ފެނަކައިން ރަށްރަށުގައި ހިންގަން ފެށި އައިސް ޕްލާންޓްތަކުން ކުންފުންޏަށް ބޮޑު ގެއްލުމެއް ލިބެމުންދާތީ، އެ ހިދުމަތް ހުއްޓާލައިފި އެވެ.
02 އޯގަސްޓް 2024
ފެނަކައިން ރަށްރަށުގައި ހިންގަން ފެށި އައިސް ޕްލާންޓްތަކުން ކުންފުންޏަށް ބޮޑު ގެއްލުމެއް ލިބެމުންދާތީ، އެ ހިދުމަތް ހުއްޓާލައިފި އެވެ.
އެ ކުންފުނިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މެނޭޖިން ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދު ވިދާޅުވީ، އައިސް ޕްލާންޓްތައް ހިންގައިގެން ފެނަކައަށް އަހަރަކު 12 މިލިއަން ރުފިޔާގެ ބޮޑު ގެއްލުމެއް ލިބޭ ކަމަށެވެ. ކުރީ ސަރުކާރުން އެ ކުންފުނި މެދުވެރިކޮށް ފެށި އައިސް ޕްލާންޓް ހިދުމަތަކީ ފެނަކައިގެ މެންޑޭޓުގައި ހިމެނޭ މަސައްކަތްތަކާ ނުވެސް ގުޅޭ ކަމެއް ކަމަށް މުއާޒް ވިދާޅުވި އެވެ.
"އެހެންވީމަ އަޅުގަނޑުމެން ނިންމީ ގެއްލުންވާ އެއްވެސް ކަމެއް ކުރިއަށް ނުގެންދަން. އޭގެތެރެއިން އައިސް ޕްލާންޓުތައް އޮޕަރޭޓު ކުރުން ވެސް ނިމުމަކަށް މިގެނައީ،" އޭނާ ވިދާޅުވި އެވެ.
މުއާޒް ވިދާޅުވީ، ލ އަތޮޅުގައި އައިސް ޕްލާންޓެއް ހިންގަމުން ދަނިކޮށް ފެނަކައިން އެތަނުގައި އިތުރު އައިސް ޕްލާންޓެއްގެ ހިދުމަތް ފެށި އެވެ. މިއީ އެއްވެސް ހަމަޖެހޭ އުސޫލަކުން ކޮށްފައިވާ ކަމެއް ނޫން ކަަމަށާއި އެކަން ވެސް ބަލަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
ފަސް ރަށެއްގައި އައިސް ޕްލާންޓް ގާއިމް ކުރަން ފެނަކައިން ހަވާލުވީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގަ އެވެ. އޭރު ނިންމާފައިވަނީ ހއ.ދިއްދު އާއި ގދ. ރަތަފަންދު އާއި އއ.ރަސްދު އާއި ދ. މީދޫގެ އިތުރުން ލ. މާމެންދޫ ގައި އައިސް ޕްލާންޓް ބެހެއްޓުމަށެވެ.
މުއާޒް ވިދާޅުވި ގޮތުގައި އައިސް ޕްލާންޓް އޮޕަރޭޓު ކުރުމުގެ އިތުރުން އޭޓީއެމް ހެދުމުގެ ޕްރޮޖެކްޓެއް ވެސް ކުރީ ސަރުކާރުން އެ ކުންފުނި މެދުވެރިކޮށް ހިންގަމުން ދިޔަ އެވެ. އެއީ ވެސް އެ ކުންފުނީގެ މައިގަނޑު މަސައްކަތަށް އެއްވެސް ފައިދާއެއް ނުކުރާ މަސައްކަތެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ފެނަކައިން ނިންމާފައި ވަނީ ކުންފުންޏަށް ގެއްލުންވާ ގޮތަށް ކުރިން ކުރަމުން އައި ހުރިހާ ކަމެއް ހުއްޓާލުމަށެވެ. މިކަންކަން ތަންފީޒުކުރަން ފެށުމުގެ ނަތީޖާއެއްގެ ގޮތުން މި އަހަރުގެ ފުރަތަމަ ދެ ކުއާޓަރުގައި ކުންފުނި ހިންގީ ފައިދާގައި ކަމަށް ވެސް މުއާޒް ވިދާޅުވި އެވެ.
ކުންފުނީގެ ޒިންމާގައި ނުހިމެނޭ މަސައްކަތްތަކާ ހަވާލުވުން ފަދަ އެކި ކަންކަމާ ހެދި، މި ސަރުކާރު ހަވާލުވި އިރު ފެނަކައިގެ ދަރަނި 4 ބިލިއަނަށް ވުރެ މައްޗެވެ.
ފެނަކައިގެ ދަރަނިން 900 މިލިއަން ރުފިޔާ ދައްކައިފި
މުވައްޒަފުން ޗުއްޓީ ނެގުމުން ދޭ އެލަވަންސް ހުއްޓާލައިފި
ހަރަދުކުޑަކޮށް، ދެ ކުއާޓަރުގައި ވެސް ފެނަކައަށް ފައިދާ
އައިސްޕްލާންޓުތައް މިފްކޯގެ ދަށަށް ބަދަލުކޮށްފި
އައިސްޕްލާންޓްތައް މިފްކޯގެ ދަށަށް ބަދަލުކުރަނީ
ފެނަކައިގެ އާ އެމްޑީއަކަށް ނަޖާހު އައްޔަންކޮށްފި
ފެނަކައިގެ އެމްޑީ މުއާޒު އިސްތިއުފާ ދެއްވައިފި
ފެނަކަ އިނދަޖެހިފައި، މުސާރަ ވެސް ދެވޭ ވަރެއް ނޫން!
ފެނަކައިގެ މައްޗަށް 27 މިލިއަން ރުފިޔާގެ ހުކުމެއް
ފެނަކައިގެ ހާލަތު ރަނގަޅުކުރަން އެހެން ހައްލެއް ހޯދަނީ