Roadha Mihaaru

ރަށު ޓީމަށް ދިވެހި ލީގުގެ ފުރަތަމަ ދޮރު: އެޓޯލް ޗެމްޕިއަންޝިޕްގައި ބައިވެރިވާން ހުޅުވާލައިފި

އަންނަ އަހަރު އަމަލުކުރަން ފަށާ ދިވެހި ޕްރިމިއާ ލީގުގެ އާ ފޯމެޓްގައި ރަށްރަށުގެ ޓީމުތަކަށް ޖާގަ ދިނުމުގެގޮތުން ކުޅޭ ކޮލިފައިންގެ ފުރަތަމަ މަރުހަލާ؛ އެޓޯލް ޗެމްޕިއަންޝިޕްގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖޭގެ ހުރިހާ ރަށަކަށް ހުޅުވާލައިފި އެވެ.

އެޓޯލް ޗެމްޕިއަންޝިޕްގައި ބައިވެރިވާން ހުޅުވާލައިފި
ހުސެއިން ހަބީބް
ހުސެއިން ހަބީބް

17 އޯގަސްޓް 2025

އަންނަ އަހަރު އަމަލުކުރަން ފަށާ ދިވެހި ޕްރިމިއާ ލީގުގެ އާ ފޯމެޓްގައި ރަށްރަށުގެ ޓީމުތަކަށް ޖާގަ ދިނުމުގެގޮތުން ކުޅޭ ކޮލިފައިންގެ ފުރަތަމަ މަރުހަލާ؛ އެޓޯލް ޗެމްޕިއަންޝިޕްގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖޭގެ ހުރިހާ ރަށަކަށް ހުޅުވާލައިފި އެވެ.

ގެޒެޓްގައި މިއަދު އެފްއޭއެމުން ކުރި އިއުލާނުގައިވާ ގޮތުން އެޓޯލް ޗެމްޕިއަންޝިޕްގައި ވާދަކުރުމަށް ފޯމް ހުށަހަޅަން ޖެހޭ ސުންގަޑިއަކީ އަންނަ މަހު އެއްވަނަ ދުވަހުގެ ކުރިންނެވެ.

ފޯމް ހުށަހަޅަން ޖެހޭނީ މެއިލް މެދުވެރިކޮށެވެ. މެއިލް ކުރާނީ league@famaldives.com އަށެވެ.

އެފްއޭއެމުން ވަނީ ރާއްޖެ ހަތަރު ޒޯނަކަށް ބަހާލައިފަ އެވެ. އެއީ:

- އުތުރު ރީޖަން

- ސެންޓްރަލް ރީޖަން

- ދެކުނު ރީޖަން

- މާލެ ރީޖަން

މާލެ ރީޖަން ފިޔަވައި އަނެއް ތިން ސަރަހައްދުގައި ކޮލިފައިން މަރުހަލާ ފަށާނީ އެޓޯލް ޗެމްޕިއަންޝިޕުންނެވެ. އެޓޯލް ޗެމްޕިއަންޝިޕް، ވަކި ވަކި ޒޯންތަކުގައި ފަށާނެ ތާރީހް ވެސް އެފްއޭއެމުން ގެޒެޓްގައި އިއުލާން ކޮށްފައި ވެއެވެ.

އަތޮޅުތެރޭގެ ތިން ޒޯނުގައި ދިވެހި ލީގުގެ ކޮލިފައިން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ތާރީހް:

- އުތުރު ރީޖަން: އޮކްޓޯބަރު 1 އިން ނޮވެމްބަރު 30 އަށް

- ސެންޓްރަލް ރީޖަން: ނޮވެމްބަރު 15 އިން ޑިސެމްބަރު 30 އަށް

- ދެކުނު ރީޖަން: ޑިސެމްބަރު 1 އިން އަންނަ އަހަރުގެ ފެބްރުއަރީ 15 އަށް

ހަތަރު ޒޯނަށް ރާއްޖެ ބަހާލާފައިވާ ގޮތް

ހަތަރު ޒޯނަށް ރާއްޖެ ބަހާލާފައިވާ ގޮތް

އެޓޯލް ޗެމްޕިއަންޝިޕް ބާއްވާނީ ސެންޓަރަލައިޒު އުސޫލުން

ގެޒެޓްގައި އެޓޭޗްކޮށްފައިވާ މުބާރާތުގެ އޮނިގަނޑުގައި ބުނެފައިވާ ގޮތުން އަތޮޅު މުބާރާތް ބާއްވާނީ ކޮންމެ އަތޮޅެއްގެ ވެސް އެއް ރަށެއްގައި ނުވަތަ ރަށްތަކެއް ގުޅިގެން ހޯސްޓް ކުރާގޮތަށެވެ. ކޮންމެ އަތޮޅެއްގެ ޗެމްޕިއަން ޓީމާއި ރަނަރަފް ޓީމު ކޮލިފައިވާނީ އެ އަތޮޅެއް ނިސްބަތްވާ އެ ސަރަހައްދެއްގެ ސަބް ޒޯނަށެވެ. ކޮންމެ ސަރަހައްދެއްގައި ސަބް ދެ ޒޯން ހިމެނެ އެވެ.

އަތޮޅުތެރޭގެ ތިން ސަރަހައްދު ޒޯންތައް ބަހާލާފައިވާ ގޮތް:

- އުތުރު ރީޖަންގެ ޒޯން 1: ހއ. ހދ. އަދި ށ.

- އުތުރު ރީޖަންގެ ޒޯން 2: ނ. ރ. ބ. އަދި ޅ.

- ސެންޓްރަލް ރީޖަންގެ ޒޯން 1: ކ. އއ. އަދި އދ.

- ސެންޓްރަލް ރީޖަންގެ ޒޯންގެ 2: ވ. މ. ފ. އަދި ދ.

- ދެކުނު ރީޖަންގެ ޒޯންގެ 1: ތ. ލ. އަދި ގއ.

- ދެކުނު ރީޖަންގެ ޒޯންގެ 2: ގދ.، ފުވައްމަލަށް އަދި އައްޑޫ

ސަރަހައްދީ ލީގު ކުޅޭނީ ހޯމް އެންޑް އަވޭ އުސޫލުން

ސަރަހައްދީ ލީގަށް ކޮލިފައިވާނީ ސަބް ޒޯންތަކުގެ ޗެމްޕިއަން ޓީމާއި ރަނަރަފް ޓީމެވެ. ސަރަހައްދީ ލީގުގައި ވާދަކުރާ ހަތަރު ޓީމުގެ މެދުގައި ހޯމް އެންޑް އަވޭ ފޯމެޓަށް ލީގު އުސޫލުން ކުޅުމަށް ފަހު އެ ލީގެއްގެ ޗެމްޕިއަން ޓީމު ދެން ކޮލިފައި ވާނީ، ދިވެހި ލީގަށް ކޮލިފައި ބުރަށެވެ.

ކޮލިފައިން ބުރުގައި ވާދަކުރާނީ މާލެ ރީޖަންގެ ދެވަނަ ޑިވިޝަނުގެ ޗެމްޕިއަން އާއި މި އަންނަ މަހު ފަށާ ލީގުގެ ހަތްވަނަ އަށް ދާ ޓީމާއި އަށްވަނަ އަށް ދާ ޓީމެވެ.

އޭގެ ތެރެއިން ގަދަ ހަތަރު ޓީމަށް އަންނަ އަހަރު ހޯމް އެންޑް އަވޭ އުސޫލުން ކުޅޭ ދިވެހި ޕްރިމިއާ ލީގުން ޖާގަ ލިބޭނެ އެވެ.

މިވަގުތު ހަމައެކަނި މާލޭ ސަރަހައްދުގެ ޓީމުތައް ވާދަކުރާ ލީގުގައި މިފަހަރު 10 ޓީމު ވާދަކުރެ އެވެ. އެ 10 ޓީމުގެ މެދުގައި ދެ ބުރު ކުޅުމަށް ފަހު ފުލަށްދާ ދެ ޓީމު ސީދާ ރެލިގޭޓް ވާނީ ދެވަނަ ޑިވިޝަނަށެވެ.