Roadha Mihaaru
ހުޅިދޫގައި މަސައްކަތް ފަށަން ދިން މުއްދަތު ހަމަވެފައި!

ހުޅިދޫގައި މަސައްކަތް ފަށަން ދިން މުއްދަތު ހަމަވެފައިވާކަން އެނގިއްޖެ

17 އޮކްޓޯބަރ 2022

ދަނޑުވެރިކަމުގެ ބޭނުމަށް ދޫކޮށްފައިވާ ވ. ހުޅިދޫގެ އެއްބަސްވުން ބާތިލުވާން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް އެގްރިކަލްޗަރު މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން އިއްޔެ ވިދާޅުވިޔަސް، އެއްބަސްވުމާ އެއްގޮތަށް އެ ރަށުގައި މަސައްކަތް ފަށަން ދިން މުއްދަތު ހަމަވެފައިވާ ކަން، ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދަށް، ޑރ. ހުސައިން މި މަހު ފޮނުއްވި ސިޓީއަކުން އެނގިއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ދަނޑުވެރިކަމުގެ ބޭނުމަށް ދޫކޮށްފައިވާ ވ. ހުޅިދޫގެ އެއްބަސްވުން ބާތިލުވާން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް އެގްރިކަލްޗަރު މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން އިއްޔެ ވިދާޅުވިޔަސް، އެއްބަސްވުމާ އެއްގޮތަށް އެ ރަށުގައި މަސައްކަތް ފަށަން ދިން މުއްދަތު ހަމަވެފައިވާ ކަން، ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދަށް، ޑރ. ހުސައިން މި މަހު ފޮނުއްވި ސިޓީއަކުން އެނގިއްޖެ އެވެ.

އޭނާ ސޮއިކުރައްވައި މި މަހުގެ ހަތަރެއްގައި ނަޝީދަށް ފޮނުއްވި އެ ސިޓީގައި ވިދާޅުވީ، ހުޅިދޫގެ އެއްބަސްވުމުގެ ދަށުން އެ ރަށުގައި ކުރުމަށް ހުށަހަޅާފައިވާ މަސައްކަތްތައް މޮނީޓާކޮށް، ވޯކް ޕްލޭނާ އެއްގޮތަށް މަސައްކަތް ނުކުރާތީ އިތުރު ފުރުސަތެއް ދޭން ސަރުކާރުން ނިންމި ކަމަށެވެ.

ސިޓީގައިވާ ގޮތުން، ހުޅިދޫ ދޫކޮށްފައިވާ އާރަށް އިންވެސްޓްމަންޓާއި ސަރުކާރާ ދެމެދުގައި އެއްބަސްވެގެން އެ މަސައްކަތް ފެށުމަށް ދިނީ އެއް އަހަރުގެ މުއްދަތެކެވެ. އެ މުއްދަތު ފެށުނީ މިދިޔަ އަހަރު ޖެނުއަރީ ފަހެއްގަ އެވެ. އެހެންވެ، މިހާރު އެ މުއްދަތު ވަނީ ހަމަވެފަ އެވެ.

އެކަމަކު، މިނިސްޓަރު "މިހާރު" އަށް އިއްޔެ ވިދާޅުވިގޮތުން ނަމަ ހުޅިދޫގެ އެއްބަސްވުމުގެ ތަފުސީލެއް މާ ބޮޑަކަށް އޭނާ އަށް އެނގިވަޑައެއް ނުގަންނަވަ އެވެ. އެއްބަސްވުން ނުވެސް ބައްލަވާ ކަމަށް ވިދާޅުވި އެވެ.

ހުޅިދޫ ކުއްޔަށް ދިނުމުގެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތުން މަތިން އެ ރަށުގައި ކުރުމަށް ހުށަހަޅާފައިވާ މަސައްކަތްތައް ނުކުރާ ނަމަ ނުވަތަ އެއްބަސްވުމުގައި ހިމެނޭ އެއްވެސް މާއްދާއަކާ ހިލާފުވެއްޖެ ނަމަ، އެ އެއްބަސްވުމުގެ ބަޔާންކުރާ އިޖުރައާތުތަކާ އެއްގޮތަށް މިނިސްޓްރީން އަމަލުކުރަމުން ގެންދާނެ ކަން ވ. އަތޮޅު ކައުންސިލަށް އަންގާފައިވާނެ ކަމަށް ވެސް ނަޝީދަށް ފޮނުއްވި ސިޓީގައި ހުސައިން ވިދާޅުވި އެވެ.

އެއްބަސްވުމާ އެއްގޮތަށް އަމަލު ނުކުރާތީ، ކަންކަން ރަނގަޅު ކުރަން ދަނޑުވެރިކަމާ ބެހޭ މިނިސްޓްރީން ދިން އެއް އަހަރު ދުވަހުގެ މުއްދަތު ހަމަވުމުން، ފަހުން އަމަލުކުރި ގޮތެއް އަދި އިތުރު ނޯޓިސްއެއް ދިން ކަމެއް ސާފެއް ނުވެ އެވެ.

މިނިސްޓަރު ހުސައިން އިއްޔެ ވިދާޅުވީ، ހުޅިދޫގައި އެއްވެސް މަސައްކަތެއް ނުކުރާތީ، އެ ރަށް ދޫކޮށްފައިވާ ކުންފުންޏާ އެކު ސަރުކާރުން ހަދާފައިވާ އެއްބަސްވުން ބާތިލުވެފައިވާ ކަމަށް ވ. އަތޮޅު ކައުންސިލުން ބުނާ ވާހަކަ އަކީ ދޮގެއް ކަމަށެވެ. އަދި ދަނޑުވެރިކަން ކުރުމުގެ ނަމުގައި 21 އަހަރަށް ކުއްޔަށް ދޫކޮށްފައި އޮތް ހުޅިދޫގެ އެއްބަސްވުން ބާތިލުކުރަން ޖެހޭ އެއްވެސް ސަބަބެއް ވެސް މިހާތަނަށް ފާހަގަނުކުރެވިފައި ނުވާ ކަމަށް އޭނާ "މިހާރު" އަށް އިއްޔެ ވިދާޅުވުި އެވެ.

"ހުޅިދޫ ކުއްޔަށް ދިނުމަށް ހެދި އެގްރީމެންޓް ސައްހަކަން މަތީ އަދި އެބައޮތް. އޭތި [އެއްބަސްވުން] ބާތިލުވެފައި އޮތްކަން، ނޫންކަން ކަނޑައެޅީ އެއްވެސް ކައުންސިލަކުން ނޫން. އެއީ މިނިސްޓްރީން [ނިންމާ ނިންމުމެއް]. ދެން އެގޮތަށް ކަނޑައެޅުމުގެ ޒިންމާ އޮންނާނީ ކޯޓަށް،" ހުސައިން ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް އެނގިފައިވާ ގޮތުން ނަމަ ކޮވިޑްގައި ދިމާވި ދަތިތަކާ ގުޅިގެން ތި ރަށުގައި ވެސް ކުރަންޖެހޭ ކަމެއް ނުކުރެވި ހުރީ. ހަނދާން ވާ ގޮތުން ނަމަ ގްރީން ހައުސްގެ ކޮންމެވެސް ކަމެއް ނިންމަން ޖެހެނީ. ދެން ހާލަތަކަށް ބަލައި ދޭ ފުރުސަތެއް ސަރުކާރުން ދެނީ. އަޅުގަނޑު ބުނާ ވާހަކައަކީ އެ ރަށުގެ އެއްބަސްވުން އަދިވެސް ދެމި އެބައޮތޭ."

ހުސައިން ވިދާޅުވި ގޮތުގައި ދަނޑުވެރިކަމަށް ދޫކުރާ ރަށެއްގެ އެއްބަސްވުން ބާތިލުކުރެވޭނެ ވަކި ހާލަތުތަކެއްގަ އެވެ. އެއީ ކުއްލި ނުދައްކާ ނަމަ އާއި ވަކި މުއްދަތެއްގެ ތެރޭގައި ކޮށް ނިންމަން ހުށަހަޅާ މަސައްކަތެއް ނުނިމުމުން އެކަން ކުރަން ނޯޓިސް ފޮނުވުމަށް ފަހު ވެސް އެ މަސައްކަތް ނުކުރާ ނަމަ ކަމަށެވެ.

ހުޅިދޫ، ރައްޔިތުންނަށް ދޭން ޖެހޭ ކަމަށް ވ. އަތޮޅު ކައުންސިލުން ބުނާއިރު، އެ ރަށުގެ ތިމާވެއްޓަށް ވެސް ވަރަށް ބޮޑެތި ގެއްލުންތައް ދީފައިވާ ކަމަށް ކައުންސިލުން ބުނެ އެވެ.

ވ. އަތޮޅު ކައުންސިލާއި އެ އަތޮޅުގެ ރަށްރަށުގެ ކައުންސިލްތައް އަދި ރައްޔިތުން ހުޅިދު އަށް އަރައި، އެ ރަށުން ފައިބައިން ދެކޮޅު ހަދައި މިދިޔަ ހަފުތާގައި އިހުތިޖާޖު ވެސް ކުރި އެވެ. ދެ ދުވަހުގެ އެ އިހުތިޖާޖު ނިންމާލީ އަންނަ ބުރާސްފަތި ދުވަހުގެ ކުރިން ރައްޔިތުންގެ ކަންބޮޑުވުމާ މެދު މަޝްވަރާކޮށް، ހައްލު ހޯދައިދޭނެ ކަމުގެ ޔަގީންކަން ރައީސް އޮފީހުން ދިނުމުންނެވެ.