Roadha Mihaaru
5 ރަށެއްގައި އައިސްޕްލާންޓް ބެހެއްޓުން ފެނަކައަށް

ފަސް ރަށެއްގައި 25 ޓަނުގެ އައިސްޕްލާންޓް ބަހައްޓަން ފެނަކައާ ހަވާލުކޮށްފި

30 އެޕްރީލް 2023

ފަސް ރަށެއްގައި އައިސް ޕްލާންޓް ބަހައްޓަން ފިޝަރީޒް މިނިސްޓްރީން ފެނަކަ ކޯޕަރޭޝަނާއެކު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ފަސް ރަށެއްގައި އައިސް ޕްލާންޓް ބަހައްޓަން ފިޝަރީޒް މިނިސްޓްރީން ފެނަކަ ކޯޕަރޭޝަނާއެކު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

ސައުދީ ފަންޑުގެ އެހީގައި އައިސްޕްލާންޓް ބަހައްޓަނީ ހއ. ދިއްދު އާއި އއ. ރަސްދު އާއި ދ. މީދު އާއި ލ. މާމެންދޫ އަދި ގދ. ރަތަފަންދޫގަ އެވެ.

އެ ފަސް ރަށުގައި 25 ޓަނުގެ އައިޕްލާންޓް ބެހެއްޓުމުގެ މަސައްކަތް ފެނަކައާ ހަވާލުކުރީ އެ ކަމަށް މީގެ ކުރިން ދެ ފަހަރެއްގެ މަތިން ބީލަމަށް ހުޅުވުމުން ވެސް ބަޔަކު ހުށަނޭޅުމުންނެވެ. އެހެންވެ، މަސައްކަތް އަވަސް ކުރަން ފެނަކައާ ހަވާލުކުރީ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުންޏެވެ.

ފެނަކައާ އެ މަސައްކަތް ހަވާލުކުރީ 8 މަސް ތެރޭގައި ފަސް އައިސްޕްލާންޓް ގާއިމްކޮށް، ހިދުމަތް ދިނުމަށެވެ.

މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ބޭއްވި ހަފުލާގައި ވާހަކަ ދައްކަވަމުން ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވީ، ކަނޑައަޅާފައިވާ މުއްދަތުގައި ފެނަކަ އިން އައިސްޕްލާންޓްތައް ބަހައްޓައި ނިންމާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

އައިސްޕްލާންޓް ސަޕްލައިކޮށް އިންސްޓޯލް ކޮށްދިނުމުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގަައި ފިޝަރީޒް މިނިސްޓަރާއި ފެނަކައިގެ އެމްޑީ ބައިވެރިވަނީ.-- ފޮޓޯ: ފިޝަރީޒް މިނިސްޓްރީ

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ގާސިމް އިބްރާހިމްގެ ސްޕެޝަލް އެޑްވައިޒަރުގެ މަގާމު ވެސް ފުރުއްވާ ހުސައިން ވިދާޅުވީ، މި ސަރުކާރުން ވެފައިވާ ވައުދުގެ ދަށުން ބައެއް ރަށްރަށުގައި އައިސްޕްލާންޓް ބަހައްޓައި ނިމި އަދި އަނެއްބައި ބައެއް ރަށްރަށުގައި އައިސްޕްލާންޓް ބެހެއްޓުމުގެ މަސައްކަތް މިހާރު ވެސް ކުރިއަށް ގެންދާ ކަމަށެވެ.

މިއަދު ސޮއިކުރި އެއްބަސްވުމުގައި ހިމެނޭ ފަސް ރަށުގައި އައިސްޕްލާންޓް ބަހައްޓައި ނިމުމުން، އައިސްޕްލާންޓް ބެހެއްޓުމަށް މި ސަރުކާރުން ވެފައިވާ ވައުދުތައް ފުރިހަމަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އައިސްޕްލާންޓް ސަޕްލައިކޮށް އިންސްޓޯލް ކޮށްދިނުމުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގަައި ފެނަކައިގެ އެމްޑީ ބައިވެރިވަނީ.-- ފޮޓޯ: ފިޝަރީޒް މިނިސްޓްރީ

އައިސްޕްލާންޓް ސަޕްލައިކޮށް އިންސްޓޯލް ކޮށްދިނުމުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގަައި ފެނަކައިގެ އެމްޑީ ބައިވެރިވަނީ.-- ފޮޓޯ: ފިޝަރީޒް މިނިސްޓްރީ

އާ ފަސް ރަށުގައި އައިސް ޕްލާންޓް ބެހެއްޓުމުގެ އެއްބަސްވުމުގައި ފިޝަރީޒް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ޑިރެކްޓަ ޖެނެރަލް އަހުމަދު ޔާމީނެވެ. ފެނަކަ ކޯޕަރޭޝަންގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދެވެ.

މަސްވެރިން ބާނާ މަސް ރައްކާކުރުމަށް ރަނގަޅު އަގެއްގައި އައިސް ނުލިބޭ މައްސަލައާ ގުޅިގެން މީގެ ކުރިން ގިނަ އަދަދެއްގެ މަސްވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށް، މުޒާހަރާ ވެސް ކޮށްފަ އެވެ.