Roadha Mihaaru
ފަހުވަގުތު ސަސް ބަލިކޮށް ޓީސީ ހަމަޖެހިލައިފި

ފަހުވަގުތު ސަސް ބަލިކޮށް ޓީސީ ހަމަޖެހިލައިފި

21 ފެބުރުއަރީ 2022

ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ގެ މައްޗަށް ފަހު ވަގުތު 2-1 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި ޓީސީން ފުރަތަމަ މޮޅު ހޯދައި ހަމަޖެހިލައިފި އެވެ.

ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ގެ މައްޗަށް ފަހު ވަގުތު 2-1 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި ޓީސީން ފުރަތަމަ މޮޅު ހޯދައި ހަމަޖެހިލައިފި އެވެ.

ދިވެހި ޕްރިމިއާ ލީގުގައި ފުރަތަމަ ހަފުތާގައި މި ދެޓީމު ކުޅުނު މެޗުތަކުން ވެސް ބަލިވީ އެވެ. ޓީސީ ބަލިވީ ކްލަބް އީގަލްސް އަތުންނެވެ. ސަސް ބަލިވީ މާޒިޔާ އަތުންނެވެ. ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ޓީސީ މެޗު ކާމިޔާބު ކުރީ ފަހަތުން އަރަ އެވެ.

މެޗް ފަށައިގެން ފުރަތަމަ މިނެޓް ތެރޭގައި ސަސް އިން ލީޑް ނެގި އެވެ. އުފެއްދި ފުރަތަމަ ހަމަލާއިން ލަނޑު ޖެހީ އަލީ ނަސޫހް ރަޝީދު އެވެ. މުހައްމަދު ޝަހާއު (ބޭލް) އޭރިއާގެ ތެރޭގައި ހުރެފައި ދިން ބޯޅައިން ނަސޫހް ވަނީ އެއްފަހަރު ޖަހައި ގޯލްގެ ތެރެއަށް ވައްދައިލައިފަ އެވެ. އޭނާ ބޯޅަ ފޮނުވާލީ ކީޕަރު ސުޖަން ޕެރޭރާ ހުރި ފަޅި އަށެވެ. އެހެންނަމަވެސް ބޯޅަ ގޯލަށް ވަނީ ސުޖަންގެ އަތް ކައިރިން ގޮހެވެ.

އޭގެ ފަހުން ވެސް ސަސްގެ ޔަޝްފާދު ހަބީބު (މުލަކޭ) އަށް ވެސް ލަނޑު ޖަހާނެ ދެފުރުސަތެއް ލިބިގެން ދިޔަ އެވެ. ޓީސީން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ ފުރަތަމަ ހާފުގައި ދެއްކި އިތުރު ވަގުތުގެ ދެ މިނެޓްގެ ތެރެއިން ފުރަތަމަ މިނެޓްގަ އެވެ.

ސަސްގެ ޔަޝްފާދު ހަބީބު (ކ) ބޮޅަ ފޮނުވަލިރު އެބޯޅަ ދިފާއު ކުރަން ޓީސީގެ ކީޕަރު ސުޖަން (ވ) މަސައްކަތް ކުރަނީ: މެޗުގެ ފުރަތަމަ މިނެޓްގައި ގޯލް ވަން ނަމަވެސް ސުޖަން ވަނީ މިއަދުގެ މެޗުގައި ރަނގަޅު ސޭވްތަކެއް ކޮށްފަ --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ސަސްގެ ޔަޝްފާދު ހަބީބު (ކ) ބޮޅަ ފޮނުވަލިރު އެބޯޅަ ދިފާއު ކުރަން ޓީސީގެ ކީޕަރު ސުޖަން (ވ) މަސައްކަތް ކުރަނީ: މެޗުގެ ފުރަތަމަ މިނެޓްގައި ގޯލް ވަން ނަމަވެސް ސުޖަން ވަނީ މިއަދުގެ މެޗުގައި ރަނގަޅު ސޭވްތަކެއް ކޮށްފަ --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ޓީސީ އަށް ލިބުނު ކޯނަރު ހައިޝަމް ރަޝީދު އޭރިއާ ތެރެއަށް ނަގައިދިނުމުން އެޓީމުގެ އަލާ ނާސިރު ބޮލުން ފޮނުވާލި ބޯޅަ ސަސްގެ ކީޕަރު މުހައްމަދު ޝަފީއު (ޗެކް) ދިފާއު ކުރި އެވެ. އެހެންނަމަވެސް ރީބައުންސަށް ނުކުތް ބޯޅަ އަހްމަދު ސާމިއު ވަނީ ގޯލްގެ ތެރެއަށް ވައްދައިލައިފަ އެވެ.

ދެވަނަ ހާފު ފަށައިގެން ޓީސީގެ ކުޅުން ފެނުނީ މާރަނގަޅަށެވެ. އެކަމަކު އުފެއްދި ނުރައްކާތެރި ފުރަތަމަ ހަމަލާ އުފެއްދީ ސަސް އިންނެވެ. ދެވަަނަ ހާފުގައި ޓީސީގެ އެޓޭކްތައް ވަރުގަދަ ވުމުން ސަސްއިން ފުރަތަމަ ކުޅެން ޖެހުނީ ކައުންޓަ އެޓޭކް ގޭމެކެވެ. ކައުންޓަ އެޓޭކްގައި ސަސްގެ ޝަހާއު ބޯޅަ ހިފައިގެން އޭރިއާ ތެރެއަށް ވަން އިރު އޭނާ އަށް ހުރަސް އަޅަން ހުރީ ޓީސީގެ ކީޕަރު ސުޖަން އެކަންޏެވެ. ޝާހާއު ފޮނުވައިލި ބޯޅަ ސުޖަން ވަނީ ދިފާއުކޮށް ކޯނަރަކަށް ބޭރުކޮށްލައިފަ އެވެ.

މެޗުގެ 67 ވަނަ މިނެޓްގައި ޓީސީ އަށް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިފަ އެވެ. މުސްލިހް މުހައްމަދު (މުއްޓި) އޭރިއާ ތެރެއަށް ވަދެ ބޯޅަ ފޮނުވައިލަން ވަގުތު ވެސް ލިބުނެވެ. އެކަމަކު އޭނާ އެބޯޅަ ދިނީ ކައިރީގައި ހުރި ސާމިއު އަށެވެ. ސާމިއު ފޮނުވާލި ނަމަވެސް އެބޯޅައިގެ ބޭނުމެއް ނުކުރެވުނެވެ. އޭގެ ތިން މިނެޓް ފަހުން ޓީސީގެ ޒާޔާން ނަސީރް އަށް މާތަނަވަސް ފުރުސަތެއް ލިބުނެވެ. މުއްޓި ދިން ބޯޅަ ހިފައިގެން އޭރިއާ ތެރެއަށް ވަދެ އޭނާ ގޯލް ތެރެއަށް ކޮއްޕާލި ބޯޅަ ދިޔައީ ހުރަސް ދަނޑި މަތިން ބޭރަށެވެ. އޭނާ އަށް ބޯޅަ ފޮނުވައިލުމުގައި އުނދަގޫވީ ކީޕަރު ޝަފީއު ބޯޅަ އަށް ޗެލެންޖް ކުރުމުންނެވެ.

މިއަދު ސަސް އާއި ޓީސީ ކުޅުނު މެޗުގައި: ޓީސީން މެޗް ކާމިޔާބު ކުރީ ފަހު ވަގުތު މުސްލިހް ޖެހި ލަނޑުން --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

މިއަދު ސަސް އާއި ޓީސީ ކުޅުނު މެޗުގައި: ޓީސީން މެޗް ކާމިޔާބު ކުރީ ފަހު ވަގުތު މުސްލިހް ޖެހި ލަނޑުން --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

މެޗުގެ 70 ވަނަ މިނެޓްގައި ސަސްގެ އިބްރާހިމް އަތީގް ހަސަން (އިއްބެ) އަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. ޝަހާއު ދިން ބޯޅަ ފޮނުވައިލަން އިއްބެ އުޅުނީ ގޯލްގެ ފާޕޯސްޓާ ކަނާ ދިނާލަށެވެ. އޭނާ ފޮނުވާލި ބޯޅަ ކޯނަރަކަށް ބޭރަށް ދިޔައީ ޓީސީގެ ޑިފެންޑަރު ދިފާއު ކުރުމުންނެވެ.

ޓީސީ މެޗުން މޮޅުކޮށްދިން ލަނޑު މުސްލިހް ޖެހީ ލިބުނު ޕެނަލްޓީ ނާކާމިޔާބު ވުމަށްފަހު ދެން ރީބައުންސްވި ބޯޅައިންނެވެ. ސަސްގެ ޕެނަލްޓީ އޭރިއާގެ ތެރެއިން އެޓީމުގެ އަހްނާފް މުހައްމަދު ތަސްނީމް އަށް، ސަސްގެ މަމްދޫހް އިބްރާހިމް ފައުލް ކުރުމުން ރެފްރީ ދެއްކީ ޕެނަލްޓީ އެއް ކަމަށެވެ. ޕެނަލްޓީ ދިން ގޮތާ މެދު ސަސްގެ ޑިފެންޑަރު އަބްދުﷲ ހަނީފް (ބެންޖޯ) ހިތްހަމަ ނުޖެހުން ފާޅު ކުރުމުން އޭނާ އަށް ރީނދޫ ކާޑް ދެއްކި އެވެ.

މެޗުގެ 86 ވަނަ މިނެޓްގައި މުއްޓީ ފޮނުވައިލި ޕެނަލްޓީ ކީޕަރު ޝަފީއު ޑައިވްކޮށް ދިފާއު ކުރުމުން ރީބައުންސްވި އެވެ. ރީބައުންސްވި ބޯޅަ މުއްޓި ވަނީ ހުހަށް އޮތް ގޯލްގެ ތެރެއަށް ފޮނުވައިލައިފަ އެވެ. މެޗްގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ވެސް މުއްޓި އެވެ.

މިދިޔަ އަހަރު ފަހުކޮޅު ކުޅުން ހުއްޓާލިކަން އިއުލާން ކުރި މުހައްމަދު އައްޒާމް، ރިޓަޔާމެންޓް އުވައިލުމަށް ފަހު ސަސް އަށް ސޮއި ކޮށް ފުރަތަމަ ފަހަރަށް ސަސްގެ ކުޅުންތެރިޔެއްގެ ގޮތުގައި މިއަދު ކުޅެން ނުކުތެވެ. ޓީސީގެ ކުރީގެ ކެޕްޓަނަށް ވަނީ ފަހު ވަގުތު ފުރުސަތެއް ލިބިފަ އެވެ. ޓީސީން ލީޑް ނެގި ފަހުން ލިބުނު ފުރުސަތު އައްޒާމް އަށް ބޭނުމެއް ނުކުރެވުނެވެ. އޭނާ ފޮނުވައިލި ބޯޅަ ޓީސީގެ ކީޕަރު ސުޖަން ދިފާއު ކުރީ އެވެ.