21 ޑިސެމްބަރ 2024
ފަހަކަށް އައިސް ކޮންމެ ރެއަކު ކަހަލަ ގޮތަކަށް ގަލޮޅު ދަނޑުން އެ ދައްކައިދެނީ ދިވެހިންގެ ހަގީގީ ފުޓުބޯޅައިގެ ރޫހެވެ. އެ ވާދަވެރިކަމާ އެކު، އެކިއެކި ކްލަބްތަކުގެ ސަޕޯޓަރުން ކަށިން ހިތްވަރު ނެރެގެން އެ ލައްވާ ހަޅޭކާއި ބެރުތަކާއި ދުންމާރީގެ އަޑުތަކުން ޔަގީން ކޮށްދެނީ ދިވެހި ފުޓުބޯޅަ އަދިވެސް ދިރުވައި ކުރީގެ ޖޯޝް ގެނެވިދާނެ ކަމެވެ. ކްލަބްތަކާއި އަމިއްލަ މީސްމީހުންގެ އެހީތެރިކަމާ އެކު، އަދިވެސް ފުޓުބޯޅައިގެ ފޯރި ގެނެސްދެވޭނެ ކަން ގޯލްޑް ކަޕް މުބާރާތުން ކަށަވަރު ކޮށްދީފި އެވެ.
ފަހަކަށް އައިސް ކޮންމެ ރެއަކު ކަހަލަ ގޮތަކަށް ގަލޮޅު ދަނޑުން އެ ދައްކައިދެނީ ދިވެހިންގެ ހަގީގީ ފުޓުބޯޅައިގެ ރޫހެވެ. އެ ވާދަވެރިކަމާ އެކު، އެކިއެކި ކްލަބްތަކުގެ ސަޕޯޓަރުން ކަށިން ހިތްވަރު ނެރެގެން އެ ލައްވާ ހަޅޭކާއި ބެރުތަކާއި ދުންމާރީގެ އަޑުތަކުން ޔަގީން ކޮށްދެނީ ދިވެހި ފުޓުބޯޅަ އަދިވެސް ދިރުވައި ކުރީގެ ޖޯޝް ގެނެވިދާނެ ކަމެވެ. ކްލަބްތަކާއި އަމިއްލަ މީސްމީހުންގެ އެހީތެރިކަމާ އެކު، އަދިވެސް ފުޓުބޯޅައިގެ ފޯރި ގެނެސްދެވޭނެ ކަން ގޯލްޑް ކަޕް މުބާރާތުން ކަށަވަރު ކޮށްދީފި އެވެ.
ޑޮމެސްޓިކް ފުޓްބޯޅަ މެޗެއް ބަލަން މި ފަހުގެ ތާރީހެއްގައި ދަނޑަށް ނުވަންނަހާ ގިނަ އަދަދަކަށް މީހުން ދަނޑަށް ވަދެއްޖެ އެވެ. ޓީވީން މެޗު ބަލާ އަދަދާއި މެޗުތަކާ ގުޅޭ ގޮތުން ސޯޝަލް މީޑިއާގެ އެންގޭޖްމެންޓް ވެސް މައްޗެވެ. ގޯލްޑް ކަޕްގެ މެޗުތައް ފޭސްބްކް މެދުވެރިކޮށް ވަގުތުން ގެނެސްދޭ "ޔެސް" ޓީވީގެ ފޭސްބްކް ޕޭޖުގައި ގޯލްޑް ކަޕްގެ ސޯޝަލް މީޑިއާގެ އެންގޭޖްމެންޓް އުޅެނީ 1.5 މިލިއަނާ ކައިރީގަ އެވެ.
ޕީއެސްއެމްގެ އޮފިޝަލަކު ވިދާޅުވިގޮތުން ނަމަ އެއީ އެ ޕޭޖް މެދުވެރިކޮށް މިހާތަނަށް ދެއްކި ރާއްޖޭގެ މައި ފުޓްބޯޅަ ލީގާއި ސީޒަންގެ އެހެން މުބާރާތްތަކާއި ކުޅިވަރުގެ އެހެން ވަކިވަކި އިވެންޓްތަކާ ވެސް ނުބައްދަލު އަދަދެކެވެ.
ފުވައްމުލަކުގެ ސަޕޯޓަރުން އެ ޓީމު ކުޅުނު މެޗެއްގައި
އޮލިމްޕިކް ކޮމިޓީގެ ކުރީގެ ސެކްރެޓަރީ ޖެނަރަލް އަހްމަދު މަރްޒޫގް ވިދާޅުވީ، ގޯލްޑް ކަޕަކީ ފަހުގެ ތާރީހުގައި ރާއްޖޭގެ ފުޓްބޯޅައާ ކުރިމަތިވި އެންމެ ރަނގަޅު ކަންތައް ކަމަށެވެ.
"ގޯލްޑް ކަޕް ފެށުމުގެ ކުރިން އޭގެ ވަށައިގެން އެނބުރުނު ސިޔާސީ ކަންތައްތަކަކީ ކޮބައިކަން އަހަންނަކަށް ނޭނގޭ. ކޮންމެހެން އެނގޭކަށް ވެސް ބޭނުމެއް ނޫން. އެކަމަކު އެއް ކަމެއް ވަރަށް ސާފު. މިއީ މި ފަހުގެ އަހަރުތަކުގައި ރާއްޖޭގެ ފުޓްބޯޅަ އަށް ކުރިމަތިވި އެންމެ ރަނގަޅު ކަންތައް،" ފޭސްބްކްގައި ލިޔުނު ޕޯސްޓެއްގައި މަރްޒޫގް ވިދާޅުވި އެވެ.
"އެއީ ހަމައެކަނި މެޗުތަކުގެ ފެންވަރާ ގުޅޭ ވާހަކައެއް ނޫން. ސްޓޭޑިއަމްގެ އެތެރޭގެ މާހައުލާއި އެ ފޯރި އާއި ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމުތަކުގައި ވެސް އެކަން ފާހަގަ ކޮށްލެވޭ."
ކުރިން ފުރަތަމަ ޑިވިޝަނުގައި ވާދަކުރި ވިޔަންސާ އަށް ކޯޗު ކޮށްދިން މަރްޒޫގް ވިދާޅުވީ ސަޕޯޓަރުންނާއި އޭގެ ވަށައިގެން ހަރަކާތްތެރި އޯޑިއަންސެއް ނެތި ފުޓްބޯޅައެއް ނޯންނާނެ ކަމަށެވެ.
ރާއްޖޭގެ މައި ލީގާއި އެންމެ މަތީ ޑިވިޝަންތަކުގެ މުބާރާތްތަކާއި ޓީމުތަކަށް ކުރިމަތިވީ މަރުޒޫގް އެ ވިދާޅުވާ ފަދަ ގޮތެކެވެ. ސަޕޯޓަރުންގެ އިތުރުން ހަރަކާތްތެރި އޯޑިއަންސެއް ނެތީ އެވެ. ދިވެހިން އެންމެ ގިނައިން ބަލާ އެންމެ ގިނައިން ކުޅޭ ކުޅިވަރު އަޑިއަޅާލައިގެން ދިޔައީ އެވެ.
ގޯލްޑް ކަޕްގައި ފެނުނީ އެ މަންޒަރާ އިދިކޮޅަށެވެ. ޓީމުތަކުގެ ފަހަތުގައި ސަޕޯޓަރުން ތިއްބެވެ. ހެޔޮ އެދޭ އެކި ފަރާތްތަކުގެ ހަރަދުގައި ސަޕޯޓަރުން މެޗުތައް ބަލަން މާލެއަށް ދަތުރު ކުރަން ދޯންޏާއި ލޯންޗު ވެސް ހަމަޖައްސައި ދިނެވެ. ވާދަކުރި ޓީމުތަކުގެ ރަށްރަށުގެ ތަނަވަސް މީހުންގެ ހެޔޮ އެދުންތަކާ އެކު ދަނޑަށް މީހުން ވައްދަން ޓިކެޓް ފޯރުކޮށް ދިނެވެ. ދަނޑަށް މީހުން އިތުރަށް ވަންދަން ޓީމުތަކުން އަމިއްލަ ގޮތުން ވެސް މަސައްކަތް ކުރި އެވެ.
މިއީ މާލޭގެ ފުރަތަމަ ޑިވިޝަންގެ ޓީމުތަކުން ނުކުރާ މަސައްކަތެވެ.
"ލީގު ފޯމެޓް އިސްލާހު ކުރަން ޖެހޭ. ކްލަބްތަކެއް ނޫން. ރަށްރަށް ހިމަނަންވީ. އަހަންނަށް ހީވަނީ މިކަމުގައި މިހާރު އެންމެން އެއްބަސްވާހެން،" ދިލްޝާން
ކުރިން މާލޭގައި ބޭއްވި ޒޯން މުބާރާތުގައި ވާދަކުރަން މާލެ އަންނަ ރަށްރަށުގެ ޓީމުތައް މާލޭގައި ހުރުމުގެ އިންތިޒާމު ހަމަޖެއްސީ ގަލޮޅު ދނޑުގެ އެކޮމެޑޭޝަން ބްލޮކްގަ އެވެ.
އެކަމަކު މިހާރު އެ ހާލަތު ވެސް ބަދަލުވެއްޖެ އެވެ. އެކޮމެޑޭޝަން ބްލޮކަށް ވަންނާކަށް ކޮންމެހެން ނުޖެހުނެވެ. ބައެއް ޓީމުތަކުގެ ކުޅުންތެރިން ބައިތިއްބަން އެއް މަސް ދުވަހަށް އެޕާޓްމެންޓްތައް ހިފައި ދިނީ އެ ރަށާ ގުޅިފައި ތިބި ތަނަވަސް މީހުންގެ ހަރަދުގަ އެވެ. މުބާރާތުގައި ވާދަކުރީ ވަކި ކޮމިއުނިޓީތަކަށް ނިސްބަތްވާ ޓީމުތަކަށް ވުމުން އެ ހަރަދު ކޮށްދޭނެ މީހުން އެ ކޮމިއުނިޓީ ތެރެއިން އަމިއްލަ އަށް އިސް ނެގި އެވެ.
އަލިފުށީގެ އަންހެން ސަޕޯޓަރުން އެ ރަށު ޓީމުގެ ކެޕްޓަން މުހައްމަދު ރަޝީދު (ހޮކޭ) އަށް ހިވަރު ދެނީ --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އަލިފުށީ ޓީމު މާލޭގައި ތިބެނީ، ހެޔޮއެދޭ ފަރާތަކުން ހުޅުމާލެއިން ހަމަޖައްސައި ދިން ތިން ކޮޓަރީގެ ލަގްޒަރީ ފެންވަރުގެ އެޕާޓްމެންޓެއްގަ އެވެ.
ރާއްޖޭގެ މައި ލީގުތަކުގައި ވާދަކުރާ ކްލަބްތަކަށް ނެތީ ނިސްބަތް ވާނެ ކޮމިއުނިޓީ އެކެވެ. މާލޭގެ ކްލަބްތަކުގެ ޖާޒީގެ ފަހަތުގައި އަވަށްތަކުގެ ނަންތައް ޖަހައިގެން ވެސް މި ފަހުގެ ތާރީހެއްގައި ނުކުތެވެ. ނަމަވެސް އެ ފައިދާއެއް އެ ޓީމުތަކަށް ނުކުރި އެވެ. ކްލަބްތަކުގެ ޖާޒީގައި އަވަށްތަކުގެ ނަންތައް ޖެހުމަކީ އެފްއޭއެމުން އަންގައިގެން ކުރުވި ކަމެކެވެ. އެފްއޭއެމުން ބޭނުންވީ ފުޓުބޯޅައިގެ ފޯރި އަލުން ގެންނާށެވެ.
"އަނެއްކާވެސް މާދަން ލީގު ފަށައި މާލޭގެ ކަންމަތީ ޓީމުތައް ލައިގެން ދެން (ދަނޑަށް) ވަންނާނީ ދުލުން ނުބައި އެއްޗިހި ގޮވަން އެމީހުންގެ ރަށްޓެހިން. އެހާހިސާބުން އާއިލާތައް ދަނޑަށް ވަނުން ހުއްޓުނީ،" ފަވާ
އެކަމަކު، އެ ފޯރި ގެންނަން ކުރަން ޖެހޭ ހަގީގީ މަސައްކަތް އެއްކައިރި ކޮށްފައި، ދެން އެހެން މަސައްކަތެއް ކުރިޔަސް އެ ފޯރިއެއް ނާންނާނެ އެވެ. މާލެ އަށް ބަރޯސާ ވެފައިވާ ގައުމީ ލީގު ރަށްރަށާ ހަމައަށް ގެންދާނެ ކާމިޔާބު ޕްލޭނެއް އެފްއޭއެމަކަށް ނުހޯދުނެވެ. ރާއްޖޭގެ އެހެން ރަށްތަކާއި ސިޓީތަކަށް ރާއްޖޭގެ މައި ލީގުގައި ވާދަކޮށް، އެފްއޭއެމުގެ ނިންމުންތަކުގައި ބަސްބުނުމުގެ ހައްގު ދޭކަށް ނުކެރުނެވެ.
ދިވެހި ލީގު ޓީމުތަކުގެ އަދަދު 12 އަށް ހަދައި ހޯމް އެންޑް އަވޭ އުސޫލުން މި އަހަރު ލީގު ބާއްވަން 2021 ގައި އެފްއޭއެމުން އެކުލަވައިލި ޕްލޭން ވެސް ވީ ބޮޑު ފްލޮޕަކަށެވެ. މާލެ އިން ނުވަ ޓީމަށް ލީގުން ފުރުސަތު ދިނުމަށް ނިންމި އެވެ. ރަށްރަށަށް ނިސްބަތްވާ ޓީމުތަކަށް ދޭން ނިންމީ ތިން ޖާގަ އެވެ. އެކަމަކު އެ ތިން ޓީމަށް ވެސް އެފްއޭއެމްގެ ނިންމުންތަކުގައި ބަސްބުނުމުގެ ހައްގެއް ނެތެވެ.
އެ ފުރުސަތު އޮތީ މާލެ ސަރަހައްދަށް ނިސްބަތްވާ ކްލަބްތަކަށް އެކަންޏެވެ. އެފްއޭއެމްގެ ބަޖެޓުން ވަކި ޕަސެންޓެއް އަތޮޅު ފުޓްބޯޅަ އަށް ހާއްސަކުރާކަށް މާލޭގެ ކްލަބްތަކުން ބޭނުމެއް ނުވި އެވެ. އެފްއޭއެމުން ދޭ ފައިސާ ކޮޅަކަށް އެކަނި ބަރާސޯވެ، ޓީމު އެކުލަވައިލި ކްލަބްތައް ސީޒަނުގެ ވަކި ހިސާބަކުން އިނދަޖެހުނީ އެވެ. ކްލަބްތައް ދަރަނިވެރިވެ ފީފާގެ ޓްރާންސްފާ ބޭން އަދަބުގެ މަޅިއަށް ފެތުނީ އެވެ. ލީގުގެ ފަހު ބުރުގައި ވާދަކުރެވެން ނެތް ކަމަށް ވެސް ބައެއް ކްލަބްތަކުން އެފްއޭއެމަށް އެންގި އެވެ.
ގޯލްޑް ކަޕް މެޗެއްގެ ތެރެއިން ސަޕޯޓަރުން ޓީމަށް ހިތްވަރު ދެނީ
ކުރިއަށް އޮތް އަހަރުގެ ކުރީކޮޅަށް ސީޒަން ފަށަން އެފްއޭއެމުން ޕްލޭން ކޮށްފައި އޮތަސް ގިނަ ކްލަބްތަކުން ތައްޔާރެއް ނުވެ އެވެ. ފައިސާގެ މައްސަލަތަކުގައި އެ ކްލަބްތައް އޮތީ ހިރި ވެސް ނުލެވިފަ އެވެ.
މިހެން އޮތް ހާލަތުގައި ގޯލްޑް ކަޕް ފަށަން ތައްޔާރު ވެފައި ވަނިކޮށް، އެ މުބާރާތަށް ހުރަސް އަޅަން ވެސް އެފްއޭއެމްގެ މެންބާޝިޕް ހޯދައިގެން ތިބި މާލޭގެ ބައެއް ކްލަބްތަކުން މަސައްކަތް ކުރި އެވެ. އެފްއޭމުން ނެރުނު ސާކިއުލާއެއްގެ އަސަރު ގޯލްޑް ކަޕް ފެށެން ކައިރިވެފައި ވަނިކޮށް އެ މުބާރާތަށް ފޯރި ވެސް މެ އެވެ.
އެކަމަކު މުބާރާތް ވައިގައި ހިފައި އާއިލާތައް އެކުގައި ދަނޑަށް ވަދެ، މެޗުތައް ބަލޭނެ މާހައުލާއި ފުރުސަތު އުފައްދައިފި އެވެ. މަރްޒޫގް ވިދާޅުވީ ހަމައެކަނި އެ މަންޒަރު ބަލަން ހުރުން ވެސް ހިތަށް ހަމަޖެހުން ގެނުވާ ކަމަށެވެ.
"ގިނަ ދުވަސްތަކަކަށް ފަހު އެންމެ ފަހުން އަހަރެމެންނަށް މި ފެންނަނީ އާއިލާތައް އެކުގައި ދަނޑަށް އައިސް އެ މީހުންގެ ޓީމުތަކަށް ތަރުހީބު ދީ، އުފާ ފާޅުކުރަމުންދާ މަންޒަރު. ކުޑަކުދިންނާއި އަންހެނުންނަށް ވެސް ބައިވެރިވެ، އެ މާހައުލުގައި އުފާކުރާތަން ބަލަން ހުރުމަކީ ވެސް ވަރަށް ހިތްހަމަޖެހުން ގެނުވި ކަމަކަށްވި. މިއީ ކުޅިވަރު، ހާއްސަކޮށް ފުޓްބޯޅައިގެ ވާން ޖެހޭނެ ގޮތަކީ ސަޕޯޓަރުންނާއި ހަރަކާތެރި އޯޑިއެންސެއް ނެތި ފުޓްބޯޅައެއް ނޯނާންނެ،" މަރްޒޫގް ވިދާޅުވި އެވެ.
ގޯލްޑް ކަޕްގެ މެޗެއްގެ ތެރެއިން ކުޑަކުއްޖަކާއި އަންހެނެއް: އާއިލާތައް އެކުގައި ދަނޑަށް އައިސް މެޗުތައް ބެލި
އޭނާގެ އެ ޕޯސްޓަށް ކޮމެންޓް ކުރި ގިނަ ބަޔަކު ވެސް ހިޔާލު ދީފައި ވަނީ ރާއްޖޭގެ ލީގު ފޯމެޓް ބަދަލު ކުރުމަށެވެ. ފުޓްބޯޅައިގެ ފޯރި އެ ނޫން ގޮތަކަށް ދެން ނުގެނެވޭނެ ކަމަށް ވެސް ކޮމެންޓްތަކުގައި ވެ އެވެ.
"ރާއްޖޭގެ ފުޓްބޯޅަ ކުރިއަރުވަންޏާ ޖެހޭނީ މުޅި ރާއްޖެ ޝާމިލު ވެވޭ މިފަދަ [ގޯލްޑް ކަޕް ކަހަލަ] މުބާރާތްތައް ގިނަ ކުރަން. އެންމެ ފަހުން އަތޮޅު ލެވަލަށް އެ މުބާރާތް ގެންދިއުން. އެންމެ ފުރަތަމަ ކަމަކަށް ކޮންމެ އަތޮޅަކަށް މެދުނުކެނޑި އިންޓަ ސްކޫލް ބޭއްވުން،" އަބްދުﷲ ހާރިސް ކިޔާ މީހަކު މަރުޒޫގްގެ ޕޯސްޓަށް ކުރި ކޮމެންޓެއްގައި ވެ އެވެ.
"އެކަން ކުރިން ފެށިގެން ކުރިއަށް ގެންދިޔަ ނަމަ ރާއްޖެއަކީ ސައުތު އޭޝިއާގެ ބާރެއްގެ ގޮތުގައި އޮތީސް."
އެކަމަކު އޮތް ކަންބޮޑުވުމަކީ އަތޮޅުތެރެއަށް ފުޓުބޯޅަ ގެންދާނެ ގޮތުގެ ޓެސްޓެއް ވެސް އެފްއޭއެމުން ކޮށްފައި ނެތުމެވެ. މެދުނުކެނޑި ކުރިއަށްދާ ސާމްޕަލް މުބާރާތެއްހާ ހިސާބު ވެސް އަތޮޅު ފުޓްބޯޅަ އަށް ހާއްސަކޮށް ބާއްވާފައެއް ނުވެ އެވެ. ނަތީޖާ އަކަށްވީ "ބޮޑު ފުޓްބޯޅަ" އިގެ ހަރަކާތްތައް ނެތި މިނީ ފުޓްބޯޅަ ނުވަތަ ރާއްޖޭގައި ކިޔާ ގޮތުންނަމަ "ފުޓްސަލް" އަށް އެކަނި ރަށްރަށުގެ ޓީމުތައް ހާއްސަ ވުމެވެ.
މާލެއަށް އެކަނި ބަރާސޯ ކުރި ލީގުގައި އާއިލާއާ އެކު ދަނޑަށް ވަދެވޭނެ ހާލަތެއް ވެސް ނެތެވެ. އެކަމަކު، މަރްޒޫގް ވިދާޅުވި ގޮތަށް ގޯލްޑް ކަޕްގައި އެކަން ވެސް ބަދަލުކޮށްލައިފި އެވެ. އޭނާގެ ޕޯސްޓަށް، ފަވާގެ ނަމުގައި ކޮމެންޓް ކުރި މީހަކު ބުނީ މާލެ އަށް ބަރޯސާ ކޮށްފައި އޮތް ލީގުގައި އާއިލާއާ އެކު މެޗެއް ބަލާލަން ދަނޑަށް ނުވަދެވޭހާ ގޯސް ހާލަތަކަށް ދިވެހި ލީގު ގޮސްފައިވާ ކަމަށެވެ.
ގޯލްޑް ކަޕްގެ މެޗެއްގެ ތެރެއިން އަންހެން ސަޕޯޓަރުން ޓީމަށް ހިތްވަރު ދެނީ
"އަނެއްކާވެސް މާދަން ލީގު ފަށައި މާލޭގެ ކަންމަތީ ޓީމުތައް ލައިގެން ދެން [ދަނޑަށް] ވަންނާނީ ދުލުން ނުބައި އެއްޗިހި ގޮވަން އެ މީހުންގެ ރަށްޓެހިން. އެހާ ހިސާބުން އާއިލާތައް ދަނޑަށް ވަނުން ހުއްޓުނީ،" ފަވާގެ ކޮމެންޓްގައި ވެ އެވެ.
އަތޮޅުތެރެއަށް ލީގު ގެންދާ ވާހަކަ ދައްކާ ކޮންމެ ފަހަރަކު އެފްއޭއެމް ފަހަތު ފަޔަށް ބުރަވެ އެވެ. ކުއްލިއަކަށް އެކަން ކޮށްފި ނަމަ ލީގުގެ ފެންވަރު ނުހިފެހެއްޓޭނެ ކަމަށް ބުނާ ބަޔަކު ވެސް ފުޓްބޯޅައިގެ ތެރޭގައި އުޅެ އެވެ. ނަމަވެސް ހަގީގަތަކީ މާލެއަށް ތޮއްޖައްސާފައި މި އޮތް ލީގުގެ ކްލަބްތަކުގެ ހާލަތަށް ބަލައިފި ނަމަ ވާދަވެރި ލީގެއްގެ އެއްވެސް ސިފައެއް ނެތެވެ.
ސާފް ޗެމްޕިއަންޝިޕްގައި ގުރޫޕް ސްޓޭޖުން ރާއްޖެ މުޅިން އަލަށް މިދިޔަ އަހަރު ކަޓައިގެން ދިއުމުން މާޒިޔާގެ އޭރުގެ ކޯޗު މިލޯމިރް ސެސިލިއާ (މިލޯ) ބުނިގޮތުގައި، ގައުމީ ޓީމުގެ ނަތީޖާތައް ގޯސްވީ ވެސް ވާދަވެރި ލީގެއް ނެތުމުންނެވެ. ލީގުގެ ފެންވަރު ދަށްވުމުން، އޭއެފްސީ ކަޕަށް ދިޔަ މާޒިޔާގެ ޓީމަށް ވެސް އެ އަސަރު ކުރި ކަމަށް ބޮސްނިއާ އަށް ނިސްބަތްވާ މިލޯ ބުންޏެވެ.
އެއް ފަރާތްތަކުން ބުނަން ފެށީ ފުޓުބޯޅަ މެޗުތަކަށް ބެލުންތެރިން ނުވަންނަނީ ސިޔާސީ ކަންކަން ގިނަވުމުން ކަމަށް. މިއީ ވެސް ތެދެއް ނޫންކަން މިހާރު ފެންނާން ފަށައިފި،"--- ހާމިދު އަބްދުލްޣަފޫރު
މާނައަކީ މިހާރު ވެސް ރާއްޖޭގެ ލީގުގައި ފެންވަރު އޮތީ ދަށް ވެފަ އެވެ. ބައެއް ޓީމުތައް ލީގުގެ ވަކި ހިސާބަކުން ގަސްދުގައި ސީޒަނުން އަތް ދޫކޮށްލާއިރު ލީގުގައި އޮންނާނީ ކޮން ފެންވަރެއް ހެއްޔެވެ؟ މިއަށް ވުރެ އިތުރަކަށް ރާއްޖޭގެ ލީގުގެ ފެންވަރު ދަށަކަށް ނުދާނެ އެވެ. ވެއްޓެން އޮތް ވަޅުގަނޑަށް އެ އޮތީ ވެއްޓިފަ އެވެ.
އަލުން ނަގަން އޮތް ފޯމިއުލާ އަކީ އާ ފޯމެޓަކާ އެކު އަތޮޅުތަކުގައި ވެސް ލީގު ކުޅެވޭނެ ގޮތަށް ދިވެހި ލީގު ބައްޓަން ކުރުމެވެ. އައްޑޫގެ ޓީމު ހިތަދޫ ޒޯން ސްޓޭޑިއަމްގައި ހޯމް މެޗުތައް ކުޅެ، އޭދަފުށީގެ ޓީމު އޭދަފުށީގެ ދަނޑުގައި ލީގުގެ ހޯމް މެޗުތައް ކުޅެވޭނެ ގޮތަށް ބަދަލުކުރަން ޖެހެ އެވެ. އިންޑިއާގެ ސުޕަ ލީގުގައި ހެދިހެން ސެލެކްޓިވް ޓީމުތަކަކަށް ވެސް ލީގުން ފުރުސަތު ދެވިދާނެ އެވެ. ބޭނުން ވަނީ ބަދަލުތަކަކާ އެކު ފުޓްބޯޅައިގެ ފޯރި ގައުމީ ފެންވަރުގެ މުބާރާތްތަކުގައި ގެނެވޭނެ ގޮތެކެވެ.
އިބްރާހިމް ވަހީދު ހަސަން ގޯލްޑް ކަޕްގައި އޭނާ ކުޅެނީ އައްޑޫ ޓީމަށް
ޖާޒިއާގެ ކޯ ފައުންޑަރު ހަސަން ދިލްޝާން (ދިލް) ބުނީ ރާއްޖޭގެ ލީގު ވެސް ހާއްސަ ކުރަންވީ މިހާރު އޮތް ކްލަބްތަކުގެ ބަދަލުގައި ރަށްރަށުގެ ނަމުގައި ރަޖިސްޓަރީ ކޮށްފައިވާ ކްލަބްތަކަށް ކަމަށެވެ.
"ލީގު ފޯމެޓް އިސްލާހު ކުރަން ޖެހޭ. ކްލަބްތަކެއް ނޫން. ރަށްރަށް ހިމަނަންވީ. އަހަންނަށް ހީވަނީ މިކަމުގައި މިހާރު އެންމެން އެއްބަސްވާހެން،" ސިޑިބަރިގެ އިސް މަގާމެއް ވެސް އަދާކުރާ ދިލް، މަރްޒޫގްގެ ޕޯސްޓަށް ކުރި ކޮމެންޓުގައި ވެ އެވެ.
ގޯލްޑް ކަޕްގައި ފެނުނު އަނެއް މަންޒަރަކީ ސިޔާސީ ފޯރީގެ އަސަރެއް މުބާރާތަށް ނުކުރި ކަމެވެ. ގިނަ ދުވަސްތަކަކަށް ފަހު އިދިކޮޅު އެމްޑީޕީން މާލޭގައި ބޮޑު ޖަލްސާއެއް މި މަހު 10 ގައި ބޭއްވި އިރު ހަމަ އެ ގަޑީގައި ގަލޮޅު ދަނޑުގައި ކުޅެމުން ދިޔައީ އަލިފުއްޓާއި ކުރެންދޫގެ މެޗެވެ. ސިޔާސީ ޖަލްސާގެ އަސަރެއް މެޗަކަށް ނުކުރި އެވެ. އެހެން މެޗުތަކެކޭ އެއްގޮތަށް އެ ދެ ރަށުގެ ސަޕޯޓަރުން ދަނޑަށް ވަނެވެ. ފޯރި އެންމެ ތަންކޮޅެއް ވެސް ކުޑައެއް ނުވި އެވެ.
ރާއްޖޭގެ ފުޓްބޯޅައާ ބެހޭގޮތުން ލިޔަމުންގެންދާ އެފްއޭއެމްގެ ކުރީގެ ސެކްރެޓަރީ ޖެނަރަލް ހާމިދު އަބްދުލްޣަފޫރު ޖެހިގެން އައި ދުވަހު އޭނާ ލިޔުނު އާޓިކަލެއްގައި ވިދާޅުވީ، ސިޔާސީ ހަރަކާތްތަކުގެ ސަބަބުން ދަނޑަށް ވަންނަ މީހުން މަދުވި ކަމަށް ބުނާ ވާހަކައަކީ އެއްވެސް އަސާސެއްގެ މައްޗަށް ބިނާކޮށް ދައްކާ ވާހަކައެއް ނޫންކަން، އެ ރޭގެ މެޗުން އެނގުނު ކަމަށެވެ.
އަލިފުށީގެ ސަޕޯޓަރުން
"ބެލުންތެރިން ގެއްލުމުން ކުޅިވަރު ހިންގަން ތިބި ސިޔާސީ ވެރިން، ކަމުގެ އަސްލަށް ނުބަލައި ބުނަން ފެށީ ބެލުންތެރިން ގެއްލުނީ ޔޫރަޕިއަން ލީގްތަކާއި އިންޓަނޭޝަނަލް މެޗްތައް ރާއްޖެ އަށް ލައިވްކޮށް ލިބެން ފެށީމާ ކަމަށް. މިއީ ތެދު ވާހަކައެއް ނޫން. އަދި ބައެއް ފަރާތްތަކުން ބުނަން ފެށީ ފުޓުބޯޅަ މެޗުތަކަށް ބެލުންތެރިން ނުވަންނަނީ ސިޔާސީ ކަންކަން ގިނަވުމުން ކަމަށް. މިއީވެސް ތެދެއް ނޫންކަން މިހާރު ފެންނާން ފަށައިފި،" ހާމިދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސަޕޯޓަރުން ގެއްލުނީ ލީގާއި ޓީމުތަކުގެ އަދި ފުޓްބޯޅަ ހިންގުމުގެ ނިޒާމުގައި އުފެދުނު މިސް މެނޭޖްމެންޓްގެ ސަބަބުން ކަމަށެވެ.
އައްޑޫ ޓީމުގެ ސަޕޯޓަރަކު
"ބެލުންތެރިން ގެއްލުނީ ޓީމްތަކުގެ މެދުގައި ވާދަވެރިކަން ގެއްލުނީމާ. ކޮރަޕްޝަނާއި މިސް-މެނެޖްމަންޓްގެ ސަބަބުން ކްލަބްތައް 'ކަރުދާސް ކްލަބް' ތަކަކަށް ބަދަލު ވީމާ،" ހާމިދު ލިޔުއްވާފައި ވެ އެވެ.
އޭނާ ވިދާޅުވިގޮތުގައި، ދަނޑަށް ސަޕޯޓަރުން ވަނީ އެ ސަޕޯޓަރުންގެ މަސްލަހަތުތަކާ އެ ޓީމުތައް ގުޅިފައިވުމުންނެވެ. ގޯލްޑް ކަޕުން ފެނުނީ އެ މަންޒަރު ކަމަށް ހާމިދު ވިދާޅުވި އެވެ.
ފުޓްބޯޅައިގެ މިހާލަތު ބަދަލުކުރުމުގެ ހަގީގީ ޒިންމާ އޮތީ އެފްއޭއެމްގެ ކޮޅުގަ އެވެ. އަޑިއަޅާލާފައިވާ ފުޓްބޯޅަ ނަގަން ކުރާ މަސައްކަތުގައި ގޯލްޑް ކަޕުން ފެނުނު ކަންކަމަށް ރިޔާޔަތްކޮށް ރާއްޖޭގެ ޑޮމެސްޓިކް ފުޓްބޯޅަ އަށް ބަދަލު ގެންނަ ޖެހޭކަމަށް އެންމެން ދެކެ އެވެ. މިއީ އެފްއޭއެމަށް ލިބޭނެ އެންމެ ރަނގަޅު އެއް ފުރުސަތެވެ. ގޯލްޑް ކަޕްގެ މެޗުތަކުގެ ތަޖުރިބާ އިން ދިވެހި ފުޓުބޯޅަ އަށް ބަދަލުތަކެއް ގެނެވިދާނެކަން އެބަ އެނގެ އެވެ.
މިލޯ ހުންނާނެތަ؟ މޯހަން މަޑުކުރާނެތަ؟ ނޭނގެ!
"ހިލޭ" ކުރި މަސައްކަތް އެހެން މުވައްޒަފަކަށް ހިލޭ
ދިވެހި ލީގުގެ މިފޮޓޯތަކުން ފުޓްބޯޅަ ވެއްޓިފައިވާ ހާލަތު
އެފްއޭއެމް ބަދަލުކޮށްދިންނަމަ ކްލަބްތަކަށް އެހީވީމުސް
ލީގު ފަސްކޮށްފި، އެފްއޭއިން ވަކި އެއްޗެއް ނާންގާ
ލީގު މެދުކަނޑާލީ ގޯތީގެ ގުރުއަތު ދަނޑުގައި ބާއްވާތީ
ރޯގާއަކާ ހެދި މެޗު ދޫކޮށްލުން، ފުޓްބޯޅަ ގޯހުންގޯހަށް
ދިވެހި ލީގު ޓައިޓަލް ސްޕޮންސަރަކަށް އެމްޑަބްލިއުއެސްސީ
ކްލަބްތަކުގެ ބިދޭސީ ކުޅުންތެރިންގެ ޖާގަ ހަޔަކަށް
ފަސް ބަދަލަށް ރާއްޖޭގެ ފުޓްބޯޅަ ދީލާލަން ޖެހޭ: ސާންތީ