Roadha Mihaaru
ދަގަނޑޭ އަނިޔާގައި، މާޒިޔާއާ ދެކޮޅަށް ނުކުޅޭނެ

ދަގަނޑޭ އަނިޔާގައި، މާޒިޔާއާ ދެކޮޅަށް ނުކުޅޭނެ

27 އެޕްރީލް 2023

އަލީ އަޝްފާގް (ދަގަނޑޭ) ގެ ކަކުލަށް ލިބިފައިވާ ހާނިއްކައިގެ ކުޑަބޮޑުމިން އަދި ނޭގޭ ކަމަށާއި އެހެންވެ ޕްރެޒިޑެންޓްސް ކަޕުގެ ސެމީ ފައިނަލުގައި މިރޭ މާޒިޔާއާ ދެކޮޅަށް އޭނާ ރިސްކުނުކުރާނެ ކަމަށް ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ގެ ކޯޗު އިސްމާއީލް މަހަފޫޒް (އިންމަ) ބުނެފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

އަލީ އަޝްފާގް (ދަގަނޑޭ) ގެ ކަކުލަށް ލިބިފައިވާ ހާނިއްކައިގެ ކުޑަބޮޑުމިން އަދި ނޭގޭ ކަމަށާއި އެހެންވެ ޕްރެޒިޑެންޓްސް ކަޕުގެ ސެމީ ފައިނަލުގައި މިރޭ މާޒިޔާއާ ދެކޮޅަށް އޭނާ ރިސްކުނުކުރާނެ ކަމަށް ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ގެ ކޯޗު އިސްމާއީލް މަހަފޫޒް (އިންމަ) ބުނެފި އެވެ.

ދަގަނޑޭ އަށް އަނިޔާވީ މިދިޔަ ހަފުތާގައި އީގަލްސް އަތުން 4-2 އިން ބަލިވި މެޗުގަ އެވެ. އެ މެޗުގައި ސަސް އަށް ގޯލެއް ވެސް ޖަހައިދިން ދަގަނޑޭ އަށް އަނިޔާވެގެން ބޭލީ 25 ވަނަ މިނެޓުގަ އެވެ.

އިންމަ ބުނީ ދަގަނޑޭގެ ކަކުލުގެ ދުޅަ ތިރިނުވާތީ އެމްއާރްއައި ޓެސްޓް ނެހެދޭ ކަމަށާއި އަނިޔާގެ ތަފްސީލެއް އެނގޭނީ ޓެސްޓް ހަދައި ޑޮކްޓަރަށް ދެއްކުމުން ކަމަށެވެ.

"އެހެންވެ ދަގަނޑޭ އަރުވައިގެން ރިސްކެއް ނަގާކަށް ބޭނުމެއް ނޫން. އޭނާ އަށް ރެސްޓް ދޭނީ މިރޭ. އުއްމީދުކުރަނީ ލީގު ފަށާއިރު ދަގަނޑޭ ފިޓްވެގެން ޓީމާ ގުޅޭނެ ކަމަށް،" އިންމަ ބުންޏެވެ.

ދަގަނޑޭއާ އެއްކޮށް ކުރިން ވެލެންސިއާ އަށް ކުޅުނު އިންމަ ބުނީ އޭނާ އަކީ ހުރިހާ ގޮތަކުން ވެސް ޓީމަށް މުހިއްމު ކުޅުންތެރިއެއް ކަމަށާއި ނެތުމަކީ ވަރަށް ބޮޑު ގެއްލުމެއް ކަމަށެވެ.

"ދަގަނޑޭ އަކީ ލީޑަޝިޕުގައި މުހިއްމު ރޯލެއް އަދާ ކުރާ ކުޅުންތެރިއެއް. ޓީމު ގޮވައިގެން ދަނޑުމަތީގައި ލީޑުކުރާ ކުޅުންތެރިޔާ އޭނާ އަކީ. ދަގަނޑޭ ނެތުމަކީ އުނިކަމެއް ޓީމަށް ލިބޭ. ދަގަނޑޭ ހުރުމަކީ ޒުވާން ކުޅުންތެރިންނަށް ލިބޭ ހިތްވަރަކަށް ވެސް ވޭ،" އިންމަ ބުންޏެވެ.

މިދިޔަ އަހަރުގެ ސީޒަން ހުޅުވި މެޗުގައި ވެލެންސިއާ އަށް ކުޅުމަށް ފަހު، އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ހުރެފައި ދަގަނޑޭ މިދިޔަ އަހަރެއްހާ ދުވަހު ކުޅެފައިވަނީ ގައުމީ ޓީމަށް އެކަންޏެވެ.

ދަގަނޑޭގެ ހިއްސާ އޮންނަ، އޭނާގެ ގޭދޮށު ކްލަބެއް ކަމަށްވާ ސަސް އަށް ބަދަލުވީ، ދެ ވަނަ ޑިވިޝަނުގައި ވާދަކުރާ ނިއު ރޭޑިއަންޓުން ލިބުނު ފުރުސަތު ދޫކޮށްލައިފަ އެވެ. އޭނާގެ މިހާރުގެ ޓާގެޓަކީ، ޖޫން ފަހުކޮޅު ފަށާ ސާފް ޗެމްޕިއަންޝިޕުގައި ވާދަކުރާ ގައުމީ ޓީމުން ފުރުސަތު ހޯދުމެވެ.

މިރޭގެ މެޗާ ބެހޭގޮތުން އިންމަ ބުނީ، ސުވާލެއް ނެތް ގޮތެއްގައި މާޒިޔާ އަކީ ހުރިހާ ގޮތަކުން ވެސް ވަރުގަދަ ޓީމު ކަމަށާއި އެކަމަކު ރަނގަޅަށް ތައްޔާރުވެގެން ޑިސިޕްލިންއާ އެކު ކުޅެފިއްޔާ ސަސް އަށް ވެސް ފުރުސަތު އޮންނާނެ ކަމަށެވެ.

"ސުވާލަކީ އެގޮތަށް ކުޅެން ތައްޔާރުވެފައިތޯ އޮތީ،" އިންމަ ސުވާލުކުރި އެވެ. "ޔަގީނުން ވެސް ޓީމަށް ޕްރެޝަރެއް ނެތް. އަހަރެމެން ނުކުންނާނީ ހަމަޖެހިލައިގެން ކުޅެ ނަތީޖާއެއް ނެރެން."

މިރޭގެ މެޗު ފަށާނީ 9 ޖަހާއިރު އެވެ. މި މެޗުން މޮޅުވާ ޓީމެއް ފައިނަލުގައި ބައްދަލުކުރާނީ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު ކްލަބް އީގަލްސް އާއި ބުރު ކުޅެ މޮޅުވާ ޓީމަކާ އެވެ.