Roadha Mihaaru
2.7 ބިލިއަން ކުޑަކުރަން އުނދަގޫވާނެ: އޮޑިޓް

ފިޔަވަޅުތައް ލަސްކުރުމުން ހަރަދު ކުޑަ ކުރަން އުނދަގޫވާނެ: އޮޑިޓް

01 ސެޕްޓެމްބަރ 2024

މިދިޔަ އަހަރުގެ މީޑިއަމް ޓާމް ފިސްކަލް ސްޓްރެޓެޖީ ރިޕޯޓުގައި ހިމަނާފައިވާ ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް ލަސްކުރުމުން، ބަޖެޓުން ދަށްކުރެވޭނެ ކަމަށް ކަނޑައަޅާފައިވާ 2.7 ބިލިއަން ރުފިޔާ ކުޑަކުރަން ގޮންޖެހުންތައް ކުރިމަތިވާނެ ކަމަށް އޮޑިޓަ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މިދިޔަ އަހަރުގެ މީޑިއަމް ޓާމް ފިސްކަލް ސްޓްރެޓެޖީ ރިޕޯޓުގައި ހިމަނާފައިވާ ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް ލަސްކުރުމުން، ބަޖެޓުން ދަށްކުރެވޭނެ ކަމަށް ކަނޑައަޅާފައިވާ 2.7 ބިލިއަން ރުފިޔާ ކުޑަކުރަން ގޮންޖެހުންތައް ކުރިމަތިވާނެ ކަމަށް އޮޑިޓަ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.

އެ އޮފީހުން އާންމުކުރި ރިޕޯޓެއްގައިވާ ގޮތުން، ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް ހާސިލް ނުވަނީ ސަރުކާރުން އެކަންކަން ހާސިލުކުރަން އެކަށީގެންވާ މަސައްކަތްތަކެއް ނުކުރުމާއި ސިޔާސަތުތައް އެކުލަވާލުމުގައި ފިސްކަލް ސްޓްރެޓެޖީ ރިޕޯޓުގައި ހިމަނާފައިވާ ކަންކަން ހާސިލް ވާނެ ސިޔާސަތުތަކަށް އިސްކަން ނުދޭތީ އެވެ.

ފިޔަވަޅުތައް އެޅުން ލަސް ކުރުމުން މެދު ރާސްތާގައި ދައުލަތުގެ ހަރަދުން އުނިކުރަން ކަނޑައަޅާފައިވާ 12 ބިލިއަން ރުފިޔާ ސަލާމަތް ކުރަން ދަތިތަކާ ކުރިމަތިވާނެ ކަމަށް ވެސް އޮޑިޓް ރިޕޯޓުގައި ވެ އެވެ.

މިދިޔަ އަހަރުގެ މީޑިއަމް ޓާމް ފިސްކަލް ސްޓްރެޓެޖީ ރިޕޯޓާއި މި އަހަރަށް ކަނޑައެޅި ބަޖެޓުގައި ހުރި ކަންކަން ދިމާ ނުވާ ކަން ވެސް އޮޑިޓް ރިޕޯޓުގައި ބުންޏެވެ.

އޮޑިޓަ ޖެނެރަލްގެ އޮފީހުން ބުނިގޮތުގައި، މިދިޔަ އަހަރުގެ އާމްދަނީ އިތުރު ކުރުމަށް ކަނޑައެޅި ކަންކަން އަދިވެސް ހުރީ ޕްލޭނިން މަރުހަލާގަ އެވެ. އެހެންވެ، އެކަންކަން ހާސިލުވެ، އާމްދަނީ އިތުރުވާ ހިސާބަށް ނުދާކަން ރިޕޯޓުގައި ވެ އެވެ.

މިދިޔަ އަހަރުގެ މީޑިއަމް ޓާމް ފިސްކަލް ސްޓްރެޖީގައި ކާބަން ކްރެޑިޓް ވިއްކައިގެން ދައުލަތަށް އާމްދަނީ ހޯދުމަށް ކަނޑައަޅާފައި ވެ އެވެ. މި އަހަރު ހިމެނޭ ގޮތަށް ކުރިއަށް އޮތް ދެ އަހަރު 863 މިލިއަން ރުފިޔާ ކާބަން ކްރެޑިޓު ވިއްކައިގެން ލިބޭނެ ކަމަށް ލަފާކޮށްފައި ވެ އެވެ. މޯލްޑިވްސް ފަންޑު މެނޭޖުމަންޓު ކޯޕަރޭޝަން (އެމްއެފްއެމްސީ) އިން ޑިވިޑެންޑްގެ ގޮތުގައި 1.2 ބިލިއަން ރުފިޔާ މި އަހަރު ލިބޭނެ ކަމަށް ލަފާކޮށްފައި ވެ އެވެ.

އޮޑިޓް އޮފީހުން ބުނީ، މީޑިއަމް ޓާމް ފިސްކަލް ސްޓްރެޖީގައި ކަނޑައަޅާފައިވާ ކަންކަން ބަޖެޓު ފޮތުގައި ހިމަނާފައި ނެތް ކަމަށެވެ.