Roadha Mihaaru
ލިވަޕޫލަށް މަގާމު ގެއްލިއްޖެ، ތަށި ނަގަނީ އާސެނަލްތަ؟

ދެ މަހަށް ފަހު ލިވަޕޫލަށް އެއްވަނަ ގެއްލިއްޖެ، ތަށި ނަގަނީ އާސެނަލްތަ؟

11 މާޗް 2024

ލިވަޕޫލް (މާޗް 11) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލިވަޕޫލާއި މެންޗެސްޓާ ސިޓީ ބައްދަލުކުރި އެއްވަރުވެ ލީގު ތާވަލްގެ ގަދަ 3 ގެ ތަރުތީބު ބަދަލުވެއްޖެ އެވެ.

ލިވަޕޫލް (މާޗް 11) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލިވަޕޫލާއި މެންޗެސްޓާ ސިޓީ ބައްދަލުކުރި އެއްވަރުވެ ލީގު ތާވަލްގެ ގަދަ 3 ގެ ތަރުތީބު ބަދަލުވެއްޖެ އެވެ.

ލިވަޕޫލްގެ އެންފީލްޑުގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ޖޯން ސްޓޯންސް ޖަހައިދިން ގޯލުން ސިޓީ ލީޑު ކުރަނިކޮށް ލިވަޕޫލުން އެއްވަރުކުރީ ލިބުނު ޕެނަލްޓީއަކުން 50 ވަނަ މިންޓުގައި އެލެކްސިސް މެކް އަލިސްޓާ އެވެ. އެ ޕެނަލްޓީ އަށް ފަހު އަނިޔާ ވެފައި ވާތީ ކުޅުން އިތުރަށް ކުރިއަށް ނުގެންދެވިގެން ސިޓީގެ ކީޕަރު އެޑަސަން ވަނީ ބަދަލު ކުރަން ޖެހިފަ އެވެ.

ސިޓީގެ ފިލް ފޮޑެން އާއި ޖެރެމީ ޑޯކޫގެ ހަމަލާތަކެއް ގޯލުގެ ދަނޑިއަށް އަމާޒުވި އެވެ. މީގެ އިތުރުން ލިވަޕޫލްގެ ލުއިސް ޑިއާޒް އަށް، މުހައްމަދު ސަލާހު ތަނަވަސް ކޮށްދިން ފުރުސަތުގެ ބޭނުން ނުކުރެވުނުއިރު، ޑާވިން ނޫނޭޒް އަށް ވެސް ވަނީ ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެފަ އެވެ.

މި ނަތީޖާއާ އެކު، ފާއިތުވި ދެ މަސްދުވަހު ލީގުގެ އެއްވަނައިގައި އޮތް ލިވަޕޫލް މިވަނީ ގޯލުގެ ތަފާތުން ދެވަނައަށް ވެއްޓިފަ އެވެ. ސިޓީ މިވަގުތު އޮތީ ތިންވަނައިގަ އެވެ. ލީގު ހޯދުމުގެ ރޭހުގައި އުޅޭ ތިން ޓީމަށް ވެސް ލީގުގައި ބާކީ 10 މެޗު ކުޅެން އޮއްވައި، އެއްވަނައިގައި މިވަގުތު އޮތީ، ހޮނިހިރު ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި 2-1 އިން ބްރެންޓްފޯޑް ބަލިކުރި އާސެނަލް އެވެ.

ކައި ހަވާޓްޒް، ބްރެންޓްފޯޑް އަތުން އާސެނަލް އަށް ތިން ޕޮއިންޓް ހޯދައިދިން ގޯލު ޖެހުމަށް ފަހު.--- ފޮޓޯ: އޭއެފްޕީ

ކައި ހަވާޓްޒް، ބްރެންޓްފޯޑް އަތުން އާސެނަލް އަށް ތިން ޕޮއިންޓް ހޯދައިދިން ގޯލު ޖެހުމަށް ފަހު.--- ފޮޓޯ: އޭއެފްޕީ

އެ މެޗުގައި ޑެކްލަން ރައިސްގެ ގޯލުން އާސެނަލް ލީޑުގައި ފުރަތަމަ ހާފު ނިންމަން ދަނިކޮށް ބްރެންޓްފޯޑަށް އެއްވަރު ކޮށްދިނީ ޔޮއާނޭ ވީސާ އެވެ. ކައި ހަވާޓްޒް އާސެނަލް އަށް ތިން ޕޮއިންޓް ޔަގީން ކޮށްދިނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަތަރު މިނިޓަށް ވެފައި ވަނިކޮށެވެ.

އާސެނަލް އާއި ލިވަޕޫލަށް ވެސް ވަނީ 28 މެޗުން 64 ޕޮއިންޓް ލިބިފަ އެވެ. ނަމަވެސް އާސެނަލް އެއްވަނައިގައި އޮތީ ފައިދާ ގޯލުގެ ތަފާތުންނެވެ. އާސެނަލް އަށް ފައިދާ 46 ގޯލު ލިބިފައި އޮތްއިރު، ލިވަޕޫލަށް ލިބިފައި ވަނީ 39 ގޯލެވެ. އަދި ތިންވަނައިގައި ސިޓީ އޮތީ 63 ޕޮއިންޓް ހޯދައިގެން، ފައިދާ 35 ގޯލާ އެކު އެވެ.

އެފްއޭ ކަޕްގެ ކުއާޓާ ފައިނަލާއި އިންޓަނޭޝަނަލް ބްރޭކް ކުރިއަށް އޮތުމާ ގުޅިގެން، މި ތިން ޓީމު ވެސް ދެން ލީގުގައި އެންމެ އަވަހަށް މެޗެއް ކުޅޭނީ މި މަހުގެ 31 ވަނަ ދުވަހުގެ ރެއެވެ. އެ ރޭ ލިވަޕޫލުން އަމިއްލަ ދަނޑުގައި ބްރައިތަންއާ ދެކޮޅަށް ނުކުންނަ ގޮތަށް ހަމަޖެހިފައި ވާއިރު، ދުވަހުގެ ފަހު މެޗެއްގެގޮތުން އިއްތިހާދު ސްޓޭޑިއަމްގައި ސިޓީ އާއި އާސެނަލް ބައްދަލު ކުރާނެ އެވެ.

އާސެނަލްއާ ދެކޮޅަށް ކުޅުމަށް ފަހު ސިޓީ އަށް އޮތީ، ލީގުގެ ހަތަރުވަނައިގައި އޮތް އެސްޓަން ވިލާ އެވެ. އެފްއޭކަޕްގެ އިތުރުން ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލަށް ވެސް ތައްޔާރުވަމުން އަންނަ ސިޓީ އަށް ލީގުގައި ޓޮޓެންހަމާއި ބްރައިޓަން އަދި ވުލްވްސް އާއި ވެސްޓް ހޭމް ޔުނައިޓެޑާ ވެސް ކުރިމަތިލާން ޖެހެއެވެ.

މި ސީޒަންގެ ޔޫރޮޕާ ލީގުގެ އެއް ފޭވަރިޓުން ކަމަށްވާ ލިވަޕޫލް، އެފްއޭ ކަޕް ކުއާޓާގައި ނުކުންނަން ޖެހެނީ މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށެވެ. ލީގުގައި ވެސް ޔުނައިޓެޑްގެ ދަނޑަށް ޒިޔާރަތެއް ކުރަން ޖެހިފައި އޮތްއިރު، ވެސްޓް ހޭމާއި ޓޮޓެންހަމް، އެސްޓަން ވިލާ، ބްރައިޓަން އަދި އެވަޓަން ވެސް ލިވަޕޫލަށް ކުރިއަށް އެބަ އޮތެވެ.

އާސެނަލް އަށް މި ސީޒަންގައި ލީގުގެ އިތުރުން ދެން ބާކީ އޮތީ ޗެމްޕިއަންސް ލީގެވެ. ގަދަ 16 ގެ ފުރަތަމަ ލެގުގައި ބަލިވެފައި ވާ އާސެނަލް މި ހަފްތާ އަމިއްލަ ދަނޑުގައި ޕޯޗުގަލްގެ ޕޯޓޯއާ ދެކޮޅަށް ދެވަނަ ލެގު މެޗުގައި ނުކުންނާނެ އެވެ. އެއަށް ފަހު ލީގުގައި ވެސް އާސެނަލް އަށް ވަރުގަދަ މެޗުތަކެއް އެބަ ހުއްޓެވެ. އެގޮތުން އެސްޓަން ވިލާ އާއި ޓޮޓެންހަމާއި މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ކުޅެން އޮތް މެޗުތައް ފާހަގަ ކޮށެލެވެ އެވެ.