Roadha Mihaaru
ރެލިގޭޝަނަކާ ނުލައި ޕްރޮމޯޓް ކުރުން ގަވާއިދާ ހިލާފު

ރެލިގޭޝަނަކާ ނުލައި އެއްވަނަ ޑިވިޝަނަށް ޓީމު ޕްރޮމޯޓް ކުރުން ގަވާއިދާ ހިލާފު

25 ޑިސެމްބަރ 2023

އެއް ވެސް ޓީމެއް ރެލިގޭޓް ނުވެ، ދެވަނަ ޑިވިޝަނުން ގަދަ ދެ ޓީމު އެއްވަނަ ޑިވިޝަނަށް ޕްރޮމޯޓް ކުރަން އެފްއޭއެމުން ނިންމީ ގަވާއިދާ ހިލާފަށްކަން ހާމަވެއްޖެ އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

އެއް ވެސް ޓީމެއް ރެލިގޭޓް ނުވެ، ދެވަނަ ޑިވިޝަނުން ގަދަ ދެ ޓީމު އެއްވަނަ ޑިވިޝަނަށް ޕްރޮމޯޓް ކުރަން އެފްއޭއެމުން ނިންމީ ގަވާއިދާ ހިލާފަށްކަން ހާމަވެއްޖެ އެވެ.

މާދަމާ ފަށާ ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ގަދަ ދެ ޓީމު ޕްރޮމޯޓް ކުރަން، އެފްއޭއެމުން ނިންމީ، އެއްވަނަ ޑިވިޝަނުން އެއްވެސް ޓީމެއް ރެލިގޭޓް ކުރުމެއް ނެތި އެވެ. އެއާ އެކު އަންނަ ސީޒަނުގައި ފުރަތަމަ ޑިވިޝަން ޓީމުތަކުގެ އަދަދު 10 މަތިވާނެ އެވެ.

އެފްއޭއެމްގެ އަސާސީ ގާވާއިދުގެ 10 ވަނަ މާއްދާގައި ބުނެފައި ވަނީ، އެއްވަނަ ޑިވިޝަނުގެ ޓީމުތަކުގެ އަދަދަކީ އަށް ކްލަބް ކަމަށެވެ. ދެވަނަ ޑިވިޝަނުގެ ކްލަބްތަކުގެ އަދަދަކީ 10 ކަމަށެވެ. ނަމަވެސް މިފަހަރުގެ ދެވަނަ ޑިވިޝަނުގައި 15 ޓީމު އެބައޮތެވެ.

ދެވަނަ ޑިވިޝަނަށް ތައްޔާރުވާން މަސްއޮޑި އާއި ވިކްޓަރީ ކުޅުނު ރަހުމަތްތެރިކަމުގެ މެޗެއްގެ ތެރެއިން .-- ފޮޓޯ: މަސްއޮޑި

ދެވަނަ ޑިވިޝަނަށް ތައްޔާރުވާން މަސްއޮޑި އާއި ވިކްޓަރީ ކުޅުނު ރަހުމަތްތެރިކަމުގެ މެޗެއްގެ ތެރެއިން .-- ފޮޓޯ: މަސްއޮޑި

އެންމެ މަތީ ދެ ޑިވިޝަނުގެ ޓީމުތަކުގެ އަދަދާ މެދު އަސާސީ ގަވާއިދުގައި ވަކިގޮތަކަށް ކަނޑައަޅާފައި ވަނިކޮށް، އެ ދެ ޑިވިޝަނަށް ޓީމުތަކުގެ އަދަދު އިތުރުކޮށް އުނިކުރުމުގެ ބާރެއް، އެފްއޭއެމްގެ އެކްސްކޯ އަށް ލިބިގެން ނުވާ ކަމަށް ކުޅިވަރު ދާއިރާއިން ކިޔަވާ ވިދާޅުވެފައިވާ ބޭފުޅުން ވިދާޅުވެ އެވެ.

އެފްއޭއެމްގެ ޖެނަރަލް ސެކްރެޓަރީ މުހައްމަދު ޖައުޝަން ވިދާޅުވީ، މި ވަގަުތު ކުޅިވަރުގެ ރޫހަކީ، އެއްވަނަ ޑިވިޝަން އަދި ދެވަނަ ޑިވިޝަނުގައި ވެސް ޓީމުތަކުގެ އަދަދު އިތުރު ކުރުން ކަމަށެވެ. އަދި އެކަމާ ގުޅިގެން އަސާސީ ގަވާއިދަން ގެންނަން ޖެހޭ ބަދަލުތައް ގެންނަން އެފްއޭއެމުން ކޮންގްރެސް އަކަށް ވެސް ހުށަހަޅާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެކަމަކު މި މައްސަލައާ ބެހޭގޮތުން ވާހަކަ ދެއްކި ކުޅިވަރު ހިންގުމުގެ ދާއިރާއިން ކިޔަވާވިދާޅުވެގެން ހުންނެވި ބޭފުޅަކު ވިދާޅުވީ ޓީމުތަކުގެ އަދަދު އިތުރު ކުރާނަމަ، އެންމެ ފުރަތަމަ ކުރަން ޖެހޭ ކަމަކީ އަސާސީ ގަވާއިދު އިސްލާހު ކުރުން ކަމަށެވެ.

"އެފްއޭއެމުން ފުޓްބޯޅަ އަށް ސީރިއަސް ނޫންކަން އަންގައި ދެނީ. ހިންގާ ގަވާއިދަކީ އެއް ވެސް އެއްޗެއް ނޫން ކަމަށް އެ ހަދަނީ. އެކަމަކު އެއީ އެފްއޭގެ އެންމެ ބާރުގަދަ ގުނަނުން ވޯޓް ދީގެން ފާސްކޮށްފައި އޮންނަ އެފްއޭގެ ކޮންމެ މެންބަރަކު އިހުތިރާމު ކުރަން ޖެހޭނެ،" އޭނާ ވިދާޅުވި އެވެ.

އެންމެ މަތީ ދެ ޑިވިޝަނުގެ ޓީމުތަކުގެ އަދަދު އިތުރު ކުރާނަމަ، އެންމެ ކުޑަމިނުން އަސާސީ ގަވާއިދުގެ 10 ވަނަ މާއްދާ އަދި 22 ވަނަ މާއްދާ އިސްލާހު ކުރަން ޖެހޭ ކަމަށް އެފްއޭއެމްގައި ކުރިން މަސައްކަތް ކުރެއްވި ބޭފުޅަކު ވިދާޅުވި އެވެ.

އެ ގަވާއިދުގައި 22 ވަނަ މާއްދާގައި އޮތީ ޑިވިޝަންތަކުގެ ޓީމުތަކުގެ އަދަދު ކަނޑައަޅައި، ކޮންގްރެސްގައި ވޯޓް ދިނުމުގެ އަދަދެވެ. އެ މާއްދާގައި ވެސް ވަނީ އެއްވަނަ ޑިވިޝަނުގެ އަދަދަކީ އަށް ކްލަބް ކަމަށެވެ. ކޮންމެ ކްލަބަކަށް ދެ ވޯޓެވެ. ދެވަނަ ޑިވިޝަނުގެ ޓީމުތަކުގެ އަދަދަކީ 10 ކަމަށެވެ. ކޮންމެ ކްލަބަކަށް އެއް ވޯޓެވެ.