Roadha Mihaaru

އާމްދަނީ ހަތް ޕަސެންޓު އިތުރު، ބަޖެޓު ސާޕްލަސްގައި ހަތަރު މަހާ ގާތަށް

މިދިޔަ އަހަރާ އަޅާބަލާއިރު، މި އަހަރުގެ މިހާތަނަށް ދައުލަތަށް ލިބުނު އާމްދަނީ ގާތްގަނޑަކަށް 6.9 ޕަސެންޓު އިތުރުވެ، 12.4 ބިލިއަން ރުފިޔާ އަށް އަރައިފައިވާ ކަމަށް މާލީ ހިސާބުތަކުން ދައްކައިފި އެވެ.

އާމްދަނީ އިތުރު، ބަޖެޓު ސާޕްލަސް 4 މަހާ ގާތަށް

މިދިޔަ އަހަރާ އަޅާބަލާއިރު، މި އަހަރުގެ މިހާތަނަށް ދައުލަތަށް ލިބުނު އާމްދަނީ ގާތްގަނޑަކަށް 6.9 ޕަސެންޓު އިތުރުވެ، 12.4 ބިލިއަން ރުފިޔާ އަށް އަރައިފައިވާ ކަމަށް މާލީ ހިސާބުތަކުން ދައްކައިފި އެވެ.

ފިނޭންސް މިނިސްޓްރީން ކޮންމެ ހަފުތާއަކު އާންމުކުރާ މާލީ ހިސާބުތައް ދައްކާ ގޮތުން، މިދިޔަ ބުރާސްފަތި ދުވަހާ ހަމައަށް ދައުލަތަށް 12.4 ބިލިއަން ރުފިޔާ ލިބުނުއިރު، މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބިފައިވަނީ 11.6 ބިލިއަން ރުފިޔާ އެވެ.

މި އަހަރުގެ މިހާތަނަށް އެންމެ ގިނައިން އާމްދަނީ ލިބުނީ ޓޫރިޒަމް ދާއިރާގެ މުދަލާއި ހިދުމަތްތަކުން ނަގާ ޓެކްސް (ޓީޖީއެސްޓީ) އިންނެވެ. ޓީޖީއެސްޓީގެ ގޮތުގައި 3.8 ބިލިއަން ރުފިޔާ މި ފަހަރު ލިބުނުއިރު، މިދިޔަ އަހަރުގެ އެ މުއްދަތުގެ ތެރޭގައި ޓީޖީއެސްޓީގެ ގޮތުގައި ލިބިފައިވަނީ 3.6 ބިލިއަން ރުފިޔާ އެވެ.

ގްރީން ޓެކްސްގެ ގޮތުގައި މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށް 617.7 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިދިޔަ އަހަރުގެ އެ މުއްދަތުގެ ތެރޭގައި ލިބިފައިވަނީ 361.9 މިލިއަން ރުފިޔާ އެވެ.

މި މުއްދަތުގެ ތެރޭގައި ހަރަދުގެ ގޮތުގައި 10.5 ބިލިއަން ރުފިޔާ ހޭދަވި އެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގެ ތެރޭގައި ހަރަދުގެ ގޮތުގައި ހޭދަވެފައިވަނީ 13.2 ބިލިއަން ރުފިޔާ އެވެ.

މި އަހަރުގެ މިހާތަނަށް މުސާރަ އަދި ޕެންޝަން ދިނުމަށް ކުރި 3.7 ބިލިއަން ރުފިޔާގެ ހަރަދަކީ، މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ގާތްގަނޑަކަށް 400 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.

އޭގެ ތެރޭގައި ރިކަރަންޓް ހަރަދުގެ ގޮތުގައި ހޭދަވި 9.7 ބިލިއަން ރުފިޔާ އަދި ކެޕިޓަލް ހަރަދުގެ ގޮތުގައި ހޭދަވި 804.5 މިލިއަން ރުފިޔާ ވެސް ހިމެނެ އެވެ.

އެކަމަކު، ރިކަރަންޓު ހަރަދުތަކުގެ ތެރޭގައި ހިމެނޭ މުސާރައަށް ކުރޭ ހޭދަ އަހަރުގެ މިހާތަނަށް އައިއިރު ކުޑައެއް ނުވެ އެވެ. މި އަހަރުގެ މިހާތަނަށް މުސާރަ އަދި ޕެންޝަން ދިނުމަށް ކުރި 3.7 ބިލިއަން ރުފިޔާގެ ހަރަދަކީ، މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ގާތްގަނޑަކަށް 400 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.

މުސާރައަށް ކުރި ހޭދަ ބޮޑަސް، އިދާރީ ހިންގުމުގެ ހަރަދުތައް ކުޑަކޮށްގެން، މިހާތަނަށް ދައުލަތް ހިންގަމުން އައިސްފައިވަނީ އަރަނީގަ އެވެ.

މި އަހަރުގެ ދައުލަތުގެ ބަޖެޓުގެ ޕްރައިމަރީ ބެލެންސް މިހާތަނަށް ވަނީ 1.9 ބިލިއަން ރުފިޔާއިން އަރަނިވެފަ އެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގެ ތެރޭގައި ދައުލަތުގެ ބަޖެޓުގެ ޕްރައިމަރީ ބެލެންސް ހުރީ 1.6 ބިލިއަން ރުފިޔާއިން ޑެފިސިޓްވެފަ އެވެ. މި އަހަރުގެ މިހާތަނަށް ދައުލަތުގެ ބަޖެޓް ގެ އޯވަރޯލް ބެލެންސް ހުރީ 3.5 ބިލިއަން ރުފިޔާއިން އަރަނިވެރިވެފަ އެވެ.

ބަޖެޓު އަރަނިވާން މެދުވެރިވި ސަބަބުތަކުގެ ތެރޭގައި ކެޕިޓަލް ހަރަދުތައް ވަރަށް ބޮޑަށް ކުޑަވެފައިވުން ވެސް ހިމެނެ އެވެ.

މިދިޔަ އަހަރުގެ މި މުއްދަތުގައި ކެޕިޓަލް ހަރަދުތަކުގެ ގޮތުގައި ހުރި ގާތްގަނޑަކަށް 3.2 ބިލިއަން ރުފިޔާގެ ހޭދަ، މި އަހަރުގެ މިހާތަނަށް ވަނީ 804 މިލިއަން ރުފިޔާ އަށް ދަށްވެފަ އެވެ.