Roadha Mihaaru

ހަރަދުތައް ކުޑަކުރުމުން، އަހަރުގެ ބަޖެޓު 3.4 ބިލިއަން ރުފިޔާގެ ސާޕްލަސްގައި

ސަރުކާރު ހިންގުމުގެ ހަރަދުތައް ކުޑަކުރުމުން ދައުލަތުގެ މި އަހަރުގެ ބަޖެޓުގެ ޕްރައިމަރީ ބެލެންސް 3.4 ބިލިއަން ރުފިޔާއިން އަރަނިވެއްޖެ އެވެ.

އަހަރުގެ ބަޖެޓު 3.4 ބިލިއަން ރުފިޔާގެ ސާޕްލަސްގައި

ސަރުކާރު ހިންގުމުގެ ހަރަދުތައް ކުޑަކުރުމުން ދައުލަތުގެ މި އަހަރުގެ ބަޖެޓުގެ ޕްރައިމަރީ ބެލެންސް 3.4 ބިލިއަން ރުފިޔާއިން އަރަނިވެއްޖެ އެވެ.

ފިނޭންސް މިނިސްޓްރީން ކޮންމެ ހަފުތާއަކު އާންމުކުރާ މާލީ ހިސާބުތަކުން ދައްކާ ގޮތުން، މިދިޔަ ބުރާސްފަތި ދުވަހާ ހަމައަށް ދައުލަތުގެ އާމްދަނީ ގޮތުގައި 11.2 ބިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީ އަށް ވުރެ 500 މިލިއަނެއްހާ ރުފިޔާގެ އިތުރުވުމެކެވެ.

ޕްރައިމަރީ ބެލެންސް 3.4 ބިލިއަން ރުފިޔާއަށް އިތުރުވި އިރު، އޯވަރޯލަ ބެލެންސް ވެސް ވަނީ 2.1 ބިލިއަން ރުފިޔާއަށް އަރަނިވެފަ އެވެ. އޯވަރޯލް ބެލެންސްގައި ދަރަނި އަދާކުރުމަށް ދާ ހަރަދު ހިމަނާނެ އެވެ. ދަރަނި އަދާކުރުމުގެ ހަރަދެއްގެ ގޮތުގައި 1.2 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.

މިއަހަރުގެ މިހާތަނަށް ދައުލަތުން ވަނީ 9.1 ބިލިއަން ރުފިޔާ ހަރަދުކޮށްފަ އެވެ. ހަރަދުގެ ގޮތުގައި އެ އަދަދު ހޭދަކުރި ނަމަވެސް، ބަޖެޓު ކޮންސަމްޝަން ނުވަތަ، ހަރަދުގެ އިތުރަށް ދައުލަތުން ކުރާ ހޭދަތަކުގެ ގޮތުގައި އިތުރު ގާތްގަނޑަކަށް އިތުރު 3.1 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. އެއީ ލޯނު އަނބުރާ ދެއްކުމަށް 2.4 ބިލިއަން ރުފިޔާ އާއި އިންވެސްޓްމެންޓްގެ ގޮތުގައި 400 މިލިއަން ރުފިޔާ އާއި ލޯނުގެ ގޮތުގައި ދައުލަތުން ދޭ ފައިސާގެ ގޮތުގައި 300 މިލިއަން ރުފިޔާ ހޭދަކުރި އެވެ. ލޯނުގެ ގޮތުގައި ދައުލަތުން ފައިސާ ދޫކުރަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކަށެވެ.

މި އަހަރުގެ މިހާތަނަށް ޓެކްސްގެ ގޮތުގައި 8.7 ބިލިއަން ރުފިޔާ ލިބިފައިވާއިރު، ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.

ދައުލަތުގެ އާމްދަނީ މިދިޔަ އަހަރާ އަޅާ ބަލާއިރު، ބައި ބިލިއަނެއްހާ ރުފިޔާ އިން އިތުރުވެފައިވާއިރު، ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކާ އެކު، ދައުލަތް ހިންގުމުގެ ހަރަދުތައް ވެސް ވަނީ ވަރަށް ބޮޑަށް ކުޑަކޮށްފަ އެވެ.

މިދިޔަ އަހަރުގެ މި މުއްދަތުގައި 8.9 ބިލިއަން ރުފިޔާގައި ހުރި ރިކަރަންޓު ހަރަދު، މި އަހަރު ވަނީ 8.4 ބިލިއަން ރުފިޔާ އަށް ތިރިކޮށްފަ އެވެ.

ޖުމްލަ ރިކަރެންޓު ހަރަދު ކުޑަވެފައިވިޔަސް ދައުލަތުގެ މުސާރަ އާއި ޕެންޝަނަށް ކުރި ހޭދަ މިދިޔަ އަހަރަށް ވުރެ އިތުރެވެ.

މިދިޔަ އަހަރު މުސާރަ އާއި ޕެންޝަނަށް ކުރި ހަރަދު 3.3 ބިލިއަން ރުފިޔާ އިން މި އަހަރުގެ އެ މުއްދަތުގައި ވަނީ 3.6 ބިލިއަން ރުފިޔާ އަށް އުފުލިފަ އެވެ.

ނަމަވެސް، ޖުމްލަ ރިކަރަންޓު ހަރަދު ދަށްކޮށްފައި ވަނީ ދައުލަތުގެ އިދާރީ ހިންގުމުގެ ހަރަދުތައް ކުޑަކޮށްގެންނެވެ.

އިދާރީ ހިންގުމަށް މި އަހަރުގެ މިހާތަނަށް ހޭދަވެފައިވާ 4.8 ބިލިއަން ރުފިޔާއަކީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 600 މިލިއަން ރުފިޔާގެ ދަށްވުމެކެވެ.

ރިކަރަންޓު ހަރަދުތަކުގެ އިތުރުން މި އަހަރުގެ މި މުއްދަތުގައި ސަރުކާރުން ކުރި ކެޕިޓަލް ހަރަދުތައް ވެސް ވަނީ ވަރަށް ބޮޑަށް ކުޑަވެފަ އެވެ.

މިދިޔަ އަހަރުގެ މި މުއްދަތުގައި ކެޕިޓަލް ހަރަދުތަކުގެ ގޮތުގައި ހުރި ގާތްގަނޑަކަށް ތިން ބިލިއަން ރުފިޔާގެ ހޭދަ، މި އަހަރުގެ އެހާތަނަށް ވަނީ 693 މިލިއަނަށް ދަށްވެފަ އެވެ.

ދައުލަތަށް އާމްދަނީ ލިބުނު ނިސްބަތަށް ވުރެ ހަރަދުތައް ކުޑަކޮށްފައިވާތީ މި މަހުގެ 10 އާ ހަމައަށް ދައުލަތުގެ ބަޖެޓު ވަނީ 3.4 ބިލިއަން ރުފިޔާ އިން އަރަނިވެފަ އެވެ.

ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް ޖަމާކުރި ފައިސާގެ މިންވަރު ވެސް މި އަހަރުގެ މިހާތަނަށް ވަނީ އިތުރުވެފަ އެވެ. އެގޮތުން، މި މަހުގެ 10 ގެ ނިޔަލަށް ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް 437.1 މިލިއަން ރުފިޔާ ޖަމާކުރިއިރު، މިދިޔަ އަހަރުގެ އެ މުއްދަތުގައި އެ ފަންޑަށް ޖަމާކޮށްފައިވަނީ 342 މިލިއަން ރުފިޔާ އެވެ.