Roadha Mihaaru

ފަހު ވަގުތު ސިޓީން އެސްޓަން ވިލާ ބަލިކޮށްފި

އެންމެ ފަހު ވަގުތު މެތިއުސް ނޫނޭޒް ޖަހައިދިން ގޯލުން 2-1 އިން އެސްޓަން ވިލާ ބަލިކޮށް މެންޗެސްޓާ ސިޓީ އިން ލީގުގެ ގަދަ ފަހެއްގެ އުއްމީދު ބޮޑު ކޮށްފި އެވެ.

ފަހު ވަގުތު ސިޓީން އެސްޓަން ވިލާ ބަލިކޮށްފި

އެންމެ ފަހު ވަގުތު މެތިއުސް ނޫނޭޒް ޖަހައިދިން ގޯލުން 2-1 އިން އެސްޓަން ވިލާ ބަލިކޮށް މެންޗެސްޓާ ސިޓީ އިން ލީގުގެ ގަދަ ފަހެއްގެ އުއްމީދު ބޮޑު ކޮށްފި އެވެ.

މެޗުގެ ހަތް ވަނަ މިނިޓުގައި ބެނާޑޯ ސިލްވާ ސިޓީ އަށް ލީޑު ނަގައިދީފައި ވަނިކޮށް، އެސްޓަން ވިލާ އެއްވަރު ކުރީ ލިބުނު ޕެނަލްޓީއަކުން 18 ވަނަ މިނިޓުގަ އެވެ. ވީއޭއާރު ރިވިއު އަކުން ލުއިސް ޑިއާޒް، ވިލާގެ ޖޭކޮބް ރަމްސޭ އަށް ފައުލް ކުރި ކަމަށް ބަލައި ދިން މި ޕެނަލްޓީ ޖެހީ މާކަސް ރަޝްފޯޑެވެ. މެޗުގެ ފުރަތަމަ މިނިޓު ތެރޭ ވެސް ރަޝްފޯޑް ވަނީ ނުރައްކާތެރި ހަމަލާއެއް ސިޓީގެ ގޯލުގެ ދަނޑިއަށް އަމާޒު ކޮށްލައިފަ އެވެ.

އަމިއްލަ ދަނޑުގައި ސިޓީ މޮޅުވި ލަނޑު ޖަހާފައި ވަނީ ރެފްރީ ދެއްކި އިތުރު ވަގުތުގެ ފަސް މިނިޓުގެ ތެރެއިން ހަތަރު ވަނަ މިނިޓުގެ ތެރޭގަ އެވެ.

އުނައި އެމެރީ ވަނީ ޕެޕް ގާޑިއޯލާއާ އެކު މިހާތަނަށް އޭނާ ކުރިމަތިލީ ނުވަ މެޗުން ވެސް ބަލިވެފަ އެވެ. ނަމަވެސް އެސްޓަން ވިލާއަކީ ސީރިއަސް ފުޓްބޯޅައެއް ކުޅޭ ޓީމެއްކަން ގާޑިއޯލާ ވަނީ ފާހަގަ ކޮށްފަ އެވެ.

"މި ކުޅެނީ އެސްޓަން ވިލާއާ ކަން ދެނެގަންތުމަށް ސައިންޓިސްޓަކަށް ވާކަށް ނުޖެހޭ. އެއީ އެންމެ މޮޅު ޓީމުތަކުގެ ތެރޭގައި ހޮވާލެވޭ ޓީމެއް. ނިއުކާސަލް އާއި ޕީއެސްޖީއާ ދެކޮޅަށް ކުޅުނު މެޗުތަކުން އެކަން ފާހަގަ ވާނެ،" މެޗުގެ ނަތީޖާއާ ގުޅިގެން ގާޑިއޯލާ ބުންޏެވެ.

"ޗެމްޕިއަންސް ލީގަށް ކޮލިފައިވުން އަހަރެމެންނަށް އެންމެ މުހިއްމީ. އެކަމަކު ހަމަޖެހިގެން އަހަރެމެން ތިބޭނީ. ދެން ތައްޔާރުވުން އޮތީ ސެމީ ފައިނަލަށް، އެއަށް ފަހު [ލީގުގެ] ހަތަރު ފައިނަލަށް ތައްޔާރުވާން ވަގުތު އޮންނާނެ."

މި މޮޅާ އެކު ސިޓީ ވަނީ އެއް މެޗު އިތުރަށް ކުޅެގެން 61 ޕޮއިންޓް ހޯދައިގެން ލީގުގެ ތިން ވަނައަށް ޖެހިލައިފަ އެވެ. މިހާތަނަށް 33 މެޗު ކުޅެގެން 60 ޕޮއިންޓް ހޯދާފައިވާ ނޮޓްނަމް ފޮރެސްޓް ހަތަރު ވަނައިގައި އޮތްއިރު ފަސް ވަނައިގައި އޮތީ 33 މެޗުން 59 ޕޮއިންޓް ހޯދާފައިވާ ނިއުކާސަލް ޔުނައިޓެޑެެވެ.

ހަވަނައިގައި އޮތީ 33 މެޗުން 57 ޕޮއިންޓް ލިބިފައިވާ ޗެލްސީ އެވެ. އެސްޓަން ވިލާ ހަތް ވަނައިގައި އޮތީ 34 މެޗުން 57 ޕޮއިންޓް ހޯދައިގެންނެވެ.

އަންނަ އާދިއްތަ ދުވަހުގެ ރޭ ނޮޓްނަމް ފޮރެސްޓާ ދެކޮޅަށް ކުޅޭ އެފްއޭ ކަޕް ސެމީ ފައިނަލަށް ފަހު ލީގުގައި ސިޓީ އަށް އޮންނާނީ ހަތަރު މެޗެވެ. އެއީ ވުލްވްސް އާއި ސައުތެމްޓަން އަދި ބޯންމަތުގެ އިތުރުން ފުލަމް އެވެ.