Roadha Mihaaru
"ހަތަރު އެމްބަސީއަކުން ގަވާއިދާ ޚިލާފަށް ޚަރަދުކުރި"

ހަތަރު އެމްބަސީ އަކުން ގަވާއިދާ ޚިލާފަށް ޚަރަދުކުރި: އޮޑިޓް

13 އޮކްޓޯބަރ 2018

ހަތަރު ގައުމެއްގައި ގާއިމް ކޮށްފައިވާ ރާއްޖޭގެ އެމްބަސީތަކުން ގަވާއިދާ ޚިލާފަށް ފައިސާ ޚަރަދުކުރުން އަދި ބައެއް އެމްބަސީތަކަށް ލިބެންޖެހޭ ފައިސާ ހޯދާފައި ނުވާ މައްސަލަތަކެއް ފޮރިން މިނިސްޓްރީގެ އޮޑިޓް ރިޕޯޓުން ހާމަވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ހަތަރު ގައުމެއްގައި ގާއިމް ކޮށްފައިވާ ރާއްޖޭގެ އެމްބަސީތަކުން ގަވާއިދާ ޚިލާފަށް ފައިސާ ޚަރަދުކުރުން އަދި ބައެއް އެމްބަސީތަކަށް ލިބެންޖެހޭ ފައިސާ ހޯދާފައި ނުވާ މައްސަލަތަކެއް ފޮރިން މިނިސްޓްރީގެ އޮޑިޓް ރިޕޯޓުން ހާމަވެއްޖެ އެވެ.

އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު ސޮއި ކުރައްވައި، މިދިޔަ ހަފުތާގައި ނެރުއްވާފައިވާ، ފޮރިން މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައިވާ ގޮތުން އެ މިނިސްޓްރީ އާއި ތިން އެމްބަސީ އަކުން ވަނީ ހުއްދަ ހޯދުމެއް ނެތި، ގަވާއިދާ ޚިލާފަށް 1.9 މިލިއަން ރުފިޔާގެ ޚިދުމަތާއި ތަކެތި ހޯދައިފަ އެވެ. އެ ރިޕޯޓުގައިވާ ގޮތުން 2014 ވަނަ އަހަރުން ފެށިގެން މިދިޔަ އަހަރުގެ ނިޔަލަށް އެގޮތަށް މުދަލާއި ޚިދުމަތްތައް ހޯދީ އިންޑިއާގެ ޓްރިވެންޑްރަމްގައި ހުންނަ ރާއްޖޭގެ ކޮންސިއުލޭޓާއި ބަންގްލަދޭޝްގައި ހުންނަ ރާއްޖޭގެ އެމްބަސީގެ އިތުރުން ޕާކިސްތާނުގައި ހުންނަ ރާއްޖޭގެ އެމްބަސީންނެވެ.

މީގެ އިތުރުން، މާލިއްޔަތު ގަވާއިދުގައި ބުނާ ފަދައިން، އިއުލާން ކުރުމެއް ނެތި އެއް މިލިއަނަށް ވުރެ ގިނަ ރުފިޔާ ތިން އެމްބަސީއަކުން ޚަރަދުކުރި މައްސަލަ ވެސް އެ ރިޕޯޓުގައި ފާހަގަ ކޮށްފައިވެ އެވެ. އެއީ ވެސް ޓްރިވެންޑްރަމްގައި ހުންނަ ރާއްޖޭގެ ކޮންސިއުލޭޓާއި ބަންގްލަދޭޝްގައި ހުންނަ އެމްބަސީގެ އިތުރުން ޔުނައިޓެޑް އަރަބް އެމިރޭޓްސްގައި ހުންނަ އެމްބަސީންނެވެ.

ޓްރިވެންޑްރަމްގައި ހުންނަ ކޮންސިއުލޭޓްގެ ތިޖޫރީން ފައިސާތަކެއް މަދުވާ މައްސަލައަކާއި އެ ތަނުގެ މުވައްޒަފަކު އަމިއްލަ ބޭނުމަށް ތިޖޫރީން ފައިސާ ނެގި މައްސަލައެއް ވެސް އެ ރިޕޯޓުގައި ފާހަގަ ކޮށްފައިވެ އެވެ. އޭގައިވާ ގޮތުން އާމްދަނީގެ ގޮތުގައި އެ ކޮންސިއުލޭޓުން ބަލައިގަތް ފައިސާގެ ތެރެއިން 86،000 އަށް ވުރެ ގިނަ ރުފިޔާ ތިޖޫރީގައި ނެތެވެ. އަދި އެ ކޮންސިއުލޭޓްގެ މުވައްޒަފަކު އަމިއްލަ ބޭނުމަށް 24،000ރ. ތިޖޫރީން ނެގި ކަމަށާއި އެކަމަކު އެ ފައިސާ މިދިޔަ އަހަރުގެ ފަހުކޮޅު އެތަނުގެ އެކައުންޓަށް އަލުން ޖަމާކުރި ކަމަށް ރިޕޯޓުގައި ވެ އެވެ.

އެ ރިޕޯޓުގައި އޮޑިޓާ ޖެނެރަލް އަންގަވާފައި ވަނީ އެކަމުގައި އިހުމާލުވާ މީހުންނާ މެދު ފިޔަވަޅު އެޅުމަށެވެ.

ބަންގްލަދޭޝްގައި ހުންނަ އެމްބަސީއަށް ލިބެންޖެހޭ 300،000 އަށް ވުރެ ގިނަ ރުފިޔާ ހޯދައިފައި ނެތް މައްސަލައަކާއި އުސޫލުތަކާއި ޚިލާފަށް އެ އެމްބަސީގެ މުވައްޒަފުންގެ ފޯން ކޯލްތަކަށް 5،000 އަށް ވުރެ ގިނަ ރުފިޔާ ޚަރަދުކުރި މައްސަލައެއް ވެސް އެ ރިޕޯޓުގައި ފާހަގަ ކޮށްފައިވެ އެވެ. އަދި ޓްރިވެންޑްރަމްގައި ހުންނަ ކޮންސިއުލޭޓްގެ މުވައްޒަފުންނަށް ޔުނިޓިލީޓިސް އެލަވަންސްގެ ގޮތުގައި މިދިޔަ އަހަރުގެ ދެ ލައްކަ އަށް ވުރެ ގިނަ ރުފިޔާ ޚަރަދު ކުރިއިރު، އެއީ ދޭންޖެހޭ ފައިސާކަން ޔަގީން ނުވާ ކަމަށް ވެސް އެ ރިޕޯޓުގައިވެ އެވެ.

އެހެންވެ، އުސޫލާ ޚިލާފަށް ދީފައިވާ ފައިސާތައް މާލިއްޔަތު ގަވާއިދާ އެއްގޮތަށް އެ ފައިސާތައް އަނބުރާ ހޯދުމަށާއި އެމްބަސީއަށް ލިބެންޖެހޭ ފައިސާ މާލިއްޔަތު ގަވާއިދާ އެއްގޮތަށް ހޯދުމުގެ މަސައްކަތް ކުރުމަށް ވެސް އެ ރިޕޯޓުގައި އަންގާފައިވެ އެވެ.

މީގެ އިތުރުން، ފޮރިން މިނިސްޓްރީގެ ހަރު މުދަލުގެ އަގުގެ ގޮތުގައި ހިމަނާފައިވާ 53 މިލިއަން ރުފިޔާ އަކީ ހަރު މުދަލުގެ ސައްހަ އަގުކަން ކަށަވަރު ކުރެވެން ނެތް ކަމަށް ވެސް ރިޕޯޓުގައިވެ އެވެ. އެކަން އެގޮތަށް ދިމާވީ ހަރު މުދަލުގެ އަގުގެ ގޮތުގައި ހިމަނާފައިވާ އަދަދުތައް ރިކޮންސައިލް ކޮށްފައި ނެތުމުން ކަމަށް އެ ރިޕޯޓުގައިވެ އެވެ.