Roadha Mihaaru
ބޭރުން ގެނައި ރުއް ބަހާނެ ރަށްތައް އިއުލާން ކޮށްފި

ބޭރުން ގެނައި ރުއްތައް 11 ރަށަކަށް، އަންނަ ހަފްތާ ބަހަން ފަށަނީ

02 މެއި 2023

ރާއްޖޭގެ ރުއްތަކަށް ނުރައްކާތެރި ބައްޔެއް ޖެހި، ކާށި ލިބުން ދަތިވާތީ އެކަމަށް ހައްލެއް ހޯދަން ގެނައި ރުއްތައް އަންނަ ހަފްތާ ބަހަން ފަށާނެ ކަމަށް އެގްރިކަލްޗާ މިނިސްޓްރީން ބުނެފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ރާއްޖޭގެ ރުއްތަކަށް ނުރައްކާތެރި ބައްޔެއް ޖެހި، ކާށި ލިބުން ދަތިވާތީ އެކަމަށް ހައްލެއް ހޯދަން ގެނައި ރުއްތައް އަންނަ ހަފްތާ ބަހަން ފަށާނެ ކަމަށް އެގްރިކަލްޗާ މިނިސްޓްރީން ބުނެފި އެވެ.

ރާއްޖޭގައި އިންދަން އިންޑިއާގެ ކެރެލާއިން ގެނައީ 5،000 ރުކެވެ.

އެގްރިކަލްޗާ މިނިސްޓްރީގެ އެގްޒެކެޓިވް ޑިރެކްޓަރު ނަސްރުﷲ ހުސެއިން "މިހާރު" އަށް ވިދާޅުވީ ފުރަތަމަ ބުރުގައި ގެނައި ރުއްތައް ބަހަން ނިންމާފައި ވަނީ 11 ރަށަކަށް ކަމަށެވެ. އެ ރަށްތަކަށް، އަންނަ ހަފްތާގެ ތެރޭގައި ރުއްތައް ފޮނުވަން ފަށާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރުއް ފޮނުވާ 11 ރަށް

މ. މުލީ

ހއ. އުތީމު

ހދ ނޭކުރެންދޫ

ރ. ހުޅުދުއްފާރު

ނ. ވެލިދޫ

ހދ. ވައިކަރަދޫ

ރ. ފައިނު

އދ. ދަނގެތި

ނ. މަނަދޫ

ނ. ކެނދިކުޅުދޫ

އއ. ތޮއްޑޫ

ނަސްރުﷲ ވިދާޅުވީ ރަށްރަށަށް ދޭ ރުކުގެ އަދަދު ކަނޑައަޅަނީ ރަށު ބިމުގެ ބޮޑުމިނަށް ބަލައިގެން ކަމަށެވެ.

ރުއްތަކަށް ޖެހުނު "ކަޅުކޫޑި ބަލި" އެންމެ ގިނައިން ފެތުރިފައި ވަނީ އުތުރުގަ އެވެ.

ރުއްތަކަށް ޖެހިފައިވާ ބަލިތަކަށް ހައްލެއް ހޯދަން ބޭއްވި މަޝްވަރާ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެގްރިކަލްޗާ މިނިސްޓަރު ޑރ. ހުސައިން ރަޝީދު ވިދާޅުވީ ރުއް އާލާ ކުރުމުގެ ޕްރޮގްރާމެއް މި ސަރުކާރުން ރާވާފައިވާ ކަމަށެވެ.

އެ ރުއްތައް މި ވަގުތު ހުރީ މިނިސްޓްރީގެ ބެލުމުގެ ދަށުގައި ހދ. ހަނިމާދޫގަ އެވެ. ރުއްތައް ބަހަން ފެށުމުގެ ކުރިން އެއްވެސް ބައްޔެއް ހުރިތޯ ބަލާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.