Roadha Mihaaru
އެފްއޭއެމްގެ އިލެކްޓޯރަލް ކޮލެޖާ މެދު ސުވާލު އުފެދިއްޖެ

އެފްއޭއެމްގެ ނިންމުމާ ހެދި އިލެކްޓޯރަލް ކޮލެޖާ މެދު ސުވާލު އުފެދިއްޖެ

26 ޑިސެމްބަރ 2023

ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ޓީމުތަކުގެ އަދަދު، ގަވާއިދާ ހިލާފަށް އިތުރު ކުރުމުން، އެފްއޭއެމްގެ އިލެކްޓޯރަލް ކޮލެޖާ މެދު ސުވާލު އުފެއްދިއްޖެ އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ޓީމުތަކުގެ އަދަދު، ގަވާއިދާ ހިލާފަށް އިތުރު ކުރުމުން، އެފްއޭއެމްގެ އިލެކްޓޯރަލް ކޮލެޖާ މެދު ސުވާލު އުފެއްދިއްޖެ އެވެ.

އެފްއޭއެމްގެ ހިންގާ ގަވާއިދުގެ 10 އަދި 22 ވަނަ މާއްދާގައި ބުނެފައި ވަނީ ދެވަނަ ޑިވިޝަނުގެ ޓީމުތަކުގެ އަދަދަކީ 10 ކްލަބް ކަމަށެވެ. އެކަމަކު މިއަދު ފަށާ ދެވަނަ ޑިވިޝަނުގައި 15 ޓީމު އެބައޮތެވެ.

ހިންގާ ގަވާއިދުގެ 22 ވނަ މާއްދާގައި ވަނީ އެފްއޭއެމްގެ ކޮންގްރެސް ގައި، އެކި ޑިވިޝަންތަކުގެ ވޯޓް ދޭނެ އަދަދު ކަނޑައަޅައިފަ އެވެ. އެ މާއްދާގެ 1 ގެ (ށ) ގައި ބުނެފައި ވަނީ ދެވަނަ ޑިވިޝަނުން ވޯޓް ދޭނީ 10 ކްލަބުން، ކޮންމެ ކްލަބަކުން އެއް ވޯޓް ކަމަށެވެ.

އެފްއޭއެމްގެ އަސާސީ ގަވާއިދުގެ 22 ވަނަ މާއްދާގެ 1 ވަނަ ނަންބަރު

އެފްއޭއެމްގެ އަސާސީ ގަވާއިދުގެ 22 ވަނަ މާއްދާގެ 1 ވަނަ ނަންބަރު

ދެވަނަ ޑިވިޝަންގައި 15 ޓީމުތަކުގެ އަދަދު އިތުރުކޮށް، އެ ޑިވިޝަންގެ ވޯޓާ މެދު ސުވާލު އުފެދިފައި ވަނިކޮށް އެފްއޭއެމްގެ އިންތިހާބު އަންނަ މަހު 31 ގައި ބާއްވަން އެ އެސޯސިއޭޝަނުން ވަނީ އިއުލާންކޮށްފަ އެވެ. އިންތިހާބުގައި ދެވަނަ ޑިވިޝަނުން ވޯޓް ދޭނޭ ގޮތަކާ މެދު މިހާރު ސުވާލު އުފެދިފައިވާ ކަމަށް ފުޓްބޯޅައިގެ ތަޖުރިބާކާރުން ވިދާޅުވެ އެވެ.

އެފްއޭއެމްގެ ކުރީގެ ޖެނަރަލް ސެކްރެޓްރީ ހާމިދު އަބްދުލް ގަފޫރު ވިދާޅުވީ އެފްއޭއެމުން އަސާސީ ގަވާއިދާ ހިލާފަށް ކްލަބްތައް އިތުރުކޮށް އިލެކްޓޯރަލް ކޮލެޖް "ގަޑުބަޑުކުރުމުން،" ހިންގާ ގަވާއިދު އިސްލާހު ކުރަން ޖެހޭ ކަމަށެވެ.

"މިހާރު އޮތް ގޮތަށް މާލޭ ސަރަހައްދުގައި ކުޅޭ ކްލަބްތަކަށް އެކަނި ކޮންގްރެސްގައި ވޯޓް ދެވޭ ގޮތަށް އޮތުމަކީ ރާއްޖޭގެ ފުޓްބޯޅައިގެ މަސްލަހަތު ހުރި ގޮތެއް ނޫން. ހިންގާ ގަވާއިދު އިސްލާހުކޮށް އަތޮޅުތަކުގެ ޓީމުތަކަށް ވެސް ވޯޓް ދިނުމުގެ ހައްގު ދޭން ޖެހޭ. އިންތިހާބަށް ދިއުމުގެ ކުރިން އެންމެ ފުރަތަމަ ކުރަން ޖެހޭ ކަމަކީ ހިންގާ ގަވާއިދު އިސްލާހުކޮށް މި ބަދަލުތައް ގެނައުން،" ހާމިދު ވިދާޅުވި އެވެ.

އިންތިހާބާ ގުޅޭ ގޮތުން އެފްއޭއެމުން ނިންމި ނިންމުންތަކުގެ ތަފުސީލު ހޯދުމަށް، ސްޕޯޓްސް ކޮމިޝަނާ މުހައްމަދު ތޮލާލް މިދިޔަ އާދިއްތަ ދުވަހު އަންގައިފަ އެވެ. އެ ތަފުސީލުތައް ދެ ދުވަހުގެ ތެރޭގައި ދިނުމަށް ވަނީ އަންގައިފަ އެވެ. އެ މުއްދަތު މިއަދުގެ ނިޔަލަށް ހަމަ ވާނެ އެވެ.