Roadha Mihaaru
މި ބޮޑުމަސް ވ.އަތޮޅުގައި ބުރުއަޅާ މަންޒަރު ހިތްގައިމު

މި ބޮޑުމަސް ވާވު އަތޮޅުގައި ބުރުއަޅަނީ، ހިތްގައިމު މަންޒަރެއް

12 ޖުލައި 2024

ސްނޯކްލިންއަށް ކުޅަދާނަ ޒުވާނާ، މުހައްމަދު ނަވާޒަށް ބޮޑުމަސް ފެނުނީ ޓޫރިސްޓުންނާ އެކު ޝިޕްރެކަށް ދަތުރުކުރަނިކޮށް ވ. އަތޮޅުގެ އިރުމަތީ ފަރާތުގައި އޮންނަ އަލިމަތާ ރިސޯޓް ކައިރިންނެވެ. މިއީ ބޮޑު މަހުގެ ބާވަތެއް ކަމަށްވާ "ބްލޫ ވޭލް" އެކެވެ. ގާތްގަނޑަކަށް 90 ފޫޓުގެ ބޮޑުމަހުގެ ފަރި ހަރަކާތްތައް ވީ އާދަޔާ ޚިލާފު ކަމަކަށެވެ. ހިތްއުފާކޮށްދޭ މަންޒަރަކަށެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ސްނޯކްލިންއަށް ކުޅަދާނަ ޒުވާނާ، މުހައްމަދު ނަވާޒަށް ބޮޑުމަސް ފެނުނީ ޓޫރިސްޓުންނާ އެކު ޝިޕްރެކަށް ދަތުރުކުރަނިކޮށް ވ. އަތޮޅުގެ އިރުމަތީ ފަރާތުގައި އޮންނަ އަލިމަތާ ރިސޯޓް ކައިރިންނެވެ. މިއީ ބޮޑު މަހުގެ ބާވަތެއް ކަމަށްވާ "ބްލޫ ވޭލް" އެކެވެ. ގާތްގަނޑަކަށް 90 ފޫޓުގެ ބޮޑުމަހުގެ ފަރި ހަރަކާތްތައް ވީ އާދަޔާ ޚިލާފު ކަމަކަށެވެ. ހިތްއުފާކޮށްދޭ މަންޒަރަކަށެވެ.

ބޮޑުމަހާ އެކު ފީނައި އެއާއެކު ނަވާޒް ސެލްފީއެއް ވެސް ނެގި އެވެ. ގިނަ ބައެއްގެ ޝައުގުވެރިކަން ހުއްޓި އެ ފޮޓޯ ސޯޝަލް މީޑިއާގައި ވައިރަލް ވެއްޖެ އެވެ. މި ބޮޑުމަސް އެންމެ ފުރަތަމަ ފެނުނު ދުވަހު ވެސް އޭނާ ވަނީ ރީތި ވީޑިއޯތަކެއް ނަގައިފަ އެވެ.

ބޮޑުމަސް ފެނުމަކީ ރާއްޖޭގައި އެހާ އާއްމުކަމެއް ނޫނެެވެ. އެކަމަކު ވ. އަތޮޅުގެ އެތެރެވަރީގަޔާއި ބޭރުގައި މި ބޮޑުމަސް ބުރުއަޅަމުން، އެނބުރެމުން ދާތާ މިހާރު ހަފުތާއެއްހާ ދުވަސް ވެއްޖެ އެވެ. މި ސޮރު ބަލަން އެތައް ބަޔަކު ކެމެރާތަކާއި ޑްރޯންތައް ހިފައިގެން ކޮންމެ ދުވަހަކު އެބަދެ އެވެ. އެ މަންޒަރުތަކުން ސޯޝަލް މީޑިއާ މިހާރު ވަނީ ފުރާލައިފަ އެވެ.

މާފުށީގެ ޓުއާ އެޖެންސީއެއް ކަމަށްވާ "ސީމަންކީ މޯލްޑިވްސް"ގެ ފަރާތުން ޓޫރިސްޓުން ގޮވައިގެން އެކްސްކާޝަންތަކަށް ދާ ނަވާޒު ބުނީ އެ މީހުންނަށް ބޮޑުމަސް އެންމެ ފުރަތަމަ ފެނުނީ މިދިޔަ ހޮނިހިރުދުވަހު ކަމަށެވެ. އޭގެ ފަހުން، ވެސް ގިނަ ބަޔަކަށް ފެނިގެން ބޮޑުމަހުގެ ފޮޓޯ އާއްމުކޮށްފި އެވެ.

ވ. އަތޮޅުން ފެނުނު ބޮޑުމަހުގެ ބާވަތެއް ކަމަށްވާ "ބްލޫ ވޭލް".-- ފޮޓޯ: މުހައްމަދު ނަވާޒްނުނު ބޮ

ވ. އަތޮޅުން ފެނުނު ބޮޑުމަހުގެ ބާވަތެއް ކަމަށްވާ "ބްލޫ ވޭލް".-- ފޮޓޯ: މުހައްމަދު ނަވާޒްނުނު ބޮ

"އަދިވެސް އޭތި [ބޮޑުމަސް] އެބަ އުޅޭ އިނގޭ، އިއްޔެ ވެސް ބަލާފައި މި އައީ،" ސްނޯކްލިން އާއި ޑައިވިން އަށް ވެސް ކުޅަދާނަ މި ޒުވާނާ ބުންޏެވެ.

"އިއްޔެ ފެނުނީ ވ. ފުލިދު އާއި ރިހިވެއްޔާ ދެމެދުގައި މި އޮންނަ ޗެނަލްގެ މެދުން."

ވ. އަތޮޅުން ފެނުނު ބްލޫ ވޭލްއާ އެކު ނަވާޒް ނެގި ސެލްފީ.-- ފޮޓޯ: މުހައްމަދު ނަވާޒް

ވ. އަތޮޅުން ފެނުނު ބްލޫ ވޭލްއާ އެކު ނަވާޒް ނެގި ސެލްފީ.-- ފޮޓޯ: މުހައްމަދު ނަވާޒް

ބޮޑުމަހަކީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދިރިއުޅޭ ބާވާތެއް ނޫނެވެ. ނަމަވެސް، ރާއްޖޭގައި ހިމާޔަތްކޮށްފައިވާ ކަނޑުގެ ބާވަތްތަކުގެ ލިސްޓުގައި ބޮޑުމަސް ވަނީ ހިމަނައިފަ އެވެ. އާންމުކޮށް ރާއްޖެ ސަރަހައްދުން މިގޮތަށް ބޮޑުމަސް ނުވެސް ފެނެ އެވެ. ގިނަ ފަހަރަށް ފެންނަނީ މަރުވެގެން ރަށްރަށުގެ ގޮނޑުދޮށްތަކަށް ލައްގާ އެއްޗެއްސެވެ.

މިއީ ބޮޑުމަސް އާންމުކޮށް ހިޖުރަކުރާ ދުވަސްވަރެވެ. އެހެންވެ، ރާއްޖެ ސަރަހައްދުން މި ބޮޑުމަސް ފެނުން ގުޅިފައި ވަނީ އެ ސޮރުމެން ހިޖުރަކުރުމާ ކަމަށް ބެލެވެ އެވެ.

އެޓްލާންޓިކް ކަނޑުގައި ދިރިއުޅޭ ބޮޑުމަހުގެ ބާވަތްތައް ދުނިޔޭގެ އުތުރުގެ ކަނޑުތަކަށް އާންމުކޮށް ހިޖުރަކުރަން ފަށަނީ ކޮންމެ އަހަރެއްގެ ވެސް މެއި، ޖޫން ހިސާބުގަ އެވެ. އެހެންވެ، މި ދުވަސްވަރު ރާއްޖޭގެ ކަނޑުގެ ސަރަހައްދުން މި އެއްޗެހި ފެނުމުގެ ފުރުސަތު ބޮޑެވެ. ބޮޑުމަހަކީ ހިޖުރަކުރާ ދުވަސްވަރު ވަރަށް ދުރަށް ދަތުރުކުރާ އެއްޗެކެވެ.

"އެ އެއްޗެއްސަށް ވަރަށް ކާ އެއްޗެހި އެބައޮތް އިނގޭ މިހާރު. އެހެންވެގެންހެން ހީވަނީ މިހާ ގިނައިން މި އުޅެނީ،" ނަވާޒް ވެސް ބުންޏެވެ.

ބޮޑުމަސް އާންމުކޮށް ކަނީ ޕްލެންކްޓަންގެ ބާވަތްތަކެވެ. އަދި ކުދި މަހާއި ބޯވަދިލަމަސް ކަހަލަ އެއްޗެހި ވެސް ކައި އުޅެ އެވެ.

ދިރާސާތަކުން އެނގޭ ގޮތުގައި، ބޮޑުމަސް ހިޖުރަކުރާ މައިގަނޑު ސަބަބަކީ ކާނާ ހޯދުމާއި މޭޓްކުރުމެވެ. މީގެ އަސްލު މާހައުލުގައި ހޫނުގަދަވާ ދުވަސްވަރުގައި މި އެއްޗެއްސަށް ކާނާ ލިބޭވަރު މަދުވެ އެވެ. އެހެންވެ، ކާނާ ގިނައިން ލިބޭނެ ހިސާބުތަކަށް މި އެއްޗެހި ދަތުރުކުރެ އެވެ. ހަމަ އެގޮތަށް މީގެ އަސްލު މާހައުލުގައި މާ ބޮޑަށް ފިނިގަދަވުމުން ވެސް ކާނާ ނުލިބިގެން އެހެން ހިސާބުތަކަށް ދުވަސްދުވަހުން ހިޖުރަކުރެ އެވެ.

ސައިންޓިފިކް ދިރާސާތައް ޝައިއުކުރާ މެރިން މެމަލް ސައިންސް ޖާނަލްގައި 2019 ވަނަ އަހަރު އާންމުކޮށްފައިވާ ދިރާސާއެއްގައިވާ ގޮތުގައި، ދުނިޔޭގެ ކަނޑުގެ އެންމެ ފިނި ހިސާބުތަކުގައި ދިރިއުޅޭ ބޮޑުމަހުގެ ބާވަތްތައް ތިލަ ހިސާބުތަކަށް ނުވަތަ ހޫނުކަން އިހުސާސްކުރެވޭ ހިސާބުތަކަށް ބައެއް ފަހަރު ހިޖުރަކުރާ އިތުރު ސަބަބަކީ އޭގެ ހަމުގެ ދުޅަހެޔޮކަން ދެމެހެއްޓުމެވެ.

ހަފުތާއެއް ވަންދެން ބޮޑުމަސް ވ. އަތޮޅުން ފެނުން ވީ ރާއްޖޭގެ ހިތްގައިމު މަންޒަރުތަކުގެ ލިސްޓަށް އެރި ކަމަކަށެވެ. ރާއްޖެއަށް، ބޮޑުމަހުގެ މި ދަތުރުވީ ގިނަ ބަޔަކު އެ ސޮރަށް ހިތްދޫވި މަންޒަރަކަށެވެ.