30 އޮކްޓޯބަރ 2016
މެންޗެސްޓާ (އޮކްޓޯބަރު 30) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑާއި ބާންލީ ކުޅުނު މެޗު ލަނޑެއް ނުޖެހި އެއްވަރުއިރު، ވެސްޓް ބްރޮމް އަތުން 4-0 އިން ހޯދި މޮޅާ އެކު މެންޗެސްޓާ ސިޓީ އަލުން ލީގު އެއް ވަނަ އަށް ޖެހިލައިފި އެވެ.
މެންޗެސްޓާ (އޮކްޓޯބަރު 30) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑާއި ބާންލީ ކުޅުނު މެޗު ލަނޑެއް ނުޖެހި އެއްވަރުއިރު، ވެސްޓް ބްރޮމް އަތުން 4-0 އިން ހޯދި މޮޅާ އެކު މެންޗެސްޓާ ސިޓީ އަލުން ލީގު އެއް ވަނަ އަށް ޖެހިލައިފި އެވެ.
ރޭގެ މެޗަށް ސިޓީ ނުކުތްއިރު ސަންޑަލެންޑް އަތުން 4-1 އިން މޮޅުވެ އާސެނަލް އޮތީ ލީގުގެ އެއް ވަނައިގަ އެވެ. އެހެން ނަމަވެސް ސިޓީ ހޯދި މޮޅާ އެކު އެ ޓީމަށް ވަނީ އަލުން އެއް ވަނަ ލިބިފަ އެވެ. ލީގުގެ އެއް ވަނައިގައި އޮތް ސިޓީ އާއި ދެ ވަނައިގައި އޮތް އާސެނަލް އަދި ތިން ވަނައިގައި އޮތް ލިވަޕޫލަށް ވަނީ 10 މެޗުން 23 ޕޮއިންޓް ލިބިފަ އެވެ. ސިޓީ އެއް ވަަނައިގައި އޮތީ ލަނޑުގެ ތަފާތުންނެވެ.
ރޭ ވެސްޓް ބްރޮމް ދަނޑުގައި ކުޅުނު މެޗުގައި ސިޓީގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެން ގޮސްފަ އެވެ. ރޭގެ މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކުރީ ސާޖިއޯ އަގުއޭރޯ ދެ ލަނޑާއި އިލްކާއި ގުންޑޮގާން ދެ ލަނޑެވެ. އެންމެ ފަހުން ކުޅުނު މެޗުތަކުގައި ފޯމު ގެއްލުމުގެ ސަބަބުން އަގުއޭރޯގެ ފަރާތުން މޮޅު ކުޅުމެއް ނުފެނުނު ނަމަވެސް ރޭގެ މެޗުގައި އޭނާ ވަނީ މޮޅު ކުޅުމެއް ދަށްކައިފަ އެވެ.
"އަގުއޭރޯ އަކީ މުޅި ދުނިޔެ އަށް ބެލިޔަސް ފާހަގަކޮށްލެވޭ މޮޅު ފޯވާޑެއް. ފޯމު ގެއްލުމަކީ ކޮންމެ ކުޅުންތެރިއަކަށް ވެސް ދިމާވާ މައްސަލައެއް. އެކަމަކު އަލުން ފޯމަށް އައިސް އެއް ކުޅުން ތަކުރާރު ކުރުން މީގެ މުހިއްމީ،" ރޭގެ މެޗަށް ފަހު ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުންޏެވެ.
ސަންޑަލެންޑާ ދެކޮޅަށް ކުޅުނު މެޗުގައި އާސެނަލްގެ ލަނޑުތައް ކާމިޔާބުކުރީ އަލެކްސިސް ސަންޗޭޒާއި އޮލިވިއޭ ޖިރޫ އެވެ. ކޮންމެ ކުޅުންތެރިއަކު ވެސް ވަނީ ދެ ލަނޑު ޖަހައިފަ އެވެ. މިއީ އަނިޔާ އިން ރަނގަޅުވުމަށް ފަހު ޖިރޫ ލީގުގައި ކުޅުނު ފުރަތަމަ މެޗެވެ. އޭނާ ރޭގެ މެޗުގައި ކުޅެން އެރީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގަ އެވެ. ލީގުގެ އެންމެ ފުލުގައި އޮތް ސަންޑަލެންޑަށް މި މެޗުގައި ލަނޑު ޖަހައިދިނީ ތަޖުރިބާކާރު ފޯވާޑް ޖަމެއިން ޑިފޯ އެވެ
ސަންޑަލެންޑާއި އާސެނަލް ކުޅުނު މެޗުގެ ތެރެއިން: އާސެނަލްގެ ޖިރޯ (ވ) ސަންޑަލެންޑް ގޯލަށް ބޮލުން ފޮނުވާލަނީ.-- ފޮޓޯ: އޭއެފްޕީ
ރޭ ބާންލީއާ ދެކޮޅަށް ކުޅުނު މެޗުގައި ޔުނައިޓެޑަށް ވަނީ ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބިފަ އެވެ. އެހެން ނަމަވެސް ބާންލީގެ ކެޕްޓަން އިންގްލެންޑް ގައުމީ ޓީމުގެ ތިން ވަނަ ކީޕަރު ޓޮމް ހީޓަން ވަނީ ޔުނައިޓެޑުން ފޮނުވާލި ގިނަ ހަމަލާތައް މަތަކޮށްފަ އެވެ. ޒަލަޓަން އިބްރަހިމޮވިޗާއި ޖެސޭ ލިންގާޑް އަދި މާކަސް ރެޝްފޯޑަށް ފޮނުވާލި ބޯޅަތަކުގެ ހުރަހަކަށްވީ ހީޓަން އެވެ.
މި މެޗުގެ ފަހު 20 މިނިޓް ޔުނައިޓެޑުން ކުޅުނީ 10 ކުޅުންތެރިންނާ އެކު އެވެ. އެއީ މެޗުގެ 69 ވަނަ މިނިޓްގައި ޔުނައިޓެޑްގެ އެންޑަ ހެރޭރާ އަށް ވަނީ ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދައްކައިފަ އެވެ.
މި މެޗުގެ ދެ ވަނަ ހާފް ފެއްޓުނު ތަނުން ރެފްރީންގެ ނިންމުންތަކަށް ތަކުރާރުކޮށް ފާޑުކިއުމުގެ ސަބަބުން ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ ވަނީ ބެންޗުން ފޮނުވާލައިފަ އެވެ. ރޭގެ މެޗުން ޔުނައިޓެޑް އެއްވަރުވިއިރު، އެޓީމު އޮތީ ކުޅުނު 10 މެޗުން ލިބުނު 15 ޕޮއިންޓާ އެކު ލީގުގެ އަށް ވަނައިގަ އެވެ.
ރޭ ކްރިސްޓަލް ޕެލަސް އަތުން ލިވަޕޫލް މޮޅުވީ 4-2 އިންނެވެ. މި މެޗުގައި ފުރަތަމަ ލަނޑު ޖެހީ ލިވަޕޫލްގެ އެމްރޭ ޗާން އެވެ. ޕެލަސް އަށް އެއްވަރުކޮށްދިނީ ޖޭމްސް މެކާތާ އެވެ. ލިވަޕޫލަށް ދެ ވަނަ ފަހަރަށް ލީޑު ނަަގައިދިނީ ޑޭޔާން ލޮވްރެން އެވެ. ޕެލަސް އަށް ދެ ވަނަ ފަހަރަށް އެއްވަރުކޮށްދިނީ ވެސް މެކާތާ އެވެ. އެހެން ނަމަވެސް ފުރަތަމަ ހާފް ނިމުމުގެ ކުރިން ޖޮއެލް މަޓިޕް ވަނީ އަލުން ލިވަޕޫލަށް ލީޑުނަގައިދީފަ އެވެ. ލިވަޕޫލްގެ ފަހު ލަނޑު ދެ ވަނަ ހާފްގައި އެ ޓީމަށް ކާމިޔާބު ކޮށްދިނީ މި ސީޒަނުގައި މޮޅު ކުޅުމެއް ދަށްކަމުން އަންނަ ބްރެޒިލްގެ ފޯވާޑް ރޮބާޓޯ ފިރްމީނޯ އެވެ.
އެންމެ ފަހުގެ ޗެމްޕިއަން ލެސްޓާ ސިޓީ ކުޅުނު މެޗުން ރޭ ވަނީ ރަށުންބޭރުގައި 1-1 އިން ޓޮޓެންހަމްއާ އެއްވަރުވެފަ އެވެ. ބޯންމައުތު އަތުން 2-0 އިން މިޑްލްސްބަރާ މޮޅުވިއިރު، ހަލް ސިޓީ އަތުން 1-0 އިން ވަޓްފޯޑް ވަނީ މޮޅުވެފަ އެވެ.
އަމޯރިމްގެ ފުރަތަމަ ބަލި، ސިޓީއަށް ހަމަނޭވާއެއް
ލިވަޕޫލްގެ ސަޕޯޓަރުންނަށް ކްލޮޕްގެ ހާއްސަ ޝުކުރެއް
ލީގުގެ ގަދަ ފަހެއްގެ މެދުގައި ތިން ޕޮއިންޓުގެ ފަރަގެއް
މާނޭ ފަހު ވަގުތު ލިވަޕޫލްގެ ލީޑު ދަމަހައްޓައިދީފި
ލިވަޕޫލް ލީޑުގައި، ޗެލްސީން ޓޮޓެންހަމް މާޔޫސްކޮށްލައިފި
ލިވަޕޫލް ލީޑުފުޅާކުރިއިރު، ސިޓީ އަށް މަގާމު ގެއްލިއްޖެ
ސިޓީ އާއި އާސެނަލަށް ވުރެ ކުރީގައި އަދިވެސް ލިވަޕޫލް
ސިޓީއަށް މޮޅުނުވެވުމުން ލިވަޕޫލް އެއް ވަނައަށް
އާސެނަލް އާއި ލިވަޕޫލުން ސިޓީއަށް އެއްވަނަ ހަވާލުކޮށްފި
ލިވަޕޫލަށް މަގާމު ގެއްލިއްޖެ، ތަށި ނަގަނީ އާސެނަލްތަ؟