ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) 2022 ގައި ރެލިގޭޓްވާން ދަނިކޮށް ކުޅުންތެރިން ކުރި ބުރަ މަސައްކަތާ އެކު އެ ޓީމު ރެލިގޭޝަން ޕްލޭއޮފް ކުޅެ ސަލާމަތްވި އެވެ. އެ ކްލަބް ރެލިގޭޓް ނުވެ ސަލާމަތް ކުރެވުމުން ކުޅުންތެރިން އުފާފާޅު ކުރީ ލީގުގެ ތަށި ލިބިގެން ވެސް އުފާފާޅު ނުކުރާނެހާ ބޮޑަށެވެ. އެ ޓީމުގެ އޭރުގެ ކޯޗު އިސްމާއީލް މަހްފޫޒު (އިންމަ) އާއި ޓީމުގެ ކުޅުންތެރިންގެ މޫނު މަތިން އެ ހިނިތުންވުން ފެނުނެވެ. ރެލިގޭޝަންގެ ޕްލޭއޮފް މުބާރާތުގައި އެ ޓީމުން ކުޅުނު ފަހު މެޗު ނިންމައި މުޅި ސްކޮޑް އެކުގައި ދަނޑުމަތީގައި އެތުރި ޝުކުރުގެ ސަޖިދަ ވެސް ޖެހި އެވެ.
29 އޯގަސްޓް 2025
ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) 2022 ގައި ރެލިގޭޓްވާން ދަނިކޮށް ކުޅުންތެރިން ކުރި ބުރަ މަސައްކަތާ އެކު އެ ޓީމު ރެލިގޭޝަން ޕްލޭއޮފް ކުޅެ ސަލާމަތްވި އެވެ. އެ ކްލަބް ރެލިގޭޓް ނުވެ ސަލާމަތް ކުރެވުމުން ކުޅުންތެރިން އުފާފާޅު ކުރީ ލީގުގެ ތަށި ލިބިގެން ވެސް އުފާފާޅު ނުކުރާނެހާ ބޮޑަށެވެ. އެ ޓީމުގެ އޭރުގެ ކޯޗު އިސްމާއީލް މަހްފޫޒު (އިންމަ) އާއި ޓީމުގެ ކުޅުންތެރިންގެ މޫނު މަތިން އެ ހިނިތުންވުން ފެނުނެވެ. ރެލިގޭޝަންގެ ޕްލޭއޮފް މުބާރާތުގައި އެ ޓީމުން ކުޅުނު ފަހު މެޗު ނިންމައި މުޅި ސްކޮޑް އެކުގައި ދަނޑުމަތީގައި އެތުރި ޝުކުރުގެ ސަޖިދަ ވެސް ޖެހި އެވެ.
ކޯޗު އިންމަ، އެ މެޗަށް ފަހު ފާހަގަ ކުރީ ކުޅުންތެރިން ވީ ގުރުބާނީ އެވެ. އެ ސީޒަނުގައި ބިދޭސީ އެއްވެސް ކުޅުންތެރިޔެއް ނުގެންނަން މެނޭޖްމެންޓުން ނިންމުމުން ވެސް އިންމަ އާއި އޭނާގެ އެ ކުޅުންތެރިންގެ މަސައްކަތް ފަހަތަކަށް ނުދިޔަ އެވެ. މާޔޫސް ނުވެ އެންމެ ފަހު ވަގުތާ ހަމައަށް ކުރި މަސައްކަތުގެ ނަތީޖާގެ ފޮނި މީރުކަން ހާސިލުވީ އެއް ވަނަ ޑިވިޝަނުގައި ދެމިއޮތުން ކަށަވަރުކޮށްގެންނެވެ.
ޕްލޭއޮފް މުބާރާތުގައި "ކުޅުންތެރިންގެ ފަރާތުން ފެނުނު މެންޓަލިޓީ އަށް" އިންމަ ތައުރީފު ބަންޑުންކޮށްލީ ޓީމާ މެދު ފަހުރުވެރިވަމުންނެވެ.
2022 ގައި ސަސް ރެލިގޭޓް ވިޔަ ނުދީ ސަލާމަތް ކުރުމަށް ފަހު އެ ޓީމުގެ ކުޅުންތެރިން އުފާފާޅު ކުރަނީ
ހިތްތިރި ކޯޗު އިންމަ، އޭރު ފަހުރުވެރި ވި ކްލަބުން އެ މަގާމާއި ޝަރަފު ވެސް ގެއްލުވަލައިފި އެވެ.
ސަސް ބަނގުރޫޓް ވެއްޖެ ކަމަށާއި އެހެންވެ އެއް ވަނަ ޑިވިޝަނުން ވަކިވާން ނިންމީ ކަމަށް އެ ކްލަބުން އެފްއޭއެމަށް މިދިޔަ ހަފުތާގައި އެންގީ އެވެ.
ސަސްގެ ވަށައިގެން ތިބީ ހިތްވަރުގަދަ ކުޅުންތެރިން އެކަންޏެއް ނޫނެވެ. ރާއްޖޭގައި އޮތް އެންމެ ވަރުގަދަ އެކަޑަމީ ސެޓަޕް ވެސް އެކުލަވާލާފައި އޮތީ އެ ކްލަބުގަ އެވެ. ފުޓްބޯޅަ ފިއެސްޓާ އާއި އެފްއޭއެމްގެ އެކަޑަމީ މުބާރާތްތަކާއި ބޭރުގެ އެކަޑަމީ މުބާރާތަކުން މިފަހަކަށް އައިސް އެންމެ ރަނގަޅު ނަތީޖާތަކެއް ނެރުނީ ސަސްގެ އެކަޑަމީގެ އެކި އުމުރުފުރާތަކުގެ ޓީމުތަކުންނެވެ.
އެކަމަކު އެއިން އެއްވެސް އެސެޓަކަށް ފަރުވާލެއް ނުބަހައްޓައި ކްލަބްގެ ދެތިން މީހަކު ވެގެން ޑީލަކަށް އެއްބަސްވެ، އެއް ވަނަ ޑިވިޝަނުގެ ޖާގަ ދޫކޮށްލީ އެވެ.
ހަރުދަނާ އެކަޑަމީ ސިސްޓަމް ގެއްލުނީ އެވެ. އެއިން އެއްވެސް އެއްޗެއް އެ ކްލަބްގައި މިހާރަކު ނެތެވެ.
ސަސްގެ ޓީމުގައި ހިމެނުނު ބައެއް ޒުވާން ކުޅުންތެރިންނާ އެކު ޓީމުގެ އޭރުގެ ކޯޗު އިސްމާއީލް މުހައްމަދު: އޭނާ ފަހުރުވެރި ޓީމުން ވަނީ ފުރަތަމަ ޑިވިޝަނުގެ ފުރުސަތު ދޫކޮށްލާފަ
"ކްލަބުން އެކަހަލަ ވިސްނުންތަކެއް ގެންގުޅޭކަން އެނގުނު ހިސާބުން އަޅުގަނޑުމެން ހިތަށް އެރި މިހެން ތިއްބައި ލަނޑެއް ލިބިދާނެޔޭ. އެހެންވެ ދުރާލައި ތައްޔާރުވުމުގެ ގޮތުން ފިޔަވަޅުތަކެއް އެޅީ. ކްލަބުން އެއް ވަނަ ޑިވިޝަނުން ވަކިވާ ހިސާބުން އެފްއޭއެމްގެ ދަނޑުތަކެއް އެކަޑަމީގެ ޕްރެކްޓިހަކަށް ނުލިބޭނެ. އެހެންވެގެން ދުރާލައި އެކަޑަމީގެ ކުޅުންތެރިން ގޮވައިގެން އަޅުގަނޑުމެން ޝިފްޓް ވީ،" ކުރިން ސަސްގެ އެކަޑަމީގައި މަސައްކަތް ކުރި އޮފިޝަލަކު ބުންޏެވެ.
އެ އެކަޑަމީގައި މަސައްކަތް ކުރި ކޯޗުންނާއި ކުޅުންތެރިން، ބަދަލުވީ އެއް ވަނަ ޑިވިޝަނުގައި އަލަށް ވާދަކުރާ އޮޑި ސްޕޯޓްސް އަށެވެ.
"އެކަޑަމީތަކަށް އެފްއޭއެމްގެ ދަނޑު މި ލިބެނީ ފުރަތަމަ ޑިވިޝަނުގެ ކްލަބަކަށް ނިސްބަތް ވީމަ. އުމުރުން ހަގު ވަރަށް ޓެލެންޓެޑް ކުދިންތަކެއް ހިމެނޭ ޓީމުތަކެއް އަޅުގަނޑުމެންގެ އެކަޑަމީގައި މިއޮތީ. އެންމެ ހަފުތާއެއް ވެސް ގެއްލުވާނުލަން ވެގެން އަޅުގަނޑުމެން އޮޑި އަށް ޝިފްޓްވީ. ކުދިންގެ ޕޭރެންޓުންނަށް ވެސް މިވަމުންދިޔަ ގޮތް ކިޔައީދީފަ، ޕޭރެންޓުންނަށް ވެސް ޗޮއިސް ދީފަ ނިންމީ. ޕޭރެންޓުން ވެސް ނިންމީ އެކަޑަމީގައި އޮތް ޓީމުތައް ރޫޅާނުލައި ކުރިއަށް ދެވޭގޮތަކަށް ދާން. އޮޑިން އަޅުގަނޑުމެންނަށް ވަރަށް ސަޕޯޓް ދިން،" އެކަޑަމީގެ އޮފިޝަލް ބުންޏެވެ.
ސަސް އަށް ކުރިމަތިވީ ހަގީގަތުގައި ވެސް އެ ކްލަބުން އެ ބުނާ ފަދަ އިންތިހާ އަށް ގޮންޖެހުން ބޮޑު މާލީ ހާލަތެއް ހެއްޔެވެ؟ ނޫނީ އެއީ ހަމަ ބޭރުފުށަށް ދައްކާ ކުލައެއް ހެއްޔެވެ.
މައުލޫގައި "މިހާރު" އާ ވާހަކަ ދެއްކި ސަސްގެ އެތެރޭގެ ޚަބަރުތައް އެނގޭ އޮފިޝަލަކު ކަށަވަރުކޮށް ދިން ގޮތުގައި އެ ކްލަބްގެ މެނޭޖެމެންޓުން އެ ފުރުސަތު ދޫކޮށްލީ ނިއު ރޭޑިއަންޓްގެ މިހާރުގެ މެނޭޖްމެންޓާ އެކު ހެދި ޑީލެއްގެ ދަށުންނެވެ.
ނިއުގެ ބޯޑުގެ ބައެއް މެންބަރުން: ސަސްގެ ނިންމުގައި ނިއުގެ މެނޭޖްމެންޓަށް ވެސް ވަނީ ތުހުމަތުގެ އިނގިލި އަމާޒު ވެފައޮ. --- ފައިލް ފޮޓޯ: ނިއު
"އެއީ ދެން ޝައްކެއް ވެސް ނެތް ކަމެއް. ދެތިން މަހެއް ވެއްޖެ އެ ޑީލަށް ދާން އުޅޭތާ ވެސް. ސަސް ވިތުޑްރޯ ކުރަން ނިއުގެ މެނޭޖްމެންޓާ އެކު އެއްބަސްވީ،" ގުޅުން ގޯސްވެދާނެތީ ނަން ޖަހަން ބޭނުން ނުވެ ވާހަކަ ދެއްކި ކްލަބާ ގުޅުން އޮންނަ އޮފިޝަލް ބުންޏެވެ.
އެކަމަކު އެ ތުހުމަތުތައް ސަސްގެ ނައިބު ރައީސް އަހްމަދު އަފްރާދު (އަފޭ) އާއި ނިއު ރޭޑިއަންޓްގެ ޗެއާމަން އަހްމަދު މުބީން ވެސް ދޮގު ކުރެއްވި އެވެ.
އެއް ވަނަ ޑިވިޝަނުން ނުވަތަ ދިވެހި ޕްރިމިއާ ލީގުން ޖާގައެއް ހުސްވެއްޖެނަމަ، އެ ޖާގަ އަށް އެހެން ޓީމެއް ޕްރޮމޯޓް ކުރަން މަޖުބޫރު ކަމަށް ދިވެހި ޕްރިމިއާ ލީގުގެ އާ ގަވާއިދުގައި ބުނެފައިވެ އެވެ. އެފްއޭއެމްގެ މިހާރުގެ އަސާސީ ގަވާއިދުގައި ބުނެފައި ވަނީ އެއް ވަނަ ޑިވިޝަނުގައި ކްލަބްތަކުގެ އަދަދަކީ 10 ކަމަށެވެ. ސަސް އިން އެ ޖާގަ ދޫކޮށްލުމުން އެ އަދަދު ނުވަޔަކަށް ތިރި ވީ އެވެ.
ލީގުގެ ގަވާއިދުގެ 12.2 ގައި ބުނެފައި ވަނީ، ލީގުން ޖާގަ ހުސްވުމުން އެ ކްލަބެއް ނިސްބަތްވާ ސަރަހައްދީ ލީގުގައި ދެން އޮތް ކްލަބްތަކުގެ ތެރެއިން އެންމެ ނަތީޖާ ރަނގަޅު ޓީމަކަށް ފުރުސަތު ދޭން ޖެހޭނެ ކަމަށެވެ.
"މުބާރާތް ފެށުމުގެ ކުރިން ޓީމެއް ވަކިވެއްޖެނަމަ އެ ޓީމެއް ނިސްބަތްވާ ރީޖަންގެ ރީޖަނަލް ލީގުގެ ދެން އެންމެ މޮޅު ޓީމަށް ލީގުން ފުރުސަތު ދިނުމާ މެދު އެފްއޭއެމްގެ އެގްޒެކެޓިވް ކޮމިޓީން ގޮތެއް ނިންމަން ވާނެ އެވެ،" ދިވެހި ލީގުގެ ގަވާއިދުގެ 12 ވަނަ މާއްދާގެ ދެ ވަނަ ނުކުތާގައި ބުނެފައިވެ އެވެ.
ލީގުން ހުސްވި ޖާގަ ދެން ލިބޭނީ ދެ ވަނަ ޑިވިޝަނުގެ ސެމީ ފައިނަލުން ބަލިވި، ނިއު ރޭޑިއަންޓް ނުވަތަ ޓެންޓްގެ ތެރެއިން ނަތީޖާ އެންމެ ރަނގަޅު ޓީމަކަށެވެ.
ލީގުން ހުސްވާ ޖާގަ ދިނުމުގައި އަމަލުކުރަން ޖެހޭނެ ކަމަށް އެ ކްލަބަށް ފެންނަ ގޮތާ ބެހޭގޮތުން ޓެންޓުން ވަނީ އެފްއޭއެމަށް ސިޓީއެއް ވެސް ފޮނުވައިފަ އެވެ.
ދެ ޓީމުގެ ނަތީޖާ ބުރަ ވަނީ ނިއު ކޮޅަށެވެ. ދެ ވަނަ ޑިވިޝަން މުބާރާތުގައި އެ ދެ ޓީމު ވެސް ހިމެނުނީ އެއް ގުރޫޕެއްގަ އެވެ. ގުރޫޕްގެ އެއް ވަނަ ހޯދީ ނިއު އެވެ. ޓެންޓުން ކުއާޓާ ފައިނަލުގެ ޖާގަ ހޯދީ ދެ ވަނަ ޓީމުގެ ގޮތުގަ އެވެ.
ގުރޫޕް ސްޓޭޖުން ފެށިގެން ސެމީ ފައިނަލުގެ ނިޔަލަށް ޓެންޓުން 20 ލަނޑު ޖެހި އެވެ. އެ ޓީމު ކޮޅަށް 11 ލަނޑު ވަނެވެ. ދެ ވަނަ ޑިވިޝަނުގައި ނިއުއިން ޖެހީ 18 ލަނޑެވެ. އެ ޓީމު ކޮޅަށް ވަދެފައި ވަނީ ހަތަރު ލަނޑެވެ.
ފައިދާ ގޯލުން ނިއު އަށް 14 ލަނޑު އެބައޮތެވެ. ޓެންޓަށް އޮތީ ފައިދާ ނުވަ ލަނޑެވެ. ނަތީޖާ އަށް ބަލާނަމަ ޓެންޓަށް ވުރެ ބޮޑު އެޑްވާންޓޭޖް ނިއު އަށް އެބައޮތެވެ. ދެ ޓީމުގެ ހެޑް ޓް ހެޑަށް ބެލުމުން ވެސް ނިއު ވަނީ ޓެންޓްގެ މައްޗަށް ގުރޫޕް ސްޓޭޖުގައި 3-1 އިން ކުރި ހޯދާފަ އެވެ.
ނިއު އަށް ޖޭގަ ލިބޭނެ ކަމަށް ބަލައިގެން އެ ޓީމުން ދަނީ ސީޒަނަށް ތައްޔާރުވަމުންނެވެ. އެކަމަކު ކްލަބްގެ ޗެއާމަން އަހްމަދު މުބީން، މިދިޔަ އަންގާރަ ދުވަހުގެ ރޭ ވެސް ވިދާޅުވީ ނިއު އިން ތައްޔާރު ވަނީ އެ ޓީމުން ވާދަ ކުރަން ޖެހޭ ހިސާބެއްގައި އޮވެގެން އެ މުބާރާތަކަށް ކަމަށެވެ.
އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ ދައުރުގައި 2019 ގައި ނިއު ސަސްޕެންޑް ކުރީ، ބައްސާމްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅަން އެ ކްލަބުން މަސައްކަތް ކުރުމުންނެވެ. އެފްއޭއެމުން އޭރު ބުނީ ނިއު ސަސްޕެންޑް ކުރީ އެ ޓީމުގެ ކޯޗުންނާއި ކުޅުންތެރިންނަށް މުސާރަ ނުދޭ މައްސަލަ ކުޅުންތެރިން ހުށަހަޅުމުން މުސާރަ ދޭން ތަކުރާރުކޮށް އެ ކްލަބަށް އެންގުމުން ވެސް މުސާރަ ދީފައި ނުވާތީ ކަމަށެވެ.
އެކަމަކު ބައްސާމްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން އުޅުނު ދަނޑިވަޅާ ދިމާކޮށް، ނިއު ސަސްޕެންޑްކޮށް ދެ ވަނަ ޑިވިޝަނަށް ރެލިގޭޓްކޮށްލީ އިންސާފުން ނޫން ކަމަށް ބުނެވޭނެ ޖާގަ އެބައޮތެވެ.
ސަސް އާ އެކު ޑީލެއް ހަދައިގެން އެ ކްލަބުން ދޫކޮށްލާ ޖާގަ އަށް ފުރަތަމަ ޑިވިޝަނަށް އަރަން ނިއު އިން މަސައްކަތް ކުރާ ކަމަށް އެ ކްލަބަށް ކުރެވޭ ތުހުމަތުތަކަށް ރައްދު ދެމުން ސޯޝަލް މީޑިއާގައި އެ ކްލަބްގެ ސަޕޯޓަރަކު ބުނީ އިންސާފުން ބޭރުން ނިއު ސަސްޕެންޑްކޮށް ދެ ވަނަ ޑިވިޝަނަށް ވައްޓާލި މައްސަލައިގެ ވާހަކަ އެންމެ ފުރަތަމަ ދައްކަން ޖެހޭ ކަމަށެވެ.
ނިއު ރޭޑިއަންޓްގެ ޗެއާމަން އަހްމަދު މުބީން: ނިއުގެ މެނޭޖްމެންޓަށް އަމާޒުވާ ތުހުމަތުތައް އޭނާ ދޮގު ކުރޭ. -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
މިދިޔަ އަހަރު ނޮވެމްބަރު މަހު ނިއުގެ ޗެއާމަންކަމާ ހަވާލުވި މުބީން އެ ވާހަކަ އޭރު ދެއްކެވި އެވެ. އަދި ނިއު އަށް ފިޔަވަޅު އެޅީ އިންސާފުން ނޫންކަން ހާމަކޮށް ކުޅިވަރުގެ އިދާރާތަކާ ވެސް އެކަން ހިއްސާ ކުރި ކަމަށް މުބީން އޭރު ވިދާޅުވި އެވެ.
އޭނާ އޭރު ވިދާޅުވެފައި ވަނީ އުސޫލުތަކާ ހިލާފަށް ނިއު އަށް އެޅި ފިޔަވަޅާ ދެކޮޅަށް އިންސާފު ހޯދަން ދުނިޔޭގެ ކުޅިވަރު އާބިޓްރޭޝަން ކޯޓު (ކާސް) އަށް ދާން ޖެހުނަސް ދާނެ ކަމަށެވެ.
އެކަމަކު އެ ހިތްވަރެއް ނިއުގެ ބޯޑުން ނުފެނުނެވެ. ކުޅިވަރުގައި ކުރިމަތިވި ބޭއިންސާފާ ގުޅިގެން ކާސް އަށް ގޮސް ޝަރީއަތުން ކާމިޔާބު ހޯދި ހަމައެކަނި ދިވެހި ފަރުދަކީ ގައުމީ އަންހެން ޓީމުގެ ކުރީގެ ކުޅުންތެރިޔާ މަރްޔަމް މުހައްމަދު (މާޔަން) އެވެ.
މާޔަން، އެންމެ ފަރުދެއްގެ ކިބައިގައި ހުރި ހިތްވަރު އިންސްޓްޓިޔުޝަނެއްގެ ގޮތުގައި ހިންގާ ކްލަބެއްގައި ނެތެވެ.
އޭގެ ބަދަލުގައި ނިއު އިން އިހްތިޔާރު ކުރަނީ ކޮރު މަގަކުން ގޮސް ވަލު ދޮރުން އެއް ވަނަ ޑިވިޝަނަށް ވަންނަން ކަމަށް ކުރެވޭ ތުހުމަތުގެ ލައްގަނޑު އެ ކްލަބްގައި ޖެހިއްޖެ އެވެ.
ކްލަބްތަކަށް ސަރުކާރުން އަދި އެފްއޭއެމް މެދުވެރިކޮށް ދޭ ފައިސާ އަށް ކްލަބްތަކުގެ ވެރިން ހިޔާނާތްތެރިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ފުލުހުން ތަހުގީގެއް ފެށި އެވެ. ފުލުހުންގެ މައްސަލަ ބަލަން ފެށި ކްލަބްތަކުގެ ލިސްޓްގައި ސަސް ވެސް ހިމެނެ އެވެ. އެ ކްލަބަށް ލިބޭ ފައިސާ އަށް ކްލަބްގެ ވެރިން ހިޔާނާތްތެރިވާކަމުގެ ތުހުމަތު ސަސްގެ ވެރިންގެ މައްޗަށް ވެސް އޮތީ ކުރެވިފަ އެވެ.
ބައްސާމްގެ ދައުރުގައި މަސައްކަތް ފެށި ފުޓްބޯޅަ އެރީނާގެ ޕްރޮޖެކްޓަށް ފީފާއިން ދިން ފައިސާގެ ތެރެއިން މިލިއަނެއްހާ ޑޮލަރަށް ވީނުވީއެއް ނޭނގި ގެއްލުނު މައްސަލަ ފީފާގެ ސަމާލުކަމަށް އޮތީ އައިސްފަ އެވެ. އެ ޕްރޮޖެކްޓްގެ މަސައްކަތް އެފްއޭއެމުން ހަވާލު ކުރީ ސަސްގެ ނައިބު ރައީސް އަފޭގެ ހިއްސާ އޮންނަ ޓިބޯރާ ޕްރައިވެޓް ލިމިޓެޑާ އެވެ.
ސަސްގެ ހިންގުމުގައި އެންމެ އިސްކޮށްއުލުއްވާ، ކްލަބްގެ ނައިބު ރައީސް އަހްމަދު އަފްރާދު (އަފޭ): ކްލަބަށް ލިބޭ ފައިސާ އަށް ސަސްގެ ވެރިން ހިޔާނާތްތެރިވެފައިވާ ކަމަށް ޔހުމުތު ކުރެވިގެން ފުލުހުން ތަހުގީގު ފެށި ކްލަބްގެ ލިސްޓްގައި ސަސް ހިމެނޭ
އެ ޕްރޮޖެކްޓް ހުއްޓިފައި އޮތަސް ޓިބާރޯ އަށް 444,000 ޑޮލަރު (6،846،480ރ.) 28 ޖެނުއަރީ 2021 ގައި ދީފައިވާކަން އެފްއޭއެމްގެ ބޭންކް ސްޓޭޓްމެންޓުން އެނގެން އެބައޮތް ކަމަށް ފީފާގެ ވަކީލުން ވެސް ފާހަގަ ކުރި އެވެ. ނަމަވެސް ޓިބޯރާއިން އެކަން ދޮގު ކުރެ އެވެ.
އަފޭ ނިސްބަތްވާ ކްލަބް، ސަސް އަށް ލިބޭ ފައިސާ ނަމަހަ ގޮތުގައި ބޭނުން ކުރާކަމުގެ ތުހުމަތު ކްލަބްގެ ވެރިންނަށް ކުރެވިފައި އޮތް ވަގުތެއްގައި އެ ކްލަބުން ލީގުން ވަކިވުމުގެ ފަހަތުގައި ނުބައި ޑީލެއް އޮތް ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކުގެ ހަގީގަތް އެފްއޭއެމުން ބަލައި އޮޅުންފިލުވަން ޖެހޭނެ ކަމަށް މައުލޫގައި ވާހަކަ ދެއްކިއޮފިޝަލަކު ދެކެ އެވެ.
އޭނާ ބުނީ ސަސް އަށް ކުރިމަތިވީ "ސައްހަ ބޭންކްރަޕްސީ" އެއްތޯ ވެސް އެފްއޭއެމުން ސީރިއަސްކޮށް ބަލަން ޖެހޭނެ ކަމަށެވެ.
މިދިޔަ ދެ އަހަރުތެރޭ ސްޕޯޓްސް މިނިސްޓްރީ މެދުވެރިކޮށް ސަސް އަށް ވެސް ދެ މިލިއަން ރުފިޔާ ދިނެވެ. އެއީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ދައުރު ނިމެން ކައިރިވެފައި ވަނިކޮށް ސްޕޯޓްސް މިނިސްޓަރީން ދިން އެއް މިލިއަން ރުފިޔާ އާއި މި އަހަރުގެ ސީޒަން ފަށަން ކޮންމެ ކްލަބަކަށް މިހާރުގެ ސަރުކާރުން ސްޕޯޓްސް މިނިސްޓްރީ މެދުވެރިކޮށް ދިން އެއް މިލިއަން ރުފިޔާ ވެސް ހިމަނައިގެންނެވެ. އެ ފައިސާ ސަސް އަށް ވެސް ޖަމާ ކުރިކަމަށް ސްޕޯޓްސް މިނިސްޓްރީން ކުރިން ބުނެފައިވެ އެވެ.
ސީޒަނަށް ތައްޔާރުވުމަށް ފުރަތަމަ ޑިވިޝަނުގެ 10 ކްލަބަށް (ކޮންމެ ކްލަބަކަށް އެއް މިލިއަން ރުފިޔާގެ މަގުން) 10 މިލިއަން ރުފިޔާ ސަރުކާރުން ދިނީ މި އަހަރު އެވެ.
އެ ހުރިހާ ފައިސާއެއް ލިބުނު ފަހުން ސަސްއިން ލީގުން ވަކިވުމުން، އެފްއޭއެމުން އެކަން ބަލަން ޖެހޭނެ ކަމަށް އޮފިޝަލް ބުންޏެވެ.
"ސަރުކާރުން ފައިސާ ދިނީ [ކުރިއަށް އޮތް] ސީޒަނަށް ތައްޔާރުވާން. އަޅުގަނޑު ދެކޭ ގޮތުގައި އެފްއޭއެމުން ޖެހޭނެ ސުވާލު ކުރަން ވެސް ސަސްގެ މެނޭޖްމެންޓާ. ކީއްވެހޭ މިފައިސާ ލިބުނު އިރު ވެސް މާލީ ހާލަތު އެ ބުނާ ދަރަޖަ އަށް ދާންވީ. އެފްއޭއެމުން މައްސަލަ ބަލަން ވެސް ޖެހޭނެ، ސްޕޯޓްސް މިނިސްޓްރީން ވެސް ޖެހޭނެ މައްސަލަ ބަލަން" އޮފިޝަލް ބުންޏެވެ.
"އަނެއްކާ ތި ބުނިހެން ސަސްގެ ވެރިންގެ މައްސަލަ ވެސް ވެސް ފުލުހުން ބަލަން ފަށާފަ އޮތީ ވެސް. އެހުރިހާ ކަމެއް ހުރި އިރު ކްލަބް ފައިނޭންޝިއަލް ސިޓްއޭޝަން ކަމަށް ބުނެ ލީގުން ވަކިވީމަ ސީރިއަސްކަމެއްގެ ގޮތުގައި އެފްއޭއެމުން ޖެހޭނެ އެ ސުވާލު އުފައްދަން ވެސް. އެއީ އެފްއޭގެ ޒިންމާއެއް ކަމަށް އަޅުގަނޑު ދެކެނީ."
އެކަމާ ބެހޭގޮތުން އެފްއޭއެމުން ވަކި ނިންމުމެއް އަދި މިހާތަނަށް އިއުލާނެއް ނުކުރެ އެވެ. އެ އެސޯސިއޭޝަނުން ބުނީ އެފްއޭއެމްގެ މުބާރާތުގެ ގަވާއިދުގައިވާ ގޮތުން ސަސްގެ މައްސަލަ ބަލައި ފިޔަވަޅު އަޅާނެ ކަމަށެވެ.
ސަސްގެ އުޒުރަކީ މަގުބޫލު ސަބަބުތަކެއްތޯ ބަލަންޖެހޭނެ ކަމަށް އޮފިޝަލް ބުންޏެވެ.
"ކްލަބްގެ އޮޑިޓެއް ވެސް ކުރުވަން ޖެހޭނެ. އަޅުގަނޑު ދެކޭގޮތުގައި،" ސަސްގެ ނިންމުމާ ގުޅިގެން އެފްއޭއެމުން ސަމާލުކަން ދެންޖެހޭނެ ފިޔަވަޅުތަކާ ބެހޭގޮތުން ވާހަކަ ދެއްކި އޮފިޝަލް ބުންޏެވެ.
ކޮންމެ ގޮތެއް ވިޔަސް ފުޓްބޯޅައިން މި ފެނުނީ ރީތި މިސާލެއް ނޫނެވެ. މިއީ ނުބައި އާދައެކެވެ. ގޯސް ޕްރެކްޓިހެކެވެ.
ސަސް ޖޫރިމަނާކޮށް ނިއުއަށް އެއްވަނަ ޑިވިޝަނުން ޖާގަދީފި
ނިއުއަށް ޖާގަ ކަށަވަރު ވާނީ އެފްއޭއެމްން ފާސްކުރުމުން
ލީގުން ވަކިވާން ނިންމިކަން ސަސްއިން އަންގައިފި
ނިއުގެ އެނބުރި އައުން ފެށީ ތަފާތު ބޮޑު މޮޅަކުން
17،000 ޑޮލަރު ދައްކައި ނިއުގެ އަދަބު ފިލުވައިފި
މާޒިޔާގެ މަސައްކަތަށް ވާދަވެރި ޓީމުތަކުން ތައުރީފު
އެމްޔޫ މަނިކު: ކްރިކެޓަށް ބޮޑެތި އެހީތަކެއް ވެދެއްވި
ނިއު އަށް ޖާގަ ދޭން މާޒިޔާގެ ކޮއްކީގެ ވޯޓު
އިރޭގެ ޝުކުރު މާޒިޔާ އަށް
ނިއުގެ ހަތުރުވެރިޔާ އެންމެ ފަހުން އެ ޓީމުގެ މިތުރަކަށް