Roadha Mihaaru
ހަރަދުކުޑަކޮށް، ދެ ކުއާޓަރުގައި ވެސް ފެނަކައަށް ފައިދާ

ހަރަދު ކުޑަކޮށް، މި އަހަރުގެ ދެ ކުއާޓަރުގައި ވެސް ފެނަކަ ހިންގީ ފައިދާގައި: މުއާޒް

01 އޯގަސްޓް 2024

މި އަހަރުގެ ފުރަތަމަ ދެ ކުއާޓަރުގައި ވެސް ފެނަކަ ހިންގީ ފައިދާގައި ކަމަށާއި ކުންފުނީގެ މާލީ ހާލަތު ރަނގަޅު ކުރަން ހަރަދުތައް ކުޑަ ކުރުމުގެ މުހިއްމު މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މި އަހަރުގެ ފުރަތަމަ ދެ ކުއާޓަރުގައި ވެސް ފެނަކަ ހިންގީ ފައިދާގައި ކަމަށާއި ކުންފުނީގެ މާލީ ހާލަތު ރަނގަޅު ކުރަން ހަރަދުތައް ކުޑަ ކުރުމުގެ މުހިއްމު މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ފެނަކަ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުއާޒް ވިދާޅުވީ، ވޭތުވެދިޔަ ފަސް އަހަރު ކުންފުނި ހިންގީ ވަރަށް ބޮޑަށް ގެއްލުންވާ ގޮތަށް ކަމަށެވެ. އެކަމަކު މި ވެރިކަމުގައި، ކުންފުނީގެ ހަރަދު ކުޑަ ކުރަން ފެށި މަސައްކަތްތަކުގެ ސަބަބުން މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ހަތަރު މިލިއަން ރުފިޔާގެ ފައިދާވި ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ދެވަނަ ކުއާޓަރުގައި އެ ކުންފުންޏަށް 7.4 މިލިއަން ރުފިޔާގެ ފައިދާ ލިބިފައިވެ އެވެ.

މުއާޒް ވިދާޅުވީ ކުންފުނި ފައިދާގައި ހިންގުނީ ހަރަދުތައް ވަރަށް ބޮޑަށް ކުޑަކޮށްގެން ކަމަށެވެ. ކުރިއަށް އޮތްތަނުގައި ވެސް އިތުރު ދާއިރާތަކުން ހަރަދުތައް ކުޑަ ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އާ މެނޭޖްމަންޓުން ފެނަކައާ ހަވާލުވި އިރު އެ ކުންފުނީގައި 8،200 މުވައްޒަފުން މަސައްކަތް ކުރި އެވެ. އެކަމަކު އެ ކުންފުނީގައި މިހާރު ތިބީ 7،300 މުވައްޒަފުން ކަމަށް މުއާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ކުންފުނި "ރައިޓް ސައިޒު" ކުރުމުގެ މަސައްކަތުގެ ދަށުން އެކުންފުންޏަށް މިވަގުތަށް އެކަށީގެންވާ މުވައްޒަފުންގެ އަދަދު ކަނޑައަޅާނެ ކަމަށެވެ.

މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި އެ ކުންފުންޏަށް ވަނީ 24 މިލިއަން ރުފިޔާގެ ގެއްލުމެއް ލިބިފަ އެވެ. އަދި ކުންފުނި ހިންގަން ޖެހުނީ ސަރުކާރުގެ ވަރަށް ބޮޑު މާލީ އެހީއާ އެކުގަ އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކުންފުނި އަދިވެސް އޮތީ ވަރަށް އުނދަގޫ ހާލަތެއްގަ އެވެ. އެހެންވިޔަސް ކުންފުނީގެ ދަރަނި ކުޑަކޮށް، އަމިއްލަ ފަރާތްތަކަށް ދައްކަން ޖެހޭ ފައިސާ ވެސް ދެމުން އަންނަ ކަމަށް ވިދާޅުވި އެވެ.

މުއާޒް ވިދާޅުވީ އެ ކުންފުނިން 29 ރަށަށް ފެން ދެނީ ބިލް ނުކޮށް ކަމަށާއި، ބިލް ކުރަން ފެށުމުން ވެސް ކޮންމެވެސް ވަރެއްގެ ފައިދާއެއް ލިބޭނެ ކަމަށެވެ.

"އަޅުގަނޑުމެން އުންމީދުކުރާ މިންވަރާ ގާތަށް ވެސް އަޅުގަނޑުމެންގެ ހިދުމަތްތަކުގެ ފެންވަރު މައްޗެއް ނުކުރެވޭ. އެ ސަބަބަކީ، އަޅުގަނޑުމެން ހޯދަން އެބަ ޖެހޭ ވަރަށް ގިނަ އަދަދެއްގެ ފައިސާ ސްޕެއާ ގަތުމަށްޓަކައި، ޖެނެރޭޝަން ކެޕޭސިޓީ އިތުރު ކުރުމަށްޓަކައި ނެޓްވޯކް އަޕްގްރޭޑް ކުރުމަށްޓަކައި،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކުންފުނީގެ ދަރަނިތައް އަދާކުރަން ކޮންމެ މަހަކު ވެސް ވަކި ވަރެއް ހޭދަކުރަން ޖެހެ އެވެ. އަމާޒަކީ 2027 ވަނަ އަހަރާ ހަމައަށް އެކުންފުނީގެ މިވަގުތު އޮތް 4.3 ބިލިއަން ރުފިޔާގެ ދަރަނި ހަލާސްކުރުން ކަމަށް ވެސް ވިދާޅުވި އެވެ.