Roadha Mihaaru

ފަސް ބިލިއަންގެ ދަރަނި ދައްކާފައިވެސް ބަޖެޓު ސާޕްލަސް 1.3 ބިލިއަންގައި ހިފަހައްޓައިފި

މި އަހަރުގެ މިހާތަނަށް ފަސް ބިލިއަނަށް ވުރެ ގިނަ ރުފިޔާ ދަރަނި ދެއްކުމަށް ފަހު ވެސް ބަޖެޓު ސާޕްލަސް 1.3 ބިލިއަން ރުފިޔާގައި ހިފެހެއްޓިފައިވާ ކަން ދައުލަތުގެ މާލީ ހިސާބުތަކުން ދައްކައިފި އެވެ.

5 ބިލިއަންގެ ދަރަނި ދެއްކިޔަސް، ބަޖެޓު ސާޕްލަސްގައި!

މި އަހަރުގެ މިހާތަނަށް ފަސް ބިލިއަނަށް ވުރެ ގިނަ ރުފިޔާ ދަރަނި ދެއްކުމަށް ފަހު ވެސް ބަޖެޓު ސާޕްލަސް 1.3 ބިލިއަން ރުފިޔާގައި ހިފެހެއްޓިފައިވާ ކަން ދައުލަތުގެ މާލީ ހިސާބުތަކުން ދައްކައިފި އެވެ.

ފިނޭންސް މިނިސްޓްރީން ކޮންމެ ހަފުތާއަކު އާންމުކުރާ މާލީ ހިސާބުތައް ދައްކާ ގޮތުން، މިދިޔަ ބުރާސްފަތި ދުވަހާ ހަމައަށް، ފާއިތުވި އަހަރުތަކުގައި ދައުލަތުން ނަގާފައިވާ ދަރަންޏަށް ފައިސާ ދައްކާފައިވާ މިންވަރު މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ވަނީ 1.8 ބިލިއަން ރުފިޔާ އިން އިތުރުވެފަ އެވެ.

ދައުލަތުގެ ބަޖެޓުން ހޭދަކޮށްފައިވާ މިންވަރާއި ދައުލަތަށް ލިބިފައިވާ އާމްދަނީ ހިމަނައި، މިދިޔަ ހަފުތާގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓްގައިވާ ގޮތުން، މި އަހަރުގެ މިހާތަނަށް 5.1 ބިލިއަން ރުފިޔާ ދަރަނި އަދާކުރުމަށް ހޭދަކޮށްފަ އެވެ.

ދައުލަތުން ތަންފީޒު ކުރަމުންދާ ހަރަދު ކުޑަކުރުމުގެ ސިޔާސަތުތަކުގެ ދަށުން، މިދިޔަ ހަފުތާގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން ކޮށްފައިވާ ހަރަދުތައް ވަނީ ކުޑަކޮށްފަ އެވެ.

މިދިޔަ ހަފުތާގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން ޖުމްލަ 20.6 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ދައުލަތުން ކޮށްފައިވާ ހަރަދާ އަޅާބަލާއިރު 8.7 ޕަސެންޓު ދަށް އަދަދެކެވެ.

މިއާ އެކު، އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތުގެ ބަޖެޓަށް ލިބިފައިވާ 17 ބިލިއަން ރުފިޔާ އަކީ، މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ހަ ޕަސެންޓުގެ އިތުރުވުމެކެވެ.

ދައުލަތުގެ ހަރަދު ކުޑަކުރުމާއި އާމްދަނީ އިތުރުކުރުމަށް އެޅި ފިޔަވަޅުތަކުން، ކުރިން ނަގާފައިވާ ދަރަނި އަދާކުރުމަށް ކުރަންޖެހުނު ހޭދަ ބޮޑުވިކަމުގައި ވިޔަސް، ދައުލަތުގެ ބަޖެޓުގެ އޯވަރޯލް ބެލެންސް ވަނީ 1.3 ބިލިއަން ރުފިޔާގެ ސާޕްލަސްއަކަށް އަރައިފަ އެވެ.