Roadha Mihaaru
ކޮޅަށްތެދުވަން ޔުނައިޓެޑުން އެފެށީ ސިޓީ ކޮޕީކޮށްގެން

އަލުން ކޮޅަށްތެދުވަން ޔުނައިޓެޑުން އެފެށީ ސިޓީގެ ގޮތް ކޮޕީކޮށްގެން

03 މާޗް 2024

އަބޫދާބީގެ ޝާހީ އާއިލާއިން މެންޗެސްޓާ ސިޓީ ހިންގުމާ ހަވާލުވިތާ އެއް އަހަރު ފަހުން، މެންޗެސްޓާ ޔުނައިޓެޑްގެ އޭރުގެ ކޯޗު އަދި ލެޖެންޑް އެލެކްސް ފާގަސަންއާ އިންޓަވިއުއެއްގައި ސުވާލު ކުރެވުނެވެ. ޔުނައިޓެޑްގެ އަމިއްލަ ރަށުގެ އަވަށްޓެރިޔާ އަށް އެ ކްލަބް ފަހަތަށް ޖައްސާލައި އިނގިރޭސި ފުޓްބޯޅައިގެ އެންމެ ވަރުގަދަ ބާރަށް ވެވިދާނެ ހެއްޔެވެ؟

އަބޫދާބީގެ ޝާހީ އާއިލާއިން މެންޗެސްޓާ ސިޓީ ހިންގުމާ ހަވާލުވިތާ އެއް އަހަރު ފަހުން، މެންޗެސްޓާ ޔުނައިޓެޑްގެ އޭރުގެ ކޯޗު އަދި ލެޖެންޑް އެލެކްސް ފާގަސަންއާ އިންޓަވިއުއެއްގައި ސުވާލު ކުރެވުނެވެ. ޔުނައިޓެޑްގެ އަމިއްލަ ރަށުގެ އަވަށްޓެރިޔާ އަށް އެ ކްލަބް ފަހަތަށް ޖައްސާލައި އިނގިރޭސި ފުޓްބޯޅައިގެ އެންމެ ވަރުގަދަ ބާރަށް ވެވިދާނެ ހެއްޔެވެ؟

"އަހަރެންގެ ހަޔާތުގައި އެކަމެއް ނުފެންނާނެ،" ޗެލެންޖް ކޮށްފައި ފާގަސަން އޭރު ބުންޏެވެ.

ޔުނައިޓެޑްގެ އެކަޑަމީގައި މޭޒެއްގެ ކައިރީގައި އެ ވާހަކަ ދައްކަން ފާގަސަން ހުރި އިރު އޭނާގެ ބިއްދިށުގައި ހަރުކޮށްފައިވާ ބޮޑު ބިލްބޯޑްގައި ވަނީ ފުޓްބޯޅައިގައި ފާގަސަންގެ ރަސްކަމެއް ބިނާ ކުރަން އޭނާ އަށް އެހީވި ބައެއް ކުޅުންތެރިންގެ ގުރޫޕް ފޮޓޯ އެކެވެ. އެ ތަނުން ސިޓީގެ ސްޓޭޑިއަމް ހުންނަ މަގަށް ނުކުންނަ ރާސްތާއާ ދިމާލަށް ބަލަހައްޓައިގެން ހުރެ ފާގަސަން އެ ވާހަކަ ދެއްކި އިރު، އޭނާ ޔުނައިޓެޑް ދޫކޮށްލާފަހުން ދެން އެ ކްލަބް ވެއްޓިގެންދާނީ ކިހާ ފުން ވަޅުގަނޑަކަށް ކަމެއް އެދުވަހަކު ނޭނގޭނެ އެވެ.

ކަން ދިމާވީ، ޗެލެންޖްކޮށްފައި ފާގަސަން އެ ދުވަހު ދެއްކި ވާހަކައާ އިދިކޮޅަށެވެ. ޔުނައިޓެޑް ފަހަތަށް ވައްޓާލައި، ސިޓީން އިނގިރޭސި ފުޓްބޯޅައިގައި ރަސްކަން ކުރަން ފެށީ އެވެ. ރަސްކަން އެކަންޏެއް ވެސް ނޫނެވެ. ދެ ޓީމުގެ ކުރިމަތިލުންތަކުގައި ޔުނައިޓެޑަކީ އެންމެ އާދައިގެ ފެންވަރުގެ ޓީމަކަށް ސިޓީން ހަދާލަ އެވެ. މިދިޔަ ސީޒަނުގައި އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ވެސް ސިޓީން ޔުނައިޓެޑްގެ ގޯލަށް ހަ ލަނޑު ވައްދާލި އެވެ.

މިއަދު މެންޗެސްޓާ ސިޓީއަކީ އިނގިރޭސި ޗެމްޕިއަން އަދި ޔޫރަޕްގެ ޗެމްޕިއަން ޓީމުގެ އިތުރަށް ދުނިޔޭގެ ވެސް ޗެމްޕިއަނެވެ.

ވެއްޓުނު އަޑިގަނޑުން އަރައިގަންނަށް ޔުނައިޓެޑުން މަސައްކަތް ކުރާތާ 10 އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ. ކޯޗުންނާއި ކުޅުންތެރިން، ޓެކްނިކަލް ޑައިރެކްޓަރުންނާއި އެގްޒެކެޓިވް ވެރިން ވެސް ބަދަލު ވެއްޖެ އެވެ. އެކަމަކު އެ ވަޅުގަނޑުން އަދި ވެސް އެ ކްލަބަކަށް އަރައެއް ނުގަނެވެ އެވެ.

ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހަގް އާއި ރެޓްކްލިފް ނައްދަލު ކުރަނީ

ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހަގް އާއި ރެޓްކްލިފް ނައްދަލު ކުރަނީ

މިފަހަރު އާ ހިޔާލުތަކާއި އާ ވިސްނުންތަކާ އެކު ޔުނައިޓެޑްގެ ހިންގުމާ ހަވާލުވީ، އިނގިރޭސި މަހުޖަނު އަދި އިނިއޯސް ކުންފުނީގެ ވެރިޔާ ޖިމް ރެޓްކްލިފެވެ. އޭނާ ހަވާލުވެގެން މިހާތަނަށް ފެނުނު މަންޒަރުތަކަށް ބަލާއިރު، ފެންނަނީ ސިޓީގެ ގޮތްގަނޑު ކޮޕީކޮށްގެން ކުރިއަށްދާން އުޅޭ ކަހަލަ ގޮތަކަށެވެ.

ކްލަބްގެ ދުވަސްވީ މުވައްޒަފުންނާ މިދިޔަ ޖެނުއަރީ މަހު އޭނާ ބައްދަލު ކުރި އެވެ. އޭނާގެ އަޒުމާއި ކްލަބް އަލުން ކޮޅަށް ނަގަން މަސައްކަތް ކުރުމުގައި އޭނާގެ ޕެޝަން ހުރި ވަރު ފެނުމުން، ބައެއް މުވައްޒަފުންނަށް ހަނދާންވީ 2008 ގެ ޗެމްޕިއަންސް ލީގު ފައިނަލަށް ޔުނައިޓެޑްގެ ކޮންޓިންޖެންޓް މޮސްކޯ އަށް ފުރުމުގެ ކުރިން ބޭއްވި ބައްދަލުވުމުގައި ފާގަސަން، ދެއްކެވި ވާހަކަތަކުގެ މަތިންނެވެ.

އެ ޖޯޝާއި އަޒުމު ރެޓްކްލިފް، އޭނާގެ އާ މުވައްޒަފުންގެ ކުރިމަތީގައި ހާމަ ކުރި އެވެ. "އެންމެ ފަހުން އަހަންނަށް މި ޝުއޫރުތައް އިހްސާސް ކުރެވުނީ 2008 ވަނަ އަހަރު، ޗެމްޕިއަންސް ލީގުގެ ފައިނަލަށް މޮސްކޯ އަށް ދިއުމުގެ ކުރިން ސާރ އެލެކްސް [ފާގަސަން] ވާހަކަ ދެއްކި އިރު،" ދުވަސްވީ މުވައްޒަފުންނާ ބައްދަލު ކުރަން ރެޓްކްލިފް ބޭއްވި ބައްދަލުވުމުގައި، އޭނާގެ ވާހަކަ އަށް ފަހު، މުވައްޒަފުން ހިޔާލުފާޅުކުރަން ދިން ފުރުސަތުގައި ސީނިއާ މުވައްޒަފަކު ބުންޏެވެ.

މެންޗެސްޓާ ސިޓީގެ ކުރީގެ ސީއީއޯ އުމަރު ބިރާދާ: މިހާރު އޭނާ އަކީ ވާދަވެރި މެންޗެސްޓާ ޔުނައިޓެޑްގެ ސީއީއޯ

މެންޗެސްޓާ ސިޓީގެ ކުރީގެ ސީއީއޯ އުމަރު ބިރާދާ: މިހާރު އޭނާ އަކީ ވާދަވެރި މެންޗެސްޓާ ޔުނައިޓެޑްގެ ސީއީއޯ

"އަޑުގަދަ އަވަށްޓެރިން"ގެ ގޮތުގައި ޔުނައިޓެޑްގެ ބައެއް ސަޕޯޓަރުން ސިފަ ކުރާ، ސިޓީގެ މޮޑެލް ކޮޕީ ކޮށްގެން ރެޓްކްލިފް ގެންނަން އުޅޭ ބަދަލަށް ކްލަބްގެ ޒަމާންވީ މުވައްޒަފުންގެ އިހްތިރާމު އެބައޮތެވެ.

ރެޓްކްލިފް، ޔުނައިޓެޑްގެ އެތެރެއަށް ވަނުމަށް މަސައްކަތް ކުރާތާ ކިތަންމެ އަހަރެކެވެ. އެކަމަކު އޭނާ އަށް އެ ދޮރު ބަންދުކޮށްގެން ތިބީ އެ ކްލަބް ހިންގުމުގައި އޭރު ނުފޫޒުގަދަ ގްލޭޒާގެ އާއިލާއިންނެވެ. ނަމަވެސް ޔުނައިޓެޑުން ހިއްސާ ގަނެ އެ ކްލަބް ހިންގުމުގެ ބާރުތައް އެންމެ ފަހުން އޭނާގެ އަތްމައްޗަށް އެރުމުން، ރެޓްކްލިފް މަސައްކަތް ފެށީ ސިޓީގެ ފޮތުން ކޮޕީ ކޮށްގެންނެވެ.

ގިނަ ބާރުތަކެއް ލިބޭ ސީއީއޯގެ މަގާމަށް، އޭނާ ހަމަޖެއްސީ ސިޓީގެ ކުރީގެ ސީއީއޯ އުމަރު ބިރާދާ އެވެ.

ސިޓީގެ ވިޔަފާރި މޮޑެލްގެ ބްލޫ ޕްރިންޓް ހިފައިގެން، އެ ރަށުގެ އަނެއް ފަޅިއަށް ބިރާދާ ބަދަލުވަނީ ބިޒްނަސް މޮޑެލް ހަރުދަނާ ކަމާ އެކު ހިންގުމުގެ ވިސްނުން އޭނާގެ ސިކުނޑިއަށް ބަރާކޮށްގެންނެވެ. ސިޓީ ދޫކޮށް ޔުނައިޓެޑަށް ބަދަލު ވީ އޭނާ އެކަންޏެއް ވެސް ނޫނެވެ. މޮރޮކޯ އަށް ނިސްބަތްވާ ބިރާދާ ވަޒީފާ ބަދަލު ކުރީ ސިޓީގެ އޮނިގަނޑުގެ ތެރޭގައި އޭނާގެ އެންމެ އިސް އެހީތެރިޔާގެ ގޮތުގައި މަސައްކަތް ކުރި ޖޯން ލެނޮން ވެސް ގޮވައިގެންނެވެ.

ޔުނައިޓެޑްގައި ކުޅުންތެރިން ރެކްރޫޓްމެންޓްގެ މަގާމާ ހަވާލުވާން އަންނަ: ޖޭސަން ވިލްކޮކްސް އޭނާ ވަނީ ކުރިން ސިޓީގައި މަސައްކަތް ކޮށްފަ

ޔުނައިޓެޑްގައި ކުޅުންތެރިން ރެކްރޫޓްމެންޓްގެ މަގާމާ ހަވާލުވާން އަންނަ: ޖޭސަން ވިލްކޮކްސް އޭނާ ވަނީ ކުރިން ސިޓީގައި މަސައްކަތް ކޮށްފަ

މިވަރުން، އަދި ފުއްދާލާކަށް ރެޓްކްލިފް ބޭނުމެއް ނުވެ އެވެ. ސްޕޯޓިން ޑައިރެކްޓަރަކަށް ހަމަޖައްސި، ޑޭން އަޝްވޯތަށް އެހީވުމަށް ގެންނަ، ރެކްރޫޓްމަންޓްގެ ތަޖުރިބާކާރު ޖޭސަން ވިލްކޮކްސް އަކީ ސިޓީގެ ރެކްރޫޓްމަންޓްގައި ކުރިން މަސައްކަތްކުރި މުހިންމު ނަމެކެވެ.

ރެޓްކްލިފަށް، ސިޓީގެ މޮޑެލް ކަމުދާކަން ކުރިން ވެސް އޮތީ ހާމަވެފަ އެވެ. އޭނާގެ އިނިއޯސް ކުންފުނިން ހިންގާ ފްރާންސްގެ ނީސްގައި، ސިޓީގެ މޮޑެލް ތަންފީޒު ކުރާތާ މިހާރު ދެ އަހަރު ވެއްޖެ އެވެ.

ނީސްގެ އެ ތަޖުރިބާގެ މައްޗަށް، ޔުނައިޓެޑް އަނބުރާލައި މަސައްކަތް ފަށަން، ރެޓްކްލިފަށް ބޭނުން ވަނީ، ރަނގަޅު ޗީފް އެގްޒެކެޓިވްއަކާއި ސްޕޯޓިން ޑައިރެކްޓަރެކެވެ. ފަހަރެއްގައި އެރިކް ޓެން ހަގް ނޫން ކޯޗަކު ވެސް ރެޓްކްލިފް ބޭނުންވެދާނެ އެވެ. އެކަމަށް ވެސް ބޭނުން ވަނީ ގާޑިއޯލާ އާ ޗެލެންޖް ކުރެވިދާނެ ކޯޗެކެވެ.

މިރޭ މިއޮތީ، މިހާރު އިނގިރޭސި ފުޓްބޯޅައިގެ އާ ބާރު، މެންޗެސްޓާ ސިޓީ އާއި ކުރީގެ ރަން ޒަމާން އަލުން ގެންނަން މަސައްކަތް ކުރާ މެންޗެސްޓާ ޔުނައިޓެޑް ވާދަ ކުރާ މެޗެވެ. މެޗު ފަށާނީ ރާއްޖޭ ގަޑިން މިރޭ 8:30 ގަ އެވެ.