Roadha Mihaaru
ކައިވެނިކޮށްގެން އުޅުނު ބަޔަކަށް އެންސްޕާއިން އެލަވަންސް

ކައިވެނި ކޮށްގެން އުޅުނު 12 މީހަކަށް އެކަނިވެރި މީހުންގެ އެލަވަންސް އެންސްޕާއިން ދީފި

25 ޖެނުއަރީ 2024

ކައިވެނި ކޮށްގެން އުޅުނު 12 މީހަކަށް އެކަނި ދަރިން ބަލަހައްޓާ މައިން އަދި ބަފައިންނަށް ދޭ އެލަވަންސް ކުރީގެ ސަރުކާރުގެ ދުވަސްވަރު ދީފައިވާ ކަމަށް އެންސްޕާގެ އޮޑިޓް ރިޕޯޓުން ހާމަވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ކައިވެނި ކޮށްގެން އުޅުނު 12 މީހަކަށް އެކަނި ދަރިން ބަލަހައްޓާ މައިން އަދި ބަފައިންނަށް ދޭ އެލަވަންސް ކުރީގެ ސަރުކާރުގެ ދުވަސްވަރު ދީފައިވާ ކަމަށް އެންސްޕާގެ އޮޑިޓް ރިޕޯޓުން ހާމަވެއްޖެ އެވެ.

އެންސްޕާގެ މާލީ އޮޑިޓް ރިޕޯޓުގައިވާ ގޮތުން، އެކަނިވެރި މައިންނާއި ބަފައިންގެ އެލަވަންސް ދޭން ނުޖެހޭ 12 މީހަކަށް މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް އެއް މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އޮޑިޓަ ޖެނެރަލްގެ އޮފީހުން ބުނީ، ލިބެން ނުޖެހޭ ބަޔަކަށް އެލަވަންސް ލިބެނީ ކައިވެންޏާއި ވަރީގެ މައުލޫމާތު ގަވައިދުން ހޯދައި އެ އެލަވަންސް ލިބޭ މީހުންގެ ސައްހަކަން ނުބަލާތީ ކަމަށެވެ.

އެންސްޕާ އިން ބުނީ އެހީ ލިބޭ މީހުންގެ ދިރިއުޅުމުގެ ހާލަތު ބަދަލުވެއްޖެ ނަމަ އެކަން އެންގުމަކީ އެހީ ލިބޭ މީހުން ކުރަން ޖެހޭ ކަމެއް ކަމަށާއި އެކަމަކު ހާލަތު ބަދަލުވުމަށް ފަހު އަންގަމުން ނުދާ ކަމަށެވެ. ކޯޓުތަކުގެ މައުލޫމާތު އެއް ވިއުގައަކުން ގުޅިފައި ނުވާތީ، އެންމެ އެދެވޭ އަވަސް މިނުގައި އެންސްޕާ އަށް އެ މައުލޫމާތުތައް ނުލިބޭ ކަމަށް ވެސް އެ އިދާރާ އިން ބުންޏެވެ.

އޮޑިޓް ރިޕޯޓުގައި ވަނީ ދައުލަތަށް އަނބުރާ ލިބެން ޖެހޭ ފައިސާ ހޯދުމަށް މަސައްކަތް ކުރަން ޖެހޭނެ ކަމަށާއި އެކަން ކުރުމަށް އިހުމާލުވާ މުވައްޒަފުންނާ މެދު އޮންނަ އުސޫލުގެ ތެރެއިން ފިޔަވަޅުތައް އެޅުމަށް އެދިފައި ވެ އެވެ.

އެކަނިވެރި މައިން ނުވަތަ ބަފައިންނަށް މިދިޔަ ދެ އަހަރު 136 މިލިއަން ރުފިޔާ ދޫކޮށްފައި ވެ އެވެ. އަހަރުން އަހަރަށް އެ އެލަވަންސަށް ދައުލަތުން ކުރާ ހޭދަ ދަނީ އިތުރުވަމުންނެވެ. މި އަހަރު ވަނީ އެކަނިވެރި މައިން އަދި ބަފައިންނަށް އެހީ ދިނުމަށް 75 މިލިއަން ރުފިޔާ ބަޖެޓުކޮށްފަ އެވެ.