Roadha Mihaaru
ދަގަނޑޭގެ އަމާޒު ސަސް ކުރިއަށް ގެންދިއުމާ ގުޅިފައި

ދަގަނޑޭގެ އަމާޒު ސަސް ކުރިއަށް ގެންދިއުމާ ގުޅިފައި

16 އެޕްރީލް 2023

ދެ ވަނަ ޑިވިޝަނުގައި ކުޅެން ނިއު ރޭޑިއަންޓުން އޮފާއެއް ދީފައި އޮތް، އަލީ އަޝްފާގް (ދަގަނޑޭ) ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ އޭނާގެ ގޭދޮށު ޓީމު ކަމަށްވާ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަށް މި ސީޒަނުގައި ކުޅެން ސޮއިކޮށްފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ދެ ވަނަ ޑިވިޝަނުގައި ކުޅެން ނިއު ރޭޑިއަންޓުން އޮފާއެއް ދީފައި އޮތް، އަލީ އަޝްފާގް (ދަގަނޑޭ) ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ އޭނާގެ ގޭދޮށު ޓީމު ކަމަށްވާ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަށް މި ސީޒަނުގައި ކުޅެން ސޮއިކޮށްފި އެވެ.

ދަގަނޑޭ ކުރިން ތިން ފަހަރެއްގެ މަތިން ކުޅުނު ނިއު އިން އޮފާ ދީފައި ވަނިކޮށް އޭނާ ވަނީ މިދިޔަ ހަފުތާގައި ސަސްގެ ޕްރެކްޓިހަށް ނުކުމެފަ އެވެ. އަދި ޕްރެޒިޑެންޓްސް ކަޕުގައި ހުކުރު ދުވަހުގެރޭ ކްލަބް ވެލެންސިއާ އަތުން 5-0 އިން ސަސް މޮޅުވި މެޗުގައި ކުޅެ އޭނާ ލަނޑެއް ވެސް ޖެހި އެވެ.

ދަގަނޑޭގެ ބޮޑު ހިއްސާއަކާ އެކު އުފެއްދި ކްލަބުން 2020 ވަނަ އަހަރުން ފެށިގެން ފުރަތަމަ ޑިވިޝަނުގައި ވާދަކުރި ނަމަވެސް އޭނާ މިހާތަނަށް ކުޅެމުން އައީ އެހެން ކްލަބްތަކަށެވެ.

ދަގަނޑޭ މީޑިއާ އަށް ފޮނުވި މެސެޖެއްގައި ބުނީ ސަސް އަކީ ކުޑަ އިރުއްސުރެ އުޅުނު ސަރަހައްދުގެ ޓީމު ކަމަށާއި މި ކްލަބުގެ ކަންކަމުގައި މުޅިން ވެސް ތިބީ ރަށްޓެހިން ކަމަށެވެ.

"ހަގީގަތުގައި އަބަދުވެސް ބޭނުންވެފައި ހުރީ ކެރިއަރުގެ ކޮންމެ ވެސް ހިސާބަކުން ސަސް އަށް ކުޅެން. ދެން، ސަސް މިހާރު އޮތް ހިސާބުން ކުރިއަށް ގެންދަން އެހީތެރިވެވޭނެ ހުރިހާ ގޮތަކުން ބައިވެރިވެގެން މި ކްލަބާ އެކު ވެސް ކަންކަން ހާސިލްކުރުން އަމާޒަކީ،" ދަގަނޑޭ ބުނެފައިވެ އެވެ.

މިދިޔަ ސީޒަނުގެ ޗެރިޓީ ޝީލްޑް މެޗުގައި ވެލެންސިއާ އަށް ކުޅުމަށް ފަހު ދަގަނޑޭ ހުރީ އަނިޔާގެ ސަބަބުން ކުޅުމާ ދުރުގަ އެވެ. އެކަމަކު އަނިޔާ އިން ރަނގަޅުވެ މިދިޔަ އަހަރުގެ ފަހުކޮޅާއި މި އަހަރު ދާދި ފަހުން ގައުމީ ޓީމު ކުޅުނު މެޗުތަކުގައި ބައިވެރިވި އެވެ.

އެނގިފައިވާ ގޮތުގައި ދަގަނޑޭ ނިއު އަށް ނުދިޔައީ، އޮކްޓޫބަރު މަހު ފަށާ ދެ ވަނަ ޑިވިޝަނުގެ ޓީމަކަށް ސޮއިކޮށްފި ނަމަ، ފުރަތަމަ ޑިވިޝަނުގެ ޕްރެޒިޑެންޓްސް ކަޕާއި ދިވެހި ޕްރިމިއާ ލީގުގައި ނުކުޅެވޭނެތީވެ އެވެ.

އެނގިފައިވާ ގޮތުގައި ދަގަނޑޭގެ މިވަގުތުގެ އެންމެ ބޮޑު ޓާގެޓަކީ ގައުމީ ޓީމަށް 100 މެޗު ހަމަކުރުމެވެ. އެކަމަށް އެންމެ ފަހި ފުރުސަތެއް އޮތީ ޖޫން މަހު އިންޑިއާގައި ފަށާ ސާފް ޗެމްޕިއަންޝިޕުންނެވެ. އޭނާ ދެ ވަނަ ޑިވިޝަނުގައި ކުޅޭ ނަމަ ގައުމީ ޓީމުން ފުރުސަތު ލިބުމުގެ ފުރުސަތު ކުޑަ އެވެ.

ދަގަނޑޭ ވަނީ ތިން ފަހަރެއްގެ މަތިން ނިއު އަށް ކުޅެ ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ. އެންމެ ފުރަތަމަ 2006-2007 އަށް، އޭގެ ފަހުން 2012-2013 އަށް އަދި އެންމެ ފަހުން 2017-2018 އަށެވެ، މީގެ ތެރެއިން 2013 ވަނަ އަހަރު ނިއު އިން އޭއެފްސީ ކަޕުގެ ކުއާޓާ ފައިނަލަށް ގޮސް، ސީޒަނުގެ ހުރިހާ މެޗަކުން މޮޅުވެ ހުރިހާ ތަށްޓެއް ހޯދިއިރު އޭނާ ބޮޑު ހިއްސާއެއްވި އެވެ.

ނިއު ދެ ވަނަ ޑިވިޝަނަށް ރެލިގޭޓްވީ ދަގަނޑޭ ހިމެނޭހެން ބައެއް ކުޅުންތެރިންނާއި ކޯޗުންނަށް މުސާރަ ނުދިނުމުން އެފްއޭއެމުން ދިން އަދަބަކާ ގުޅިގެންނެވެ. އެފްއޭއެމުން ނިއު އެ ސަސްޕެންޝަނުން ވީއްލީ އެ ކުޅުންތެރިންނަށް ފައިސާ ދޭން އެއްބަސްވުމުންނެވެ. އެނގިފައިވާ ގޮތުގައި ނިއު އިން ވަނީ ދަގަނޑޭ ހިމެނޭހެން ބައެއް ކުޅުންތެރިންނާ އެކު، އެ ފައިސާ ބަހާލައިގެން ދައްކަން އެއްބަސްވެފަ އެވެ.