Roadha Mihaaru
ފެނަކައަކީ ފައިދާވާ ކުންފުންޏަކަށް ހެދޭނެ: އެސްޓީއޯ

ފެނަކަ ކޯޕަރޭޝަނަކީ ފައިދާވާ ކުންފުންޏަކަށް ހެދޭނެ: އެސްޓީއޯ

28 އޯގަސްޓް 2024

އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ފެނަކަ ކޯޕަރޭޝަން ބަދަލު ކުރުމުން ފެނަކަ ކުންފުނީގެ މާލީ ހާލަތު ރަނގަޅުކޮށް، ފައިދާވާ ކުންފުންޏަކަށް ހެދޭނެ ކަމަށް އެސްޓީއޯގެ ސީއީއޯ ޝިމާދު އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ފެނަކަ ކޯޕަރޭޝަން ބަދަލު ކުރުމުން ފެނަކަ ކުންފުނީގެ މާލީ ހާލަތު ރަނގަޅުކޮށް، ފައިދާވާ ކުންފުންޏަކަށް ހެދޭނެ ކަމަށް އެސްޓީއޯގެ ސީއީއޯ ޝިމާދު އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

މިއަދު އެސްޓީއޯގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝިމާދު ވިދާޅުވީ މި މަހުގެ 15 ގައި ފެނަކަ ކުންފުނިން ގަތުމަށް ފިނޭންސް މިނިސްޓްރީއަށް ޕްރޮޕޯސަލެއް އެސްޓީއޯއިން ހުށަހެޅުމުން މި ހަފުތާގައި ސަރުކާރުން އެ ޕްރޮޕޯސަލް ގަބޫލުކޮށްފައިވާ ކަމަށެވެ. އަދި އަންނަ ޖެނުއަރީ މަހުން ފެށިގެން އެސްޓީއޯގެ ދަށުން ފެނަކަ ކުންފުނިން ހިންގަން ފެށުމުން ފެނަކައިގެ މާލީ ހާލަތު ރަނގަޅުކޮށް، ކުންފުންޏަކީ ފައިދާވާ ކުންފުންޏަކަށް ހެދުމަށް ވަރަށް ބޮޑަށް ފަސޭހަވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފެނަކައިގެ އިންޓަރިމް ބޯޑުގައި ހިމެނޭނީ ފިނޭންސް މިނިސްޓްރީ އާއި އެސްޓީއޯ އާއި އެންވަޔަރުމަންޓް މިނިސްޓްރީން ކަނޑައަޅާ ބޭފުޅުންނެވެ. އަދި ފެނަކަ އެސްޓީއޯގެ ދަށަށް އެއްކޮށް ބަދަލުވުމުން އެކުންފުނީގެ ބޯޑު އެކުލަވައިލާނީ އެސްޓީއޯގެ ގަވަނަންސް ކޯޑާއި ސަބްސިޑަރީތަކަށް މެންބަރުން އައްޔަނުކުރާ އުސޫލުގެ ދަށުންނެވެ.

އޭނާ ވިދާޅުވީ، އެސްޓީއޯއަކީ ރާއްޖެއަށް އެންމެ ގިނައިން ތެޔޮ އެތެރެ ކުރާ ކުންފުނި ކަމަށްވާތީ ފެނަކައިން ކަރަންޓު އުފެއްދުމަށް ބޭނުންވާ ޑީސަލް ފޯރުކޮށްދެނީ އެ ކުންފުނިން ކަމަށެވެ.

"އެހެންވީމަ އަޅުގަނޑުމެންނަށް އެބަ ފެނޭ ފެނަކަ އާއި އެސްޓީއޯ ގުޅިގެން ވަރަށް ބޮޑު ސިނާޖީއެއް [ދެ ކުންފުންޏަށް ފައިސާ ބޮޑުވާނެ ގޮތެއް]. މުސްތަގްބަލުގައި އަޅުގަނޑުމެން ރާވާފައިވަނީ ޑީސަލްގެ ބަދަލުގައި ވަކި ޕްލޭނެއްގެ ދަށުން ރިނުވަބަލް އެނާޖީއަށް ދާން،" އޭނާ ވިދާޅުވި އެވެ.

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

ޝިމާދު ވިދާޅުވީ އެސްޓީއޯއަކީ މިހާރު ވެސް ގިނަ އަދަދެއްގެ ސަބްސިޑަރީ ކުންފުނިތައް ހިންގާ ކުންފުންޏަކަށް ވާއިރު، އެ ތަޖުރިބާގެ ބޭނުންކޮށްގެން ފެނަކައަށް ވެސް ފައިދާތަކެއް ހޯދޭނެ ކަމަށެވެ.

އެއް ކުންފުންޏަކުން އެސްޓީއޯއަށް މިވަގުތު އެންމެ ބޮޑު އަދަދެއްގެ ދަރަނި ދައްކަން ޖެހިފައި އޮތީ ފެނަކައިންނެވެ.ފެނަކައިން ތެޔޮ ގަނެގެން އެސްޓީއޯއަށް ދެ ބިލިއަން ރުފިޔާ ދައްކަން އެބަ އޮތެވެ.

"ދަރަނި އިތުރުވީ ވަކި ހިސާބަކުން އައިސް ފެނަކައިން އެސްޓީއޯއަށް ޕޭމެންޓް ދިނުން ހުއްޓާލުމުން. އެކަމަކު އާ މެނޭޖްމެންޓުން އެކޮޅަށް ދެއްކޭ ވަރަކަށް ވަކި ޕްލޭނެއްގެ ދަށުން ޕޭމެންޓްތައް ލިބޭ. އަޅުގަނޑުމެންނަށް ގަބޫލު ކުރެވެނީ އެސްޓީއޯގެ ދަށަށް ފެނަކަ ބަދަލު ކުރެވިގެން އެފިޝެންސީ އާއި ކުޑަކުރެވޭ ކޮސްޓުން އަޅުގަނޑުމެންނަށް ދަރަނީގެ ބޮޑު ބައި ދިގު ރާސްތާއެއްގައި ރިކަވާ ކުރެވޭނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.

އެސްޓީއޯގެ އިތުރުން އެހެން ފަރާތްތަކަށް ދައްކަން ޖެހޭ ފައިސާއާ އެކު ފެނަކައިގެ ދަރަނި 4.1 ބިލިއަން ރުފިޔާއަށް އަރަ އެވެ.

ޝިމާދު ވިދާޅުވީ، ފެނަކައާ އެސްޓީއޯއިން ހަވާލުވުމަށްފަހު އެ ކުންފުނި "ރައިޓް ސައިޒު"ކޮށް އެ ކުންފުނީގެ ހަރަދުތައް ކުޑަ ކުރާނެ ކަމަށެވެ. އަދި ފެނަކައަށް އެންމެ ރަނގަޅު ސްޓްރަކްޗާއަކަށް ބަދަލު ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ރައިޓް ސައިޒު ބަލަން ޖެހޭ. މިހާރު ފެނަކައިގަ އެބަތިބި 7،000 އަށް ވުރެ ގިނަ މުވައްޒަފުން. އެއްފަހަރާ ގޮސް މުވައްޒަފުން ކަނޑާލާ ވާހަކައެއް ނޫން. ދެން އަޅުގަނޑުމެން ބަލާނަން މުވައްޒަފުންނަށް ރަނގަޅު އެހެން ގޮތްތައް ވޭތޯ،" އޭނާ ވިދާޅުވި އެވެ.

ޝިމާދު ވިދާޅުވީ ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ފެނަކައިން އެސްޓީއޯއަށް ފައިދާ ލިބޭނެ ކަމަށެވެ.