Roadha Mihaaru

ކުންފުންޏަކަށް 13 މިލިއަން ދައްކަން ފެނަކައިގެ މައްޗަށް ހުކުމެއް

އައިލެންޑް އިންޖިނިއަރިން ސާވިސަސް އެންޑް ސަޕްލައިސް ޕްރައިވެޓް ލިމިޓެޑް ކިޔާ އަމިއްލަ ކުންފުންޏަކަށް 13.3 މިލިއަން ރުފިޔާ ދައްކަން ފެނަކަ ކޯޕަރޭޝަންގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

ކުންފުންޏަކަށް 13 މިލިއަން ދޭން ފެނަކައަށް ހުކުމެއް

އައިލެންޑް އިންޖިނިއަރިން ސާވިސަސް އެންޑް ސަޕްލައިސް ޕްރައިވެޓް ލިމިޓެޑް ކިޔާ އަމިއްލަ ކުންފުންޏަކަށް 13.3 މިލިއަން ރުފިޔާ ދައްކަން ފެނަކަ ކޯޕަރޭޝަންގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

ފެނަކަ އަށް އެ ކުންފުނިން ފޯރުކޮށްދިން މުދަލަށްވާ އަގު ހޯދަން ސިވިލް ކޯޓުގައި ދައުވާ ކުރުމުން އެދިފައިވަނީ މުދަލުގެ އަގާއި ޖީއެސްޓީއާ އެކު 15 މިލިއަން ރުފިޔާ ހޯދާށެވެ. އަދި ގާނޫނީ މަސައްކަތްތަކަށް ހޭދަވި 16 މިލިއަން ރުފިޔާއާ އެކު ޖުމްލަ 31 މިލިއަން ރުފިޔާ ހޯދަން ދައުވާގައި އެދިފައިވެ އެވެ.

މި ފައިސާގެ ތެރެއިން މުދަލުގެ އަގު ކަމަށްވާ 13.3 މިލިއަން ރުފިޔާ ދޭން ފެނަކަ އިން ކޯޓުގައި އެއްބަސްވި އެވެ.

އެހެންވެ، ސިވިލް ކޯޓުން ހުކުމް ކޮށްފައިވަނީ ފެނަކަ އިން އެއްބަސްވި 13.3 މިލިއަން ރުފިޔާ ފެނަކަ އިން އައިލެންޑް އިންޖިނިއަރިން ސާވިސަސް އެންޑް ސަޕްލައިސް ކުންފުންޏަށް ހަތް މަސް ދުވަހުގެ ތެރޭގައި ދައްކާ ހަލާސް ކުރުމަށެވެ.

ފެނަކައިގެ ހަތަރު ބިލިއަން ރުފިޔާގެ ދަރަންޏެއް އޮތްއިރު، ގިނަ ފަރާތްތަކުން ވަނީ ފައިސާ ހޯދަން ފެނަކައާ ދެކޮޅަށް ދައުވާކޮށްފަ އެވެ. އޭގެ ތެރެއިން ބައެއް މައްސަލަތަކާ ގުޅިގެން ފެނަކައިގެ އެކައުންޓްތަކުން ވަކި އަދަދަކަށް ފައިސާ ހިފަހައްޓަން ވެސް ކޯޓުން އޮތީ އަމުރުކޮށްފަ އެވެ.