Roadha Mihaaru
އޮޅުވާލައިގެން ފަސް މިލިއަން، ހޯދުނީ ދެ ލައްކަ

އޮޅުވާލައިގެން އިންކަމް ސަޕޯޓުގެ ގޮތުގައި 4.9 މިލިއަން ރުފިޔާ ނެގި، އަނބުރާ ހޯދުނީ ދެ ލައްކަ ރުފިޔާ

29 ސެޕްޓެމްބަރ 2021

އިންކަމް ސަޕޯޓްގެ ގޮތުގައި ސަރުކާރުން ދިން އެލަވަންސް އޮޅުވާލައިގެން ފަސް މިލިއަނެއްހާ ރުފިޔާ އެކި ފަރާތްތަކުން ނަގާފައިވާ ކަމަށް އޮޑިޓް ރިޕޯޓުން ދައްކައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

އިންކަމް ސަޕޯޓްގެ ގޮތުގައި ސަރުކާރުން ދިން އެލަވަންސް އޮޅުވާލައިގެން ފަސް މިލިއަނެއްހާ ރުފިޔާ އެކި ފަރާތްތަކުން ނަގާފައިވާ ކަމަށް އޮޑިޓް ރިޕޯޓުން ދައްކައިފި އެވެ.

އޮޑިޓް އޮފީހުން ނެރުނު ރިޕޯޓުގައިވާ ގޮތުން، ކޮވިޑް-19 އާ ގުޅިގެން ހާލުގައި ޖެހުނު މީހުންނަށް ދިން އެލަވަންސްގެ ތެރެއިން 4.97 މިލިއަން ރުފިޔާ އޮޅުވާލައިގެން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް އެކި ފަރާތްތަކުން ނެގި އެވެ. މީގެ ތެރެއިން މިހާތަނަށް 213,884ރ. މިހާރު ދައުލަތުން އަނބުރާ ހޯދާފައިވާ ކަމަށް ވެސް އެ ރިޕޯޓުގައި ވެ އެވެ.

އޮޑިޓް އޮފީހުން ވަނީ މިހާރު އަނބުރާ ނުލިބި ހުރި 4.76 މިލިއަން ރުފިޔާ ވީހާ ވެސް އަވަހަށް ހޯދަން އިލްތިމާސް ކޮށްފަ އެވެ.

ކޮވިޑާ ގުޅިގެން ވަޒީފާ ގެއްލުނު މީހުންނަށާއި މުސާރަ ކުޑަކުރި މީހުންނާއި އާމްދަނީ ނުލިބޭ މީހުންނަށް އެހީވާން އިންކަމް ސަޕޯޓު ދޭން ފެށީ މިދިޔަ އަހަރުގެ އޭޕްރިލް މަހުން ފެށިގެންނެވެ. އަދި މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް މި އެހީ ސަރުކާރުން ވަނީ ފޯރުކޮށްދީފަ އެވެ.

ޖޮބް ސެންޓަރުގެ އިންކަމް ސަޕޯޓް ޕްރޮޖެކްޓުގެ ޑައިރެކްޓަރު ޝުހާދު އިބްރާހިމް "މިހާރު" އަށް ކުރިން ވިދާޅުވިގޮތުގައި އިންކަމް ސަޕޯޓަށް އެދި ހުށަހަޅާފައިވާ މީހުންގެ ތެރެއިން ގިނަ އަދަދެއްގެ މީހުން ސައްހަ ނޫން މައުލޫމާތު ދީދައިވާ ކަން ފާހަގަކުރެވެ އެވެ. އެހެންވެ، އެކަން ބަލައިދިނުމަށް ފުލުހުންގެ އެހީއަށް އެދުނު ކަމަށް އޭނާ އޭރު ވިދާޅުވި އެވެ.

މިދިޔަ އަހަރު ނިމުނުއިރު އިންކަމް ސަޕޯޓުގެ ގޮތުގައި 22,946 މީހަކަށް 421 މިލިއަން ރުފިޔާ ވަނީ ދޫކޮށްފަ އެވެ.