09 ޑިސެމްބަރ 2023
އެފްއޭއެމްގެ ހާލަތު ގޯސް ވާނީ ދެން މިވަރަށެވެ.
އެފްއޭއެމްގެ ހާލަތު ގޯސް ވާނީ ދެން މިވަރަށެވެ.
ގާތްގަނޑަކަށް މިދިޔަ އަށެއްކަ މަހު، އެ އެސޯސިއޭޝަނުގެ މުވައްޒަފުން މަސައްކަތް ކުރީ މުސާރަ އެއް ނުލިބި އެވެ. ގައުމީ ޓީމުތަކުގެ މަސައްކަތަކާއި، ޕްރެޒިޑެންޓް ކަޕް އަދި ދިވެހި ޕްރިމިއާ ލީގު އަދި އިންޓަ ސްކޫލް މުބާރާތްތަކާއި އުމުރުފުރާތަކުގެ މުބާރާތްތަކުގެ މަސައްކަތްތައް ވެސް ކުރީ ހަމަ އެހާލަތުގެ ތެރޭގަ އެވެ.
އެ އިދާރާގެ މުވައްޒަފަކު ބުނި ގޮތުގައި މުސާރަ ނުދޭތީ، ގިނަ މުވައްޒަފުން ތިބީ "ފާޑެއްގެ" ހަޅުތާލެއްގަ އެވެ.
"މުސާރަތައް ނުދެނީސް ނުނިކުންނަށް ތިބީ ފާޑެއްގެ ސްޓްރައިކެއް މީ،" އޭނާ ބުންޏެވެ.
މިހާލަތުގައި އޮތް އެސޯސިއޭޝަނަށް، ދެވަނަ ޑިވިޝަން މުބާރާތް ހިންގައި ދޭން މުވައްޒަފުން ބޭނުން ނުވުމުން، އެހެން ޕާޓީ އަކާ ހަވާލު ކުރަން އެފްއޭއެމުން ވާހަކަ ދެއްކި އެވެ. ވެޓަރަންސް އަދި ޖޫނިއާ އުމުރުފުރާތަކުގެ މުބާރާތް ބާއްވާ، ސޮކަ ވެޓަރަންސްއާ އެކު އެފްއޭއެމު ވާހަކަ ކުރިއަށް ގެންދިޔަ އެވެ. އެކަމަކު އެއްބަސްވުމަށް ނާދެވުނެވެ.
ރަށެއްގައި ކުޅުނު ދިވެހި ލީގު ކޮލިފައިން މެޗެއްގެ ތެރެއިން: އެ މަސައްކަތުގައި ވެސް އެފްއޭއެމްގެ މުވައްޒަފުން ޝާމިލުވި ---- ފައިލް ފޮޓޯ
އެންމެ ފަހުން، ދެވަނަ ޑިވިޝަނުގެ މުބާރާތް ހިންގަން އެފްއޭއެމުން ހަވާލު ކުރީ، އެ އެސޯސިއޭޝަނުގެ ޓެކްނިކަލް މުވައްޒަފެއްގެ ގޮތުގައި ހުރި ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާންބެ) އާ އެވެ. އެފްއޭއެމްގެ ޕޭރޯލްގައި (މާލީ ގޮތުން އަޑިގަނޑަކަށް ވެއްޓިފައި އޮތުމުން މުސާރަ ނުދެވުނަސް) ހުރި މުވައްޒަފެކެވެ.
ނިޒާމް ބުނި ގޮތުގައި ދެވަނަ ޑިވިޝަން މުބާރާތް ހިންގުމާ އޭނާ ހަވާލުވީ އަމިއްލަ އަށް އެދިގެންނެވެ. އެ މުބާރަތަށް ބޮޑު ހަރަދެއް ކުރި ކްލަބްތަކުންނާއި އެ ޓީމުތަކުގެ ކުޅުންތެރިން ކުރި މަސައްކަތް ފެނަށް ދާން ބޭނުން ނުވާތީ އޭނާ ހަވާލުވީ އެ މަސައްކަތް ހިލޭ ސާބަހަށް ކޮށްދިނުމަށް ކަމަށް ވެސް ބުރު ސްޕޯޓްސްގެ ކޯޗުކަން ވެސް ކުރަމުން އަންނަ ނިޒާމް ބުންޏެވެ.
އޭނާ ހަވާލުވި މަސައްކަތަކީ މިދިޔަ އަށެއްކަ މަހު، "ހިލޭ" ކުރި މަސައްކަތެވެ. އެއްވަނަ ޑިވިޝަނުގެ މުބާރާތްތަކަށް އަދި ޔޫތު މުބާރާތްތަކާއި ސްކޫލް މުބާރާތްތަކުގެ މަސައްކަތް މުވައްޒަފުން ކުރީ ހަމަ އެއް ވެސް އުޖޫރައެއް ނުލިބި އެވެ.
"މުސާރައެއް ނުލިބި ހަމަ އެ މަސައްކަތް (މުބާރާތްތަކުގައި ކުރަން ޖެހޭ އިދާރީ އަދި ޓެކްނިކަލް މަސައްކަތް) ޖޫނިއާ މުވައްޒަފުން ކުރީ ހިލޭ،" ކުރިން ވާހަކަ ދެއްކި މުވައްޒަފު ބުންޏެވެ.
ބުރުގެ ކޯޗު ނިޒާމް، ދެވަނަ ޑިވިޝަން ހިންގަން އޭނާ ހަވާލުވީ ހިލޭ .-- ފައިލް ފޮޓޯ: ފަޔާޒް މޫސާ | މިހާރު
އެފްއޭއެމްގެ ފުނޑިފައި އޮތް ވާހަކަ އަކީ ކިޔުންތެރިންނަށް އާ ވާހަކަ އަކަށް ނުވާނެ އެވެ. އެކަމަކު މިހާ ބޮޑަށް އެފްއޭއެމް ދޯހަޅި ވެގެން ދާއިރު ސްޕޯޓްސް ކޮމިޝަނަރާއި އޮލިމްޕިކް ކޮމިޓީން ހިރި ވެސް ނުލާ ތިބޭތީ ބައެއް ފަރާތްތަކުން ސުވާލު އުފައްދަ އެވެ.
"ފަރުދަކު ގޮސް ބުނީމަ އެމީހަކާ މި ހަވާލުކޮށްލަނީ އެފްއޭއެމްގެ ރަސްމީ މުބާރާތްތައް ހިންގަން. ތަނެއްގެ ފެންވަރު ދަށަށް ދާނީ މިހާވަރަކަށް. މިހާ ހިސާބުން އެބަ ޖެހޭ ނޫންތަ ސްޕޯޓްސް ކޮމިޝަނަރާއި އޮލިމްޕިކް ކޮމިޓީން ޒިންމާއަދާކޮށްފަ ފީފާ އާ ހަމައަށް މިކަން ގެންދަން،" އެފްއޭއެމް އަށް 2008 ގައި ފީފާއިން ކަނޑައެޅި އިންޓަރިމް ކޮމިޓީގައި މަސައްކަތް ކުރި ބޭފުޅަކު ވިދާޅުވި އެވެ.
"(ދިވެހި) ޕްރިމިއާ ލީގުގެ މަސައްކަތްތައް މުވައްޒަފުން ކުރީ މުސާރައެއް ނުލިބި. (ޑިވިޝަން ތަފާތު ވިޔަސް) ހަމަ އެ މަސައްކަތް އެ ތަނުގެ އެހެން ސްޓަފަކު އެ ކުރަނީ."
ދިވެހި ލީގު މެޗަކަށް ނުކުތުމުގެ ކުރިން ރެފްރީންނާއި ދެ ޓީމުގެ ކެޕްޓަން ފޮޓޯއަކަށް ހުއްޓިލައިގެން: ދިވެހި ލީގުގެ މަސައްކަތް މުވައްޒަފުން ކުރީ ހިލޭ --- ފައިލް ފޮޓޯ: އެފްއޭއެމް
ކުރިން ހަމަޖައްސާފައި އޮތީ ދެވަނަ ޑިވިޝަނުގެ މުބާރާތް މާދަމާ ފަށާ ގޮތަށެވެ. ފަހުން، މި މަހު 15 އަށް ލަސް ކުރިކަމުގެ ވާހަކަތަކެއް ވެސް އަޑު އިވުނެވެ. އެކަމަކު އެ ތާރީހުގައި ވެސް މުބާރާތް ފެށޭނެ ކަމުގެ ޔަގީން ކަމެއް ނެތެވެ. މުބާރާތުގެ ގަވާއިދު އަދި ވެސް ފައިނަލު ނުވެ އެވެ. އެއްވަނަ ޑިވިޝަނަށް ޕްރަމޯޓް ވާނީ ކިތައް ޓީމު ކަމެއް ކަށަވަރެއް ނުވެ އެވެ. މި އަހަރު ދިވެހި ލީގުން އެއް ވެސް ޓީމެއް ދެވަނަ ޑިވިޝަނަށް ރެލިގޭޓެއް ނުވާނެ އެވެ.
ދެވަނަ ދައުރަކަށް އިންތިހާބުވެ ބައްސާމް ވީ އެންމެ ބޮޑު ވައުދަކީ އަންނަ އަހަރު ދިވެހި ޕްރިމިއާ ލީގު ހޯމް އެންޑް އަވޭ އުސޫލުން ރަށްރަށުގައި ކުޅުމެވެ. އެކަމަކު އަތޮޅު މުބާރާތުގެ ދިވެހި ލީގު ކޮލިފިކޭޝަން އޮތީ ހުއްޓިފަ އެވެ. އަންނަ އަހަރު އަތޮޅު ޓީމުތައް ލީގަށް ނާންނާނެކަން މުޅިންހެން ޔަގީނެވެ. އެފްއޭއެމުން 2021 ގައި ހެދި ޕްލޭންގައި އޮތީ މިހާރު ވެސް ލީގުގައި ވާދަކުރާ އަށް ޓީމު އެގޮތުގައި ބާއްވާފައި، އިތުރު ހަތަރު ޓީމު ލީގަށް ވައްދައި ޖުމުލަ 12 ޓީމުގެ ލީގަކަށް ހެދުމަށެވެ. އެއީ އަތޮޅުތެރެއިން ތިން ޓީމާއި ދެވަނަ ޑިވިޝަނުން އެއް ޓީމެވެ.
އެކަމަކު މިހާރު އަތޮޅުތަކުގެ ޓީމެއް ލީގަށް ވަންނާނެ ގޮތެއް ނެތުމުން، ދެވަނަ ޑިވިޝަނުން، ދިވެހި ލީގަށް ކޮލިފައި ވާނީ ކިތައް ޓީމު ކަމެއް އަދި ވެސް ކަށަވަރެއް ނުވެ އެވެ.
އެފްއޭއެމްގެ ރައީސް ބައްސާމް: މުވައްޒަފުންނަށް ވީ އަހުދު ވެސް އޭނާ ފުރިހަމަ ނުކުރޭ
އޮކްޓޯބަރު މަހު ކުޅުނު ވޯލްޑް ކަޕް ކޮލިފައިންގެ ޕްރިލިމިނަރީ ބުރުގެ ފުރަތަމަ ލެގުގެ މެޗުގެ މަސައްކަތްތަކަށް، އެފްއޭއެމްގެ މުވައްޒަފުން ނުކުތީ، އެ އެސޯސިއޭޝަނުގެ ރައީސް ބައްސާމް އަދީލް ޖަލީލް ދެއްވި "ޔަގީންކަމުގެ މައްޗަށެވެ.
"މެޗު ކުޅުނު ދުވަހު ކޮމްޕްޓީޝަން ޑިޕާޓްމެންޓްގެ ސްޓާފެއް ގާތު ﷲ ގަންދީ ހުވާކޮށްފަ ބުނި މާދަމާ ކޮމްޕްޓީޝަން ޑިޕާޓްމެންޓްގެ މުވައްޒަފުންނަށް މުސާރަ ދޭނަމޭ. އަދި ޖެހިގެން އަންނަ ހަފުތާގައި އެހެން މުވައްޒަފުންނަށް ވެސް މުސާރަ ދޭނެ ކަމުގެ ޔަގީންކަން ދިން. އެ ކޮމިޓްމެންޓް ދިނީމަ މުވައްޒަފުން އެ މެޗުގެ މަސައްކަތްތަކަށް ނުކުތީ،" އެފްއޭއެމްގެ މައުލޫމާތު އެނގޭ އޮފިޝަލަކު ބުންޏެވެ.
އެކަމަކު ގައުމީ ޓީމުގެ ދެ ލެގް މެޗު ނިމި، ބައްސާމް ވިދާޅުވި އެއް ހަފުތާގެ މުއްދަތު އިތުރު ހަފުތާކަށް ދެމިގެން ގޮސް އަހަރު ނިމެން ދާއިރު ވެސް މުވައްޒަފުންނަށް މުސާރައެއް ނުދެވެ އެވެ.
އެފްއޭއެމްގެ އިލެކްޓޯރަލް ކޮލެޖާ މެދު ސުވާލު އުފެދިއްޖެ
ރެލިގޭޝަނަކާ ނުލައި ޕްރޮމޯޓް ކުރުން ގަވާއިދާ ހިލާފު
މިލޯ ހުންނާނެތަ؟ މޯހަން މަޑުކުރާނެތަ؟ ނޭނގެ!
ދެވަނަ ޑިވިޝަން ހިލޭ ހިންގައިދޭން ނިޒާމް ހަވާލުވެއްޖެ
ދިވެހި ލީގުގެ މިފޮޓޯތަކުން ފުޓްބޯޅަ ވެއްޓިފައިވާ ހާލަތު
އެފްއޭއެމް ބަދަލުކޮށްދިންނަމަ ކްލަބްތަކަށް އެހީވީމުސް
ލީގު ފަސްކޮށްފި، އެފްއޭއިން ވަކި އެއްޗެއް ނާންގާ
ލީގު މެދުކަނޑާލީ ގޯތީގެ ގުރުއަތު ދަނޑުގައި ބާއްވާތީ
ރޯގާއަކާ ހެދި މެޗު ދޫކޮށްލުން، ފުޓްބޯޅަ ގޯހުންގޯހަށް
ދިވެހި ލީގު ޓައިޓަލް ސްޕޮންސަރަކަށް އެމްޑަބްލިއުއެސްސީ