ރާއްޖޭގެ ފުޓްބޯޅައިގެ ފޯރި އާއި ހުނަރު ވެސް އޮތީ އަތޮޅުތެރޭގަ އެވެ. އެ ހަގީގަތް ރަށްރަށަށް ހާއްސަކޮށް ބާއްވާ މުބާރާތްތަކުންނާއި ގައުމީ ސްކޮޑުން ވެސް ފެނެ އެވެ. އެ ހަގީގަތް "ނޭނގެނީ" ދިވެހި ފުޓްބޯޅައިގެ މައި އިދާރާ އާއި އެ އިދާރާގެ ލީޑަޝިޕަށެވެ.
27 ޖޫން 2025
ރާއްޖޭގެ ފުޓްބޯޅައިގެ ފޯރި އާއި ހުނަރު ވެސް އޮތީ އަތޮޅުތެރޭގަ އެވެ. އެ ހަގީގަތް ރަށްރަށަށް ހާއްސަކޮށް ބާއްވާ މުބާރާތްތަކުންނާއި ގައުމީ ސްކޮޑުން ވެސް ފެނެ އެވެ. އެ ހަގީގަތް "ނޭނގެނީ" ދިވެހި ފުޓްބޯޅައިގެ މައި އިދާރާ އާއި އެ އިދާރާގެ ލީޑަޝިޕަށެވެ.
މިހާރު ވެސް ފީފާގެ ނޯމަލައިޒޭޝަން ހާލަތުގައި އޮތް އެ އެސޯސިއޭޝަނަށް އިސްލާހާއި ބަދަލުތައް ގެންނަން ތިން ފަހަރު މަތިން އެ ހާލަތު ކުރިމަތި ކުރި އިރު ވެސް ހަގީގީ ބަދަލުތަކެއް ނާންނަ ކަމަށް ފުޓްބޯޅައިގެ މައްސަލަތަކަށް ފާޑުކިޔާ ބޭފުޅުން ވިދާޅުވެ އެވެ. ތިން ވަނަ ފަހަރަށް ގެނައި ނޯމަލައިޒޭޝަން މަރުހަލާގައި ވެސް އަތޮޅުތެރޭގެ ޓީމުތަކަށް އެފްއޭއެމްގެ ހައިސިއްޔަތެއް ނުލިބުނެވެ. ރާއްޖޭގެ އެންމެ ޒޯނަކަށް ފުޓްބޯޅަ ބަރޯސާކޮށް، ބަސްބުނުމާއި ވޯޓު ދިނުމުގެ ހައްގު ދީގެން މިހެން ތިބެންވެއްޖެ ނަމަ ރާއްޖޭގެ ފުޓްބޯޅަ ކުރި ނާރާނެ ކަމަށް ތަޖުރިބާކާރުން އަބަދުވެސް ގަބޫލު ކުރެ އެވެ. ކުރީގައި އޮތް ފޯރިއެއް ވެސް ދެން ނުގެނެވޭނެ އެވެ.
އެފްއޭއެމުން 2016 ގައި ފާސްކުރި އަސާސީ ގަވާއިދުގައި ވަކި މުއްދަތެއްގެ ތެރޭގައި ނުވަ ޒޯނަކަށް ރާއްޖެ ބަހާލައި އެ ޒޯންތަކާއި އެހެން ސަބް އެސޯސިއޭޝަން އުފައްދަން ޖެހޭނެ ކަމަށް ލިޔުނެވެ. އޭގެ ހަތަރު އަހަރު ފަހުން ބާއްވާ އިންތިހާބުގައި އެ ޒޯންތަކާއި ސަބް އެސޯސިއޭޝަންތަކުގެ މަންދޫބުންނަށް ކޮންގްރެސްގައި ވޯޓު ދިނުމުގެ ހައްގު ލިބޭ ވަރަށް އެކަން ފުރިހަމަކޮށްފައި އޮންނާނެ ކަމުގެ އުއްމީދު އަސާސީ ގަވާއިދުން އާ ކޮށްދިނެވެ.
އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް: 2026 ގައި ފާސް ކުރި އަސާސީ ގަވާއިދު އޭނާ ތަންފީޒެއް ނުކުރައްވާ --- ފައިލް ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އެކަމަކު އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ ފުރަތަމަ ދައުރުގައި އެ ކަމަށް އަމަލެއް ނުކުރި އެވެ. ބަހަނާއަކަށް އޭނާ ދެއްކެވީ ކުޅިވަރުގެ ޕިރަމިޑްގައި އެފްއޭއެމަކީ އެސޯސިއޭޝަނަކަށް ވުމެވެ. އެސޯސިއޭޝަނެއްގެ ތެރެއިން އިތުރު އެސޯސިއޭޝަންތަކެއް ހެދުމަކީ ކުރެވޭނެ ކަމެއް ނޫން އޭނާ އޭރު ވިދާޅުވި އެވެ. ބައްސާމްގެ ބަހުން ނަމަ ސަރުކާރުގެ ކުޅިވަރުގެ އިދާރާތަކުން އެފްއޭއެމް ފެޑެރޭޝަނަކަށް ބަދަލުކޮށްދިން ދުވަހަކުން ނޫނީ ސަބް އެސޯސިއޭޝަންތަކެއް ނުއުފެއްދޭނެ އެވެ.
އޭގެ ނަތީޖާއަކީ ބައްސާމް ދެވަނަ ދައުރަށް އިންތިހާބުވި ކޮންގްރެސްގައި އަސާސީ ގަވާއިދު އިސްލާހުކޮށް، ސަބް އެސޯސިއޭޝަންތަކާއި ޒޯން އެސޯސިއޭޝަންތައް އުފެއްދުމުގެ ބައި ދިވެހި ގަވާއިދުން އުވައިލުމެވެ.
ތިންވަނަ ފަހަރަށް އަސާސީ ގަވާއިދު ފާސްކުރަން މިއަދު ބާއްވާ ކޮންގްރެސް އަށް ހުށަހަޅާއިރު އެ ގަވާއިދުގައި ޒޯންތަކަށް ހައިސިއްޔަތެއް ލިބޭނެ ޖާގައެއް ނެތެވެ. އެފްއޭއެމްގެ މެންބަރުންނަކީ މާލޭ ޒޯނުގައި ކުޅޭ އެއްވަނަ ޑިވިޝަންގެ 10 ކްލަބާއި ދެވަނަ ޑިވިޝަނުގެ 13 ކްލަބް ކަމަށް ގަވާއިދުގެ ޑްރާފްޓްގައި އޮތީ ލިޔެފަ އެވެ.
ކުރިން ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރި ފ. ނިލަންދޫ ސްޕޯޓްސް ކަލްބްގެ ހަރަކާތްތެރިޔާ އަންވަރު އަލީ، "ސޭވް އެފްއޭއެމް" ގުރޫޕަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ، އެފްއޭއެމްގެ އަސާސީ ގަވާއިދުން ހަމައެކަނި އެންމެ ޒޯނަކަށް ފުރުސަތު ލިބޭގޮތަށް އޮތުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ގައުމީ ތަރައްގީގެ ޕްލޭނާއި ކުޅިވަރު ގާނޫނާ ވެސް ހިލާފު ކަމެއް ކަމަށެވެ.
މާޗް މަހު ބޭއްވި ކޮންގްރެސްގައި އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަން (ކ-2 މުއިއްޒާއި ނޯމަލއިޒޭޝަން ކޮމިޓީގެ މެންބަރު ފަރީހާ (ކ) --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
"ގައުމީ ޖަމިއްޔާއަކުން އަތޮޅުތެރެ ބާކީ ކުރަމަކީ ޖަމިއްޔާގެ ގައުމީވަންތަކަށް ނިގުޅައި ގަންނަން ޖެހޭ ސަބަބެއް. އެހެން ނޫނީ އެފްއޭ މޯލްޑިވްސް ނުކިޔާ އެފްއޭ މާލެ ކިޔަން ރަނގަޅު ވާނެ،" ނިއު ރޭޑިއަންޓްގެ ފުޓްބޯޅަ ޑައިރެކްޓަރުގެ މަގާމު ވެސް ކުރިން އަދާކުރެއްވި އަންވަރު، ސޭވް އެފްއޭމްގެ ގުރޫޕްގައި ވިދާޅުވި އެވެ.
ކޮންގްރެސް އަށް މިއަދު ހުށަހަޅާ އަސާސީ ގަވާއިދު ފާސްކުރަން ގިނަ ކްލަބްތަކުން ވޯޓު ދޭނެ ކަމަށް މިހާރު އޮތީ ބެލެވިފަ އެވެ. ދެން އެ އަށް ފަހު، އަންނަ މަހު އިންތިހާބު އޮންނާނެ އެވެ.
އިންތިހާބުގައި ވާދަކުރާނެ ކަމަށް އިއުލާން ކޮށްފައިވާ އަހްމަދު ތޯރިގް (ޓޮމް) އޮތީ ރާއްޖޭގެ ފުޓްބޯޅަ ހަ ޒޯނަކަށް ބަހާލައި އެއް އަހަރުގެ ތެރޭގައި ސަރަހައްދީ އެސޯސިއޭޝަންތައް އުފައްދައި، ދެ އަހަރު ދުވަހުގެ މުއްދަތުން ލީގު ފަށައި ހަތަރު އަހަރު ފަހުން ކޮންގްރެސް އިން ވެސް އަތޮޅުތެރޭގެ ޒޯންތަކަށް ފުރުސަތު ދިނުމަށް ޓައިމްލައިނެއް އިއުލާން ކޮށްފަ އެވެ.
އެކަމަކު އެފްއޭއެމްގެ ތާރީހަށް ބަލާއިރު، އެ ކަން ކުރަން ޖެހުމުން އޮންނަނީ ފަހަތު ފަޔަށް ބުރަވެފަ އެވެ. މަރުހަލާތައް ވެސް ދިގުދެމިގެން ގޮސްފަ އެވެ. އެ ބަދަލު ގެންނަން އަނެއްކާވެސް އަސާސީ ގަވާއިދު ލިޔަންވީ އެވެ. އިސްލާހާއި ބަދަލު ގެންނަން ފީފާ އިން ގެންނަ ނޯމަލައިޒޭޝަން މަރުހަލާގައި އެ ބަދަލުތައް ގެންނަން ޖެހޭނެ ކަމަށް އެފްއޭއެމްގެ ކުރީގެ ސެކްރެޓަރީ ޖެނަރަލް ޝާހް އިސްމާއީލް ވިދާޅުވި އެވެ.
އެފްއޭއެމުން ރޭ ބޭއްވި ކޮންގްރެސްގައި ނޯމަލައިޒޭޝަން ކޮމިޓީގެ މެންބަރުންނާ އެކު ސްޕޯޓްސް މިނިސްޓަރު ރާފިއު އަދި ފީފާ އާއި އޭއެފްސީގެ މަންދޫބުން --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އޭނާ ވިދާޅުވިގޮތުގައި، އެފްއޭއެމް އަބަދުވެސް އޮންނަނީ އަސާސީ ގަވާއިދު ލިޔޭ ނުނިމޭ ތަނަކަށް ވެފަ އެވެ. ގާތްގަނޑަކަށް 17 އަހަރުގެ ތެރޭޭގައި މިއީ އެ އިދާރާގެ އަސާސީ ގަވާއިދު އިސްލާހު ކުރާ ހަތަރުވަނަ ފަހަރެވެ. ނަމަވެސް ހަގީގީ ބަދަލުތަކެއް ނާދެ އެވެ. އަބަދުވެސް ކަރު އެލުވާލައި މާޔޫސް ވާން ޖެހޭނީ ގައުމީ ފެންވަރުގައި ހައިސިއްޔަތެއް ހޯދަން އުއްމީދު ކޮށްގެން ތިބި އަތޮޅުތަކުގެ ޓީމުތަކެވެ. ހަގީގީ އިސްލާހާއި ބަދަލު ގެނެވޭނެ ދުވަހެއް އެފްއޭއެމަށް ކުރިމައްޗެއް ނުވެ އެވެ.
"އެފްއޭއެމްގެ އަސާސީ ގަވާއިދު އަލުން ލިޔުމަކީ ދުވަހަކު ވެސް ދެން ނުނިމޭނެ ހާސްކަމަކަށް ވެއްޖެ. އެންމެ ބޮޑަށް ހިތްދަތިވަނީ ފީފާ އާއި ރާއްޖޭގެ ކަމާބެހޭ އިދާރާތަކުން އެބައިމީހުންގެ މައްޗަށް އިތުބާރު ގެއްލޭ މިންވަރަށް ހަގީގަތާ ދުރަށް ދިޔަތަން ފެނުނީމަ،" ސޯޝަލް މީޑިއާގައި ޝާހު ލިޔުނެވެ.
އޭނާ ތުހުމަތު ކުރެއްވި ގޮތުގައި އެފްއޭއެމްގެ އަސާސީ ގަވާއިދު މިހާރު ޑްރާފްޓްގައި އޮތް ގޮތަށް ލިޔެފައި އެ އޮތީ ވަކި ބަޔަކަށް "ހެޔޮވަރުކޮށް ކޯޓު ފައްސައި،" ދިނުމަށެވެ.
"(ރަސްމީ އިދާރާތަކުން) ގާނޫނުތަކާއި ގަވައިދުތައް ތަންފީޒު ކޮށްދިނުމުގެ ބަދަލުގައި ހަގީގަތާ ކުރިމަތިލާން ޖެހުނީމަ ހަނުހުރުމާ އެކު، ކުޅިވަރުގެ ރޫހާއި އިންސާފަށް ޖަވާބުދާރީވުމަށް ބޭނުން ނުވެ ފައުލް ގޭމެއް ކުޅުމަށް ވަކި ބަޔަކަށް މަގުކޮށްޓެވީތީ [ހިތްދަތިވޭ]."
އެފްއޭއެމްގެ ކޮންގްރެސް މިއަދު ފަށާއިރު، އަތޮޅުތެރޭގެ ކްލަބުތަކަށާއި ހުނަރުވެރި ކުޅުންތެރިންނަށް ލިބޭނެ އެއްވެސް މޮޅެއް ނެތެވެ. އެ ކޮންގްރެސް އެ ފަށަނީ ވެސް އެ ގޮތަށް ކަންކަން ބައްޓަން ކޮށްގެންނެވެ. އެހެންވެ، އިތުރަށް ވަކި މޮޅެއް މި ފަހަރު ވެސް ލިބޭނެ ކަމަށް ބެލުމުގެ މާނައެއް ނެތެވެ. މާޒީ އަށް ބަލާއިރު އެފްއޭއެމްގެ ލީޑަޝިޕަށް އަންނަ ކޮންމެ ބައެއްގެ ވެސް ވިސްނުން ހުންނަނީ އެއްގޮތަކަށެވެ. އަތޮޅުތެރެ ބާކީ ކޮށްލުމެވެ.
ބައްސާމަށް އެފްއޭއެމްގެ އިންތިހާބުގައި ވާދަ ނުކުރެވޭނެ
ނިއު އާއި ވިކްޓަރީއަށް އަލުން އެފްއޭއެމްގެ މެންބަރުކަން
އެފްއޭއެމްގެ އިންތިހާބު އަންނަ މަހު 26 އަށް
ކުރިން ބައްސާމް ފަޅީގައި އޮތް ގްރީންގެ ތާއީދު ތޯރިގަށް
ޒޯން އުވާލައި ދެ ޑިވިޝަނުގެ ޓީމުތަކުގެ އަދަދު އިތުރު
އެފްއޭއެމްގެ އިންތިހާބުގެ މަސައްކަތް ކޮންގްރެސްއަށް ފަހު
ފީފާއިން ކޮންގްރެސް ބަލައިނުގަންނާނެކަމުގެ އިޝާރާތް
ފުޓްބޯޅައަށް އިސްލާހުތަކެއްގެ ގެންނާނެކަމުގެ އުއްމީދުގައި
ފުޓްބޯޅަ ކޮޅަށްނަގަން ރަށްތަކަށް ޓޮމް ދެނީ ޔަގީންކަން
އެފްއޭއެމް އާ އެކްސްކޯގެ މުސާރަ ވެސް އާންމުކުރަން ޖެހޭ