Roadha Mihaaru

ސިޓީގައި ކުޅުންތެރިން "މާ ގިނައީ" ގާޑިއޯލާ ހުރި އުފަލަކުން ނޫން

މެންޗެސްޓާ ސިޓީގައި އަދިވެސް ކުޅުންތެރިން މާ ގިނަ ކަމަށް އެ ޓީމުގެ ކޯޗު ޕްޕް ގާޑިއޯލާ ބުނެފި އެވެ.

ކުޅުންތެރިން މާގިނަ، ގާޑިއޯލާ ހުރި އުފަލަކުން ނޫން
ހުސެއިން ހަބީބް
ހުސެއިން ހަބީބް

17 އޯގަސްޓް 2025

މެންޗެސްޓާ ސިޓީގައި އަދިވެސް ކުޅުންތެރިން މާ ގިނަ ކަމަށް އެ ޓީމުގެ ކޯޗު ޕްޕް ގާޑިއޯލާ ބުނެފި އެވެ.

ސިޓީގެ ބައެއް ކުޅުންތެރިން ކްލަބް ދޫކޮށް އެހެން ކްލަބްތަކަށް ބަދަލުވި އެވެ. ކެވިން ޑި ބްރޮއިނާ އާއި ކައިލް ވޯކާ ޓީމު ދޫކޮށް ނަޕޯލީ އަދި ބާންލީ އަށް ސޮއި ކުރި އެވެ. ސަތޭކަ މިލިއަން ޑޮލަރަށް ވުރެ ވެސް ބޮޑު އަގަކަށް ސިޓީން 2021 ގައި ސޮއި ކުރުވި ޖެކް ގްރިލީޝް ލޯނު އުސޫލުން ބަދަލުވީ ކުރިން ވެސް އޭނާ ކުޅުނު އެސްޓަން ވިލާ އަށެވެ. ޖޭމްސް މެކާތީ ނޮޓިހަމް ފޮރެސްޓަށެވެ. ވީޓޯ ރެއިސް މި ސީޒަން ހޭދަ ކުރާނީ ޖިރޯނާ އެވެ. ސަވީނިއާ ޓޮޓަންމަ ހޮޓްސްޕާސް އަށް ބަދަލުވުން ކައިރި އެވެ.

އެކަމަކު އަދިވެސް ގާޑިއޯލާ ބުނަނީ ކުޅުންތެރިން މާ ގިނަ ކަމަށެވެ. އެ ބޮލުގެ ރިހުމާ ހެދި އޭނާ ހުރީ އުފަލުން ނޫން ކަމަށް ތަޖުރިބާކާރު ކޯޗު ބުންޏެވެ.

"މާގިނަ މާ ބޮޑަށް ވެސް ގިނައީ. އަހަރެމެންގެ ބެންޗުގައި ނަތަން އަކޭ، ގުންޑޯ [އިލްކައި ގުންޑޮގާން]،" ސީޒަންގެ ފުރަތަމަ މެޗުގައި ވްލްވްސްއާ ދެކޮޅަށް އިއްޔެ ކުޅުނު މެޗަށް ފަހު ގާޑިއޯލާ ބުންޏެވެ.

ޓްރާންސްފާގައި ބާކީ އޮތް މުއްދަތުގައި ވެސް ބައެއް އެހެން ކުޅުންތެރިން ގެނައުމަށް މަސައްކަތް ކުރާ ޓީމުގެ ކޯޗު ބުނީ ހުރިހާ މުބާރާތަކުން ތަށި ހޯދަން ބޮޑު ސްކޮޑެއް އޭނާ ބޭނުންވާ ކަމަށެވެ.

"އެކަމަކު އަހަރެން ބޭނުމެއް ނޫން (ބައެއް) ކުޅުންތެރިން ގޭގައި ބައިތިއްބާފައި މެޗަކަށް އަންނާކަށް. އެއީ އެހާ ދުޅަހެޔޮ ކަމަކަށް ވެސް ނުވާނެ. ޓީމުގެ ކުޅުންތެރިންގެ މެދުގައި ވާދަވެރިކަން އުފެއްދުމަށް ރަނގަޅު މާހައުލެއް ގާއިމު ނުކުރެވޭނެ (ބައެއް ކުޅުންތެރިން ސްކޮޑްގައި ނުހިމަނައި ބައިތިއްބައިގެނެއް)،" ގާޑިއޯލާ ބުންޏެވެ.

ކްލަބްގެ ބައެއް ކުޅުންތެރިން މެޗުގެ ސްކޮޑްގައި ނުހިމަނައި މެޗަށް ނުކުންނަށް ޖެހުމުން އެ ކަންބޮޑުވުން ގާޑިއޯލާ މި ފާހަގަ ކުރީ އަލަކަށް ނޫނެވެ. އިއްޔެގެ މެޗަށް ފަހު އޭނާ ބުނީ މިދިޔަ ސީޒަނުން ފެށިގެން ސިޓީގެ މެނޭޖްމެންޓަށް ވެސް އެކަން އެނގޭ ކަމަށެވެ. ޓްރާންސްފާ ޕީރިއަޑްގައި ބާކީ އޮތް ދެ ހަފުތާގައި ކުޅުންތެރިންގެ އެޖެންޓުންނާ ކްލަބުން ވާހަކަ ދައްކައިގެން އެކުޅުންތެރިންނަށް އެހެން ގޮތްތަކެއް ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށް ގާޑިއޯލާ ބުންޏެވެ.

ވްލުވްސްގެ މެޗުގައި ދެ ލަނޑު ޖެހީ ހާލަންޑް އުފާފާޅު ކުރަނީ --- ފޮޓޯ: ގެޓީ އިމޭޖަސް

ވްލުވްސްގެ މެޗުގައި ދެ ލަނޑު ޖެހީ ހާލަންޑް އުފާފާޅު ކުރަނީ --- ފޮޓޯ: ގެޓީ އިމޭޖަސް

އަނިޔާގެ ސަބަބުން ވުލްވްސްގެ މެޗުގައި ފިލް ފޮޑެން، ރޮޑްރީ ހެނާންޑޭޒް، ޔޮސްކޯ ގްވާޑިއޯލް، ސަވީނިއޯ ނުކުޅެ އެވެ. ބަލިވެ އުޅޭތީ ކީޕަރު އެޑަސަން ވެސް ސްކޮޑުން ބާކީ ކުރީ އެވެ. ބާންލީ ދޫކޮށް ކީޕަރު ޖޭމްސް ޓްރަފޯޑް ސިޓީ އަށް ބަދަލުވުމުން، އެޑަސަންގެ ކުރިމަގާ މެދު ވަނީ ސުވާލު އުފެދިފަ އެވެ.

ގާޑިއޯލާ ބުނީ އެޑަސަން ބޭނުންވެއްޖެނަމަ، އޭނާ ވެސް ކްލަބް ދޫކޮށްލުމުގެ އިހްތިޔާރު އޮންނާނެ ކަމަށެވެ.

"އެކަމަކު އެއީ ކްލަބްގެ ޝަރުތުތަކާ އެކު،" ގާޑިއޯލާ ބުންޏެވެ.

މެޗު، ސިޓީން ކާމިޔާބު ކުރީ 4-0 ންނެވެ. އޭގެ ތެރެއިން ދެ ލަނޑު ޖެހީ އާލިން ހާލަންޑެވެ. އަނެއް ދެ ލަނޑު ޖެހީ ރަޔަން ޝެރްކީ އަދި ޓިއާނީ ރެއިންޑާސް އެވެ.