Roadha Mihaaru

އެފްއޭއެމަށް އިންތިހާބުވާ އެކްސްކޯގެ މެންބަރުންނަށް ދޭނެ މުސާރަ ވެސް އާންމުކުރަން މަޖުބޫރުކޮށްފި

އެފްއޭއެމަށް އަލަށް އިންތިހާބުވާ އެކްސްކޯގެ މެންބަރުންނަށް މުސާރަ އާއި އިނާޔަތެއް ދޭނަމަ، އެއީ ކިހާ އަދަދެއްކަން އާންމު ކުރަން މަޖުބޫރު ކޮށްފި އެވެ.

އެފްއޭއެމް އާ އެކްސްކޯގެ މުސާރަ ވެސް އާންމުކުރަން ޖެހޭ
ހުސެއިން ހަބީބް
ހުސެއިން ހަބީބް

08 ޖުލައި 2025

އެފްއޭއެމަށް އަލަށް އިންތިހާބުވާ އެކްސްކޯގެ މެންބަރުންނަށް މުސާރަ އާއި އިނާޔަތެއް ދޭނަމަ، އެއީ ކިހާ އަދަދެއްކަން އާންމު ކުރަން މަޖުބޫރު ކޮށްފި އެވެ.

ހާމަކަން ބޮޑު މާލީ ނިޒާމަކަށް އެފްއޭއެމް ހިންގުމަށް މި މަހު 26 ގައި ބާއްވާ އިންތިހާބަށް ފަހު ހަވާލުވާ އެކްސްކޯ ވަނީ މަތިކޮށްފަ އެވެ. އެގޮތުން އާންމުކޮށް ފެންނަން ހުންނާނެހެން މާލީ މައުލޫމާތު ޝާއިއު ކުރަން ޖެހޭނެ އެވެ.

އޭގެ ތެރޭގައި ހިމެނެނީ:

- މާލީ ހިންގުމާ ބެހޭ މައުލޫމާތު އާންމު ކުރުން

- އޮޑިޓް ރިޕޯޓް އާންމު ކުރުން

- އޮޑިޓް ކޮމްޕްލަޔަންސް ކޮމިޓީގެ އަހަރީ ރިޕޯޓް އާންމު ކުރުން

- އެކްސްކޯ މެންބަރުންނަށް ދޭ މުސާރަ އާއި އިނާޔަތް އާންމުކުރުން

އެ ކަންތައްތަކަކީ މީގެ ކުރިން އެފްއޭއެމުން ކޮށްފައިވާ ކަންތައްތަކެއް ނޫނެވެ. އޮޑިޓް ރިޕޯޓާއި އެކްސްކޯ މެންބަރުންނަށް ދޭ މުސާރަ ނުވަތަ އިނާޔަތަކީ ކިހާވރެއްކަން ވެސް އާންމުކޮށް ފެންނާކަށް ނުހުރެ އެވެ. އަހަރީ ކޮންގްރެސްގައި ފާސް ކުރާ އަހަރީ ރިޕޮޓާއި މާލީ ރިޕޯޓް ވެސް ކުރީގެ އެކްސްކޯއިން އާންމުކޮށް ފެންނަން ހުންނާނެހެން އާންމުކޮށްފައެއް ނުވެ އެވެ.

ފައިސާގެ ބޮޑެތި މުއާމަލާތްތައް ކުރުމުގެ ކުރިން އެކްސްކޯއިން އެކަން ފާސްކޮށްގެން ނޫނީ ނުކުރެވޭނެ ކަމަށް ވެސް ވަނީ މިދިޔަ މަހު 27 ގައި ބޭއްވި ކޮންގްރެސްގައި ކަނޑައަޅައިފަ އެވެ.

އޮޑިޓް އެންޑް ކްމްޕްލަޔަންސް ކޮމިޓީގެ މިނިވަންކަން ކަށަވަރު ކުރުމަށް، ފިޔަވަޅުތަކެއް އަޅަން ވެސް ކޮންގްރެސްގައި ވަނީ ނިންމައިފަ އެވެ. އެ ކޮމިޓީތަކަށް މެންބަރުން އައްޔަން ކުރުމުގެ ކުރިން، އެ މެންބަރުންގެ މަސްލަހަތު ފުށުއެރުންތަކުން ދުރުކުރުމާއި ނަޒާހަތްތެރިކަން ކަށަވަރު ކުރުމަށް "އިންޓަގްރީޓީ ޗެކްސް" ގެ ފިޔަވަޅުތައް އެޅުމަށް ވެސް ވަނީ ލާޒިމު ކޮށްފަ އެވެ.

ހާމަކަން ބޮޑު މާލީ ނިޒާމަކަށް އެފްއޭއެމް ހިންގަން އެކްސްކޯ އަށް މަތި ކުރީ ކުރީގެ ލީޑާޝިޕްގައި ކޮރަޕްޝަނާއި މާލީ ލޯންޑަރިންގެ އަމަލުތައް ހިންގާފައިވާ ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެންނެވެ. އެ އެސޯސިއޭޝަންގެ ކުރީގެ ރައިސް ބައްސާމް އަދީލް ޖަލީލް، އެފްއޭއެމްގެ ފައިސާއިން ދެ ޕެންޓްހައުސް އާއި އެޕާޓްމެންޓެއް ގަތުމުގެ އިތުރަށް ބޭރު ދަތުރުތަކަށް ހަރަދުކޮށްފައިވާކަމުގެ ތުހުމަތުގައި އޭނާގެ މައްޗަށް ކުރެވެ އެވެ. ބައެއް މައްސަލަތަކުގެ ޝަރީއަތް ވެސް އޭނާ ދެކޮޅަށް ކްރިމިނަލް ކޯޓުގައި ކުރިއަށް ދެ އެވެ.

މިދިޔަ އަހަރު އޯގަސްޓް މަހު އެފްއޭއެމް ހިންގުމާ ހަވާލުވި ފަހުން އެ އެސޯސިއޭޝަނުގައި ކުރާ މާލީ ކޮންމެ މުއާމަލާތެއް ކުރުމުގެ ކުރިން ފީފާއިން ކަނޑައަޅާފައިވާ ފައިނޭންޝިއަލް ކޮންސަލްޓިން ފާމް، "އަންކޫރާ" ގެ ހުއްދައާ އެކު އެވެ.

އަލަށް އިންތިހާބުވާ އެކްސްކޯ، އެފްއޭއެމްގެ ހިންގުމާ ހަވާލުވާ ފަހުން ވެސް، ވަކި މުއްދަތެއް ވަންދެން "އަންކޫރާ" ބެލުމުގެދަށުން ކުރިއަށްދާނެ އެވެ.

އެފްއޭއެމްގެ އިންތިހާބުގައި ރައީސްކަމަށް ކުރިމަތިލެއްވީ، މީގެކުރިން ވެސް ކުރު މުއްދަތެއްގައި އެފްއޭއެމްގެ ރައީސްކަން ކުރެއްވި އަހްމަދު ތޯރިގް (ޓޮމް) އެކަންޏެވެ.