Roadha Mihaaru
ޖާދޫގައި ޖައްސަމުން ބޮޑުމަސް ފ. އަތޮޅަށް

އެންމެން ޖާދޫގައި ޖައްސަމުން ބޮޑުމަސް ފ. އަތޮޅަށް

21 ޖުލައި 2024

ރާއްޖެއިން ފެނުނު ބޮޑުމަސް ވ. އަތޮޅުގައި ފުންމަމުން، ބުރުއަޅައި މުޅި ދުނިޔޭގެ ސަމާލުކަން ހޯދާފައި ވަނިކޮށް، އިއްޔެ ފ. އަތޮޅުގައި ވެސް ބޮޑުމަހުގެ ޖާދޫގައި ގިނަ ބަޔަކު ޖައްސައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ރާއްޖެއިން ފެނުނު ބޮޑުމަސް ވ. އަތޮޅުގައި ފުންމަމުން، ބުރުއަޅައި މުޅި ދުނިޔޭގެ ސަމާލުކަން ހޯދާފައި ވަނިކޮށް، އިއްޔެ ފ. އަތޮޅުގައި ވެސް ބޮޑުމަހުގެ ޖާދޫގައި ގިނަ ބަޔަކު ޖައްސައިފި އެވެ.

މި މަހުގެ ކުރީކޮޅު ފެނުނު 90 ފޫޓުގެ "ބްލޫ ވޭލް"ގެ ހިތްގައިމު މަންޒަރުތައް ދުނިޔޭގެ މީޑިއާތަކުން ވެސް ގެނެސްދިނެވެ. ރާއްޖޭގެ އާދަޔާޚިލާފު ރީތި ކަމެއްގެ ގޮތުގައި ސިފަކޮށް، ބޮޑުމަހުގެ ދިގުކަން އެނގޭ ގޮތަށް ޑައިވަރަކު ފީނަނިކޮށް ވީޑިއޯއެއް ވެސް ވަނީ ވައިރަލްވެފަ އެވެ.

މި ވީޑިއޯއަށް ސަމާލުކަން ހުއްޓިފައި ވަނިކޮށް ބޮޑުމަސް އިއްޔެ ފެނުނީ، ފ. ނިލަންދޫގެ އިރުދެކުނު ފަރާތުންނެވެ.

އެ ސޮރު އެ ސަރަހައްދުގައި އޮވެ، ބުރުއަޅައި، ފުންމައި ހަދާތަން ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯއަކުން ފެނެ އެވެ. އޭގެ މި ފަރި ހަރަކާތްތައް ފެނި އުފާވެގެން ކުޑަކުދިން ހަޅޭލަވައި، ހީ ހަދާ އަޑު ވެސް އެ ވީޑިއޯ އިން އިވެ އެވެ.

މި ވީޑިއޯ ނެގި ނިލަންދޫ، މުހައްމަދު ސޮބާހް ބުނީ މި ބޮޑުމަސް ފެނުނީ އާއިލާގެ ބަޔަކާ އެކު ރަށުގެ އިރުދެކުނު ފަރާތަށް އިއްޔެ ދަތުރު ގޮސް އުޅެނިކޮށް ކަމަށެވެ.

"ފުރަތަމަ އަހަރެމެން ހީކުރީ ކޯމަހެއް ކަމަށް،" އޭނާ ބުންޏެވެ.

"އެކަމަކު، ފަހުން އެ ވަރަށް މައްޗަށް ފުއްމަން ފެށީމަ އެނގިއްޖެ ބޮޑުމަހެއްކަން."

އޭނާ ބުނީ މިދިޔަ ހަފުތާ ބަންދުގައި އެ ރަށުން އެހެން ރަށްރަށަށް ދަތުރުކުރި ބައެއް އޮޑިފަހަރުގައި ދިޔަ މީހުންނަށް ވެސް މި ބޮޑުމަސް ފެނުނު ވާހަކަ ބުނެފައިވާ ކަމަށެވެ.

ބޮޑުމަހުގެ ބާވަތެއް ކަމަށްވާ "ބްލޫ ވޭލް"އެއް ވ. އަތޮޅުގެ އެކި ހިސާބުތަކުން ފެންނަތާ ވެސް މިހާރު ދެ ހަފުތާއެއްހާ ދުވަސްވެއްޖެ އެވެ. އެތައް ބަޔަކު މި މަންޒަރު ވީޑިއޯކޮށްފި އެވެ.

ކ. މާފުށީގައި ޓޫރިސްޓުންނަށް އެކްސްކާޝަންތައް ހިންގާ "ޝެޑޯޕާމް ޓުއާސް"ގެ ޑައިވަރުން ނެގި މި ބޮޑުމަހުގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވައިރަލްވެ، އެމެރިކާގެ މަޝްހޫރު ޓެލެވިޒަން ނެޓްވޯކެއް ކަމަށްވާ އޭބީސީ ނިއުސްގައި ވަނީ ފީޗާކޮށްފަ އެވެ. އެ ނޫހުގެ ޔޫޓިއުބާއި ޓިކްޓޮކް އެކައުންޓުގައި ވަނީ މި ވީޑިއޯ ހިއްސާކޮށްފަ އެވެ.

އެ ވީޑިއޯގައި ފެންނަނީ "ޝެޑޯޕާމް ޓުއާސް"ގެ މުވައްޒަފަކު ބޮޑުމަސް ކައިރީގައި ފީނާތަނެވެ.

ބޮޑުމަސް ފެނުމަކީ ރާއްޖޭގައި އެހާ އާންމު ކަމެއް ނޫނެެވެ. އަދި ބޮޑުމަހަކީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދިރިއުޅޭ ބާވާތެއް ވެސް ނޫނެވެ. ނަމަވެސް، ރާއްޖޭގައި ހިމާޔަތްކޮށްފައިވާ ކަނޑުގެ ބާވަތްތަކުގެ ލިސްޓުގައި ބޮޑުމަސް ވަނީ ހިމަނައިފަ އެވެ. އާންމުކޮށް ރާއްޖެ ސަރަހައްދުން މިގޮތަށް ބޮޑުމަސް ނުވެސް ފެނެ އެވެ. ގިނަ ފަހަރަށް ފެންނަނީ މަރުވެގެން ރަށްރަށުގެ ގޮނޑުދޮށްތަކަށް ލައްގާ އެއްޗެއްސެވެ.

މިއީ ބޮޑުމަސް އާންމުކޮށް ހިޖުރަކުރާ ދުވަސްވަރެވެ. އެހެންވެ، ރާއްޖެ ސަރަހައްދުން މި ބޮޑުމަސް ފެނުން ގުޅިފައި ވަނީ އެ ސޮރުމެން ހިޖުރަކުރުމާ ކަމަށް ބެލެވެ އެވެ.

ބޮޑުމަހަކީ ހިޖުރަކުރާ ދުވަސްވަރު ވަރަށް ދުރަށް ދަތުރުކުރާ އެއްޗެކެވެ.

ދިރާސާތަކުން އެނގޭ ގޮތުގައި، ބޮޑުމަސް ހިޖުރަކުރާ މައިގަނޑު ސަބަބަކީ ކާނާ ހޯދުމާއި މޭޓްކުރުމެވެ. މީގެ އަސްލު މާހައުލުގައި ހޫނުގަދަވާ ދުވަސްވަރުގައި މި އެއްޗެއްސަށް ކާނާ ލިބޭވަރު މަދުވެ އެވެ. އެހެންވެ، ކާނާ ގިނައިން ލިބޭނެ ހިސާބުތަކަށް މި އެއްޗެހި ދަތުރުކުރެ އެވެ. ހަމަ އެގޮތަށް މީގެ އަސްލު މާހައުލުގައި މާ ބޮޑަށް ފިނިގަދަވުމުން ވެސް ކާނާ ނުލިބިގެން އެހެން ހިސާބުތަކަށް ދުވަސްދުވަހުން ހިޖުރަކުރެ އެވެ.