Roadha Mihaaru
ކޫއްޑު އަށް 800 ޓަނުގެ މަސް ގަނެވޭ ގޮތް ހަދަނީ

މަސްވެރިކަން ތިޔާގިވުމުގެ ކުރިން 800 ޓަނުގެ މަސް ގަނެވޭނެ ގޮތް ހަމަޖައްސަނީ

23 މެއި 2022

ކޫއްޑު އަށް ދުވާލަކު 800 ޓަނުގެ މަސް ގަނެވޭނެ ވަރަށް، މަސްވެރިކަމުގެ މޫސުން ފެށުމުގެ ކުރިން އެ ތަނުގެ ގާބިލްކަން އިތުރު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން މިއަދު ވިދާޅުވެއްޖެ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ކޫއްޑު އަށް ދުވާލަކު 800 ޓަނުގެ މަސް ގަނެވޭނެ ވަރަށް، މަސްވެރިކަމުގެ މޫސުން ފެށުމުގެ ކުރިން އެ ތަނުގެ ގާބިލްކަން އިތުރު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން މިއަދު ވިދާޅުވެއްޖެ އެވެ.

މަސްވެރިކަން ރަނގަޅުވާ ކޮންމެ ފަހަރު މަސް ކިރުވުމަށް ދަތިވެ ގިނަ އުނދަގޫތަކެއް ކުރިމަތިވެ އެވެ. ދާދި ފަހުން ވެސް އެ މައްސަލަ ބޮޑުވެ، ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ކަމާ ގުޅުވައިގެން މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ޑރ. ހުސައިން ވިދާޅުވީ، މަސްވެރިކަން ރަނގަޅުވާ ދުވަސްވަރު މަސް ކިރުވުމުގައި މިހާރު ދިމާވަމުންދާ މައްސަލަތައް ހައްލު ކުރުމަށް ކުރު މުއްދަތާއި ދިގު މުއްދަތަށް ވިސްނައިގެން ހައްލުތަކެއް ގެންނަން މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.

އޭނާ ވިދާޅުވީ މަސްވެރިކަން ތިޔާގިވާ ދުވަސްވަރު އެންމެ ގިނަ އަދަދަކަށް މަސް ކިރަނީ ރާއްޖޭގެ ދެކުނު ސަރަހައްދުގައި ކަމަށާއި ހާއްސަކޮށް ކޫއްޑޫ ފެސިލިޓީ އަށް ކަމަށެވެ.

ވޭތުވެދިޔަ 10 އަހަރުގެ ތަފާސްހިސާބަށް ބަލައިގެން ހޯދި މައުލޫމާތުތަކާ ހަވާލާދީ، ޑރ. ހުސައިން ވިދާޅުވީ މި އަހަރު މަސްވެރިކަމުގެ އެންމެ ރަނގަޅު މޫސުން އޮގަސްޓް މަހާއި ސެޕްޓެމްބަރު ހިސާބުގައި ފެށޭނެ ކަމަށެވެ. އަދި އޮކްޓޯބަރާއި އަންނަ އަހަރުގެ ޖެނުއަރީ މަހާ ހަމައަށް އާދަޔާ ހިލާފަށް ރަނގަޅުވާނެ ކަމަށް ވިދާޅުވި އެވެ.

ކުރިޔަށް އޮތް މަސްވެރިކަމުގެ މޫސުމުގައި މަދުވެގެން 800 ޓަނު ކޫއްޑޫ އަށް ގެންނާނެ ކަމަށް ބަލައިރު ޝޯޓް ޓާމް ހައްލެއްގެ ގޮތުން މަދުވެގެން އިތުރު 400 ޓަނު ގަނެވޭނެ އިންތިޒާމު ހަމަޖައްސަން ޖެހޭ،" --- ޑރ. ހުސައިން

މިނިސްޓަރުގެ އަންދާޒާއަކީ އެ ދުވަސްވަރު ކޫއްޑު އަށް އެކަނިވެސް ދުވާލަކު 800-1،000 ޓަނުގެ މަސް ކިރުވާނެ ކަމެވެ.

ނަމަވެސް ކޫއްޑޫގައި މިހާރު ހުރި ކެޕޭސިޓީ އާއި ކަލަމިންޖާ ބޯޓުގެ ކެޕޭސިޓީއާއެކު ޖުމުލަ ގަނެވޭނީ ދުވާލަކަށް 400 ޓަނުގެ މަސް ކަމަށް ވިދާޅުވި އެވެ.

"ކުރިޔަށް އޮތް މަސްވެރިކަމުގެ މޫސުމުގައި މަދުވެގެން 800 ޓަނު ކޫއްޑޫ އަށް ގެންނާނެ ކަމަށް ބަލައިރު ޝޯޓް ޓާމް ހައްލެއްގެ ގޮތުން މަދުވެގެން އިތުރު 400 ޓަނު ގަނެވޭނެ އިންތިޒާމު ހަމަޖައްސަން ޖެހޭ،" މިނިސްޓަރު ވިދާޅުވި އެވެ.

މަސްވެރިކަމުގެ މޫސުން އައުމުގެ ކުރިން ކުރިޔަށް އޮތް ތިން މަސް ދުވަސް ތެރޭގައި ކޫއްޑޫގެ ގާބިލްކަން އިތުރު ކުރެވޭނެ ހަމައެކަނި ގޮތަކީ ޑރ. ހުސައިން ވިދާޅުވިގޮތުގައި މަސް ފިނިކޮށް، ގަނޑު ކުރާ ފްރީޒާ ވެސަލްތަކެއް ގަތުމެވެ. އަދި މަދުވެގެން ތިން ބޯޓު ބޭނުންވާނެ ކަމަށް ވިދާޅުވި އެވެ.

އެކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރަން ރައީސް އޮފީހުގައި މިއަދު ވެސް ބައްދަލުވުމެއް އޮތް ކަމަށް ޑރ. ހުސައިން ވިދާޅުވި އެވެ. އަދި ފައިސާ ހަމަޖެހިއްޖެ ނަމަ ތިން މަސް ތެރޭގައި އެކަން ކުރެވޭނެ ކަމަށާއި އެހާ ހިސާބުން ވަރަށް ބޮޑަށް ފަސޭހަވާނެ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ގަބޫލުކުރެވޭ މިހާރު މި ކުރިމަތިވާ ކޮށި އެރުންތައް ފިލުވައި، ރައްޔިތުން ގަބޫލު ކުރާ މިންވަރަކަށް މަސް ގަތުމުގެ ކަންތައް ރަނގަޅު ކުރެވޭނެ ކަމަށް،" މިނިސްޓަރު ވިދާޅުވި އެވެ.

މިދިޔަ މަހުގެ ތެރޭގައި ވެސް މަސްވެރިކަން ރަނގަޅުވެ ކޫއްޑޫ ބަނދަރުގައި 63 ދޯންޏެއް 900 ޓަނު މަހާ އެކު ކިއޫ ހެދި ކަމަށް މިފްކޯ އިން ވަނީ ބުނެފަ އެވެ. އެކަމަކު އެ ކުންފުނީގެ ފްރީޒިން ކެޕޭސިޓީ އަކީ 480 ޓަނު ކަމަށާއި ހުރިހާ ދޯންޏަކުން މަސް ކިރައި ނިންމަން ދުވަސްތަކެއް ނަގާނެ ކަމަށް ބުންޏެވެ.