Roadha Mihaaru
ފިޝަރީޒް މިނިސްޓަރު ދެއްވި ޖަވާބާމެދު ނަޝީދުގެ ނުރުހުން

ދެއްވި ޖަވާބާމެދު ނުރުހި، ނަޝީދު ވިދާޅުވީ މަޖިލީހުގެ މަސައްކަތަށް ފިޝަރީޒް މިނިސްޓަރު ހުރަސްއަޅާ ކަމަށް

24 މެއި 2023

މިފްކޯ މެދުވެރިކޮށް ރާއްޖޭން ތައިލެންޑަށް ވިއްކާ ގަނޑުކުރި ކަޅުބިލަމަހާއި ކުދި ކަންނެލިމަހުގެ ރިޖެކްޝަން ލެވެލްއާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ކުރެއްވި ސުވާލަށް ފިޝަރީޒް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން ދެއްވި ޖަވާބާ މެދު ހިތްހަމަނުޖެހި، ވަޒީރުގެ ސީދާ ޒިންމާތައް ސާފުކުރުމަށް މަޖިލީހުގެ ރިޔާސަތުން ނިންމައިފި އެވެ.

މުހައްމަދު ވިޝާމް މުހައްމަދު ވިޝާމް

މިފްކޯ މެދުވެރިކޮށް ރާއްޖޭން ތައިލެންޑަށް ވިއްކާ ގަނޑުކުރި ކަޅުބިލަމަހާއި ކުދި ކަންނެލިމަހުގެ ރިޖެކްޝަން ލެވެލްއާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ކުރެއްވި ސުވާލަށް ފިޝަރީޒް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން ދެއްވި ޖަވާބާ މެދު ހިތްހަމަނުޖެހި، ވަޒީރުގެ ސީދާ ޒިންމާތައް ސާފުކުރުމަށް މަޖިލީހުގެ ރިޔާސަތުން ނިންމައިފި އެވެ.

ރާއްޖޭން ތައިލެންޑަށް ވިއްކާ ގަނޑުކުރި ކަޅުބިލަމަހާއި ކުދި ކަންނެލިމަހުގެ ރިޖެކްޝަން ލެވެލްއާ ގުޅޭ ތަފާތު ތިން ސުވާލަކަށް ލިޔުމުން ޖަވާބު ހޯދުމަށް ހުށަހަޅުއްވާފައި ވަނީ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑާ) އެވެ.

އެ ތިން ސުވާލަށް ވެސް ފިޝަރީޒް މިނިސްޓަރު ލިޔުމުން ފޮނުއްވި ޖަވާބުގައި ވިދާޅުވެފައި ވަނީ އެ މައުލޫމާތަކީ ފިޝަރީޒް މިނިސްޓްރީން ބަލަހައްޓަމުން ގެންދާ މައުލޫމާތެއް ނޫން ކަމަށާއި އެ މައުލޫމާތު ސާފުކުރެވޭނީ މިފްކޯއިން ކަމަށެވެ.

އެ ޖަވާބާމެދު ހިތްހަމަނުޖެހުން ފާޅުކުރައްވައި، ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ވަޒީރެއްގެ ޒިންމާތަކަކީ އެ ވަޒީރަކު އަމިއްލަ އަށް ކަނޑައަޅާ ޒިންމާތަކެއް ނޫން ކަމަށެވެ.

"...އަޅުގަނޑު މިހާރު ބަލަމުން މިދަނީ އެ ބޭފުޅާއާ މި މަޖިލީހުން ހަވާލުކޮށްފައި އޮތީ ކޮން މަސައްކަތެއްތޯ. އެ ބޭފުޅާއާ ބެހޭ ކަންތަކާއި ނުބެހޭ ކަންތައް ކަނޑައަޅުއްވާނީކީ އެ ބޭފުޅާއެއް ނޫން. ވަޒީރު އަމިއްލަފުޅަށް ކުރައްވާ ކަމެއް ނޫން،" ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ، ދައުލަތުގެ ވުޒާރާއަކާ ހަވާލުކުރެވޭ މަސައްކަތްތައް މަޖިލީހުން ކަނޑައަޅާފައިވާ ކަމަށެވެ. އަދި ތަފާސްހިސާބުތައް ބެލެހެއްޓުން އެ ވުޒާރާގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ނަމަ، ފިޝަރީޒް މިނިސްޓަރަށް އެ ހުންނެވެނީ "ނުބައި މަގެއްގައި" ކަމަށް ނަޝީދު ވިދާޅުވި އެވެ.

މެމްބަރު އިބްރާހިމް މުހައްމަދު ރަޝީދު ކުރެއްވި އިތުރު ސުވާލުތަކަށް ވެސް ވަޒީރު އެއް ޖަވާބެއް ދެއްވާފައިވާއިރު، ނަޝީދު ވިދާޅުވީ އެ ސުވާލުތައް ކުރައްވަންޖެހުނު ސަބަބު އެނގިވަޑައިގަންނަވާ ކަމަށާއި، ރިޖެކްޓުވާ މަހަކީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހިނގާ ކަމެއްގެ ގޮތުގައި މަޖިލީހުން މީގެ ކުރިން ބެލި ބެލުމުން ސާފުވެފައިވާ ކަމަށެވެ.

މިގޮތުން، ރިޖެކްޓުވީ ކަމަށް ބުނެ އެކަމުގެ ނާޖާއިޒު ފައިދާ މީގެ ކުރިން ވެސް ނަގާފައިވާކަން ހާމަވެފައިވާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

އަދި ރާއްޖޭން ބޭރުކުރާ މަހުގެ ރިޖެކްޓުވާ މިންވަރުގެ ތަފާސްހިސާބަކީ އިލްމީ އަދި ދިރާސީ ގޮތުން ވެސް ފިޝަރީޒް މިނިސްޓްރީން ބަލަހައްޓަމުން ގެންދަންޖެހޭނެ މައުލޫމާތެއް ކަމަށް ނަޝީދު ތަކުރާރުކޮށް ވިދާޅުވި އެވެ.

"މިނިސްޓަރު އެ ގެންދަވަނީ މަޖިލީހުގެ މަސައްކަތަށް ހުރަސްއަޅުއްވަމުން،" ނަޝީދު ވިދާޅުވި އެވެ.