ސަރުކާރު ފަރާތުން ހުށަހަޅާފައިވާ ހެއްކާ ބެހޭ ބިލުގައި މަސްދަރު ހާމަކުރަން މަޖުބޫރުވާ މާއްދާއެއް އޮތުމުން އެކަމާ ގުޅޭ ގޮތުން ނޫސްވެރިން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް އެ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
30 ޖޫން 2022
ސަރުކާރު ފަރާތުން ހުށަހަޅާފައިވާ ހެއްކާ ބެހޭ ބިލުގައި މަސްދަރު ހާމަކުރަން މަޖުބޫރުވާ މާއްދާއެއް އޮތުމުން އެކަމާ ގުޅޭ ގޮތުން ނޫސްވެރިން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް އެ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ސަރުކާރު ފަރާތުން ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލްމުޣުނީ ހުށަހަޅުއްވާފައިވާ ބިލު ފާސްކުރަން ފެންނަ ކަމަށް 50 މެމްބަރުން ވޯޓު ދެއްވި އެވެ. އަދި ނުފެންނަ ކަމަށް ފަސް މެމްބަރަކު ވޯޓު ދެއްވި އެވެ. ވަކި ގޮތަކަށް ވޯޓު ދެއްވަން ބޭނުން ނުވާ ކަމަށް ދެ މެމްބަރުން ވޯޓު ދެއްވި އެވެ.
ހެއްކާ ބެހޭ ބިލްގެ 136 ވަނަ މާއްދާގައި ނޫސްވެރިން ލިޔާ ހަބަރުތަކަށް މައުލޫމާތު ހޯދުމަށް ބޭނުންކުރާ މަސްދަރުތައް ހާމަކުރުމަށް ކޯޓުތަކަށް މަޖުބޫރުކުރެވޭނެ ހާލަތްތައް ބަޔާންކޮށްފައި ވެ އެވެ.
އެ މާއްދާގެ (ހ) ގައިވާ ގޮތުން ނޫސްވެރިއަކަށް ވަކި މައުލޫމާތެއް ދިން މީހާ އެ މައުލޫމާތު ދިނީ އޭނާ އަކީ ކާކު ކަން ހާމަނުކުރާނެ ކަމުގައި އެ ނޫސްވެރިޔާއަށް ވެފައިވާ ވައުދެއްގެ މައްޗަށް ބިނާކޮށް ކަމުގައި ވާ ނަމަ، އެ މައުލޫމާތު ދިން މީހާ އަކީ ކާކުކަން އަންގައިދޭނެ ނުވަތަ ކާކުކަން އަންގައިދިނުމަށް އެހީއަކަށް ވެދާނެ އެއްވެސް މައުލޫމާތެއް ޝަރީއަތަށް ހާމަކުރުމަށް އެ ނޫސްވެރިޔާގެ މައްޗަށް ނުވަތަ އޭނާ ވަޒީފާ އަދާކުރާ ތަނުގެ މައްޗަށް މަޖުބޫރެއް ނުކުރެވޭނެ އެވެ.
އެކަމަކު (ށ) ގައި ބުނަނީ މައްސަލައެއްގެ ހަސްމަކު ހުށަހަޅާ ހުށަހެޅުމެއްގެ މައްޗަށް ބިނާކޮށް ޝަރީއަތުން ފައިސަލާކޮށް ގޮތެއް ކަނޑައަޅަން ޖެހޭ ކަންކަމުގެ މައްޗަށް ރިއާޔަތް ކުރާއިރު ނޫސްވެރިޔާއަށް މައުލޫމާތު ދިން މީހާއަކީ ކާކުކަން ހާމަކުރުމުގައި އޮތް އާއްމު މަސްލަހަތު އަންނަނިވި ކަންކަމަށް ވުރެން ބޮޑު ކަމުގައި ޝަރީއަތަށް ބުރަވެވޭ ނަމަ ނޫސްވެރިޔާ އަށް މައުލޫމާތު ދިން މަސްދަރު ޝަރީއަތަށް ހާމަކުރުމަށް ނޫސްވެރިޔާ އަށް ނުވަތަ އޭނާ ވަޒީފާ އަދާކުރާ ތަނުގެ މައްޗަށް މަޖުބޫރުކުރެވޭނެ ކަމަށެވެ.
މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ބުނި ގޮތުގައި އެ މާއްދާ މިހާރު އޮތް ގޮތުން މަސްދަރު ހާމަކުރަން ނޫސްވެރިންނަށް އެންގުމުގެ ފުރުސަތު ވަރަށް ފުޅާކޮށް ކޯޓުތަކަށް ވަނީ ހުޅުވިފަ އެވެ.
ބިލުގެ ކޮމިޓީ މަރުހަލާގައި ވެސް އެމްޖޭއޭ އިން ވަނީ އެ މާއްދާ އޮތް ގޮތާ މެދު ކަންބޮޑުވުންފާޅުކޮށްފަ އެވެ. ވަރަށް ބޮޑަށް ހިފެހެއްޓިފައިވާ، ހަރުކަށި ކުރެވިފައިވާ ހާލަތްތަކެއްގައި ނޫނީ މަސްދަރު ހާމަކުރަން އެންގުމުގެ ފުރުސަތު ދެވިގެން ނުވާނެ ކަމަށް އެމްޖޭއޭ އިން ކޮމިޓީގައި ބުނެފައިވެ އެވެ.
އެ މައްސަލާގައި ވާހަކަ ދައްކަވަމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ހެއްކާ ބެހޭ ބިލުން މަސްދަރު ހާމަކުރަން ޖެހޭނީ ދެ ފަރާތުން އެއްބަސްވާ ހާލަތުގައި ކަމަށެވެ. އެ ނޫން ނަމަ ޝަރީއަތަކުން ނިންމައިފި ނަމަ މަސްދަރު ހާމަކުރަން ޖެހޭނެ ކަމަށާއި އެއީ މިހާރު ވެސް މަސްދަރު ހާމަކުރަން ޖެހޭނެ ހާލަތެއް ކަމަށް އޭނާ ވިދާޅުވި އެވެ.
މި ބިލު ކޮމިޓީން ދިރާސާކޮށް ނިންމެވި ގޮތުގެ ރިޕޯޓަށް އެޓާނީ ޖެނަރަލް އޮފީހުން މިއަދު ވަނީ އިތުރު 15 އިސްލާހެއް ފޮނުވައިފަ އެވެ. އެ އިސްލާހުތަކުގެ ތެރޭގައި ވެސް މިއަދު ނޫސްވެރިން ކަންބޮޑުވުން ފާޅު ކުރި މާއްދާއެއް ނުހިމެނެ އެވެ.
މީޑިއާ މިނިވަންކަން "ކަފުން" ކުރާތީ ކަންބޮޑުވެއްޖެ
މަސްދަރު ހާމަކުރަން ޖެހޭ ގާނޫނު އިސްލާހެއް ނުކުރި!
މަސްދަރު ހާމަކުރަން މަޖުބޫރުކުރެވޭނީ ހައި ކޯޓަށް
ހެއްކާ ބެހޭ ގާނޫނަށް އަމަލުކުރަން ފަށައިފި
މަސްދަރު ހާމަނުކޮށްފިއްޔާ ނޫސްވެރިން ޖަލަށް!
"މީޑިއާގެ މިނިވަންކަން ކަށަވަރުކުރަން ހެޔޮ ނިޔަތެއް ނެތް"
މަސްދަރުގެ ހިމާޔަތުގައި ނޫސްވެރިންގެ ޕެޓިޝަން ރައީސަށް
ހެއްކާ ބެހޭ ބިލުން ނޫސްވެރިކަމުގައި ބޮޑުތަޅު!
މަސްދަރު ހާމަކުރަން މަޖުބޫރުވުން:ކަންބޮޑުވާންވީ ކީއްވެ!
ހެއްކާ ބެހޭ ބިލް: މަސްދަރު ހާމަކުރުވާ މާއްދާއެއް