Roadha Mihaaru

ދިވެހި ލީގު ޝެޑިއުލު: އެނބުރި އައި ވިކްޓަރީ އަދި ނިއުގެ ފުރަތަމަ މެޗު ހުކުރު ދުވަހު

ގާތްގަނޑަކަށް ދޮޅު އަހަރަށް ފަހު ފަށް ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ ބުރުގެ މެޗު ޝެޑިއުލް އެފްއޭމުން އާންމުކޮށްފި އެވެ.

ވިކްޓަރީ އަދި ނިއު ފުރަތަމަ މެޗު ހުކުރު ދުވަހު
ހުސެއިން ހަބީބް
ހުސެއިން ހަބީބް

13 ސެޕްޓެމްބަރ 2025

ގާތްގަނޑަކަށް ދޮޅު އަހަރަށް ފަހު ފަށް ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ ބުރުގެ މެޗު ޝެޑިއުލް އެފްއޭމުން އާންމުކޮށްފި އެވެ.

ލިގު ފަށާނީ އަންނަ ބުރާސްފަތި ދުވަހުގެ ރޭގަ އެވެ. އެ ރޭގެ މެޗުގައި ވާދަކުރާނީ އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ އާއި ރަނަރަފް އީގަލްސް އެވެ.

އަންނަ ހުކުރު ދުވަހު ކުޅޭ ދެ މެޗުގައި، ހަ އަ ހަރުގެ މެދުކެނޑުމަކަށް ފަހު ދިވެހި ލީގަށް އެނބުރި އަންނަ ވިކްޓަރީ އާއި ނިއު ރޭޑިއަންޓްގެ ފުރަތަމަ މެޗުތައް އޮންނާނެ އެވެ.

ހުކުރު ދުވަހު ހަވީރު ކުޅޭ މެޗުގައި، ނިއު ނުކުންނާނީ ޓީސީ ސްޕޯޓްސްއާ ދެކޮޅަށެވެ. އެ ރޭ ކުޅޭ މެޗުގައި ވިކްޓަރީ ނުކުންނާނީ ބުރު ސްޕޯޓްސްއާ ދެކޮޅަށެވެ.

ވިކްޓަރީ ދިވެހި ލީގަށް ޕްރޮމޯޓް ވީ، އެންމެ ފަހުން ބޭއްވި ދެވަނަ ޑިވިޝަނުގެ ފައިނަލުން ޖާގަ ހޯދައިގެންނެވެ. ފައިނަލަށް ދަތުރު ކުރި ދެ ޓީމު ޕްރޯމޯޓްކުރަން އެފްއޭއެމުން ނިންމީ، އޭރު އެއްވަނަ ޑިވިޝަނުގައި އޮތް އެއްވެސް ޓީމެއް ރެލިގޭޓްނުވާ ގޮތަށެވެ. އެކަމަކު މިދިޔަ މަހު ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އިން ވަނީ ލީގުން ވަކިވެފަ އެވެ.

ސަސްއިން ދޫކޮށްލި ޖާގަ އަށް އެފްއޭއެމްގެ އެކްސްކޯއިން ޕްރޮމޯޓް ކުރީ ނިއު ރޭޑިއަންޓެވެ. އެއީ ދެވަނަ ޑިވިޝަނުގެ ސެމީ ފައިނަލުން ބަލިވި ދެ ޓީމުގެ ތެރެއިން ނަތީޖާ އެންމެ ރަނގަޅު ޓީމަށް އެ ޓީމު ވުމުންނެވެ. ސެމީ ފައިނަލުން ދެން ބަލިވީ ޓެންޓެވެ.

ދެވަނަ ޑިވިޝަނުގެ ފައިނަލަށް ދަތުރުކޮށް އެއްވަނ ޑިވިޝަނުން މުޅިން އަލަށް ޖާގަ ހޯދި އޮޑި ސްޕޯޓްސްއިން ލީގުގައި ކުޅޭ ފުރަތަމަ މެޗު ކުޅޭނީ ހޮނިހިރު ދުވަހު ހަވީރު އެވެ. އެ މެޗުގައި އެ ޓީމާ ދެކޮޅަށް ނުކުންނާނީ ޔުނައިޓެޑް ވިކްޓަރީ އެވެ. ލީގުގެ ތާރީހުގައި އެންމެ ކާމިޔާބު އެއް ޓީމު ވެލެންސިއާއިން ލީގުގައި ކުޅޭ ފުރަތަމަ މެޗުގައި އަންނަ ހޮނިހިރު ދުވަހުގެ ރޭ ނުކުންނާނީ ގްރީން ސްޓްރީޓްސްއާ ދެކޮޅަށެވެ.

އޮކްޓޯބަރު އަދި ނޮވެމްބަރުގައި ގައުމީ ޓީމު ކުޅޭ ދެ މެޗަށް، އެ ދެ މަހު ލީގުގެ ކުޅުން ގާތްގަނޑަކަށް ދެ ހަފުތާ އަށް މެދުކަނޑާލަން ވަނީ ހަމަޖެހިފަ އެވެ. ލީގުގެ ފުރަތަމަ ބުރު ނިމޭނީ ނޮވެމްބަރު 30 ގަ އެވެ.

ދިހަ ޓީމު ވާދަކުރާ ލީގުގެ ފުލަށް ދާ ދެ ޓީމު ސީދާ ރެލިގޭޓް ވާނީ ދެވަނަ ޑިވިޝަނަށެވެ. ލީގުގެ ހަތް ވަނަ އާއި އަށް ވަނަ ޓީމަށް ޖެހޭނީ، ރާއްޖޭގެ ހަތަރަު ސަރަހައްދުގައި ކުޅޭ ސަރަހައްދީ ލީގުގެ ޗެމްޕިއަން ޓީމުތަކާ އެކު ރެލިގޭޝަން ޕްލޭއޮފް ކުޅޭށެވެ. އެ މަރުހަލާގައި ކުޅޭ ހަ ޓީމުގެ ތެރެއިން އެންމެ ގަދަ ހަތަރު ޓީމު ދެން އަންނަ ސީޒަނުގެ ދިވެހި ލީގު ކުޅޭނެ އެވެ. އެ ސީޒަނުން ފެށިގެން ލީގު ކުޅޭނީ ހޯމް އެންޑް އަވޭ އުސޫލުންނެވެ.