާ ބުންޏެވެ.

ސިޓީގެ ފުރަތަމަ ލަނޑު 56 ވަނަ މިނެޓްގައި ފޮޑެން ޖެހީ ރޮޑްރީ ދިން ބޯޅައިންނެވެ. އޭރިއާގެ ބޭރުން އޭނާ ބޯޅަ ފޮނުވާލީ ގޯލްގެ އެތެރެއިން އަރިމަތީ ދާގަނޑަށެވެ. ދެވަނަ ލަނޑު ހޫލިއަން އަލްވަރޭޒް ދިން ފުރުސަތަކުން ޖެހީ އޭރިއާ ތެރެއަށް ވަދެ ގޯލްގެ ތިރީ ކަނަށް ފޮނުވާލައިގެންނެވެ. ޔުނައިޓެޑްގެ ތިން ވަނަ ލަނޑު ޖެހީ ހާލަންޑެވެ.

ފޮޑެން ބުނީ، ބޮޑެތި މެޗުތަކުގައި ތަފާތު ދައްކާ ކުޅުންތެރިޔަކަށް ވުމަކީ އޭނާގެ އުންމީދެއް ކަމަށެވެ.

"އަހަރެންގެ އަމާޒަކީ ބޮޑެތި މެޗުތަކުގައި ނަތީޖާ ނެރުމަށް އެހީވުން އެއީ އަހަރެން ކުރަން ބޭނުންވާ ކަމެއް އަދި މި ސީޒަނުގައި އަހަރެންނަށް ހީވަނީ އެކަން ކުރެވިއްޖެހެން. އަހަރެން ހަމައެކަނި ބޭނުންވަނީ ބުރަކޮށް މަސައްކަތް ކުރަމުން ގެންދަން،" މެޗަށް ފަހު ފޮޑެން ބުންޏެވެ.

އިއްތިހާދު ސްޓޭޑިއަމްގައި މެޗު ބަލަން ހުރި، އިނގިރޭސި ގައުމީ ކޯޗު ގެރތު ސައުތު ގޭޓްގެ މޫނު މަތިން މިރެއަކީ އެންމެ ބޮޑު ހިނިތުންވުމެއް ފެންނާނެ ރެ އެވެ. ޔުނައިޓެޑަށް ލަނޑު ޖަހައި ދިނީ އިނގިރޭސި ފޯވާޑް މާކޮސް ރަޝްފޯޑް އެވެ. ހޫނު މޫސުމުގެ ޔޫރޯ އަށް ސްކޮޑް އެކުލަވާލާނެ ގޮތަކާ މެދު މިހާރު ވެސް ވިސްނަމުންދާ ސައުތު ގޭޓަށް، ފޮޑެން އާއި ރަޝްފޯޑް ޖެހި ލަނޑުތަކުން ހިތްހަމަޖެހުމެއް ލިބޭނެ އެވެ.

މެޗުގެ ކުރީކޮޅު ރަޝްފޯޑް މޮޅު ލަނޑެއް ޖަހައި ޔުނައިޓެޑަށް ލީޑް ނަގައި ދިނެވެ. މިއީ އޭނާގެ ކެރިއާގައި ވެސް ޖެހި އެންމެ މޮޅު ލަނޑަށް ވާނެ ކަމަށް އިނގިރޭސި ފުޓްބޯޅަ ލިޔުންތެރިޔާ ޑޭވިޑް ހައިޓްނާ ލިޔެފައި ވެއެވެ. ބްރުނޯ ފެނާންޑޭޒް އޭރިއާގެ ބޭރުން ދިން ބޯޅަ އެއްފަހަރުން ޖަހައި ބާރު އުންޑައެއްހެން ފޮނުވާލި އެވެ. ބޯޅަ ގޯލަށް ވަނީ ގޯލްގެ ދަނޑީގައި ޖެހިފަ އެވެ. ސިޓީގެ ކީޕަރު އެޑަސަން އަށް އެ ބޯޅަ ސަލާމަތް ކުރެވޭނެ އެއް ވެސް ގޮތެއް ނުހޯދޭނެ އެވެ.

މެޗުން މޮޅުވެ، ސިޓީން ވަނީ އެއްވަނައިގައި ޕްރިމިއާ ލީގުގެ ތާވަލުގައި ލިވަޕޫލުގެ ފަހަތުން ދެވަނައިގައި ވިއްދައިފަ އެވެ.