Roadha Mihaaru
ޑޮލަރުގެ މުއާމަލާތް ގަވައިދާ ޚިލާފު، ފިޔަވަޅެއް ނޭޅޭ!

ސަރުކާރުގެ ކުންފުނިތަކުން ޑޮލަރުގެ މުއާމަލާތްތައް ގަވާއިދާ ޚިލާފަށް!

22 ޖެނުއަރީ 2017

ސަރުކާރުގެ ދެ ކުންފުންޏެއް ކަމަށްވާ ފެނަކަ އާއި ސްޓެލްކޯ އަށް ޑޮލަރު ގަތުމަށް އަމިއްލަ ބަޔަކަށް ދިން ގާތްގަނޑަކަށް 20 މިލިއަން ރުފިޔާ ނުލިބި، ޝަރީއަތާ ހަމައަށް މައްސަލަ ދިޔަ އިރު އެ މުއާމަލާތްތަކުން މުޅިން ވެސް ފެންނަނީ ގަވައިދާ ހިލާފަށް ކޮށްފައިވާ އަމަލްތަކެވެ. ފެނަކަ އަށް އެއް މިލިއަން ޑޮލަރު އަދި ސްޓެލްކޯ އަށް ދެ ލައްކަ ޑޮލަރު ގަންނަން އެހާ ބޮޑު އަދަދެއްގެ ފައިސާ ހަވާލުކުރީ ޑޮލަރު ގަނެ ވިއްކުމުގެ ހުއްދަ ވެސް ނެތް ޝަރޫ ލޯންޗް ސާވިސްއާ އެވެ.

އަހުމަދު ހަމްދޫން އަހުމަދު ހަމްދޫން

ސަރުކާރުގެ ދެ ކުންފުންޏެއް ކަމަށްވާ ފެނަކަ އާއި ސްޓެލްކޯ އަށް ޑޮލަރު ގަތުމަށް އަމިއްލަ ބަޔަކަށް ދިން ގާތްގަނޑަކަށް 20 މިލިއަން ރުފިޔާ ނުލިބި، ޝަރީއަތާ ހަމައަށް މައްސަލަ ދިޔަ އިރު އެ މުއާމަލާތްތަކުން މުޅިން ވެސް ފެންނަނީ ގަވައިދާ ހިލާފަށް ކޮށްފައިވާ އަމަލްތަކެވެ. ފެނަކަ އަށް އެއް މިލިއަން ޑޮލަރު އަދި ސްޓެލްކޯ އަށް ދެ ލައްކަ ޑޮލަރު ގަންނަން އެހާ ބޮޑު އަދަދެއްގެ ފައިސާ ހަވާލުކުރީ ޑޮލަރު ގަނެ ވިއްކުމުގެ ހުއްދަ ވެސް ނެތް ޝަރޫ ލޯންޗް ސާވިސްއާ އެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އެކުލަވާލާފައިވާ މަނިޓަރީ ގަވައިދުގައިވާ ގޮތުން، ބޭރު ފައިސާ ގަނެ ވިއްކުމުގެ ލައިސަންސް ނެތި ބޭރު ފައިސާ ގަނެ ވިއްކުމާއި ބޭރު ފައިސާ ގަނެ ވިއްކާކަން ދެއްކުމަކީ މަނާކަމެކެވެ.

ބޭރު ފައިސާ ގަނެ ވިއްކުމުގެ ހުއްދަ އެމްއެމްއޭ އިން ދީފައިވާ 471 ފަރާތުގެ ތެރޭގައި ޝަރޫ ލޯންޗް ސާވިސަސްގެ ނަމެއް ނެތެވެ. މީގެ މާނަ އަކީ ފެނަކަ އާއި ސްޓެލްކޯ އިން އެކަން ކޮށްފައި ވަނީ އެމްއެމްއޭގެ ގަވައިދުތަކާ ހިލާފަށް ކަމެވެ. އަދި ޝަރޫ ލޯންޗް ސާވިސް އިން ވެސް އެކަން ކޮށްފައި ވަނީ އެ ގަވައިދުތަކާ ހިލާފަށެވެ.

ސަރުކާރުގެ ކުންފުނިތަކުގައި ހުންނާނީ ރައްޔިތުންގެ ފައިސާ އެވެ. ދައުލަތުގެ ފައިސާ އެވެ. އެތައް މިލިއަން ރުފިޔާއެއް އަމިއްލަ ކުންފުނިތަކަށް ދޫކޮށްލާއިރު، އެކަން އެ ކުރަނީ ގަވައިދާ އެއްގޮތަށްތޯ ވެސް ބެލުމެއް ނެތެވެ.

ޝަރޫ ލޯންޗް ސާވިސަސްގެ މާލީ ގާބިލް ކަމާއި ޑޮލަރު ގަނެ ވިއްކުމުގެ މުއާމަލާތް ހިންގުމުގެ ހުއްދަ އޮތްތޯ އާއި އެކަމުގެ ކުޅަދާނަކަން ހުރި މިންވަރު ވެސް ފެނަކަ އާއި ސްޓެލްކޯ އަށް ބަލާފައިނުވާކަން އެނގެ އެވެ. އެކަން ރަނގަޅަށް ބެލި ނަމަ، އެންމެ ފުރަތަމަ ވެސް އެނގެން ޖެހޭނީ ޝަރޫ ލޯންޗް ސާވިސް އަކީ ޑޮލަރު ގަނެ ވިއްކުމުގެ ހުއްދަ އޮތް ކުންފުންޏެއްތޯ ނުވަތަ ނޫންތޯ އެވެ.

ފެނަކަ، ސްޓެލްކޯ އަށް ޑޮލަރު ގަތުމުގައި ހިންގި މުއާމަލާތުގައި ފާހަގަކުރެވޭ ކަންކަން:

* ދެ ކުންފުންޏަށް ވެސް ޑޮލަރު ގަންނަން ފައިސާ ދޫކުރީ ޝަރޫ ލޯންޗް ސާވިސަސް އަށް

* ޝަރޫ ލޯންޗް ސާވިސް އަކީ ޑޮލަރު ގަނެވިއްކުމުގެ ލައިސަންސް ނެތް ކުންފުންޏެއް

* ފެނަކަ އިން ދޫކުރީ 17 މިލިއަން ރުފިޔާ

* ސްޓެލްކޯ އިން ދޫކުރީ ތިން މިލިއަން ރުފިޔާ

* ފެނަކަ އާއި ސްޓެލްކޯ އިން ވެސް ވަނީ ފައިސާ ހޯދުމަށް ޝަރޫ ލޯންޗް ސާވިސްގެ މައްޗަށް ދައުވާ ކޮށްފައި

* ލައިސަންސް ނެތި ޑޮލަރުގެ މުއާމަލާތް ޝަރޫ ލޯންޗް ސާވިސް އިން ހިންގި މައްސަލަ އެމްއެމްއޭ އިން ވަނީ ފުލުހުންނަށް ހުށަހަޅާފައި

* ޝަރޫ ލޯންޗް ސާވިސް އަށް ފައިސާ ދޫކުރި މައްސަލާގައި އިހުމާލުވާ މުވައްޒަފުންނަށް ދައުވާ ކުރުމާ މެދު ފެނަކަ އިން މި ހަފުތާގައި ގޮތެއް ނިންމާނެ

* މި މައްސަލާގައި ފުލުހުން މިހާތަނަށް ވެސް މީޑިއާ އަށް ވާހަކައެއް ނުދައްކާ

ސްޓެލްކޯ އަކީ މިހާރު ވެސް ޑޮލަރު ގަނެ ވިއްކުމުގެ ހުއްދަ އެމްއެމްއޭ އިން ނަގާފައިވާ ކުންފުންޏެކެވެ. އެހެންކަމުން މިފަދަ ކަންކަން ހިނގާ އުސޫލު އެ ކުންފުންޏަށް ނޭނގި އޮވެދާނެ ކަމަށް ގަބޫލުކުރަން ދައްޗެވެ.

ނުލިބި ހުރި ފައިސާ ހޯދަން ފެނަކަ އާއި ސްޓެލްކޯ އިން ޝަރޫ ލޯންޗް ސާވިސަސްގެ އިތުރުން އެ ކުންފުނީގެ ދެ ހިއްސާދާރެއް ކަމަށްވާ މުހައްމަދު މުޝްތާގާއި ސޮބާހު އަހުމަދުގެ މައްޗަށް ސިވިލް ކޯޓުގައި ވަނީ ދައުވާ ކޮށްފަ އެވެ. އެ ފައިސާ ލިބޭނެ ކަމުގެ ޔަގީންކަމެއް އަދި ނެތެވެ. އެކަމަށް ނަގާނެ ދުވަހެއް ވެސް ނޭނގެ އެވެ.

މީގެ އިތުރުން މިކަމުގައި ހިމެނޭ ޖިނާއީ ބައިތަކުގެ މައްސަލާގައި މިހާތަނަށް ފުލުހުން މީޑިއާ އަށް ވާހަކައެއް ނުދައްކަ އެވެ. ސަރުކާރުގެ ބޮޑު ދެ ކުންފުންޏަކުން މިލިއަނުން ފައިސާ ގެއްލިގެން އުޅޭއިރު، ފުލުހުން މިކަމުގެ މައުލޫމާތު ހާމަކުރަން ޖެހިލުންވާ ސަބަބާ މެދު ވެސް ސުވާލު އުފެދެ އެވެ.

ފެނަކަ އާއި ސްޓެލްކޯގެ މި މުއާމަލާތާ ގުޅިގެން އެމްއެމްއޭގެ އިސް އޮޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ ޝަރޫ ލޯންޗް ސާވިސްއާ ގުޅޭ ގޮތުން އެ އޮތޯރިޓީން ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހު، އެ ކުންފުންޏާ މެދު ފިޔަވަޅު އަޅައި ދޭން ފުލުހުންނަށް ފޮނުވާފައިވާ ކަމަށެވެ.

މަރުކަޒީ ބޭންކުގެ މައި އިދާރާ: ޑޮލަރު ގަނެ ވިއްކުމުގެ ލައިސަންސް ނެތް ފަރާތްތަކުގެ އަތުން ސަރުކާރުގެ ކުންފުނިތަކުން އެ މުއާމަލާތް ހިންގާ.---މިހާރު ފޮޓޯ

މަރުކަޒީ ބޭންކުގެ މައި އިދާރާ: ޑޮލަރު ގަނެ ވިއްކުމުގެ ލައިސަންސް ނެތް ފަރާތްތަކުގެ އަތުން ސަރުކާރުގެ ކުންފުނިތަކުން އެ މުއާމަލާތް ހިންގާ.---މިހާރު ފޮޓޯ

"މިފަދަ އެހެން ކޭހެއް އަޔަސް އަޅުގަނޑުމެން ފޮނުވާނީ ޕޮލިހަށް. އެފަރާތުން ދެން ފިޔަވަޅު އަޅާނީ،" އެމްއެމްއޭގެ އޮފިޝަލް ވިދާޅުވި އެވެ.

މަނިޓަރީ ގަވައިދާ ހިލާފުވުމަކީ ކުށެކެވެ. ޑޮލަރު ގަނެ ވިއްކުމުގެ ލައިސަންސް ނެތް ބަޔަކު އެކަން ކޮށްފި ނަމަ، އަޅާނެ ފިޔަވަޅުތައް އެ ގަވައިދުގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައިވެ އެވެ. އެގޮތުން، ކުށްވެރިވާ ފަރާތެއްގެ އަދަބަކީ 2،000ރ. އާއި 10،000ރ. އާ ދެމެދުގެ އަދަދަކުން ޖުރިމަނާ ކުރުން ނުވަތަ 2،000ރ. އާއި އެ ކުށެއްގައި ހިމެނޭ ފައިސާގެ އަދަދުގެ ފަސްގުނައާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ.

އެކަމަކު މިހާތަނަށް އެއިން ފިޔަވަޅެއް އެޅިފައި ނެތުމަކީ ވަރަށް ބޮޑު ގޯހެއް ކަމަށް "މިހާރު" އާ ވާހަކަ ދެއްކެވި ގާނޫނީ ވަކީލަކު ވިދާޅުވި އެވެ

"ގިނަ ފަހަރު ބަލަނީ ޑޮލަރު ވިއްކި ކުންފުންޏާ މެދު ފިޔަވަޅު އަޅަން. އެކަމަކު ސަރުކާރުގެ ކުންފުންޏެއް ކަމަށްވާ ނަމަ، މިފަދަ ގަވައިދާ ހިލާފު މުއާމަލާތެއް ހިންގައިގެން ނުވާނެ. އަމިއްލަ ކުންފުންޏަކަށް ވުރެ ބޮޑަށް ދައުލަތުގެ ކުންފުނިތަކުގެ ޒިންމާ މާ ބޮޑުވާނެ،" ދައުލަތުގެ އޮފީހެއްގައި މަސައްކަތް ކުރައްވާ ވަކީލަކު ވިދާޅުވި އެވެ.

"ދައުލަތުގެ ކުންފުނިތަކާ މެދު ވެސް ފިޔަވަޅު އަޅާ ނަމަ، މިކަން ހުއްޓުވޭނެ. އެކަމަކު ގިނަ ފަހަރު ފިޔަވަޅު އަޅަން މިއުޅެނީ ޑޮލަރު ވިއްކި އަމިއްލަ ކުންފުންޏާ މެދު. މިކަން ނުހުއްޓުވޭ މައިގަނޑު އެއް ސަބަބު އެއީ ވެސް."

އޭނާ ވިދާޅުވީ ޝަރޫ ލޯންޗު ފަދަ އާދައިގެ ކުންފުންޏަކުން ދައުލަތުގެ ކުންފުނިތަކަށް މިލިއަނުން ޑޮލަރު ވިއްކާއިރު އެތައް ބައިވަރު ސުވާލުތަކެއް އުފެދޭ ކަމަށެވެ.

"ކުއްލިއަކަށް ޝަރޫ ލޯންޗް ސާވިސަސްއެއް މިއައީ ކީއްވެހޭ؟ މިއީ އެ ކުންފުނިން މިގޮތަށް ދައުލަތުގެ ކުންފުނިތަކަކަށް ޑޮލަރު ވިއްކި ފުރަތަމަ ފަހަރުތޯ؟ އެމީހުން ލޯންޗް ދުއްވައިގެން އެހާ ވަރަށް ޑޮލަރު ވިއްކިދާނެތޯ؟ ދައުލަތުގެ ކުންފުންޏަކުން އަމިއްލަ ބައެއްގެ އަތުން ޑޮލަރު ގަންނަ ކަމަށް ވަންޏާ މި ސުވާލު އުފައްދަން ޖެހޭނެ،" އޭނާ ވިދާޅުވި އެވެ.

ފެނަކަ އަށް ބޭނުންވާ ޑޮލަރު ގަންނަން 17 މިލިއަން ރުފިޔާ ޝަރޫ ލޯންޗް ސާވިސަސް އަށް ދޫކުރި މައްސަލަ އެ ކުންފުނީގެ މިހާރުގެ މެނޭޖްމަންޓުން ވަނީ ތަހުގީގުކޮށްފަ އެވެ. އަދި އެ މައްސަލާގައި ޒިންމާވާން ޖެހޭ މުވައްޒަފުންނަށް ދައުވާ ކުރުމާ މެދު ބޯޑުން ގޮތެއް ނިންމާނެ ކަމަށް އެ ކުންފުނީގެ އާ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވި އެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަރީފް ވާހަކަ ދައްކަވަނީ: ފެނަކަ އަށް ޑޮލަރު ގަތުމަށް ޝަރޫ ލޯންޗް ސާވިސް އަށް ފައިސާ ދޫކުރި މައްސަލާގައި ފެނަކަ އިން އިހުމާލުވި މުވައްޒަފުންނަށް ދައުވާ ކުރުމާ މެދު މި ހަފުތާގައި ގޮތެއް ނިންމާނެ ކަމަށް ވިދާޅުވި.---މިހާރު ފައިލް ފޮޓޯ

ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަރީފް ވާހަކަ ދައްކަވަނީ: ފެނަކަ އަށް ޑޮލަރު ގަތުމަށް ޝަރޫ ލޯންޗް ސާވިސް އަށް ފައިސާ ދޫކުރި މައްސަލާގައި ފެނަކަ އިން އިހުމާލުވި މުވައްޒަފުންނަށް ދައުވާ ކުރުމާ މެދު މި ހަފުތާގައި ގޮތެއް ނިންމާނެ ކަމަށް ވިދާޅުވި.---މިހާރު ފައިލް ފޮޓޯ

"އެކަމަކު އެކަން ނިންމާނީ ކުންފުނީގެ ބޯޑުގައި މަޝްވަރާ ކުރުމަށް ފަހު. އެކަމާ މެދު މި ހަފުތާގައި ގޮތެއް ނިންމާނަން. އަޅުގަނޑުމެން ދައުވާ ކުރާ ނަމަ ކުރާނީ، އިހުމާލުވި މުވައްޒަފުންގެ ފަރާތުން ކުންފުންޏަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދަން،" ޝަރީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ފެނަކަ އަށް ޑޮލަރު ގަތުމާ ގުޅޭ އާ އުސޫލެއް މިހާރު އެކުލަވާލައި އެ އުސޫލަށް ކޮމެންޓް ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ޕްރައިވެޓައިޒޭޝަން ބޯޑަށް ވަނީ ފޮނުވައިފަ އެވެ. އާ އުސޫލު އެކުލަވައިލިއިރު، ކުރިން ދިމާވި ގޯސް ކަންކަމަށް ރިއާޔަތް ކޮށްފައިވާނެ ކަމަށް ވިދާޅުވި އެވެ.

"އާ އުސޫލުގައި ވަރަށް ސާފުކޮށް އޮންނާނެ ބުނެފައި، ފެނަކަ އަށް ޑޮލަރު ގަންނަން ވާނީ ޑޮލަރު ގަނެ ވިއްކުމުގެ ލައިސަންސް އޮތް ފަރާތަކުންނޭ،" އޭނާ ވިދާޅުވި އެވެ.

މިއީ އެނގިގެން، ފާޅުގައި ހިނގާ ކަމެއް. އާ ކަމެއް ވެސް ނޫން

ސަރުކާރުގެ ބޮޑެތި ކުންފުނިތަކުން ޑޮލަރާ ގުޅޭ ބޮޑެތި މުއާމަލާތްތައް ކުރުމަކީ އާ ކަމެއް ނޫނެވެ. އަދި އޭގެ ސަބަބުން ބައެއް މީހުންނަށް ނާޖާއިޒު ބޮޑެތި ފައިދާތަކެއް ވެސް ލިބެ އެވެ. އެ ވާހަކަތައް އޮޑިޓް ރިޕޯޓުތަކުން ފެންނަން އެބަހުއްޓެވެ.

އެސްޓީއޯގެ އޮޑިޓް ރިޕޯޓުގައި އެންމެ ތިން ކުންފުންޏެއްގެ ނަން ފާހަގަކޮށްފައި އޮތަސް، އެ ކުންފުންޏަށް ޑޮލަރު ގަތުމުގައި ދަތިތަކެއް ކުރިމަތިވެގެން، 80 ވަރަކަށް ފަރާތަށް ފައިސާ ދޫކުރި ކަމަށް، އެސްޓީއޯގެ އޭރުގެ ޗެއާމަން އަދި މިހާރުގެ ރައީސް އަބްދުﷲ ޔާމީން މީޑިއާގައި ވިދާޅުވެފައިވެ އެވެ. އަދި އެ ފަރާތްތަކުގެ ތެރެއިން ރިސޯޓެއް ގަތް ކަމަށް އެނގިވަޑައިގެންފައި ވަނީ ޔޮޓް ޓުއާޒްގެ ވެރިޔާ އަބްދުﷲ ޖާބިރު ކަމަށް ވެސް ރައީސް ޔާމީން އޭރު ވިދާޅުވެފައިވެ އެވެ.

އެކަން އެންމެ ފުރަތަމަ ފެންނަން އޮންނާނީ އެސްޓީއޯގެ 2007 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުންނެވެ. މި ފަހުން ނަމަ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތް ތަހުގީގުކޮށް މިހާރުގެ އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތު އާންމު ކުރެއްވި އޮޑިޓް ރިޕޯޓުން ވެސް އެކަމުގެ ބޮޑުކަން އެނގެ އެވެ. ހާއްސަކޮށް ލައިސަންސް ނެތް ފަރާތްތަކުގެ އަތުން ދައުލަތުގެ ކުންފުނިތަކަށް ޑޮލަރު ގަންނަ މައްސަލަ އެމްއެމްޕީއާރުސީގެ އޮޑިޓްގައި ފާހަގަކޮށްފައި އެބަ ހުއްޓެވެ. މިއީ އިހަށް ދުވަހު ހިނގި ކަމެއްގެ ވާހަކަ އެވެ. އެކަމަކު ޑޮލަރު ގަތުމުގެ ނަމުގައި، އެހެން މީހުންނަށް ނާޖާއިޒް ފައިދާ ލިބޭ ގޮތަށް މީގެ އަހަރުތަކެއް ކުރިއްސުރެ ފެށިގެން ސަރުކާރުގެ ބައެއް ކުންފުނިތަކުން މުއާމަލާތް ހިންގާފައިވެ އެވެ.

އެސްޓީއޯ އަށް ބޭރު ފައިސާ ހޯދަން ކުރި މަސައްކަތުގެ ތެރެއިން، ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާއި އެމެރަލްޑް ރިޒޯޓް ޕްރައިވެޓް ލިމިޓެޑާއި ޔޮޓް ޓުއާޒް އަށް ލޯނު ދޫކުރި މައްސަލަ އޭރުގެ އޮޑިޓަ ޖެނެރަލް އިބްރާހިމް ނައީމް ބައްލަވާފައިވެ އެވެ. މި މުއާމަލާތްތައް ހިންގާފައި ވަނީ 2003-2005 އަށް ކަމަށް ވާއިރު، އެސްޓީއޯ އިން ސަން އިންވެސްޓްމަންޓާއި އެމެރަލްޑް ޕްރައިވެޓް ލިމިޓެޑަށް ގާތްގަނޑަކަށް 124 މިލިއަން ރުފިޔާ ދޫކުރީ އެ ލޯނު ޑޮލަރުން އަނބުރާ ދައްކާ ގޮތަށެވެ.

އެސްޓީއޯގެ ހެޑް އޮފީސް: އެ ކުންފުންޏަށް ޑޮލަރު ގަތުމުގައި ވެސް އުސޫލުތަކުން ބޭރުން ހިންގާފައިވާ ކަމަށް އޮޑިޓަ ޖެނެރަލް ކުރިން ފާހަގަކުރައްވާފައިވޭ.---މިހާރު ފައިލް ފޮޓޯ

އެސްޓީއޯގެ ހެޑް އޮފީސް: އެ ކުންފުންޏަށް ޑޮލަރު ގަތުމުގައި ވެސް އުސޫލުތަކުން ބޭރުން ހިންގާފައިވާ ކަމަށް އޮޑިޓަ ޖެނެރަލް ކުރިން ފާހަގަކުރައްވާފައިވޭ.---މިހާރު ފައިލް ފޮޓޯ

މީގެ އިތުރުން ޔޮޓް ޓުއާޒް އަށް އެސްޓީއޯ އިން އޭރު ވަނީ ލޯނެއްގެ އިތުރުން ކްރެޑިޓަށް ވެސް ތަކެތި ދޫކޮށްފަ އެވެ. އެ ލޯނު ވެސް އަނބުރާ ދައްކަން ޖެހެނީ ޑޮލަރުންނެވެ.

އޭރުގެ އޮޑިޓަ ޖެނެރަލް އިބްރާހިމް ނައީމް ފާހަގަކުރައްވާފައިވާ ގޮތުގައި އެސްޓީއޯ އަކީ ލޯނު ދޫކުރާ ކުންފުންޏެއް ނޫނެވެ. އަދި އެކަން ކުރާ ނަމަ އިދާރީ އިންތިޒާމުތަކެއް ހަމަޖެއްސުމަށް އަންގަވާފައިވެ އެވެ.

އެސްޓީއޯގެ އޮޑިޓް ރިޕޯޓުގައި އެންމެ ތިން ކުންފުންޏެއްގެ ނަން ފާހަގަކޮށްފައި އޮތަސް، އެ ކުންފުންޏަށް ޑޮލަރު ގަތުމުގައި ދަތިތަކެއް ކުރިމަތިވެގެން، 80 ވަރަކަށް ފަރާތަށް ފައިސާ ދޫކުރި ކަމަށް، އެސްޓީއޯގެ އޭރުގެ ޗެއާމަން އަދި މިހާރުގެ ރައީސް އަބްދުﷲ ޔާމީން މީޑިއާގައި ވިދާޅުވެފައިވެ އެވެ. އަދި އެ ފަރާތްތަކުގެ ތެރެއިން ރިސޯޓެއް ގަތް ކަމަށް އެނގިވަޑައިގެންފައި ވަނީ ޔޮޓް ޓުއާޒްގެ ވެރިޔާ އަބްދުﷲ ޖާބިރު ކަމަށް ވެސް ރައީސް ޔާމީން އޭރު ވިދާޅުވެފައިވެ އެވެ.

ސަރުކާރުގެ ކުންފުނިތަކުން ޑޮލަރު ގަތުމުގައި ހިންގާ އުސޫލާ ޚިލާފު ކަންކަން އަދިވެސް މިދަނީ ކުރިއަށެވެ. އެކަމާ ދެކޮޅަށް ފިޔަވަޅެއް ނޭޅެ އެވެ. އެހެންކަމުން މިފަދަ މުއާމަލާތްތަކުގައި އެހެން ނިޔަތްތަކެއް އޮތުމުގެ ފުރުސަތު ވަރަށް ބޮޑެވެ.