Roadha Mihaaru
ކުރިއަށް ޖެހިލަން ލިބުނު ފުރުސަތު ޓީީސީ އަށް ގެއްލިއްޖެ

ތިންވަނަ އަށް އަރަން ލިބުނު ފުރުސަތު ޓީީސީ އަށް ގެއްލިއްޖެ

27 ޖުލައި 2022

ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އާ ދެކޮޅަށް ޓީސީ ސްޕޯޓްސް ކުޅުނު މެޗު އެއްވަރުވުމުން، ދިވެހި ޕްރިމިއާ ލީގުގެ ތިންވަނަ މަގާމަށް ދާން ލިބުނު ފުރުސަތު ޓީސީ އަށް ގެއްލިއްޖެ އެވެ.

ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އާ ދެކޮޅަށް ޓީސީ ސްޕޯޓްސް ކުޅުނު މެޗު އެއްވަރުވުމުން، ދިވެހި ޕްރިމިއާ ލީގުގެ ތިންވަނަ މަގާމަށް ދާން ލިބުނު ފުރުސަތު ޓީސީ އަށް ގެއްލިއްޖެ އެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗު އެއްވަރުވީ ލަނޑެއް ނުޖެހި އެވެ. މިއީ ޓީސީން މޮޅެއް ނުލިބި ފުރިހަމަ ކުރި ވިދިވިދިގެން ތިންވަނަ މެޗެވެ. މި މަހު 11 ވަނަ ދުވަހު ކްލަބް އީގަލްސްގެ މައްޗަށް 1-0 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި ޓީސީ އަށް އިތުބާރެއް ލިބުނު ނަމަވެސް، ޖެހިގެން އައި މާޒިޔާ މެޗުގައި 5-0 ގެ ތަފާތ ބޮޑުކޮށް ޓީސީ ބަލިވި އެވެ. އަދި މިދިޔަ ހުކުރު ދުވަހު ވެލެންސިއާ އާ ދެކޮޅަށް ކުޅުނު މެޗުން ވެސް އެއްވަރުވީ ލަނޑެއް ނުޖެހި އެވެ.

ލީގުގެ ތިންވަނައިގައި 29 ޕޮއިންޓާއެކު އޮޓީ ރޭ، އީގަލްސް އަތުން މޮޅުވި ވެލެންސިއާ އެވެ. މިއަދުގެ މެޗުން ހޯދި ޕޮއިންޓާއެކު ޓީސީ އޮތީ އެއް ޕޮއިންޓް ފަރަގަކާ އެކު ތާވަލުގެ ހަތަރު ވަނައިގަ އެވެ.

ސަސް އާއި ޓީސީ މިއަދު ކުޅުނު މެޗުގެ ތެރެއިން: ސަސް އަށް އޮތީ ރެލިގޭޝަން ކުޅުން --- ފޮޓޯ: އެފްއޭއެމް

ސަސް އާއި ޓީސީ މިއަދު ކުޅުނު މެޗުގެ ތެރެއިން: ސަސް އަށް އޮތީ ރެލިގޭޝަން ކުޅުން --- ފޮޓޯ: އެފްއޭއެމް

އެކަމަކު މިރޭ، ކްލަބް ގްރީން ސްޓްރީޓްސް އާއި ދަ ގްރާންޑޭ ކުޅޭ މެޗުގެ ނަތީޖާ ނުކުންނަ ގޮތަކުން ޓީސީ އަށް ގަދަ ހަތަރެއް ގެއްލުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. މިރޭ ގްރީން މޮޅު ވެއްޖެ ނަމަ އެ ޓީމަށް ތާވަލުގެ ތިންވަނަ އަށް ޖެހިލެވޭނެ އެވެ. ގްރީން އަށް ލިބިފައި ވަނީ 26 ޕޮއިންޓެވެ. މިރޭ މޮޅު ވެއްޖަނަމަ ގްރީން އަށް ވެލެންސިއާ އާ ޕޮއިންޓްގެ ގޮތުން އެއްވަރު ކުރެވި ގޯލްގެ ތަފާތުން ތިންވަނަ ލިބޭނެ އެވެ.

ލީގު ޗެމްޕިއަން މާޒިޔާ އާއި ދެވަނަ ޓީމު އީގަލްސް ފިޔަވައި އެހެން ޓީމަކަށް ފައިދާ ގޯލެއް ނެތެވެ. އެކަމަކު ގެއްލުން ގޯލަށް ބަލާއިރު ވެލެންސިއާ އަށް ވުރެ ގްރީންގެ އަދަދު މަދެވެ. ގްރީން އަށް ގެއްލުން ފަސް ގޯލެވެ. ވެލެންސިއާ އަށް ގެއްލުން 13 ގޯލެވެ.

ލީގުގެ އެންމެ ފުލުގައި އޮތް ގްރާންޑޭ އާއި ސަސް އަށް ފުރަތަމަ ޑިވިޝަންގައި ދެމިއޮތުން ކަށަވަރު ކުރުމަށް އޮތް މަރުހަލާ ދިގެވެ. އެ ދެ ޓީމުން ޖެހޭނީ މިހާރު ކުރިއަށްދާ ދެވަނަ ޑިވިޝަންގެ ޗެމްޕިއަން ޓީމާއި ރަނަރަފް ޓީމާ ދެމެދު ލީގު އުސޫލުން ބާއްވާ ރެލިގޭޝަންގެ ޕްލޭއޮފްގައި ކުޅޭށެވެ.

ރެލިގޭޝަންގެ ޕްލޭއޮފްގައި ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ބައްދަލު ކުރުމަށް ފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމަކަށް އަންނަ ސީޒަންގެ ދިވެހި ލީގުން ޖާގަ ލިބޭނެ އެވެ.