Roadha Mihaaru
ފަސް ރަށެއްގައި އައިސް ޕްލާންޓް އަޅާނެ ބަޔަކު ހޯދަނީ

އިތުރު ފަސް ރަށެއްގައި އައިސް ޕްލާންޓް އަޅާނެ ބަޔަކު ހޯދަނީ

21 އޯގަސްޓް 2024

ސައުދީ ފަންޑްގެ އެހީގައި އިތުރު ފަސް ރަށެއްގައި އައިސް ޕްލާންޓް އަޅާނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާނުކޮށްފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ސައުދީ ފަންޑްގެ އެހީގައި އިތުރު ފަސް ރަށެއްގައި އައިސް ޕްލާންޓް އަޅާނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާނުކޮށްފި އެވެ.

އެ މިނިސްޓްރީން ކުރި އިއުލާނުގައިވާ ގޮތުން އައިސް ޕްލާންޓް އަޅަން ނިންމާފައި ވަނީ ހއ. ދިއްދު އާއި އއ. ރަސްދު އާއި ގދ. ރަތަފަންދު އާއި ހއ. އިހަވަންދު އާއި ށ. ކޮމަންޑޫގަ އެވެ. އެތަނުން ކޮންމެ ރަށެއްގައި ހަދަނީ 50 ޓަނުގެ އައިސް ޕްލާންޓްތަކެވެ.

މި ރަށްތަކުގައި އައިސް ޕްލާންޓް ކުރިއަށް ގެންދަނީ ސައުދީ ފަންޑް ފޯ ޑިވަލޮޕްމެންޓްގެ އެހީގަ އެވެ.

މި މަސައްކަތަށް ޝަރުތު ހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދަނީ އިންޓަނޭޝަނަލް ބިޑިން އުސޫލުންނެވެ.

އެ ބީލަމުގައި ބައިވެރިވުމަށް ސަތޭކަ ޑޮލަރުގެ ނަން-ރީފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ނަގަ އެވެ. އެ ފައިސާ ބަލައި ގަންނަނީ މާދަމާ އިން ފެށިގެން އޮކްޓޫބަރު 15 ގެ ނިޔަލަށެވެ. އަދި ބިޑް ސެކިއުރިޓީގެ ގޮތުގައި ދެ ލައްކަ ފަންސާސް ހާސް ރުފިޔާ ހުށަހަޅަން ޖެހޭނެ ކަމަށް ވެސް އިއުލާންގައިވެ އެވެ.

ބީލަން ހުށަހެޅުން އޮތީ އަންނަ މަހުގެ 20 ވަނަ ދުވަހު އެވެ.

ފިޝަރީޒް މިނިސްޓްރީން މިދިޔަ އޭޕްރީލް މަހު ބުނެފައިވާ ގޮތުގައި 11 ރަށެއްގައި އައިސް ޕްލާންޓް ހެދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އެ މަސައްކަތް ވެސް ކުރަނީ ސައުދީ ފަންޑުގެ އެހީގެ ދަށުންނެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިހާރު ވެސް 25 އައިސް ޕްލާންޓްގެ ހިދުމަތް އަންނަނީ ދެމުންނެވެ.