Roadha Mihaaru

ލީގުން ވަކިވުމުން ސަސް އަށް 200،000ރ. ޖޫރިމަނާއެއް؟

ދިވެހި ޕްރިމިއާ ލީގުން ވަކިވި ސުޕަ ޔުނައިޓެޑް ސްޕޯޓްސް އަށް 200،000ރ. ގެ ޖޫރިމަނާއެއް އަންނާނެ ކަމަށް ބެލެވެން ފަށައިފި އެވެ.

ސަސް އަށް 200،000ރ. ޖޫރިމަނާއެއް؟
ހުސެއިން ހަބީބް
ހުސެއިން ހަބީބް

28 އޯގަސްޓް 2025

ދިވެހި ޕްރިމިއާ ލީގުން ވަކިވި ސުޕަ ޔުނައިޓެޑް ސްޕޯޓްސް އަށް 200،000ރ. ގެ ޖޫރިމަނާއެއް އަންނާނެ ކަމަށް ބެލެވެން ފަށައިފި އެވެ.

ނިއު ރޭޑިއަންޓާ އެކު ހެދި ޑީލެއްގެ ދަށުން ފުރަތަމަ ޑިވިޝަނުގެ ޖާގަ ދޫކޮށްލިކަން، ސަސްއިން ވަނީ އެފްއޭއެމަށް އަންގައިފަ އެވެ.

ދިވެހި ޕްރިމިއާ ލީގުގެ އާ ގަވާއިދުގައި ބުނެފައި ވަނީ ލީގު ފެށުމުގެ ކުރިން މުބާރާތުން ވަކިވެއްޖެނަމަ އެ ޓީމަކަށް 200،000ރ. ގެ ޖޫރިމަނާގެ އަދަބެއް އަންނާނެ ކަމަށެވެ. އަދި އެ ޓީމެއް ރެލިގޭޓް ވާނީ އެ ޓީމު ނިސްބަތްވާ ސަރަހައްދީ ލީގުގެ ދެވަނަ ޑިވިޝަނަށެވެ.

ނިއުއާ އެކު ހެދި ޑީލެއްގެދަށުން ލީގު ވަކިވިޔަސް، ސަސްގެ ބޯޑުން ފާސް ކުރި ގަރާރާއި އެފްއޭއެމަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ ލީގުން ވަކިވާން ނިންމީ އެ ކްލަނަށް ކުރިމަތިވެފައިވާ "ހީނުކުރާ ފަދަ މާލީ ގޮންޖެހުންތަކާ ހެދި" ކަމަށެވެ.

"ސުޕަ ޔުނައިޓެޑް ސްޕޯޓްސްއިން ދިވެހި ޕްރިމިއާ ލީގުން ވަކިވަނީ ހީނުކުރާ ފަދަ މާލީ މައްސަލަތަކާއި ވާދަވެރި ޓީމެއް އެކުލަވާލުމުގައި ހުރި ގޮންޖެހުންތަކުގެ ސަބަބުންކަން ހިތާމައާ އެކު ދަންނަވަމެވެ. ވާދަވެރި ސްކޮޑެއް އޮތުމުގެ މުހިންމުކަމާއި މާލީ ގޮތުން ހަމައަކަށް އެޅުމުގެ މުހިންމުކަން އަޅުގަނޑުމެންނަށް ފާހަގަކުރެވޭ. މިއީ އުނދަގޫ ނިންމުމެއް ނަމަވެސް، އެއީ ކްލަބް ދެމެހެއްޓެނިވި ގޮތުގައި ކުރިއަށްގެންދިއުމަށް އެންމެ ފައިދާހުރި ގޮތް ކަމަށް ގަބޫލުކުރަން." އެ ކްލަބުން ފާސް ކުރި ގަރާރުގައި ވެއެވެ.

އެފްއޭއެމަށް ފޮނުވި ސިޓީގައި އެ ކްލަބުން ބުނެފައި ވަނީ ކުރިއަށް އޮތް ސީޒަނުގައި އެ ކްލަބުން ދެވަނަ ޑިވިޝަނުގައި ވާދަކުރަން ތައްޔާރު ވާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ މާލީ ކަންކަން ހަމައަކަށް އެޅުވުމަށާއި ދަރަނިތައް އަދާކުރުމަށް މަގުފަހި ކުރުމަށާއި ޓީމު އަލުން ބިނާކުރުމުގެ ފުރުސަތު ފަހިކުރުމުގެ ގޮތުން 2025-2026 ގެ ދެވަނަ ޑިވިޝަނުގައި ވާދަ ކުރަން އަޅުގަނޑުމެން ތައްޔާރުވާނެމެވެ.،" ސަސްގެ ރައީސް އިސްމާއީލް އާތިފް ސޮއިކޮށް އެފްއޭއެމަށް ފޮނުވި ސިޓީގައި ބުނެފައި ވެއެވެ.

"ދެވަނަ ޑިވިޝަނުގައި އަލުން ބައިވެރިވުމުގެ މަސައްކަތާއި އެކަމާ ގުޅޭ ރަސްމީ މަރުހަލާތައް ފުރިހަމަ ކުރުމަށް ދޭ އިރުޝާދާއި ދެވަނަ ޑިވިޝަނުގައި ބައިވެރިވުމަށް ރަޖިސްޓްރޭޝަން ފުރިހަމަ ކުރުމުގައި ވެސް އެފްއޭއެމްގެ އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެކަމަށް މި ކްލަބުން އުއްމީދު ކުރަމެވެ.،"