Roadha Mihaaru
މަސްދަރު ހާމަކުރަން މަޖުބޫރުކުރެވޭނީ ހައި ކޯޓަށް

މަސްދަރު ހާމަކުރުމުގެ ބާރު ހައި ކޯޓަށް ދޭން ކޮމިޓީން ފާސްކޮށްފި

24 އެޕްރީލް 2023

މަސްދަރު ހާމަކުރަން މަޖުބޫރުކުރެވޭނީ ހައި ކޯޓަށް ކަމަށް ކަނޑައަޅައި، ހެއްކާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހުތައް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ފާސްކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މަސްދަރު ހާމަކުރަން މަޖުބޫރުކުރެވޭނީ ހައި ކޯޓަށް ކަމަށް ކަނޑައަޅައި، ހެއްކާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހުތައް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ފާސްކޮށްފި އެވެ.

މިދިޔަ އަހަރުގެ ޖުލައި މަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކުރައްވައި، ހަ މަސް ފަހުން އަމަލުކުރަން ފެށި ގާނޫނު އޮތީ ނޫސްވެރިން ފަތުރާ މައުލޫމާތުތަކުގެ މަސްދަރު ހާމަކުރެވޭނެ ހާލަތްތަކެއް ބަޔާންކޮށްފަ އެވެ.

އެ ގާނޫނުގެ 136 ވަނަ މާއްދާގައިވާ ގޮތުން ޓެރަރިޒަމާއި ގައުމީ ސަލާމަތާ ގުޅުން ހުރި މައްސަލަތަކުގައި މަސްދަރު ހާމަކުރަން ކޯޓަށް މަޖުބޫރު ކުރެވޭނެ އެވެ. ނަމަވެސް، މިިދިޔަ ޖެނުއަރީ 18 ގައި އެ ގާނޫނަށް އަމަލުކުރަން ފެށިއިރު ވެސް މަސްދަރު ހާމަކުރަން މަޖުބޫރުކުރެވޭނީ ކޮން ކޯޓަކަށް ކަމެއް އެނގޭކަށް ނެތެވެ.

އެހެންވެ ނޫސްވެރިންގެ ޖަމިއްޔާ، މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަނުން އެދުނު ގޮތަށް ޖުޑީޝަރީ ކޮމިޓީން ވަނީ މަސްދަރު ހާމަކުރަން އަމުރުކުރެވޭނީ ހައި ކޯޓަށް ކަމަށް ކަނޑައަޅައި މިިދިޔަ ހުކުރު ދުވަހު ބޭއްވި ޖަލްސާގައި އެ އިސްލާހުތައް ފާސްކޮށްފަ އެވެ.

ގާނޫނު ކުރިން އޮތްގޮތުން ނަމަ، މަސްދަރު ހާމަކުރުމަށް މަޖުބޫރުކޮށް މައްސަލަ ރައްދުވާ ފަރާތަށް ވެސް ކޯޓަށް ހުށަހެޅޭނެ އެވެ.

އެކަމަކު، އެ ކޮމިޓީން ބުނީ ޓެރަރިޒަމާއި ގައުމީ ސަލާމަތާ ގުޅުން ހުރި މައްސަލަތައް މަދަނީ މިންގަނޑުން ސާބިތުވޭތޯ ބެލުމުގައި ހައިކޯޓުން ރިއާޔަތްކުރަންވާނީ ނޫސްވެރިޔާގެ މަސްދަރު ހާމަކުރުމަށް އަމުރުކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ހުށަހެޅި ކަންތައްތަކަށެވެ.

ހެއްކާ ބެހޭ ގާނޫނަށް މި ފަހަރު ފަސް އިސްލާހެއް ހުށަހެޅި އެވެ. އޭގެ ތެރޭގައި ޓެރަރިޒަމްގެ ކުށެއް ނުވަތަ ގައުމީ ސަލާމަތާ ގުޅުން ހުރި ކުށެއް ކޮށްފިކަން ނުވަތަ ކުރަމުންދާކަން ނުވަތަ ކުރަން އުޅޭ ކަމަށް ބުނާ މާއްދާ ވަނީ ޓެރަރިޒަމްގެ ކުށެއް ނުވަތަ ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ފަދަ އަމަލެއް އެކުލެވޭ ކުށެއް ކޮށްފިކަން ނުވަތަ ކުރަމުންދާކަން ނުވަތަ ކުރަން އުޅޭ ކަމަށް ބަދަލުކޮށްފަ އެވެ.

މިހާތަނަށް އަމަލު ކުރަމުން އައީ 1976 ވަނަ އަހަރު އެކުލަވާލި ހެއްކާ ބެހޭ ގާނޫނެކެވެ. އެ ގާނޫނުގައި އޮންނަނީ ވެސް އެންމެ ހަތް މާއްދާ އެވެ. ދެން ހެއްކާ ބެހޭ ގޮތުން އަމަލު ކުރާ ގާނޫނަކަށް އޮންނަނީ 1972 ވަނަ އަހަރުގެ އަންހެނުންގެ ހެކިބަހުގެ ގާނޫނެވެ.