Roadha Mihaaru
ދެވަނަ ޑިވިޝަން ހިލޭ ހިންގައިދޭން ނިޒާމް ހަވާލުވެއްޖެ

ދެވަނަ ޑިވިޝަން މުބާރާތް "ހިލޭސާބަހަށް" ހިންގައިދޭން ނިޒާމް ހަވާލުވެއްޖެ

04 ޑިސެމްބަރ 2023

ދެވަނަ ޑިވިޝަނުގެ ފުޓްބޯޅަ މުބާރާތް، "ހިލޭ ސާބަހަށް" ހިންގައި ދޭން ބުރު ސްޕޯޓްސް ކްލަބްގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާންބެ) ހަވާލުވެއްޖެ އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ދެވަނަ ޑިވިޝަނުގެ ފުޓްބޯޅަ މުބާރާތް، "ހިލޭ ސާބަހަށް" ހިންގައި ދޭން ބުރު ސްޕޯޓްސް ކްލަބްގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާންބެ) ހަވާލުވެއްޖެ އެވެ.

ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ހެޑް ކޯޗުގެ މަގާމު ވެސް އަދާކުރަމުން އަންނަ ނިޒާމްއާ، ދެވަނަ ޑިވިޝަން ހިންގަން އެފްއޭއެމުން ހަވާލު ކުރީ، އެ އެސޯސިއޭޝަންގެ ޓެކްނިކަލް އަދި އިދާރީ މުވައްޒަފުންނަށް މުސާރަ ނުދޭތީ، މުބާރާތް ރާވައި އިންތިޒާމުކުރާނެ ގާބިލުކަން އެފްއޭއެމްގެ ކިބައިގައި މިވަގުތު ނެތުމުންނެވެ.

އެފްއޭއެމްގެ ޑިޕާޓްމެންޓްތަކުގެ ތެރެއިން ކުރިން އެންމެ ހަރަކާތްތެރިކޮށް ފެނުނު، ކޮމްޕްޓީޝަން ޑިޕާޓްމެންޓްގެ މުވައްޒަފުންނަށް ވެސް މުސާރަ ނުދޭތާ ހަ މަސް ދުވަހަށް ވުރެ ގިނަ ވެއްޖެ އެވެ. އެ ޑިޕާޓްމެންޓްގައި ކުރިން އެންމެ ހަރަކާތްތެރިކޮށް ފެނުނު މުވައްޒަފުން ވަނީ، މުސާރަ ނުދޭތީ އެފްއޭއެމްގެ ވަޒީފާއިން ވެސް ވަކިވެފަ އެވެ.

ދެވަނަ ޑިވިޝަނުގެ ފުޓްބޯޅަ މުބާރާތް އައުޓްސޯސްކޮށްގެން ހިންގުމަށް އެފްއޭއެމުން އަމިއްލަ ޖަމިއްޔާއަކާ ވާހަކަތައް ދެއްކި އެވެ. ވެޓަރަންސް އަދި އުމުރުފުރާތަކުގެ ފުޓްބޯޅަ މުބާރާތްތައް ބާއްވާ، ސޮކަ ވެޓަރަންސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއާ ވާހަކަތައް ދެއްކިނަމަވެސް ވަކި އެއްބަސްވުމަކަށް އާދެވިފައިނުވާކަން "މިހާރު" އަށް ވަނީ އެނގިފަ އެވެ.

ނިޒާމް ބުނީ މި ވަގުތު ފުޓްބޯޅަ އޮތް ހާލަތުގެ ސަބަބުން އެ މުބާރާތް ނުބޭއްވިދާނެކަމުގެ ބިރު އޮތުމުން އޭނާ އަމިއްލަ އަށް "ވޮލެންޓިއާ ކޮށްގެން" މުބާރާތް ހިންގުމަށް ހަވާލުވީ ކަމަށެވެ.

"ދެވަނަ ޑިވިޝަނަށް ކްލަބްތައް އެހާ ހަރަދުކޮށްފަ. ދުރާލައި ކުޅުންތެރިން ލައްވައި ސޮއިކޮށް ބިދޭސީ ކުޅުންތެރިން ހަމަޖައްސައި މުބާރާތަށް ތައްޔާރުވެފަ ތިއްބާ އެ މުބާރާތް ނުބޭއްވިއްޖެނަމަ އެއީ އެ ކުޅުންތެރިންނާއި ކްލަބްތަކަށް ވެސް ލިބޭނެ ވަރަށް ބޮޮޑު ދެރައެއް. އެހެންވާން ބޭނުން ނުވާތީ އަޅުގަނޑު އަމިއްލަ އަށް ވޮލެންޓިއާކޮށްފަ ބުނީ އަޅުގަނޑު ހިންގައިދޭނަމޭ،" 2014 ވަނަ އަހަރު ޓީސީ ސްޕޯޓްސް އަށް ދެވަނަ ޑިވިޝަން ކާމިޔާބުކޮށްދީ ފުރަތަމަ ޑިވިޝަނަށް އެ ކްލަބް ޕްރަމޯޓް ކޮށްދިން ކޯޗު ބުންޏެވެ.

އެފްއޭއެމުން ވެސް ވަނީ، މުބާރާތުގެ ކަންކަމާ ގުޅޭ ގޮތުން ނިޒާމްއާ ގުޅުމަށް ކްލަބްތަކަށް އަންގައިފަ އެވެ.

މުބާރާތް މާކެޓްކުރުމާއި ސްޕޮންސާޝިޕް ހޯދުމާއި ރެފްރީން ހޯދުމާއި މެޗު ކޮމިޝަނަރުންނާއި މެޗާ ގުޅޭ އިދާރީ އަދި ޓެކްނިކަލް އެހެން މަސައްކަތްތަކަށް ބޭނުންވާ އޮފިޝަލުން ހޯދުމަކީ މުބާރާތް އިންތިޒާމު ކުރާ ފަރާތުގެ ޒިންމާ އެކެވެ. އެހެންވެ މިހާރު ދެވަނަ ޑިވިޝަނުގެ އެ މަސްއޫލިއްޔަތުތައް ފުރިހަމަ ކުރުމަކީ ނިޒާމްގެ ޒިންމާއަކަށް ވާނެ އެވެ.

ދެވަނަ ޑިވިޝަނުގައި ވާދަކުރާ ޓީމުތައް ބައިވެރިވުމުގެ ފޯމް ހުށަހެޅުމުގެ ސުންގަޑިއަކީ މާދަމާ ހަވީރު 3 ޖެހުމުގެ ކުރި އެވެ. ކުރިން މި މަހު 10 ވަނަ ދުވަހު ފަށަން އިއުލާން ކުރި މުބާރާތް މިހާރު 15 އަށް ލަސް ކުރަން ނިންމާފައިވާކަމަށް ބައެއް ކްލަބްތަކުން ބުންޏެވެ،

ދެވަނަ ޑިވިޝަނުގެ ގަދަ ތިން ޓީމު، ފުރަތަމަ ޑިވިޝަނަށް ޕްރަމޯޓްކުރާނެ ކަމަށް، އެފްއޭއެމުން ބުނެފައިވާ ކަމަށް، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ޗެއާމަން އަހްމަދު ވާސިފް މީގެ ކުރިން ވިދާޅުވި އެވެ.

އެކަމަކު ނިޒާމް ބުނީ ޕްރަމޯޓް ވާނީ ކިތައް ޓީމުކަން ބުނަން އެނގޭނީ މާދަމާ ފައިނަލު ކުރާ މުބާރާތުގެ ގަވާއިދުން ކަމަށެވެ.

"މުބާރާތުގެ ގަވާއިދު މާދަމާ ފައިނަލުކޮށްލީމަ ވަކި އަދަދެކޭ ބުނަން އެނގޭނީ،" ނިޒާމް ބުންޏެވެ.

ދެވަނަ ޑިވިޝަނަށް، އެންމެ ވަރުގަދަ އަށް ތައްޔާރުވި ޓީމުތަކުގެ ތެރޭގައި، ފުޓްބޯޅައިގެ ކުރީގެ ގަދަ ދެ ބާރު، ނިއު ރޭޑިއަންޓާއި ވިކްޓަރީ ހިމެނެ އެވެ.

ތިންވަނަ ޑިވިޝަނު ފުޓްބޯޅަ މުބާރާތް އަންނަ މަހު ބާއްވަން އެފްއޭއެމުން ކުރިން އިއުލާން ކުރި އެވެ. އެ މުބާރާތް ވެސް އެފްއޭއެމުގެ ބެލުމުގެދަށުން ބޭއްވިދާނެކަމުގެ ޔަގީންކަމެއް އެ އިދާރާގެ ހާލަތު މިވަގުތު އޮތް ގޮތުން ބުނާކަށް ނޭނގެ އެވެ.