Roadha Mihaaru
މަކުނުދޫގައި އައިސް ޕްލާންޓެއް ހަދަން ލޯނު ދޫކުރަނީ

މަކުނުދޫގައި އައިސް ޕްލާންޓެއް ހަދަން ތިން މިލިއަން ރުފިޔާގެ ލޯނެއް ދޫކުރަނީ

09 ފެބުރުއަރީ 2017

ހދ. މަކުނޫދޫގައި އައިސް ޕްލާންޓެއް ގާއިމުކުރަން ތިން މިލިއަން ރުފިޔާގެ ލޯނެއް ދޫކުރަން ނިންމައި އެ ކަމަށް ކުރިމަތިލުމުގެ ފުރުސަތު އިއްޔެ ހުޅުވާލައިފި އެވެ.

އަލީ ނާފިޒް އަލީ ނާފިޒް

ހދ. މަކުނޫދޫގައި އައިސް ޕްލާންޓެއް ގާއިމުކުރަން ތިން މިލިއަން ރުފިޔާގެ ލޯނެއް ދޫކުރަން ނިންމައި އެ ކަމަށް ކުރިމަތިލުމުގެ ފުރުސަތު އިއްޔެ ހުޅުވާލައިފި އެވެ.

މަކުނުދޫގައި އައިސް ޕްލާންޓެއް ގާއިމުކުރުމުގެ މަޝްރޫއު، ރައީސް އަބްދުﷲ ޔާމީން ވަނީ މިދިޔަ އޮކްޓޯބަރު މަހު އިއުލާނު ކުރައްވައިފަ އެވެ. ހދ. އަތޮޅުގެ ބައެއް ރަށްރަށަށް ކުރެއްވު ދަތުރުފުޅެއްގެ ތެރެއިން، މަކުނުދޫ އަށް ވަޑައިގެން އެ މަނިކުފާނު ވިދާޅުވެފައިވާ ގޮތުގައި އެ ރަށުގައި އައިސް ޕްލާންޓަކާއި މަސްމާރުކޭޓެއް އެޅުމުގެ މަސައްކަތް މި އަހަރު ނިމުމުގެ ކުރިން ނިންމާލެވޭނެ އެވެ.

ފިޝަރީޒް މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ބުނި ގޮތުގައި ފިޝަރީޒް އިންފްރާސްޓްރަކްޗަ ޑިވެލޮޕްމެންޓް ޕްރޮގްރާމްގެ ދަށުން މަކުނުދޫގައި 25 ޓަނުގެ އައިސްޕްލާންޓެއް ގާއިމުކުރަން ތިން މިލިއަން ރުފިޔާގެ ލޯނެއް ދޫކުރަން ވަނީ ނިންމައިިފަ އެވެ. އެހެންވެ، އެ ކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ އޭޕްރީލް ފަހެއްގެ ނިޔަލަށް ފޯމު ހުށަހަޅަން އެ މިނިސްޓްރީން ވަނީ އެދިފަ އެވެ.

މަކުނުދޫގައި އައިސް ޕްލާންޓެއް ހަދަނީ، ފިޝަރީޒް މިނިސްޓްރީން ބުނި ގޮތުގައި، މަސްވެރިން ބާނާ މަސް، މަސް ގަންނަ ފަރާތްތަކަށް ގެންދެވެން ދެން ތާޒާކަން މަތީ މަސްދޯނި ފަހަރުގައި ބެހެއްޓޭނެ ގޮތް ފަހިކޮށް ދިނުމަށެވެ. މި މަޝްރޫއަށް ލޯނު ދޫކުރަނީ އައިސް ޕްލާންޓް ބެހެއްޓުމަށް ހޯދަންޖެހޭ މެޝިނަރީޒް ގަންނަން ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ދުވާލަކު ދޯންޏަކަށް ދޫކުރަނީ ގިނަވެގެން ތިން ޓަނުގެ އައިސް އެވެ. އެހެންވެ، މަކުނުދޫގައި އަޅާ ޕްލާންޓުން ދުވާލަކު އަށް ދޯންޏަށް އައިސް ވިއްކޭނެ އެވެ.

ސަރުކާރުގެ މަސް ކުންފުނި، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ޅ. ފެލިވަރާއި ގއ. ކޫއްޑޫގައި ހިންގާ ކާރުހާނާގެ އިތުރުން ގދ. ތިނަދޫގައި ވެސް އައިސް ޕްލާންޓެއް ގާއިމުކޮށް، އަންނަނީ މަސްވެރިންނަށް އައިސް ދޫކުރަމުންނެވެ. އަދި ފެލިވަރުގައި އިތުރު އައިސް ޕްލާންޓެއް މިދިޔަ އަހަރުގެ ބަހައްޓާފައި ވާއިރު، ގއ. ގެމަނަފުށި ހިމެނޭ ގޮތަށް ޖުމްލަ ނުވަ ރަށެއްގައި އައިސް ޕްލާންޓް ގާއިމުކުރަން މިފްކޯ އިން ވަނީ ނިންމައިފަ އެވެ.