Roadha Mihaaru
އަމޯރިމްގެ ފުރަތަމަ ބަލި، ސިޓީއަށް ހަމަނޭވާއެއް

އަމޯރިމްގެ ފުރަތަމަ ބަލި، ސިޓީއަށް ހަމަނޭވާއެއް

05 ޑިސެމްބަރ 2024

ޕްރިމިއާ ލީގުގައި ރޭ އާސެނަލް އަތުން 2-0 އިން ބަލިވެ މެންޗެސްޓާ ޔުނައިޓެޑް އެ ޓީމުގެ އާ ކޯޗު ރުބެން އަމޯރިމްގެ އިރުޝާދުގެ ދަށުން ފުރަތަމަ ފަހަރަށް ބަލިވިއިރު، ނޮޓިންހަމް ފޮރެސްޓް އަތުން 3-0 އިން މޮޅުވެ މެންޗެސްޓާ ސިޓީން މޮޅުނުވުމުގެ ހިތްދަތި ސިލްސިލާ ނިމުމަކަށް ގެނެސްފި އެވެ.

ޕްރިމިއާ ލީގުގައި ރޭ އާސެނަލް އަތުން 2-0 އިން ބަލިވެ މެންޗެސްޓާ ޔުނައިޓެޑް އެ ޓީމުގެ އާ ކޯޗު ރުބެން އަމޯރިމްގެ އިރުޝާދުގެ ދަށުން ފުރަތަމަ ފަހަރަށް ބަލިވިއިރު، ނޮޓިންހަމް ފޮރެސްޓް އަތުން 3-0 އިން މޮޅުވެ މެންޗެސްޓާ ސިޓީން މޮޅުނުވުމުގެ ހިތްދަތި ސިލްސިލާ ނިމުމަކަށް ގެނެސްފި އެވެ.

އާސެނަލް އާއި ސިޓީ މޮޅުވުމުގެ ފައިދާ އެ ދެ ޓީމަށް ބޮޑުވީ އެއް ވަނައިގައި އޮތް ލިވަޕޫލް ރޭ ނިއުކާސަލް ޔުނައިޓެޑާ 3-3 އިން އެއްވަރުވެ ދެ ޕޮއިންޓް ގެއްލުވާލުމުންނެވެ.

ލިވަޕޫލް އަދިވެސް އެއް ވަނައިގައި އޮތްއިރު ލިބިފައިވަނީ 35 ޕޮއިންޓެވެ. ޗެލްސީ އާއި އާސެނަލް އަށް 28 ޕޮއިންޓް ލިބިފައިވާއިރު ލަނޑުގެ ތަފާތުން ދެ ވަނައިގައި އޮތީ ރޭ ސައުތުހެމްޓަން އަތުން 5-1 އިން މޮޅުވި ޗެލްސީ އެވެ. ސިޓީ އޮތީ 26 ޕޮއިންޓާ އެކު ހަތަރު ވަނައިގަ އެވެ. ޔުނައިޓެޑް އޮތީ 19 ޕޮއިންޓާ އެކު 11 ވަނައިގަ އެވެ.

އާސެނަލުން އެމިރޭޓްސް ސްޓޭޑިއަމުގައި ރޭ ޔުނައިޓެޑް އަތުން މޮޅުވީ ދެ ވަނަ ހާފުގައި ޔުރިއެން ޓިމްބާ އާއި ވިލިއަމް ސަލީބާ ޖެހި ގޯލުތަކުންނެވެ. މި ދެ ގޯލަކީ ވެސް ކޯނަރުން އާސެނަލް އުފެއްދި ހަމަލަތާކުން ޖެހި ގޯލުތަކެވެ.

"އޯޕަން ޕްލޭ ގައި ވެސް ގިނަ ލަނޑުތަޖެއް ޖަހާނެ ފުރުސަތު ލިބުނު،" އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުންޏެވެ.

"ޑިފެންސް ލައިނުން މުހިއްމު ދެ ކުޅުންތެރިޔަކު ގެއްލުނަސް ޓީމު އަންނަނީ އެތަން ނުދައްކައި ކުޅެމުން. އެއީ ހިތްހަމަޖެހުމެއް."

ޔުނައިޓެޑުގެ ކޯޗު އަމޯރިމް ޓީމާ ހަވާލުވެ ކުޅުނު ހަތަރު މެޗުގެ ތެރެއިން ބަލިވި ފުރަތަމަ މެޗަށް ރޭ އޭނާ ޓީމު ނެރުނީ ބަދަލުތަކެއް ގެނެސްގެންނެވެ. އެގޮތުން އެވަޓަން އަތުން 4-0 އިން މޮޅުވި މެޗުގައި ކުޅުނު ހަ ކުޅުންތެރިޔަކަށް ފުރުސަތެއް ނުދެ އެވެ. އޭގެ ތެރޭގައި ފޯމުގައި ހުރި އަމަޑް ޑިއާލޯ އާއި މާކަސް ރަޝްފޯޑް ހިމެނެ އެވެ.

އިނގިރޭސި މީޑިއާ އިން ބުނާ ގޮތުގައި މި މެޗާ އެކު އަމޯރިމް އަށް އޭނާ ކުރަން ޖެހޭ މަސައްކަތުގެ ބުރަކަން އިހުސާސްކުރެވޭނެ ކަމަށެވެ. މިއީ އަމޯރިމް ޕޯޗުގަލްގެ ސްޕޯޓިން ލިޒްބަންގައި ހުރި އިރުން ފެށިގެން ބަލާ ނަމަ މިދިޔަ އަހަރުގެ ޑިސެމްބަރުން ފެށިގެން ލީގު މެޗެއްގައި ބަލިވި ފުރަތަމަ ފަހަރެވެ.

ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ: މިހާރު ވަނީ ހަމަނޭވާއެއް ލެވިފައި. --ފޮޓޯ: އޭއެފްޕީ

ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ: މިހާރު ވަނީ ހަމަނޭވާއެއް ލެވިފައި. --ފޮޓޯ: އޭއެފްޕީ

ސިޓީން މޮޅުވުމުގެ ސިލްސިލާ ހަތް މެޗަށް ފަހު ރޭ ނިންމާލީ ނޮޓިމްހަމް ކޮޅަށް ބެނާޑޯ ސިލްވާ އާއި ކެވިން ޑި ބްރޭނާ އަދި ޖެރެމީ ޑޯކޫ ޖެހި ގޯލުތަކުންނެވެ. އެކަމަކު ރޭ ވެސް އެ ޓީމުގެ މުހިއްމު ދެ ޑިފެންޑަރުން ކަމަށްވާ ނަތަން އާކޭ އާއި މެނުއަލް އަކަންޖީ އަށް އަނިޔާވުމުން ކޯޗު ޕެޕް ގާޑިއޯލާގެ ފިކުރު ވަނީ ބޮޑުވެފަ އެވެ. އެ ޓީމުގެ ފޯމު ދަށްވުމުގެ އެންމެ ބޮޑު އެއް ސަބަބަކީ ވެސް އަނިޔާގެ ލިސްޓު ދިގުވުމެވެ.

"އަނިޔާގެ މައްސަލަ ތަކުރާރުވީތަން ފެނުނީ. އެކަމަކު މީގައި އެންމެ މުހިއްމީ ބަލިވުމުގެ ސިލްސިލާ ނިންމާލެވުން. ދެން ޖެހޭނީ މިގޮތުގައި ކުރިއަށްދާން،" ގާޑިއޯލާ ބުންޏެވެ.

ޕްރިމިއާ ލީގާއި ޗެމްޕިއަންސް ލީގުގައި ވެސް ރަނގަޅު ފޯމެއްގައި އޮތް ލިވަޕޫލަށް ރޭ ރަށުން ބޭރުގައި ދެ ޕޮއިންޓް ގެއްލުނީ ނިއުކާސަލްއާ ކުޅެ ފަހު ވަގުތު އެވެ. ނިއުކާސަލްގެ އެލެކްސެންޑާ އިސާކް ކުރި ހޯދާފައިވަނިކޮށް ލިވަޕޫލުގެ ކާޓިސް ޖޯން އެއްވަރުކުރިއިރު އެވެ. އޭގެ ފަހުން ނިއުކާސަލް އިން އެންތަނީ ގޯޑޮން އަލުން ލީޑު ނަގާފައިވަނިކޮށް ލިވަޕޫލުން މުހައްމަދު ސަލާހު ދެ ގޯލު ޖަހައި އެ ޓީމަށް ލީޑު ހޯދައިދިނެވެ. ނިއުކާސަލް އިން އެއްވަރުކުރީ 90 ވަނަ މިނެޓުގަ އެވެ.

ފާއިތުވި ސީޒަންތަކުގައި ދަށްކޮށް ދިއުމަށް ފަހު އަލުން ކުރީގެ ފެންވަރަށް ދިއުމަށް މަސައްކަތްކުރާ ޗެލްސީން ރޭ ސައުތުހެމްޓަން އަތުން ހޯދީ ފަސޭހަ މޮޅެކެވެ. ޗެލްސީގެ އެކްސްލް ޑިސާއީ ލީޑު ނަގާފައި އޮއްވާ ސައުތުހެމްޓަން އިން އެއްވަރުކުރި ނަމަވެސް، އެ ޓީމުގެ ޖެކް ސްޓެފަންސް އަށް 39 ވަނަ މިނެޓުގައި ރަތްކާޑު ދެއްކުމުން މައްސަލަތަކެއް ދިމާވި އެވެ.

އޭރު ޗެލްސީ އޮތީ ކްރިސްޓަފާ އެންކުންކޫ އާއި ނޯނީ މަޑުއޭކާގެ ގޯލުތަކުން ލީޑު ފުޅާކޮށްފަ އެވެ. އަނެއް ދެ ގޯލު ދެ ވަނަ ހާފުގައި ޖެހީ ކޯލް ޕާމާ އާއި ޖޭޑަން ސަންޗޯ އެވެ.