ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އިން އެއްވަނަ ޑިވިޝަނުން ދޫކޮށްލި ޖާގަ އަށް ނިއު ރޭޑިއަންޓް ޕްރޮމޯޓް ކުރަން ފެނޭތޯ އެފްއޭއެމްގެ އެކްސްކޯގައި ވޯޓަށް އެހެމުން އެ އެސޯސުއޭޝަނުގެ ނައިބު ރައީސް އަދި މާޒިޔާގެ ސީއީއޯ ހުސައިން ޝާފިއު (ކޮއްކީ) ވޯޓް ދީފި އެވެ.
01 ސެޕްޓެމްބަރ 2025
ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އިން އެއްވަނަ ޑިވިޝަނުން ދޫކޮށްލި ޖާގަ އަށް ނިއު ރޭޑިއަންޓް ޕްރޮމޯޓް ކުރަން ފެނޭތޯ އެފްއޭއެމްގެ އެކްސްކޯގައި ވޯޓަށް އެހެމުން އެ އެސޯސުއޭޝަނުގެ ނައިބު ރައީސް އަދި މާޒިޔާގެ ސީއީއޯ ހުސައިން ޝާފިއު (ކޮއްކީ) ވޯޓް ދީފި އެވެ.
ނިއު އަށް ފުރުސަތު ދޭން ފާސް ކުރީ އެފްއޭއެމުން އިއްޔެ ބޭއްވި އެކްސްކޯގެ ބައްދަލުވުމުގަ އެވެ.
ނިއު އަށް ފުރުސަތު ދިނުމުގެ މައްސަލާގައި ވޯޓް ދިން ގޮތް ސާފު ކުރަން "މިހާރު" އިން ކުރި މަސައްކަތުގައި އެފްއޭއެމްގެ އާ ޖެނަރަލް ސެކްރެޓަރީ އަހްމަދު ޒަރީރު ވިދާޅުވީ ބައްދަލުވުމުގައި މެންބަރުން ވޯޓް ދޭ ގޮތް ހާމަ ކުރުމަކީ ކުރެވެން އޮތް ކަމެއް ނޫން ކަމަށެވެ.
އެކަމަކު "މިހާރު" އަށް އެނގިފައިވާ ގޮތުގައި ޝާފިއު ވަނީ އެއްވަނަ ޑިވިޝަނުން ހުސްވި ޖާގަ ނިއު އަށް ދިނުމަށް ތާއީދުކޮށް ވޯޓް ދީފަ އެވެ.
އެފްއޭއެމްގެ އަނެއް ދެ ނައިބު ރައީސުންނަކީ ނިއު ރޭޑިއަންޓްގައި ވެސް ނައިބު ރައީސްކަން ކުރައްވާ ހެންވޭރު އުތުރު ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު އިބްރާހިމް (ކައްޕި) އާއި މުޖުތޮބާ ޖަލީލު (މުޖޭ) އެވެ. ކައްޕި އަކީ އެފްއޭއެމްގެ ސީނިއާ ނައިބު ރައީސެވެ.
އިއްޔެ ބޭއްވި އެކްސްކޯ ބައްދަލުވުމަށް ކައްޕި އާއި މުޖޭ ހާޒިރުވެ ވަޑައިނުގަންނަވާކަން ވެސް "މިހާރު" އަށް ވަނީ އެނގިފަ އެވެ.
މާޒިޔާ އާއި ނިއު އަކީ ދަނޑުމަތީގައި އަދި ދަނޑުން ބޭރުންގައި ވެސް ވާދަވެރިކަމެއް އޮންނަ ދެ ޓީމެވެ. ފަހުގެ އަހަރުތަކުގައި ނިއު ވަރުގަދަކޮށް ފެނުނު ކޮންމެ އަހަރަކު އެ ޓީމާ ވާދަވެރި ޓީމަކީ މާޒިޔާ އެވެ.
އެފްއޭއެމްގެ ކުރީގެ ލީޑާޝިޕުން ނިއު ސަސްޕެންޑް ކުރުމުން، ސަސްޕެންޑް ދެމެހެއްޓުމަށް އަދި އޭގެ އެއް އަހަރު ފަހުން އެ ކްލަބްގެ ސަސްޕެންޝަން އުވާލުމުގެ ބާރު އެކްސްކޯ އަށް ދިނުމަށް ވެސް މާޒިޔާއިން ތާއީދު ކުރި އެވެ. އޭގެ އިތުރުން މި އަހަރު ޖޫން މަހު ބޭއްވި ކޮންގްރެސްގައި ނިއު އަށް އެފްއޭއެމްގެ މެންބަރުކަން ލިބޭ އިސްލާހަށް ވެސް މާޒިޔާއިން ވޯޓް ދީފައި ވެއެވެ.
މާލީ ދަތިތަކާ ހެދި ކަމަށް ބުނެ ސަސްއިން ދޫކޮށްލި ޖާގަ އަށް ޓީމެއް ޕްރޮމޯޓް ކުރުމުގައި އެފްއޭއެމްގެ އެކްސްކޯއިން ބެލީ އެންމެ ފަހުގެ ދެވަނަ ޑިވިޝަން މުބާރާތުގައި ސެމީ ފައިނަލުން ބަލިވި ދެ ޓީމުގެ ތެރެއިން ނަތީޖާ އެންމެ ރަނގަޅު ޓީމަކަށެވެ.
ފައިނަލަށް ދިޔަ ދެ ޓީމު އޮޑި އާއި ވިކްޓަރީ ސީދާ ކޮލިފައިވި އެވެ. އެ ދެ ޓީމު އަތުން ބަލިވީ ޓެންޓް ސްޕޯޓްސް އާއި ނިއު އެވެ. އެ ދެ ކްލަބްގެ ނަތީޖާ އަޅާކިޔާ އިރު ނިއު އަށް ކުރި ލިބެ އެވެ.
ދެ ވަނަ ޑިވިޝަން މުބާރާތުގައި އެ ދެ ޓީމު ވެސް ހިމެނުނީ އެއް ގުރޫޕެއްގަ އެވެ. ގުރޫޕްގެ އެއް ވަނަ ހޯދީ ނިއު އެވެ. ޓެންޓުން ކުއާޓާ ފައިނަލުގެ ޖާގަ ހޯދީ ދެ ވަނަ ޓީމުގެ ގޮތުގަ އެވެ.
ގުރޫޕް ސްޓޭޖުން ފެށިގެން ސެމީ ފައިނަލުގެ ނިޔަލަށް ޓެންޓުން 20 ލަނޑު ޖެހި އެވެ. އެ ޓީމު ކޮޅަށް 11 ލަނޑު ވަނެވެ. ދެ ވަނަ ޑިވިޝަނުގައި ނިއުއިން ޖެހީ 18 ލަނޑެވެ. އެ ޓީމު ކޮޅަށް ވަދެފައި ވަނީ ހަތަރު ލަނޑެވެ.
ފައިދާ ގޯލުން ނިއު އަށް 14 ލަނޑު އެބައޮތެވެ. ޓެންޓަށް އޮތީ ފައިދާ ނުވަ ލަނޑެވެ. ނަތީޖާ އަށް ބަލާނަމަ ޓެންޓަށް ވުރެ ބޮޑު އެޑްވާންޓޭޖް ނިއު އަށް އެބައޮތެވެ. ދެ ޓީމުގެ ހެޑް ޓް ހެޑަށް ބެލުމުން ވެސް ނިއު ވަނީ ޓެންޓްގެ މައްޗަށް ގުރޫޕް ސްޓޭޖުގައި 3-1 އިން ކުރި ހޯދާފަ އެވެ. ސަސްއިން ގަސްތުގައި ލީގުން ވަކިވުމުން އެފްއޭއެމުން ވަނީ އެ ޓީމާ ދެކޮޅަށް ފިޔަވަޅު އަޅާފަ އެވެ. އެ ޓީމަށް 200،000ރ. ޖޫރިމަނާއެއް ކުރިމތި ކުރި އެވެ. ކުރިން ބެލެވުނީ ސަސް ރެލިގޭޓް ކުރާނީ ދެވަނަ ޑިވިޝަނަށް ކަމަށެވެ. އެކަމަކު އެކްސްކޯއިން ނިންމީ ތިންވަނަ ޑިވިޝަނަށް އެ ޓީމު ރެލިގޭޓް ކުރުމަށެވެ.
އިއްޔެގެ އެކްސްކޯ ބައްދަލުވުމުގައި ދެން ފާސް ކުރީ ފަލަސްތީނުގެ 17 އަހަރުންދަށުގެ ޒުވާން ގައުމީ ޓީމުގެ ޓްރޭނިން ކޭމްޕް ރާއްޖޭގައި ބާއްވައި ދޭން އެދިފައިވާތީ އެކަމަށް ހިނގާނެ ހަރަދުތައް ހަމަޖެއްސުމަށް ސަރުކާރުގެ އެހީތެރިކަމަށް އެދުމަށެވެ. އަދި ފަލަސްތީނުގެ އެ ޓީމާ ދެކޮޅަށް ރާއްޖޭގެ 17 އަހަރުންދަށުގެ ގައުމީ ޓީމު ކުޅޭ އެކުވެރިކަމުގެ ދެ މެޗަށް ސްޕޮންސަރުން ހޯދަން ވެސް އެކްސްކޯއިން ފާސް ކުރި އެވެ.
ނިއު އާއި ވިކްޓަރީއަށް އަލުން އެފްއޭއެމްގެ މެންބަރުކަން
ފުޓްބޯޅަ އެނބުރިއައުން؛ ގެންޖެހުންތަކާއި ހިތްހަމަޖެހުން
ނިއު ރޭޑިއަންޓްގެ ސަސްޕެންޝަން އުވާލައިފި
ނިއުއިން މިހާރު ބުނަނީ ބައްސާމަށް އިތުބާރުކުރާ ކަމަށް
ރޭޑިއަންޓް ސަލާމަތްވުން ވާނީ އުނދަގޫ ދަތުރަކަށް
ނިއު ރޭޑިއަންޓުގެ "ރޫހުގައި" ރޭޑިއަންޓް ނުކުމެއްޖެ
ވިކްޓަރީ އަދި ނިއު ފުރަތަމަ މެޗު ހުކުރު ދުވަހު
އެޓޯލް ޗެމްޕިއަންޝިޕްގައި ބައިވެރިވާން އިތުރު ފުރުސަތެއް
ގައުމީ ޓީމު ޖާގަދޭން ކްލަބްގެ ޕްރެކްޓިސް ވެސް ބަލަނީ
ގައުމީ ޓީމުގެ މެނޭޖަރަކަށް އަނެއްކާވެސް އެކްސްކޯ މީހެއް