Roadha Mihaaru
ސިޓީން ކުޅުނީ އެންމެ ހާފެއްގައި، ގާޑިއޯލާ ނުރުހިއްޖެ

ސިޓީން "އެއް ހާފުގައި" ކުޅެ ނިންމާލުމުން ގާޑިއޯލާ ހިތްހަމަނުޖެހިއްޖެ

18 ފެބުރުއަރީ 2024

އިނގިރޭސި ޕްރިމިއާ ލީގުގައި، ރޭ ޗެލްސީއާ ދެކޮޅަށް ކުޅުނު މެޗުގައި މެންޗެސްޓާ ސިޓީން ކުޅުނީ އެންމެ ހާފެއްގައި ކަމަށް އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި، ރޭ ޗެލްސީއާ ދެކޮޅަށް ކުޅުނު މެޗުގައި މެންޗެސްޓާ ސިޓީން ކުޅުނީ އެންމެ ހާފެއްގައި ކަމަށް އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

ސިޓީގެ އަމިއްލަ ދަނޑުގައި، ޗެލްސީ އަތުން ބަލި ނުވެ ސަލާމަތް ވީ މެޗުގެ ފަހު ވަގުތަށް އެޅިފައި ވަނިކޮށް ރޮޑްރީ ހެނާންޑޭޒް ޖެހި ލަނޑުންނެވެ. ފުރަތަމަ ހާފުގައި ރަހީމް ސްޓާލިންގެ ލަނޑުން ޗެލްސީން ލީޑް ނެގި އެވެ.

މެޗަށް ފަހު ގާޑިއޯލާ ބުނީ ފުރަތަމަ ހާފުގައި އެއްވެސް ކަމެއް ސިޓީގެ ކުޅުންތެރިންނަށް ނުވާ ކަމަށެވެ. އެ ޓީމުން ކުޅުނީ ދެވަނަ ހާފުގައި އެކަނި ކަމަށެވެ.

"ދެވަނަ ހާފުގައި އަހަރެމެން ވަރަށް މޮޅަށް ކުޅުނު. ފުރަތަމަ ހާފަކީ އަހަރެމެންގެ އެންމެ އާދައިގެން ފެންވަރެއް ވެސް ނޫން. މި ފެންވަރުގެ ޓީމުތަކާ ދެކޮޅަށް އެންމެ ހާފެއްގައި ކުޅެގެން ފަރުޖައްސާލެވެން ނޯންނާނެ. މެޗުގެ ފުރިހަމަ ވަގުތު އެއްކޮށް އެއްވަރެއްގައި ކުޅެން ޖެހޭ،" ގާޑިއޯލާ ބުންޏެވެ.

ރޮޑްރީ ވެސް ވަނީ، އޭނާގެ ކޯޗު ދެއްކި ވާހަކައަށް އެއްބަސްވެފަ އެވެ.

"އަހަރެމެން މި ޑިފެންސް ކުރާގޮތަށްކޮށްގެން އިތުރު އެއްޗެއް ނުލިބޭނެ. ފުރަތަމަ ހާފުގައި މާ ރަނގަޅު ކުޅުމެއް ނުދެއްކުނު،" މިޑްފީލްޑަރު ބުންޏެވެ.

"އަނެއްކާ ވެސް އަހަރެމެން ކޮޅަށް މާ ފަސޭހައިން ގޯލް ވަދެގެން ދިޔައީ. ރަނގަޅަށް ޑިފެންސް ކުރަން ޖެހޭ."

އުނދަގޫ ހާލަތެއްގައި އޮތް ޗެލްސީން ސިޓީއާ އެއްވަރުވުމުން ވެސް އެ ޓީމުގެ ކޯޗު މައުރީސިއޯ ޕޮޗެޓިނޯ ހުރީ ހިތްހަމަޖެހިފަ އެވެ. އޭނާ ބުނީ ދުނިޔޭގެ އެންމެ މޮޅު ޓީމާ ދެކޮޅަށް ޗެލްސީން ދެއްކި ކުޅުމާ އެކު ފަހުރުވެރިވާން ޖެހޭނެ ކަމަށެވެ.